އަދީބަށް ޚާއްސަ ހިމާޔަތެއް ދެވޭކަށް ނެތް: ކަރެކްޝަންސް

ތަފާތު ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ނުވަތަ ޚާއްސަ ހިމާޔަތެއް ދެވެން ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާ އިން މިއަދު ބުނެފި އެވެ.


އަދީބުގެ އާއިލީ ބައްދަލުވުންތައް މަދުކޮށް، ޚާއްސަ ހިމާޔަތް ނުދޭ ކަމަށް ބުނެ، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ ކަރެކްޝަނަލް ސާވިސް އަށް ސިޓީއެއް ފޮނުއްވައި، އަދީބަށް ޚާއްސަ ހިމާޔަތާއި އާއިލީ ބައްދަލުވުންތައް އިތުރު ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ނަޝްވާގެ އެދިވަޑައިގަތުމާ ގުޅިގެން، ކަރެކްޝަނަލް ސާވިސް އިން އޭނާ އަށް ފޮނުވި ސިޓީއެއްގައި ބުނީ އަދީބަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭން ޖެހޭ ބޭފުޅަކަށް ނުވާތީވެ، އަދީބަށް ޚާއްސަ ހިމާޔަތެއް ދެވެން ނެތް ކަމަށެވެ. އަދި އެހެން ގައިދީންނެކޭ އެއްގޮތަށް އަދީބަށް މަހަކު، އާއިލީ އެއް ބައްދަލުވުން ހަމަޖެހޭނެ ކަމަށް ސިޓީގައި ވެ އެވެ.

އަދީބަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނައިބު ރައީސް ކަން ކުރެއްވުމުގެ އިތުރުން، ރައީސް ޔާމީނާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަން ވެސް ކުރެއްވި ބޭފުޅެކެވެ. އެހެންވެ، އަދީބަށް ޚާއްސަ ހިމާޔަތެއް ދޭން ޖެހޭނެ ކަމަށް އާއިލާ އިން ގަބޫލު ކުރެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ގައިދީންނާ ގުޅޭ ގޮތުން އާންމުކޮށްފައިވާ އުސޫލުގައި ބުނަނީ، ޚާއްސަ ހިމާޔަތުގެ ދަށުން، ކޮންމެ ހަފުތާ އަކު އާއިލީ ބައްދަލުވުމަކާއި ފޯން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެގޮތުން، ފޯން ކޯލްގެ ގޮތުގައި ގައިދީންނަށް 10 މިނިޓް ލިބޭއިރު، އެ މީހުން ޚާއްސަ ގޮޅިތަކެއްގައި ބަހައްޓަން ޖެހޭނެ އެވެ. އަދި ވަކި ވަގުތެއް ވަންދެން ގޮޅިން ބޭރަށް ގައިދީން ނެރެ އެވެ.

ކަރެކްޝަނަލް ސާވިސްގެ ސިޓީއާ ގުޅިގެން ނަޝްވާ ވިދާޅުވީ، ސްޕެޝަލް ޕްރޮޓެކްޝަނާއި އިނާޔަތްތައް ހަމަޖައްސައި ނުދެނީ އަދީބަށް އެކަނި ކަމަށެވެ. އަދި އަދީބު ފިޔަވައި، ޖަލަށް ލާފައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ސްޕެޝަލް ޕްރޮޓެކްޝަން ލިބޭ ކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ.

އަދީބަށް ސިއްހީ ގޮތުން އެތައް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އާއިލާ އިން އަންނަނީ ބުނަމުންނެވެ. އަދީބުގެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ގްލުކޮމާ ޖެހުމާއި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުން ހިމެނެ އެވެ. އެހެންވެ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އަދީބު އެދިވަޑައިގެންފައިވެ އެވެ. އެކަމަކު ސަރުކާރުން އެ ހުއްދައެއް ނުދެ އެވެ.

އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުކޮށްދޭ ކަމަށް އާއިލާ އިން ބުނާއިރު، ސަރުކާރުގެ ރައްދަކީ އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ހުރިހާ ފަރުވާއެއް ދެމުން އަންނަ ކަމަށެވެ.