06 ޖުލައި 2024 - 14:03
މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޯޓަށް އަނެއްކާވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ، ބަންގްލަދޭޝްގެ ޑާކާ އަށް މިއަދު ކުރަން އޮތް ދަތުރު ކެންސަލް ކޮށްފި އެވެ.
އެ އެއާލައިނުން ބުނީ، ދެ ދަތުރު ކެންސަލްކުރީ، އެއާބަސް ބޯޓަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. ޑާކާގެ އެ ދެ ދަތުރު ކެންސަލް ކުރި ނަމަވެސް، މޯލްޑިވިއަންގެ އެހެން މަންޒިލްތަކަށް ކުރާ ދަތުރުތަކާއި ޑާކާއަށް ޝެޑިއުލްކޮށްފައިވާ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މީގެ ހަފުތާއެއް ކުރިން، އެއާބަސް އަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އިންޑިއާގެ ޓްރިވެންޑްރަމަށް ކުރަން އޮތް ދަތުރެއް ވެސް ވަނީ މޯލްޑިވިއަން އިން ކެންސަލް ކޮށްފަ އެވެ.
މޯލްޑިވިއަން އިން ބުނީ، ޑާކާ އަށް އެ އެއާލައިނުން ދާން ކަނޑައެޅި ދަތުރު ކުރުމާއި ތާށިވި މީހުން އެހެން އެއާލައިންތައް މެދުވެރިކޮށް ދަތުރުތައް ހަމަޖައްސައި ދެމުން އަންނަ ކަމަށެވެ.
މޯލްޑިވިއަން އިން މިވަގުތު އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ބާއްވަނީ އޭޓީއާރް ބޯޓުތަކެވެ.
އެއާބަސް އޭ320 ގެ ބޯޓެއް މޯލްޑިވިއަން އިން ގެންގުޅޭއިރު، ކުރިން ދުއްވި އޭ321 މަރުކާގެ ބޯޓު ވަނީ މުއްދަތު ހަމަވުމުން 2022 ވަނަ އަހަރު ފޮނުވާލައިފަ އެވެ. އެ އެއާލައިނުން އަންނަނީ އާ ދެ އެއާބަސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މި އަހަރު ނިމުމުގެ ކުރިން އެ ދެ ބޯޓު ހޯދާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މި ވަގުތު 23 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އޭޓީއާރް ހަތަރު ބޯޓުވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައީސު
07 July 2024
އަލަށްހޯދަނީ ބޮއިންގ ގެ 2 ބޯޓު. އެއާބަސް ވާހަކަތީ މާކުރީގެ ވާހަކައެއް.
ކޮހީކޭ
06 July 2024
ފްރީ ވިސާ ގައި ބަންގާޅު ބޭފުޅުން ދަތުރުކުރައްވަނީ ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން ގައި. އެއަރލައިނަށް ވެސް ފައިދާއެބަވޭ. އެހެންވީމަ ކިހިނެތް ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވޭނީ ވެސް.
އޮނަރަބްލް އަފީފު ދީދީ
06 July 2024
ދައުލަތުގެ ކުންފުނިތައް މާޖްކުރުމަށް ސަރުކާރުން ނިންމާފައިވާއިރު Maldivian Airlines އަކީ ހަމައެކަނި ޑޮމަސްޓިކް ޑެސްޓިނޭޝަން ތަކަށް (ވީލްޑް ބޭސް އަދި ސީޕްލޭން) އޮޕަރޭޓް ކުރާ އެއަރލައިނަކަށް ހަދާފައި މޯލްޑިވިއަން، އެމްޓީސީސީ އަދި މޯލްޑިވްސް ޕޯސްޓް އެއް ކުންފުންޏެއްގެ ދަށަށް ގެނެސް މާޖް ކޮށްލައިފިނަމަ ކަނޑާއި، އެއްގަމާއި ވައިގެ ދަތުރު ފަތުރު އެއް ކުންފުންޏެއްގެ ދަށަށް ގެނެސް ރާއްޖޭގެ ޕޯސްޓް ހިދުމަތްވެސް އެތައް ތަނެއް މައްޗަށް ޖައްސާލެވިދާނެ.
އޮނަރަބްލް އަފީފު ދީދީ
06 July 2024
މަތީގައި މިދެންނެވި ގޮތަށް 3 ކުންފުނި އެއްކޮށްލުމުން ޕޯސްޓްގެ ހިދުމަތް ވަރަށް ބޮޑަށ ފުޅާވެގެންދާނެ. އަދި އެތެރޭގެ ލޮޖިސްޓިކް ހިދުމަތްދޭ އިތުބާރު ހުރި ކުންފުންޏެއް އޮތުމުގެ އިތުރުން މިކުންފުނީގެ ދަށަށް އެއަރ އަދި ސީ އެމްބިއުލާންސް ހިދުމަތް ބަދަލުކޮށް ދުވަހުން ދުވަހަށް ރާއްޖޭގެ ކޮންމެ ޓާޝަރީ ހޮސްޕިޓަލަށް ދިއުމުގެ ފުރުސަތު ބަލިމީހުންނަށް ހުޅިވިގެންދާނެ. އަދި އެއްޓީއޯގެ ފާމަސީތަކަށް ދައްޗެއްނެތި ވަގުތުން ވަގުތަށް ބޭސް އުފުލޭނެ އިންތިޒާމް ހަމަޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
06 July 2024
ތިޔަނުގެ ސީނިއަރ މެނޭޖްމަންޓާއި ބޯޑްގައިވެސް ތިބީ ބައިނަލްއަޤުވާމީ އެއަރލައިނެއް ހިންގޭނެ ތައުލީމާއި ތަޖުރިހާ އެއްވެސް ވަރަކަށް ލިބިފައިވާ ބައެއްނޫން. # އެއަރ މޯލްޑިވްސް ޒަމާނުގައި ސެކަންޑަރީ އެޑިއުކޭޝަން ނިންމާފައި އިތުރު ތަމްރީމެއް ނުލިބި ޓިކެޓިންގ ކައުންޓަރާއި، ބެގޭޖް އަދި ބޯޑިނގް ޕާސް ކަޑަން ތިބި ބަޔަކަށް މިއަދު ކިތަންމެ ބޮޑު ނަމެއް ކިޔާފައި މަޤާމެއް ދިން ކަމުގައިވިޔަސް ކިހިނެއްތޯ އޭނާ މަޤާމްގެ ޒިންމާ އުފުލާފީ!! އެކަމެއް ނުކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
06 July 2024
އަދި މީގެ އެންމެ ހެއްވާ ކަމަކީ "މަސްލަހަތު ފުށުއަރާނެކަން އިގޭއިރުވެސް" މިކުންފުނީގެ ޗެއަރމަންގެ މަޤާމާއި، މެނޭޖިންގ ޑިރެކްޓަރ އަދި ބޯޑުގައިވެސް މިފަދަ އެއަރލައިން ހިންގާ ވާދަވެރި (މަންޓާ އެއަރ، ޓީއެމްއޭ، ވިލާ އެއަރ ފަދަ ފަރާތް ތަކުގެ އާއިލީ މީހުނާއި، އެފަދަ ކުންފުނިތަކުގެ ވަޒީފާގައި އުޅޭ މުސާރަވެރިން) މޯލްޑިވިއަންގެ މިދެންނެވިފަދަ މަޤާމްތަކަށް ސަރުކާރުގެ ފަރާތުންވެސް އައްޔަން ކުރާކަން!؟ މިއީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއްނޫން.
މުޤައްދަސް މާލެ މީހާ
06 July 2024
މިފަހަރު އަފީފު ދީދީ އާ އެއްބަހެވެ. ހުރިހައި ކޮމެންޓެއްގައި ވެސް ތިއޮތީ ޙަސަދަވެރިކަމެއް ނެތް ވަރަށް ވެސް ހަރުދަނާ ޙަޤީޤީ ވާހަކަ ތަކެކެވެ.