19 ޖޫން 2024 - 15:37
ހުޅުމާލެ ފޭސް ތިނަކުން ނުހިއްކާ އޮތް ބައި ހިއްކަން، އެ ސަރަހައްދުގެ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން މިއަދު އަންގައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ އާއި ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އަންގާ ކަމަށެވެ.
ވަކިން ހާއްސަކޮށް، ރަތްކުލައިން ފާހަގަވާނޭ ގޮތަށް ފަޅުގައި އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑުގެ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން ވަނީ އަންގައިފަ އެވެ.
އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އެއްވެސް އުޅަނދެއް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އީޕީއޭ އިން އެންގި އެންގުމާ އެކު ހުޅުމާލެ ހިއްކުން ވެސް އޮތީ މަޑުޖައްސާލައިފަ އެވެ. އެ މަސައްކަތް އަލުން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
ހުޅުމާލެ ތިނަކުން ހިއްކަން ނިންމާފައިވާ 63 ހެކްޓަރުގެ ބިމުގެ ތެރެއިން 15 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިމިފަ އެވެ. ފުރަތަމަ ބައިގެ ގޮތުގައި 10 ހެކްޓަރުގެ ބިން ހިއްކާ ނިމުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އެ މަސައްކަތް ކުރީގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ މިހާރު ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް ހިންގާ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އެވެ.
އެޗްޑީސީން އެ ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 259.2 މިިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ޖުމްލަ އަގު އަދާކުރަނީ ހުޅުމާލޭގެ 10 ހެކްޓަރުގެ ބިމާއި ތިލަފުށިން ހިއްކާ 9.8 ހެކްޓަރުގެ ބިން ވިއްކައިގެން ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ. އަދި ބިން ހިއްކުމުގެ އިތުރުން ރިވެޓްމެންޓް ޖެހުމާއި ހުޅުމާލެ ތިނެއްގެ މަގުތަށް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުން ވެސް މި މަޝްރޫއުގެ ދަށުން އެ ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއައުޓް
20 June 2024
ބަލަގަ ފުރަތަމަ އެ އުޅަނދުތައް އަޅާނެ ތަނެއް ސަރުކާރުން ދައްކަބަލަ. ރައްޔިތު މީހާ ކާންބޯން ކުރާ މަސައްކަތައް ހުރަސް ނާޅާ އެކަން ކޮއްބަލަ މުއިއްޒު ފުރަތަމަ. މަސްވެރިން ގަދަ ދެއްކީމަ ދޫ ދެވޭ އެމީހުންގެ މަސް ވެސް ސަރުކާރުން ގަނޭ ޓެކުސް ދައްކަން މަސްވެރިން ނުޖެހޭ. އެކަމަކު ހުޅުމާލެ ފަޅު ތެރޭ ގިނައިން ހުރީ ސަރުކާރުން އެއްވެސް ލުޔެއް ނުދޭ އެހީއެއް ނުދޭ ސަފާރީތައް. ލަދެއް ވެސް ނެތޭ މުއިއްޒުމެން!!!
ކޮރަލް
20 June 2024
93 މެމްބަރުންގެ އުނދަގޫ ބިންވެރީންނަށާއި ވިޔަފާރި ވެރީންނަށް ޖެހޭނެ އެވެ. މަޖްލިސް އަކީ ގާނޫނު ހަދާ ތަނެކެވެ. އެކަމު އެތަނައް ގިނަ ބަޔަކު ވިޔަފާރީގެ ފުރުސަތު ތައް ހޯދަން މުއްސަނދި ވާން އެބަ އާދެ އެވެ. މިކަން ރައީސް ބަލާ ދީބަލާށެވެ.
ހުސެންޓޭ
19 June 2024
ވާ ކަނޑާލާފަ ކަނޑަށް ފައްތާލާ... ނުޤަވާއިދުން ތަންތާނގާއި އަޅާފައި ހުންނަންޏާ
ގަދަބަސް ނުބުނޭ
20 June 2024
ފުރަތަމަ ތަނެއް ދަންކައްފާ އަނިޔާވެރިވޭ!!!
މިސްޓަރ ޓިނޭ
19 June 2024
ވާކަނޑާލާފަ ތިލަފުށީ ގޮނޑަން ގެންގޮސް ނީލަމުގަ ވިއްކާލަންވީނު