23 ޖޫން 2024 - 23:02
ރާއްޖެ އާއި އެމެރިކާގެ ގުޅުން ފުޅާކުރުމުގެ މުހިންމު މަޝްވަރާތަކަކަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާ އަށް މިރޭ ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޒަމީރު ކުރައްވާ ރަސްމީ ދަތުރުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެތަނީ ބްލިންކެންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމެރިކާ ސަރުކާރުގެ އެހީ ދޭ ޖަމިއްޔާ، ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާސްއާ ވެސް ވޮޝިންގްޓަންގައި ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ވޮޝިންގްޓަންގެ ދަތުރުގެ ތެރެއިން، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގެ އިތުރުން، އެ ސިޓީގައި ދިރިއުޅޭ ދިވެހިންނާ ޒަމީރު ބައްދަލު ކުރައްވާނެ އެވެ.
ޒަމީރު ނިއު ޔޯކަށް ވަޑައިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އާއި އެ ޖަމިއްޔާގެ ބައެއް އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ނިއު ޔޯކަށް ކުރައްވާ ދަތުރުގެ ތެރެއިން، ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަތަރު ދުވަހުގެ މި ދަތުރު ނިންމަވައިލެއްވުމުގެ ކުރިން ނިއު ޔޯކްގައި ދިރިއުޅޭ ދިވެހިންނާ ވެސް ޒަމީރު ބައްދަލު ކުރައްވާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އާއި އެމެރިކާ އާ އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި އެމެރިކާ ސަރުކާރާއި ދިފާއީ ބާރުގެ އިސް ވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތް ކުރައްވައިފަ އެވެ.
އޭގެ ތެރޭގައި، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނަލްޑް ލޫ އާއި ޑެޕިޔުޓީ ސްޓޭޓް ސެކްރެޓަރީ ރިޗަޑް ވަރްމާ ވެސް ހިމެނެ އެވެ.
އެ ދަތުރުތަކުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އުޅަނދުތަކެއް ހަދިޔާ ކުރުމުގެ އިތުރުން އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ދަށުން ހިންގާ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ މަޝްވަރާތައް ދިވެހި ސަރުކާރާ އެކު ކުރަމުން އަންނަ ކަން ވަނީ ހާމަކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ.
24 June 2024
އަރިހުގައި ކިތައްބޭފުޅުންގެ ވަފުދެއްބާ؟؟ މަސްވެރިންނަށް ފައިސާކޮޅު ނުދެވުނެއްކަމަކު ބޭރުގެ ދަތުރުތަކަށް މިލިޔަނުން ޚަރަދުކުރަން ފައިސާ ހުރޭ. އަނެއްކާ އަރިހުގައި 20 ތިރީސްމީހުން. ވީއައިޕީކޮށް އުޅެލާފައި ކޮންމެ ބަޔަކުވެސް އަންނަނީ ދައުލަތުގެ ޚަޒާނާއިން އެތައްފައިސާއެއް ޚަރަދުކުރުމަށްފަހު.
އަބްޑޫޅް +
24 June 2024
ފޮރިން މިޝްޓަރަށް ވުމަކީ ފޮރިން ދަތުރު ކުރުމަށް ދޭ ލައިސަނެއް ނޫން.
ޖަމްނޫއް
24 June 2024
ކީކުރަން ދާތަނެއް. ދޭބަލަ މިސާލަކަށް މިސްޜުއް ނުވަތަ ޔަމަން އަށް.
އަތްޖަހާ
24 June 2024
އިޒްރޭލް ޕާސްޕޯޓް މަނާކުރަން އުޅޭތީ އިންޒާރު ދޭން ވެގެން ގެންދަނީ
އަބްޑޫޅް +
24 June 2024
އުނހު. އިންޒާރު ދިނީމަ، މާފަށް އެދި، ކުރުކަކޫ ޖެއްސުމަށް ފަހު ކުރުނީސް ކުރުވަން ގެންދާ ދަތުރެއް.
އަލިބެ...
24 June 2024
އެމީހުން އިތުޝާދުދިން ގޮތަށް ޕާސްޕޯޓު މަނާނުކޮށް މަޖްލިސްއަށް ލައިގެން ރައްޔިތުން ހަދާންނެތެންދެން މައްސަލަ އޮއްބާލާފައިވާތީ ދޭ ހަދިޔާގެ ފައިސާ ބަލާ އެދަނީ
ޕޭޕާލް
24 June 2024
މިއީތަ ޕޭޕާލް ގެންނަ ދަތުރު؟
ބޒބަވ
23 June 2024
މިގަޑީގައި ދާނެ ކަމެއްނެތް. އެ އުޅެނީ އިޒުރަެލަށް ފައިދާ ހޯދަދެން.
އެހެނަސް
24 June 2024
ބަޔަކު އެމެރިކާއައް ދާއިރައް އިޒްރޭލައްތޯ ފައިދާވަނީ