23 ޖޫން 2024 - 09:13
އެޓްލާންޓާ (ޖޫން 23) - އެންމެ މުހިއްމީ މެޗު ކާމިޔާބު ކުރުން ކަމަށާއި އެކަން ހާސިލް ކުރެވުމަކީ ހިތްހަމަ ޖެހުމެއް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.
އެންމެ ފަހުގެ ކޮޕާ އެމެރިކާ އަދި ފީފާ ވޯލްޑް ކަޕްގެ ވެސް ޗެމްޕިއަން އާޖެންޓީނާ، މިއަހަރުގެ ކޮޕާ އެމެރިކާގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ވަނީ ކެނެޑާއާ ވާދަކޮށް 2-0 އިން މޮޅުވެފަ އެވެ.
"މުބާރާތެއްގެ ފުރަތަމަ މެޗަކީ އަބަދުވެސް އުނދަގޫ މެޗަކަށް ވެފައި މި އޮންނަނީ. އެހެންވެ އެންމެ މުހިއްމު ކަމަކީ މޮޅަކުން މުބާރާތް ފެށުން،" ކެނެޑާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މެސީ ބުންޏެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އާޖެންޓީނާ އަށް ލީޑު ނަގައިދިނީ ހޫލިއަން އަލްވަރޭޒް އެވެ. އަދި މެޗު ނިމެނިކޮށް ލައުޓާރޯ މާޓިނޭޒް ގޯލު ޖެހީ މެސީގެ އެހީތެރިކަމާ އެކު އެވެ. މިއީ މާދަމާ 37 އަހަރު ފުރޭ މެސީ، ކޮޕާ އެމެރިކާ މުބާރާތުގައި ދިން 18 ވަނަ އެސިސްޓެވެ.
މި މެޗުގައި މެސީ އަށް ވެސް ވަނީ ގޯލު ޖަހަން ހުސް ފުރުސަތު ލިބި ނާކާމިޔާބު ވެފަ އެވެ.
ދެކުނު އެމެރިކާގެ ސަރަހައްދީ މުބާރާތް މިއަހަރު ކުޅެނީ އެމެރިކާގަ އެވެ. ޖުމްލަ 16 ގައުމު ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުޅޭ މިއަހަރުގެ ކޮޕާ އެމެރިކާގައި، ދެކުނު އެމެރިކާގެ 10 ގައުމުގެ އިތުރުން އުތުރު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ހަ ގައުމު ވާދަކުރެ އެވެ.
ގުރޫޕް އޭގައި އާޖެންޓީނާގެ ދެވަނަ މެޗުގައި ބުދަ ދުވަހު ރާއްޖެ ގަޑީން ހެނދުނު 6 ޖަހާއިރު ޗިލީ އާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ ފަތުހު 5 ޖަހާއިރު ޕެރޫއާ ދެކޮޅަށް ނުކުންނާނެ އެވެ.
އާޖެންޓީނާ އާއި އުރުގުއޭ ވެސް ވަނީ ކޮޕާ އެމެރިކާ މުބާރާތް ރެކޯޑް 15 ފަހަރު ކާމިޔާބު ކޮށްފަ އެވެ. އުރުގުއޭގެ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު ޕެނަމާއާ ދެކޮޅަށް ނުކުންނާނެ އެވެ.
މީގެ އިތުރުން، ބްރެޒިލްގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެ ހެނދުނު 6 ޖަހާއިރު ނުކުންނާނީ ކޮސްޓަ ރިކާއާ ދެކޮޅަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗީއާރު
23 June 2024
މެސީ އަށް އިނގޭ ފުޓްބޯޅަ، ޕެނާލްޑޯ ގެ ކަމަކީ ދެއްކުންތެރިކަން.