ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށް އެޗްޑީސީން ބުނެފި އެވެ.

ހުޅުމާލެ ހިއްކަނީ ކުނި އަޅައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށެވެ.

ޒުހައިރު ވިދާޅުވީ އެ ތަން ހިއްކުމުގެ ތެރޭގައި ބޭނުންކުރި ސީއެންޑީ (ގާކުނޑި) ވެސް އެޅީ ސެގްރިގޭޓް ކުރުމަށްފަހު ކަމަށެވެ.

"ސީއެންޑީ މިކޮޅަށް ގެނެސް ސެގްރިގޭޓް ކޮށްފައި އަދި އެޅުމުގެ ކުރިން ސެގްރިގޭޓް ކޮށްފައި އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ،" ޒުހައިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫދަށްދާ ބައިގައި ސްކްރީން ޖަހާފައިވާ ކަމަށާއި ސްކްރީނުން ބޭރުވާބައި ސާފުކުރަމުންދާ ކަމަށެވެ.

ޒުހައިރް އެހެން ވިދާޅުވެފައި ވާއިރު ހުޅުމާލެ ފޭސް 1ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ބިން ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވީ، ހުޅުމާލެ 2 އާ އެއްފަޅެއްގައި އޮންނަ ފަރުކޮޅުފުށި ކައިރިން ބިން ހިއްކިއިރު، އެ ތަނުގައި ހުރި ކުނިތަކެއް ނަގައި، އެ ތަނުގެ ކައިރިއަށް ގާކުނޑި އެޅި ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ކުނިތަކެއް ނަގައި، އެ ތަނުގެ ކައިރިއަށް ގާކުނޑި އެޅުމުން ކުނި އަޅައިގެން ހިއްކީ ކަމަށް ބަޔަކަށް ހީވެދާނެ އެވެ. "ކުނި އަޅައިގެންނެއް އެއްވެސް ތަނެއް ނުހިއްކާނެ. އެއީކީއެއް ސަރުކާރުން އެކަން ކުރާ ގޮތެއް ނޫން. އިންޓަނޭޝަނަލް ކޮންޓްރެކްޓުތައް މި ހުންނަނީ. އީއައިއޭ ހަދައިގެން ހިއްކާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.