މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

އެ މަޝްރޫއު ނިމިފައިވާކަން އިއުލާން ކުރެއްވީ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީއެންސީގެ ކެމްޕެއިން އިވެންޓެއްގަ އެވެ.  

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އިން ގޯތި ދޫކޮށްފައިވާތީ މި ފަހުން ވަނީ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު 698 ގޯތީގެ ގުރު ނަގައިފަ އެވެ.

މި ސަރުކާރުން ވެސް ވަނީ އަލަށް ހިއްކާ ހުޅުމާލެ 3 އިން 1،351 ގޯތި ދޭން ނިންމައިފަ އެވެ.

މިދިޔަ ސަރުކާރުން ގޯތި ދޫކޮށްފައިވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާއި ދެ ޑްރެޖަރު މިހާރު އޮތީ ތައްޔާރަށް އެތަނުގެ ކައިރީގައި ކަމަށް ރައީސް ރޭ ވިދާޅުވި އެވެ. އެހެންވެ، އެ ތަނުން ދޫކޮށްފައިވާ ގޯތިތައް ވެސް އަވަހަށް ދޫކުރެވޭނެ ކަމަށް ވިދާޅުވި އެވެ. 

އުތުރުތިލަފަޅު ހިއްކަން ވެސް ތައްޔާރުވަމުން އަންނަ ކަމަށާއި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭޕްރީލް މަހުގެ ތެރޭގައި ފުށިދިއްގަރުފަޅު އެއްކޮށް ހިއްކައި ނިމޭނެ އެވެ. އަދި އެހާ ހިސާބަށް ދާއިރު އެ ތަނުން ގޯތި ލިބޭ މީހުން ކަނޑައެޅޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. 

ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރު ރާއްޖެ ގެނެސް، ބިން ހިއްކުމުގައި ބޭނުންކުރަން ފަށައިފަ އެވެ. އަދި ކުރިން ބިން ހިއްކުމުގައި އުޅުނު ޑްރެޖަރާ އެކު އާ ޑްރެޖަރު ވެސް ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކޮށް، އެ މަސައްކަތުގެ ސްޕީޑު ވަނީ އަވަސްކުރި އެވެ.