ރިޕޯޓް / ގައިދީން

ގައިދީންނަށް އިހުމާލުވުމުގެ ތުހުމަތު: ހަގީގަތަކީ ކޮބައިބާ؟

ޖަލުގައި ހިންގި ކޯސްތައް ފުރިހަމަ ކުރި ގައިދީންތަކެއް ސެޓްފިކެޓާއެކު: އިންސާނީ ކަރާމަތާ އެއްގޮތަށް އަމަލު ނުކުރާ ކަމުގެ އަޑު ފެތުރުނީ އަދީބާ މެދު އަމަލު ކުރާ ގޮތުން.--ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖަލުގައި ބައިތިއްބާ ގައިދީންނާ މެދު އިންސާނިއްޔަތާ ހިލާފު ބޮޑެތި "ޖަރީމާތަކެއް" ހިންގާ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. މިއީ ވަރަށް ސީރިއަސް ތުހުމަތުތަކެކެވެ. ބައެއް މީހުންނަށް އެ މީހުންނަށް އިއްވާފައިވާ ޖަލު ހުކުމަށް ވުރެ ވެސް ބޮޑެތި އަދަބުތައް ޖަލުގައި ދޭ ކަމަށް ބުނެވެ އެވެ. އަނިޔާ ކުރުމާއި އިންސާނީ ކަރާމާތް ގެއްލޭ ކަންކަން ޖަލުގައި ބައެއް ގައިދީންނަށް ދޭ ކަމަށްް ބުނެ ވަރަށް އާންމުކޮށް ބައެއް ބޭފުޅުން ވާހަކަ ދައްކަވާފައި ވެ އެވެ.

އޭގެ ތެރެއިން ބައެއް ތުހުމަތުތަކަކީ މި އެވެ؛ ގައިދީން ގެންގުޅޭ ތަނުގެ ފެންވަރު ދަށް ވާހަކަ އެވެ. ގައިދީންނަށް ކާން ދެނީ އެކަށީގެންނުވާ ތަކެއްޗެވެ. ގައިދީން ބަލިވުމުން ޑޮކްޓަރަށް ދައްކަން ފުރުސަތެއް ނުލިބެ އެވެ.

މައްސަލަ ހިލުނީ އަދީބު އޮންނެވި ތަނުން

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ޚިޔާނާތުގެ މައްސަލަތަކުގައި ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ނައިބު ރައީސް އަދީބުގެ ހަށިގަނޑަށް ކުރު މުއްދަތެއްގެ ތެރޭގައި އައި ބަދަލުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދީބަށް އެހާ ބޮޑު "އަނަރޫފަ" ކަމެއް އައީ ޖަލު ބަލަހައްޓާ މީހުން، އަދީބާ މެދު އަމަލު ކުރާ ގޮތުން ކަމަށް ތުހުމަތު ކުރި އެވެ.

ކުރީގެ ނައިބު ރައީސް އަދީބު. މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި އަދީބު މާފުށީ ޖަލުގައި އޮންނެވީ ވަރަށް ހާލުގައި. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މައުލޫމާތު އެނގޭ މީހަކު "މިހާރު"އާ ވާހަކަ ދައްކަމުން ބުނި ގޮތުގައި އަދީބު ދޫނިދު އަށް އިއްޔެ ބަދަލުކުރުމާ ހަމައަށް އޮންނެވީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއްގެ ތެރޭގައި ކަމަށް ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާ ބުނި ގޮތުގައި އަދީބު އޮންނެވީ މާފުށީ ޖަލުގައި ހުންނަ އެންމެ ކުޑަ ގޮޅިތަކުގެ ތެރެއިން ގޮޅިއެއްގަ އެވެ. ގާތްގަނޑަކަށް ހަ ފޫޓާއި އަށް ފޫޓު ސައިޒްގެ ގޮޅިއެކެވެ. ނިދަން އަށްޓެއް ހުންނައިރު، އަދީބަށް ގޮދަނޑިއެއް ވަނީ ދީފަ އެވެ. އެ ގޮޅީގައި ފާހަނާއެއް ހުންނައިރު، ފެންވަރަން ޖެހެނީ ބާލިދީން ކަމަށް ވެސް އެ މީހާ ބުންޏެވެ.

އަދީބު އޮންނެވި ގޮޅިއަކީ މުސަޅާއި މީދާ ފަދަ ތަކެތި މީގެ ކުރިން މަރުވެ، ކުނިވެފައި އޮތް ތަނެއް ކަމަށް ވެސް އެ މީހާ ބުންޏެވެ. ކޮންމެއަކަސް، ކިތަންމެ ބޮޑު ކުށެއް ކުރުމުގައި ބައިވެރިކަން ސާބިތުވެފައި ހުރި މީހަކާ މެދު އަމަލު ކުރަން ވާނީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

"އަދީބާ މެދު އަމަލު ކުރަމުން ދަނީ އިންސާނިއްޔަތާ މުޅިން ހިލާފަށް، ޖަލުގައި ތިބި އެހެން ގައިދީންނާ ހިލާފަށް، މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.

އެމީހާ ކިޔައިދިން ގޮތުގައި އަދީބު އެތަނުގައި "ދުވާލު ހަތަރުދަމު އިރަށް ދޮންވާ ގޮތަށް" ބާއްވާފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވި އެވެ. އަދީބު އެކަންޏެއް ނޫނެވެ. ބައެއް ސިޔާސީ ބޭފުޅުންނާއި މަރަން ހުކުމްކޮށްފައި ތިބޭ މީހުން ވެސް ތިބީ އެފަދަ ހާލެއްގައި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އަދީބާ އެހެން ގައިދީންނާ ގުޅޭ ގޮތުން ދައްކަމުން އަންނަ ހުރިހާ ވާހަކަތަކެއް ކަރެކްޝަނަލް ސާވިސްއިން ދޮގުކުރެ އެވެ.

އަދީބު އޮންނެވީ މާފުށީ ޖަލުގައި ހުންނަ އެންމެ ކުޑަ ގޮޅިތަކުގެ ތެރެއިން ގޮޅިއެއްގަ އެވެ. ގާތްގަނޑަކަށް ހަ ފޫޓާއި އަށް ފޫޓު ސައިޒްގެ ގޮޅިއެކެވެ. ނިދަން އަށްޓެއް ހުންނައިރު، އަދީބަށް ގޮދަނޑިއެއް ވަނީ ދީފަ އެވެ. އެ ގޮޅީގައި ފާހަނާއެއް ހުންނައިރު، ފެންވަރަން ޖެހެނީ ބާލިދީއެއް ބޭނުންކޮށްގެންނެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ އަދީބާ މެދު އެއްވެސް ތަފާތު ކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށެވެ. އަދީބު އޮންނެވީ އެހެން ގައިދީން ވެސް ގެންގުޅޭ ފަދަ ގޮޅިއެއްގައި ކަމަށާއި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އަދީބުގެ ރައްޓެހިންނާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް އަދީބަށް ލިބިދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް ގައިދީން ބަހައްޓާ ސެލް (ގޮޅި) އެއްގައި އަދީބު އޮންނެވީ، އޭނާއާ މެދު އެއްވެސް ތަފާތު ކުރުމެއް ގެންގުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް،" ލުގްމާން ވިދާޅުވި އެވެ.

މާފުށީ ޖަލު: މި ތަނުގައި ގައިދީން ގެންގުޅެނީ އިންސާނީ ކަރާމާތާ އެއްގޮތަށް ކަމަށް ކަރެކްޝަނަލް ސާވިސްއިން ބުނޭ..-- ފޮޓޯ: ކެވިންޓިއޯ.ބްލޮގްސްޕޮޓް.ކޮމް

"ކޮންކްރީޓުން ތަނެއް ހަދައިގެން އެއްވެސް ގައިދީއަކު ނުގެންގުޅޭ،" -- ކަރެކްޝަނަލް ސާވިސް

އަދީބާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް އޭނާ އިއްޔެ ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފަ އެވެ. ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ސޮއިކުރައްވައި ކަރެކްޝަނަލް ސާވިސް އަށް ފޮނުއްވި ސިޓީގައި ވަނީ ސަލާމަތީ ސަބަބުތަކަށް ވަކިގޮތެއް އަންގަންދެން، އަންގާރަ ދުވަހުން ފެށިގެން އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްދިނުމަށެވެ. ދޫނިދޫ ޖަލަކީ ފުލުހުންގެ ތަހުގީގަށް ބަންދުގައި މީހުން ބައިތިއްބާ ތަނެކެވެ.

"އަދީބާ މެދު އަމަލު ކުރަމުން ދަނީ އިންސާނިއްޔަތާ މުޅިން ހިލާފަށް، ޖަލުގައި ތިބި އެހެން ގައިދީންނާ ހިލާފަށް، މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" - މައުލޫމާތު އެނގޭ މީހެއް

ޕެރޯލްގެ ގާނޫނުގައި ވަނީ ތަހުގީގަށް ބަންދު ކުރެވޭ މީހުން ބައިތިއްބަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށެވެ. ތަހުގީގު ނިމި، ޝަރީއަތް ފެށުމުގެ ކުރިން ނުވަތަ ޝަރީއަތް ފަށައި ހުކުމް ކުރުމުގެ ކުރިން ކޯޓު އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ބައިތިއްބަން ޖެހޭނީ ރިމާންޑް ޖަލެއްގައި ކަމަށާއި ޝަރުއީ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހުން ބައިތިއްބަން ޖެހޭނީ އާންމު ޖަލެއްގައި ކަމަށް ގާނޫނުގައިވެ އެވެ.

ގައިދީންގެ ސިއްހީ ކަންކަމަށް އިސްކަމެއް ނުދޭ؟

ރާއްޖޭގެ ޖަލުތަކުގައި ވާނުވާއެއް ނޭނގި ގައިދީންތަކެއް މަރުވަމުން ދިއުމަކީ ގިނަ ބައެއްގެ މެދުގައި ކަންބޮޑުވުން އުފެދުނު ކަމެކެވެ. އެ ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި ފަސް ގައިދީން ހަގީގަތް ނޭނގޭ ގޮތަށް މަރުވެގެން ދިއުމުން އެކަން އިތުރަށް ބަލާނެ މުއައްސަސާއެއް ނުވި އެވެ. އެއީ ގުދުރަތީ މަރުތަކެއްތޯ، ނުވަތަ އެހެން ގޮތަކަށް ވެފައިވާ މަރުތަކެއްތޯ ވެސް ނުބެލެ އެވެ. އެ މީހުން މަރުވުމުގައި ވެސް ތުހުމަތު ކުރެވުނީ ޖަލުތައް ބަލަހައްޓާ ފަރާތްތަކަށެވެ.

ޕެރޯލް ގާނޫނުގައި ބުނެފައިވަނީ ގައިދީންނާ މެދު އަމަލު ކުރަންވާނީ އިހްތިރާމާއެކު އިންސާނުންނާ މުއާމަލާތް ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ. އަދި ގާނޫނުއަސާސީގެ އެއްވެސް ހައްގަކުން ނުވަތަ މިނިވަންކަމަކުން މަހްރޫމް ކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އެކަމަށް ކޮންމެހެން ބޭނުންވާ މިންވަރަށެވެ.

ހަމަ އެއާއެކު، ޖަލުގައި ތިބޭ ގައިދީންނާ މެދު އިންސާނިއްޔަތާ ހިލާފު ނުވަތަ އަނިޔާވެރި އަމަލުތައް ހިންގައިގެން ނުވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ. އަދި ގައިދީންނަށް ބޭނުންވާ ސިއްހީ ހިދުމަތެއް ނުވަތަ އެމީހުންނަށް ދޭން ހަމަޖެހިފައިވާ އެހެން ހިދުމަތެއް ދިނުމަށް އެހީތެރިވާން ޖެހެ އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އަޅައިގެން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިދިޔަ މަހު ނެރުއްވި ބަޔާނުގައި ވަނީ ގައިދީންނާ މެދު އަމަލުކުރާ އުސޫލުގެ ސަބަބުން ބުއްދި ފިލައިގެން ގޮސް ތިބި ގައިދީންތަކެއް ވެސް ތިބި ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަށީގެންވާ ބޭސް ފަރުވާއެއް ނުލިބޭ ގައިދީން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ބޭސް ލިޔެދިން ފަހުން ހަތަރު މަސް ވީއިރު ވެސް ޑޮކްޓަރު ލިޔެދިން ބޭސް ނުލިބޭ ގައިދީން އެބަތިއްބެވެ. ޖަލުން ގައިދީންނަށް ދޭ ކެއުމަށް ބަލާއިރު، އެއީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުކާނެހާ "ދެރަވަރު" ކެއުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލުގައި ހިންގި ކޯސްތައް ފުރިހަމަ ކުރި ގައިދީންނަށް ސެޓްފިކެޓް ހަވާލުކުރި ރަސްމިއްޔާތެއްގައި ގައިދީން ހުދު ޔުނިފޯމެއްގައި. .-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަހްލޫފް ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރުންގެ ކުރިމަތީގައި ގައިދީން އެއްކޮށް ބަރަހަނާކޮށް، ލަދުވެތި ގުނަވަންތައް ބަލައި، ގުދުކޮށް ބާއްވާ، ފުރަގަސްފަރާތް ފޭކޮށްގެން ފާސް ކުރެ އެވެ. އަދި އިންސާނީ ކަރަމާތަށް އުނިކަން ލިބޭ ކަންކަން ހުއްޓާލައި، މެޓަލް ސާޗް، ޕެޓްޑައުން ސާޗް، އަދި ތުވާލި އަންދަވައިގެން ސްޓްރިޕް ސާޗް ކުރުމަށާއި ބަރަހަނާކޮށްގެން އިތުރަށް ބަލައި ފާސްކުރާނަމަ، އެކަމަށް ބޭނުންވާ އާލަތްތައް ހޯދަން އޭނާ ހަރުކަށިކަމާއެކު ގޮވާލެއްވި އެވެ.

"ސްޕެޝަލިސްޓަކަށް ދައްކަން މާލެ ގެންދަން ޖެހިއްޖެނަމަ ވަގުތުން އެކަން ނުކުރެވިދާނެ، އެއީ ވަގުތު ނަގާ ކަންކަން، ޑޮކްޓަރަކަށް ދައްކަން ވެއްޖެނަމަ ޖަލުގައި ބައިތިއްބައިގެން ދައްކަމުން މިދަނީ،" -- ލުގްމާން

މަހްލޫފްގެ ހުރިހާ ވާހަކަތަކެއް ކަރެކްޝަނަލް ސާވިސްއިން ދޮގުކުރެ އެވެ. ލުގްމާން ވިދާޅުވި ގޮތުގައި ހުރިހާ ގައިދީން ވެސް ގެންގުޅެނީ އިންސާނީ ކަރާމާތާ އެއްގޮތަށެވެ. ޑޮކްޓަރަށް ދައްކަން ޖެހޭ ގައިދީން ގަވާއިދުން ޑޮކްޓަރަށް ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލުގައި މަރުވި ގައިދީންނަކީ މާލެއަށް ގެނެސް، އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށް މަރުވި މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޕެޝަލިސްޓަކަށް ދައްކަން މާލެ ގެންދަން ޖެހިއްޖެނަމަ ވަގުތުން އެކަން ނުކުރެވިދާނެ، އެއީ ވަގުތު ނަގާ ކަންކަން. އެކަމަކު ޑޮކްޓަރަކަށް ދައްކަން ވެއްޖެނަމަ ޖަލުގައި ބައިތިއްބައިގެން ދައްކަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ލުގްމާން ވިދާޅުވި ގޮތުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން އަބަދުވެސް ގައިދީންގެ ކަންކަން ރަނގަޅަށް ބަލާނެ އެވެ. ގައިދީންނަށް ކާން ދެނީ އިންސާނުން ދޭން އެންމެ އެކަށޭނަ އެއްޗެހި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިއްހަތަށް ގެއްލުން ލިބޭ އެއްވެސް އެއްޗެއް ގައީދީއަކަށް ދީފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގައިދީންނަށް ކާ އެއްޗެހި ދޭ އިރު، ފަރުވާ ކުޑަ ކުރާ ވާހަކައަކީ ދޮގެއް، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ވެސް ކާން ދޭ އެއްޗެހި ގައިދީންނަށް ދެނީ،" ލުގްމާން ވިދާޅުވި އެވެ.

ގައިދީން ބަރަހަނާކޮށްގެން ބަލައި ފާސް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ލުގްމާން ވިދާޅުވި ގޮތުގައި ޖަލަށް ވަންނަ ގައިދީން ސްޓްރިޕް ސާޗް ކުރަނީ ތުވާލި ދީ އިންސާނީ ކަރާމާތަށް އެއްގޮތަށެވެ.

އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުން އަނިޔާ ލިބޭ ފަރާތުގެ އިންސާނީ ކަރާމާތް ގެއްލިގެން ދިއުމުގެ އިތުރުން އެ މީހާ އިންސާނެއްގެ ދަރަޖައިން މަހްރޫމްވެ އެވެ. ގާނޫނުއަސާސީގައި ބުނެފައިވަނީ އެއްވެސް މީހަކަށް ރަހުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއް ނުކުރުމަށާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް އެއްވެސް މީހަކަށް ނުދިނުމަށާއި އަދި އެއްވެސް މީހަކަށް އަނިޔާއެއް ނުކުރުމަށެވެ.

23 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 61%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިދުރީސްބެ

10 March 2017

ލުގްމާން ވާހަކައިން ލުގްމާން ނޫން ހުރިހާއެންމެން ހަދަނީދޮގު، އެކަމަކު އެންމެނަށްވެސް އެގޭ ހަގީގަތަކީ ޝުންބާ ގޮން އެއްވެސް ހުކުމަކާނުލާ މާފުށީ ޖަލުގަ އަހަރަކަށްވުރެ ގިނަދުވަހު ބެހެއްޓިކަން. ގާނޫނު ބުނާގޮތުން އެއީވެސް ކުރެވޭނެކަމެއްނޫން. ހުކުމެއްނުކޮށް، ހުކުމްތަންފީޒްކުރަމުންދާ މީހުންތިބޭ އާއްމު ޖަލެއްގަ ނުބެހެއްޓޭނެ. އެކަމަކު މި ސަރުކާރުން އެއްވެސްކަމެއް ކުރުމުގައި ގާނޫނު ނުބެލިޔަސް އެކަމާ ބަހެއްބުނާނެ މިނިވަން މުއައްސަސާއެއްވެސް ނުހުންނާނެ. އެފަދަ ކަންކަން ނުކުރުމަށް އަމުރެއްކުރާނެ ކޯޓެއްވެސް ނުހުންނާނެ. އެފަދަ މައްސަލައެއް މަޖިލީހަށް ވެއްދިޔަސް އެކަމަށް ބަހުސްކޮއްލާނެ ފުރުސަތެއްވެސް މަޖިލީހު މެމްބަރުންނަކަށް ނުލިބޭނެ.

The name is already taken The name is available. Register?

އަހުމަދު

10 March 2017

ކަރެކްޝަން މުވައްޒަފުންގެ މަޤާމާ ނުގުޅޭ މުއްސަދިކަން: ހަގީގަތަކީ ކޮބައިބާ؟

The name is already taken The name is available. Register?

އަބްދުއްލާ އަލީ

10 March 2017

ކުށްކުރާނީޖަލަށް ދާން ބޭނުންވާމީހާ، އެނޫންމީހަކު ކުށެއްނުކުރާނެ ، ޖަލު ކިޔަނީ ވަކިގޮތަކަށް ހުންނަ ބަންދު ކުރެވިފައި ހުންނަ އާންމު ދިރިއުޅުމާ ތަފާތު ގޮތަކަށް ހުންނަ ތަންތަނަށް . ގަނޑުވަރު މިނަން ކިޔަނީވެސް އާއްމު ދިރިއުޅުމާ ތަފާތު ގޮތަކަށް މާމަތީ ދިރިއުޅުން އުޅެވޭގޮތަށް ހުންނަ ތަންތަނަށް. ވީމާ ޖަލުގަ އުޅެން ބޭނުންވާ މީހާ ހުންނަންވާ ނީ މިނިވަންކަންނެތި ހިތްހަމަޖެހުމެއްނެތި އެމީހާ ކުރި ކުށުގެ އިހްސާސު ކުރެވޭފަދަ އާއްމު ދިރި އުޅުމަށް ވުރެ ދަށް ހާލަތުގެ ދިރިއުޅުމެއްގަ. އެއީ ދެވަނަފަހަރު އެތަނަށް ވަނުމަށް ވިސްނުމުގެ ފުރުސަތު ނޯތުމަށްޓަކާ. އަދި އެމީހާ އިސްލާހު ވުމަށްޓަކާ ވެސް މެ. ވީމާ ޖަލު ފެންވަރު ދަށޭ ކިއުމުގެ ބޭނުމެއްނެތް ؟ ހުރިހާ ތަނަކަށްވެސް ހުރިހާގެއަކަށްވެސް އަވިދޭނެ. ހޫނުގަދަ އިރު އަމިއްލަ ކޮޓަރިއަކުވެސްކެތެއްނުކުރެވޭނެ. ވީމާ އަމިއްލަ ހާލަތާ އަމިއްލަ އިހްތިޔާރާ އަމިއްލަދިރިއުޅުމާ އެއްފަދަ ހާލަތަކަށް ދެވޭނީ އެތަނުން ސަލާމްތްވިދުވަހަކުން. ޖަލު ކިޔަނީ އެތަނަށް އެއްވެސް މީހަކު ވަނުމަށް ކަމު ނުދާފަދަ ތަންތަނަށް.

The name is already taken The name is available. Register?

ރެއްކަ

10 March 2017

ދެންކިއްކުރާ ގާނޫނެއް، ޖަލުގަ ވެސް ލިބެންޖެހޭ ހައްގުތަކެއް ހުންނަކަމަށް ގާނޫނު އެބަބުނޭ. މިދައްކަނީ އެހައްގުތައްވެސް ނުލިބޭވާހަކަ. މިދައްކަނީ ކޮޓަރީގަ އޭސީ ނެތްވާހަކައެއްނޫން. މިދައްކަނީ ކޮންމެ ކާގަޑިއެއްގަ ހިތައްއެރިހާގޮތަކަށް ކާން ނުދޭވަޙަކައެއްނޫން. މިދައްކަނީ އޮރިޔާންކޮށް އިންސާނީ ކަރާމާތް ނަގާލާވާހަކަ. މޮަޔަނުގޮވަބަލަ.

The name is already taken The name is available. Register?

އިއްސެ

10 March 2017

ޖަލު ކިޔަނީ އެތަނަށް އެއްވެސް މީހަކު ވަނުމަށް ކަމުނުދާ ތަންތަނަކަށް ނޫން. ތިބޭފުޅާ ތިހުރީ ވަރަށް ބޮޑަށް އޮޅިފަ. ޖަލަށް ލަނީ މީހާއަށް އަނިޔާ ކުރާކަަށްވެސް ނޫން. އެހެންވީމާ އިސްލާމް ދީނުގައިވެސް ކުށްތަކަށް ވަކި ޚާއްޞަ އަދަބުތަކެއް ކަނޑައަޅާަފައި އޮތީ. އިސްލާމް ދީނުގައިވެސް ނުއޮންނާނެ މީހަކު ޖަލަށްލާ އިރުގެ އަލިކަން ނުލިބޭނެހެން. ބާއްވާކަށް. އަދި ޖަލަށް ލުމަށްވުރެ އެހެން ގޮތްގޮތުން އަދަބު ދިނުމަށް އޮންނަނީ.. ވައްކަން ކުރާ މީހާ އަތް ކެނޑުމަށް އޮންނަނީ.. މާފުށީ ޖަލުގެ ހާލަތު ލޮލުން ފެނިފަ ހުރިމީހެއްގެ ހައިޞިއްޠަތުން މިބުނަނީ އެތަނުގައި އިންސާނުން ބައެއްގޮޅިތަކުގައި ގެންގުޅެނީ އެކަސީގެންވާ ގޮތަކަށް ނޫން. އިރުގެ ވަވި ކޮޅެއްގަިއ ނުޖެހި 3 އަހަރު 2 އަހަރު ވެފަ ބުއްދި ގޯސްވެފަ ތިބި މީހުން ލޮލުން ދެކެ އަތުން ހިިފިން. މީދަލާިއ ކުރަފިތައް ގޮޅިތަކުގެ ތެރޭގަިއ ދުވާލަން ފެނުނު. ކޮންމެ މީހަކަށްވެސް މިއީ ރަނގަޅުކަމެއް ނޫންކަން އެނގޭނީ އެމީހަކު ނުވަތަ އެމީހެއްގެ ޢާއިލާގެ މީހަކު ކުށެއްކޮށްގެން ނުވަތަ ނުކުރިނަމަވެސް ސިޔާސީ ބޭނުމަކަށް ޖަލަށް ލުމުން. ވީމާ، ތިގޮތަށް ޒާތީވެގެން އަތް އޮތީމަ މިތާގަ ކޮމެންޓް ކުރުމަކީ އެހާ ރަނގަލު ގޮތެއް ނޫން.

The name is already taken The name is available. Register?

ސާފުނުވޭ

10 March 2017

މީހުން މަރުވިއޭ ބުނާއިރު މީހުންގެ ނަންތައްވެސް ލިޔެލިނަމަ...ދެރަވަރު ކެއުމޭ ބުނާއިރު އެއީ ކޮންނަމެއް ކިޔާ ކޮންކަހަލަ ކެއުމެއްތޯވެސް ލިޔެލިނަމަ. މާލޭގެ އާއްމު ތަންތަނުން ބައެއް ފަހަރު ކާންލިބޭ ރިހަވެސް އަނގައަށް ލާން ނުކެރޭ ފަހަރު ފަހަރު ދޭ. އަދި ބައެއް ފަހަރު ތަންތަނުން ކާއެއްޗެތި ބަންދުކުރާ ފޮށި ނުވަތަ ކަރުދާހުގަ ކުރަފިވަސް ދުވުންވެސް އެއީ އާއްމުކޮށްވާ ކަންކަން.

The name is already taken The name is available. Register?

ތައްކާނު

10 March 2017

ޖަލުގަ ކާންދޭ އެއްޗެހީގެ ނަންތައް ލުގުމާނުވެސް ބުނެލިނަމަ.

The name is already taken The name is available. Register?

މަހޭ

10 March 2017

ބަރަހަނާ ކޮށް ބަލާ ފާސްކުރަން ފެއްޓީ ރަން ތިރީސް އަހަރުގެ ފަހު ދެދައުރުގައި. އިންސާނަކަސް އަދި އަމުދުން އިސްލާމަކު އޮރިޔާން ކުރުމަކީ ކިހާވަރެއްގެ ކަމެއްތޯ؟ ކޮބައިތޯ އިލްމު ވެރިން.

The name is already taken The name is available. Register?

އައްމަކަލޯ

10 March 2017

ދާހިތުން ދާތަނަކަށް ޖަލުވާތީއޭ މައްސަލަ ޖެޖެނީ

The name is already taken The name is available. Register?

ހަސަންއަލީ

10 March 2017

އަދީބު އެވައްކަންތައް ކުރަން އޯޑަރު ކުރި އޭނަގެ މައްޗަށް ހުރި ފަރާތެއް ވާނެ ދޯ..... އެމީހެއް ހޯދާފަ އަދީބު އޮތް ތަނަށްލާން މަށަށް ފެނޭ. ދެމީހުން އެއްކޮށްތާ ހުރިހާ ކަމެއްވެސް ކޮއްފަ ހުންނާނީ. އެމީހަކު ނޭނގޭތީ މީގަ ދެރަޔީ.

The name is already taken The name is available. Register?

އިބުރޢ

10 March 2017

ސިޔާސީ ކުށްވެރިންތޯ ނުވަތަ ކުށްކުރި ސިޔާސީ ބޭފުޅުންތޯ

The name is already taken The name is available. Register?

ކިނޮޅަހު ސަޢީދު

10 March 2017

ލުޤުމާނަށް ތެދު ވާހަކައަކަށް ބަލައިގަނެވުނީ ކޮން ވާހަކައެއްތޯ؟ ހައްތާ ވެސް ދޮގު. މިއީ ކީ މިއަދަކު ހިނގާ ކަމެއް ނޫން. ކުރީއްސުރެ ވެސް ހިނގަމުން އަންނަ ކަންކަން. ތިކަންތައްތައް ތަޖުރިބާކޮށް މިނިވަންވެގެން އައިސްތިބި ކިތަންމެ ބަޔަކު ވެސް އެބަތިބި. އަދީބަށް އެހެން ހަދާނެ ކަމާމެދި 1000 އިންސައްތަ އިތުބާރު އެބައޮތް. އެއީ ޔާމިން ގެ ނިންމުން.

The name is already taken The name is available. Register?

އަހަރެން

10 March 2017

މި އާޓިކަލްގައި އަދީބު ވާހަކަ ލިޔެފައި އޮތަސް މީ ހަމަ ހަގީގަތް. އަލޫގަނޑުގެ އެއްބަނޑު އެއްބަފާ ކޮށްކޮ ވެސް ވީ ޖަލުގައި. ފޯނުކޯލަކަށް އެދުމުން ކޯލް އެއްވެސް ދެނީ ހިތައް އެރީއަ ކަމަށް ކޮށް އަބަުދުވެސް ބުނޭ. އަދި ޖަލަށް ފޯނުތަކާ އެއްޗެހި ވައްދަ ހުރިހާކެއް ކުރިނީވެސް ސެކިއުރީޓީނަށް އެގި ގެންކަން ބުނޭ. އަދި ކީއްކުރަން އެއްމެ ދެރަކަމަކީ އެތަނަށްގޮސް ރަނގަޅުވުމުގެ ބަދަލުގައި މަގުވަނީޯ ގޯސްވުމަށްކަން ކޮށް ވަރަށް ދެރަވެފައި ކިޔާދޭ. ދާދާވެފައި އުޅޭ ކުއްވެރިން ގަދަވެެން އާއިލާއިން ފޮނުވާ ތަކެތި ވެސް ވަގަށްނަގާކަމަށް ބުނޭ އަދި މީ އެތަނުގެ ހާލަތު ބުންނަން ބޭނުންވަނީ ކަރެކްޝަނަލް ސަވިސް އޭކިޔަށް އެއީ މީހާ އިސްލާހްކުރުމަށް އެއްކަމެއްވެސް ކުރާ ތަނެއްނޫން. ކުޑަމިނިން ދަރުސް އެއް ނުދާވަހަކަ ވެސް ބުނި.

The name is already taken The name is available. Register?

އަހައްމަކަލޯ

10 March 2017

ކޮއްކޮ އެތަނަށް ދާންޖެހުނީ ކީއްވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454