ހޯމް މިނިސްޓަރު އިހުސާން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
28 ޖޫން 2024 - 13:22
ރައްޔިތުންގެ ހިދުމަތުގައި ތިބޭ ދައުލަތުގެ މުވައްޒަފުން ހާއްސަކޮށް ޔުނިފޯމު ބޮޑީތަކުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު އެހެން ބައެއްގެ އަތުން ފައިސާ ނަގައިގެން އެ މީހެއްގެ ޒިންމާ އިން އެކަހެރިވާން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވެ، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
ގައިދީންގެ އަތުން ފައިސާ ނަގައިގެން މާފުށީ ޖަލަށް މޮބައިލް ފޯނާއި މަސްތުވާތަކެތި ވައްދައިދޭ ޖޫނިއާ އޮފިސަރުންތަކެއްގެ މައްސަލަ ފަޅާއަރުވައި، ހާއްސަ އޮޕަރޭޝަނެއް ފެށުމާ ދިމާކޮށް ބޭއްވި މީޑިއާ ބްރީފިންގައި އޭނާ ވިދާޅުވީ، ﷲ ގަންދީ ހުވާކޮށްގެން، ވަކި ހުވައެއް ކޮށްގެން ރައްޔިތުންގެ ހިދުމަތުގައި ތިބެން ވާނީ އެފަދަ ޖަރީމާތަކުން އެކަހެރިވެގެން ތިބެން ޖެހޭ މީހުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މީސްމީހުންގެ އަތުން ފައިސާ ނަގައިގެން ޒިންމާ އިން ބޭރު ވަނީ ފުރިހަމަ އޮފިސަރަކަށް ނުވާތީ އެވެ.
"ޔުނިފޯމު އެޅި މުއައްސަސާއެއްގައި މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ އަދި މި ވަގުތު ރާއްޖޭގެ ލޯ އެންފޯސްމަންޓް އެޖެންސީތަކަށް ޒިންމާވާ ވަޒީރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ އެއްވެސް ހާލަތެއް ނޯންނާނެ ހުވާ ކޮށްގެން ހުންނަ މީހަކު ފައިސާ ނަގައިގެން ދައުލަތަށް ހިޔާނާތްތެރިވާން ޖެހޭ. އެއްވެސް ހާލަތެއް. އެ މީހާ ދަތިވީ، އެ މީހާ އަށް އެހެން ކަމެއް ދިމާވީ، އުނދަގޫތަކެއް ވީ. މި ހިދުމަތުގައި ހުރުމުގެ މަޖުބޫރު ކަމެއް ނެތޭ އެއްވެސް މީހަކަށް،" ސިފައިންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަދި އެމެރިކާ ފަދަ ގައުމުތަކުން އެންމެ މަތީ ފެންވަރުގެ އަސްކަރީ ތަމްރީނުތައް ހައްދަވާފައިވާ އިހުސާން ވިދާލުވި އެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ ހިދުމަތުގައި ސަރުކާރުގައި ތިބެ މީސްމީހުންގެ އަތުން ފައިސާ ނަގައިގެން ކަންކަން ކުރަނީ "ކުށްވެރިއަކަށް ވާތީ" ކަމަށެވެ. ވިދާޅުވީ، ހުވާކޮށްގެން ތިބެ، ގައުމަށް "ޣައްދާރުވުމުގެ" އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.
މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެހީތެރިވާ ނެޓްވޯކުގައި ހިމެނޭ މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ 13 އޮފިސަރަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ޖުމުލަ 18 އޮފިސަރަކަށް ތުހުމަތު އެބައޮތެވެ.
ރޭގެ މީޑިއާ ބްރީފިންގައި ފުލުހުން ބުނީ، އެ މީހުންގެ އެކައުންޓުތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އެންމެ މީހެއްގެ އެކައުންޓަށް ވެސް 24 މިލިއަން ރުފިޔާ ޖަމާވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ، މި ގޮތަށް މީސްމީހުންގެ އަތުން ފައިސާ ނަގައިގެން ހިންގާ ޖަރީމާތައް ހުއްޓުވަން ޔުނިފޯމު ބޮޑީތަކުގެ މީހުންނަށް ދޭ ތަމްރީނުތައް ހަރުދަނާކޮށް މިހާރަށް ވުރެ ބޮޑަށް ފާރަވެރިވާނެ ކަމަށެވެ.
ރޭގެ ބްރީފިންގައި އިހުސާން އެދިވަޑައިގަތް އެއް ކަމަކީ ރައްޔިތުންގެ ހިދުމަތުގައި ތިބެ، އެކި މީސްމީހުންގެ އަތުން ފައިސާ ނަގާ މީހުންނަށް ހިތްވަރު ނުދިނުމަށެވެ. އެފަދަ ކަންކަން ޓޮލެރޭޓް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިން ޝާމް
30 June 2024
ކޮބާ ހެއްކާ ،ޤަރީނާ ،ޝަރީއަތަށް ފޮނުވާފަ މީޑިޔާ ބްރީފިންގ ދޭންޖެހޭނީ.އެހެންވެއްޖިއްޔާ އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވެއްޖިއްޔާ އެމީހުންގެ އަބުރު ގެއްލޭނެ .އެއިރުން ކާކު ޒިންމާވާނީ. ވަރަށް ސަލާމް
ދޮންހުސޭނު
30 June 2024
[ހުވާކޮށްގެން ހުރި މީހަކު ފައިސާ ނަގައިގެން ދައުލަތަށް ހިޔާނާތްތެރިވާން ޖެހޭ ސަބަބެއް ނޯންނާނެ]! އެނޫން މީހުން ފައިސާ ނަގައިގެން ދައުލަތަށް ،،، ؟
ލޭބަރު
29 June 2024
"ސަލާމަތީ ފިޔަވަޅުތައް" ވަރުގަދަކޮށްގެން، ބަންގަލަދޭޝް ލޭބަރުން އިތުރުކުރެވިދާނެތަ، ބައެއް އެމްޕީންގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ޗީފް ލޭބަރުން ހޯދާ ދޭން.
55862
29 June 2024
މިކަހަލަ ހަރުދަނާ މީހުން ލައިގެން ކަންކަން ވާނީ. މިކަންވެސް ދެން ކޯޓާހަމައިން ނުހުއްޓުނިއްޔާ ރަނގަޅު
ޢަދުނާން
29 June 2024
ޢޭ ވަޒީރު، ހުވާނުކުރިޔަސް އަދި ދައުލަތުން ފައިސާ ނުނެގިޔަސް ގައުމަށް ޣައްދާރެއް ނުވެވޭނެ. ދެން ހުވަޔަކާ ފައިސާއެއްގެ ވާހަކަ ވަޒީރު ތިޔަދައްކަވަނީ މޮޅުވާހަކައެއް ސުރުޚީއަށް އަރުވާލަންހެން ވަރަށްހީވޭ.
ހައިރާންވެއްޖެ
29 June 2024
މީ އަދި ނުދެކޭފަދަ މިނިސްޓަރެއް . މިއީ މަގާމުތައް ހަވާލުކުރަންވީ މީހުން. މިނިސްޓަރއިހުސާން އަކީ އިޙްލާސްތެރި މޮޅުބޭފުޅެއް. ބަސްމަގު ހުންނަގޮތުން ހާމަވަނީ ވަކިސަރުކާރަކަށްވެގެން ނޫންކަން އެ ޚިދުމަތްކުރަނީ. ގައުމަށްކުރާޚިދުމަތްކަން އެކުރަނީ. މިނިސްޓަރ އިހްސާން އަށް ސާބަސް ދެން ތިޔަ މިނިސްޓަރީ އަށް ކުފޫ ހަމަވާހަމައެކަނި ބޭފުޅާތި ދިމާވީ އަދިކިރިޔާ. ބޮލަކަށް ކަނދުރާއަކަށް ނުބަލާ ގާނޫނު ނަގަހައްޓާނެކަން ހާމަވޭ. އިހްސާސް ވާން ފަށައިފި ރައްކާތެރިކަން.
އައިމިނާ
29 June 2024
މިނިސްޓަރަށް ރަނގަޅު ސެކިއުރިޓީ ދިނުމަށް ގޮވާލަން.
އަހްމަދީ
29 June 2024
ތިކަހަލަ މައްސަލަތައް ބަލަން ފުލުސްކޯޓެއް އުފައްދާ ވަގުތުން ވަގުތައް މައްސަލަބަލާ ހުކުމް ކުރަންވީ. މިހާރު މިހުރި ޝަރުޢީ ކޯޓްތަކަށް ހުށަހަޅައިގެން ދިހަ ބާރަ އަހަރުންވެސް ނިމޭނޭ ހެނެއް ހިއެއްނުވޭ.
ބަރުބާދު
29 June 2024
ޣައްދާރަކީ ހަމައެކަނި ފައިސާނަގައިގެން ފިލާމީހާއެއްނޫން. އޭގެމީހުން ހޯދާ ފިޔަވަޅު ނޭޅޭނަމަ އެމަގާމުގަ އެތިބޭމީހުންވެސް އެވަނީ ޣައްދާރު.
ޣައްދާރު
29 June 2024
"ހުވާކޮށްގެން ހުރި މީހަކު ފައިސާ ނަގައިގެން ދައުލަތަށް ހިޔާނާތްތެރިވާން ޖެހޭ ސަބަބެއް ނޯންނާނެ" މިނިސްޓަރ އަށް ވިދާޅުވެވިދާނެތޯ ނޮންޕުރެކްޓިސް އެލަވަންސް ނަންގަވައިގެން ޓެކްސީކުރަން އުޅުއްވާ ފުލުހުންގެ މައްސަލަ ބައްލަވަން؟