ޚަބަރު / ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ހައިދަރާއި އިސްވެރިން ކޮމިޓީއަށް ހާޒިރު ނުވުމުން މެމްބަރުންގެ ނުރުހުން!

ޕީއެންސީގެ މެޖޯރިޓީ އޮންނަ ޕެޓިޝަން ކޮމިޓީގެ ހުރިހާ މެމްބަރުން ވެސް ވަނީ މި މައްސަލާގައި ނުރުހުން ފާޅުކޮށްފައި. މިކަން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށް މެމްބަރުން ވިދާޅުވި.

ޕެޓިޝަން ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ހަމަޖައްސަވާފައި އިން މައިކް: ހައުސިން މިނިސްޓްރީގެ އިސްވެރިން ޕެޓިޝަން ކޮމިޓީއަށް ހާޒިރުނުވުމުން މެމްބަރުން ވަނީ ނުރުހުން ފާޅުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހިމެނިވަޑައިގަންނަވާ ގޮތަށް، އެ މިނިސްޓްރީގެ އެހެން އިސްވެރިން ވަޑައިނުގަތުމުން އެ ކޮމިޓީގެ މެމްބަރުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފި އެވެ.

އެ ބައްދަލުވުމަށް މިއަދު ތާވަލް ކޮށްފައި އޮތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓް ކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމެވެ.

ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ހައުސިން މިނިސްޓްރީގެ އިސްވެރިންނަށް މިއަދުގެ ކޮމިޓީ އަށް ހާޒިރުނުވެވޭނެ ކަމަށް ހެނދުނު 11:00 ގައި ވަނީ އަންގަވައިފަ އެވެ. އެއީ މިއަދުގެ ބައްދަލުވުން ފަށަން ތާވަލްކުރި ގަޑި ވެސް މެ އެވެ.

އެހެންވެ، އެހެން ދުވަހަކަށް އެ ބައްދަލުވުން ތާވަލުކުރަން މުގައްރިރު ހުށަހެޅުއްވި އެވެ.

ޕެޓިޝަން ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު އަލީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެއާ އެކު، ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ އެ ކޮމިޓީ އަށް ޖަވާބުދާރީވާން ހައުސިން މިނިސްޓްރީ އަށް އެކަށީގެންވާ ވަރަށް ވަގުތު ދިނުމުން ވެސް ކޮމިޓީ އަށް ހާޒިރުނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ސުންގަޑި ސުންމިނިޓަށް ވީމާ ހާޒިރުވެވެން ނެތް ކަމަށް ބުނުން އެއީ ވަރަށް އިހުތިރާމް ކުޑަކުރުން ކަމަށް އަޅުގަނޑު ދެކެނީ،" އޭނާ ވިދާޅުވި އެވެ.

އެ ކޮމިޓީގެ އެޖެންޑާ މީގެ ދެ ދުވަސްކުރިން ތައްޔާރުކޮށް އަދި ކޮމިޓީ ހިންގާ އުސޫލުގެ ދަށުން ފަސް ދުވަސް ކުރިން، ބައްދަލުވުން އޮންނާނެކަން އަންގާފައި ވަނިކޮށް، ހައުސިން މިނިސްޓްރީން ހާޒިރުނުވެވޭނެ ކަމަށް އެންމެ ފަހު ވަގުތު އެންގުމަކީ ބަލައިގަނެވޭނެ ކަމަށް ނޫން ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރުން ހުސެއިން ޒިޔާދު ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މުގައްރިރުގެ އަރިހުގައި އެދެން ހަގީގަތުގައި ވަޒީރަށް ހާޒިރުވެވަޑައިނުގެންނެވުނު ސަބަބު އަޅުގަނޑުމެންނަށް ރިކޯޑުގައި އަންގަލާދިނުން،" އޭނާ ވިދާޅުވި އެވެ.

ޕެޓިޝަން ކޮމިޓީގައި އެ ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕެޓިޝަން ކޮމިޓީގައި ތިއްބެވި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރުން ވެސް ވަނީ ކޮމިޓީ އަށް ހައުސިން މިނސްޓްރީގެ އިސްވެރިން ވަޑައިނުގަތުމުން ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.

ދިއްދޫ ދާއިރާގެ މެމްބަރުން އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މިއީ ރައްޔިތުންނާ ގުޅޭ ވަރަށް މުހިންމު ހައްސާސީ މައްސަލައެއް ކަމަށް ވާތީ، ހައުސިން މިނިސްޓްރީން އެންމެ ފަހު ވަގުތު، އުޒުރަކާ އެކު ވިޔަސް، ހާޒިރުނުވުމަކީ ގަބޫލުކުރަން ދަތިކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތަށް، އަޅުގަނޑުމެންގެ ވަގުތަށް ދަތި ނުވާ ގޮތަށް ނޫނީ އެ ބޭފުޅުންގެ [މިނިސްޓްރީގެ] މަސައްކަތަށް އަދި ވަގުތަށް ވެސް ދަތި ނުވާ ގޮތަށް ކަންކަން ބައްޓަން ކުރެވި، ރޭވިފައި މި ހުންނަނީ. އެހެންވީމާ ދުރާލައި އަޅުގަނޑުމެން މިނިސްޓްރީ އަށް އަންގާފައި، ސިޓީ ފޮނުވިފައި އޮންނާނީ،" އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީން ވެސް ހަމަ އަމަލުކުރަން ޖެހޭނީ، މިނިސްޓަރު ވެސް އަޅުގަނޑު ގަބޫލުކުރަނީ އަމަލުކުރައްވަން ވާނީ އެ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ރަނގަޅަށް ގެންގޮސް ދޭން. އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ހުންނާނެ."

ޕެޓިޝަން ކޮމިޓީއަކީ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް ކޮމިޓީއަކަށް ވިޔަސް، ރައްޔިތުންނާ ގުޅޭ މި ކަހަލަ މުހިންމު މައްސަލައެއްގައި ހައުސިން މިނިސްޓްރީން "މިހާ ޒިންމާދާރުކަން ކުޑަގޮތަކަށް" ކަންކަން ކުރުން އެ މެމްބަރުން ބަލައިނުގަންނާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ނަގާނެ ކަމަށެވެ.

ޕެޓިޝަން ކޮމިޓީގައި އެ ކޮމެޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކޮމިޓީގެ މުގައްރިރު މުހައްމަދު އަލީ ވިދާޅުވި ގޮތުގައި، ކޮމިޓީ އަށް ހާޒިރުވުމަށް މިނިސްޓްރީގެ އިސްވެރިނަށް ސިޓީއަކުން އަންގާފައި ވަނީ މި މަހު ނުވައެއްގަ އެވެ. އެ ކޮމިޓީ އަށް ހައުސިން މިނިސްޓަރު ޑރ. ހައިދަރު ވަޑައިގަންނަވާނެ ކަމަށް ހައުސިން މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައިވާ ކަމަށް ވެސް މުގައްރިރު ވިދާޅުވި އެވެ.

"ދެންމެ އަޅުގަނޑަށް ލިބިފައި އޮތް މައުލޫމާތަށް ބަލާއިރުގައި މިއަދު ކެބިނެޓް މީޓިންއެއް އެބައޮތް. އެގާރަ ޖަހާއިރަށް ކެބިނެޓް މީޓިން ނިމޭނެ ކަމަށް ލަފާކޮށްފައި ގަޑި ދީފައި އޮތީ. ކަން ދިމާކުރި ގޮތުން ކެބިނެޓް މީޓިން ނިމިފައި ނުވާތީވެ ހައުސިން މިނިސްޓަރަށް ވަޑައިނުގަނެވުނީ. އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރަނީ މިނިސްޓަރަށް ވަޑައިނުގަނެވުނަސް، މިނިސްޓަރުގެ ޓީމުގައި ހިމެނޭ ތިން ބޭފުޅުން މިއަދުގެ ކޮމިޓީ އަށް ހާޒިރުވާން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓްރީން ވެސް ހަމަ އަމަލުކުރަން ޖެހޭނީ، މިނިސްޓަރު ވެސް އަޅުގަނޑު ގަބޫލުކުރަނީ އަމަލުކުރައްވަން ވާނީ އެ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ރަނގަޅަށް ގެންގޮސްދޭން. އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން ހުންނާނެ،"--- ލަތީފް، ދިއްދޫ ދާއިރާގެ މެމްބަރުން

މިއަދުގެ ޕެޓިޝަން ކޮމިޓީ ނިންމާލީ ވަކި ތާރީހެއް ނެތް ގޮތަށް، ނަމަވެސް ވީހާ ވެސް އަވަހަކަށް ހައުސިން މިނިސްޓްރީގެ އިސްވެރިން އެ ކޮމިޓީގެ ބައްދަލުވުމަކަށް ހާޒިރުކުރަން ނިންމުމަށް ފަހުގަ އެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. އޭގެ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަކަށް ފަހު، އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންވެ، މި ސަރުކާރުން ވަނީ އާ ފްލެޓް ކޮމިޓީއެއް ހަދައި، އެ ލިސްޓު މުރާޖައާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

14 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޭހިލޭ

17 July 2024

މަޖިލީހަށް ގޮސް ވަކި ކުރާނެ ކަމެއް އެބައޮތްތަ! އަޅައި ނުނިމޭ ފްލެޓެއް ދިނުމެކޭ، ކަނޑުގައި ރޮނގުއަޅާފައި ގޯތި ދިނުމެކޭ އެއްފަދަ ނޫންހެއްޔެވެ؟ މިހާރުވެސް ބައެއް ފްލެޓް އިމާރާތްތައް އެހުރީ 3 ވަނަ ނޫނީ 4 ވަނަ ޝީޓާ ހަމައިގައެވެ. ބާކީ އަދި 16 ވަރަކަށް ޝީޓް އަޅާފައި ފިނިޝިންގ ނިންމައިގެން ނޫނީ ނުދެވޭނެއެވެ. ސުވާލު ނުކުރިޔަސް މިވަރު ތި މަޖިލީހުގައި ތިބި މީހުންނަށް އެނގެންވާނެއެވެ. ޑްރާމާއަކަށް ނޫނީ ބަޔަކުމީހުން ތި ތަނަށް ގެންދިއުމުގެ ބޭނުމެއް ނެތެވެ.

The name is already taken The name is available. Register?

ކެރެދި ބެއްޔާ

17 July 2024

ތިޔަ މިނިސްޓްރީ ގައި ވެރިންގެ ގޮތުގައި ތިއްބެވީ ބޭރުގައުމުތަކުގެ އިތްޒަތް ތެރިން އެބޭފުޅުން ނަށް މިރާއްޖޭގެ ރައްޔިތުންގެ އިހުސާސް ނޭގެ އިރު ކޮން ތަނަކަށް ހާޒިރު ވާންތޯ ތިޔާ ވިދާަޅުވަނީ..

The name is already taken The name is available. Register?

ފްލެޓްބޭބެ

17 July 2024

މިކަމުންވެސް އެބަ އިނގޭދޯ ފްލެޓް ހިފަހައްޓައިލައިގެން މިއުޅެނީ ރަނގަޅު މަގުސަދެއްގައި ނޫންކަން. ލިސްޓު ބާތިލުކޮށްފަ އަލުން ހުޅުވާލަން އުޅޭކަމުގެ އަޑު އެބަ އިވޭ. މިއީ ވެރިކަމަށް އަންނަންވެގެން ކުރި ހުވަޔާ ޚިލާފުވުން ނޫންތޯ. ހީކުރިގޮތާޚިލާފަށް މިވެރިކަން ވެސް މިވީ ގޯސް.

The name is already taken The name is available. Register?

ކޮމެންޓޭ1

16 July 2024

މަޖިލިހަށް މިނިސްޓަރަކު ޚާޒިރުކުރަންވެސް ވަކިގޮތްތަކެއް އޮވޭ. އެކަށީގެންވާ ދުވަސް ލިބޭ. އެކަމު ކޮމިޓީން ބުނާއިރަށް ދާންޖެހުން މީ ހަމަޖެހޭ އުޞޫލެއް ނޫން

The name is already taken The name is available. Register?

ގޮއްޔެ.

16 July 2024

ހައިދަރާއި ހުރިހާ ވެރިން ބަލިކަމުން ނުދެވުނީ. އެކަން އިޝޫއަކަށް ހަދާނެކަމެއްނެތް. ގެދޮރުގެ ވާހަކަ ދިވެހީން ދެން ދައްކާނީ 2028ގެ ނޮވެމްބަރުގައި. އެދުވަހު ބޯހިޔާވަހިކަމުގެވާހަކަ ނިކަން ބާރަށް ދައްކަން ދިވެހި ރައްޔިތުން މި ތިބީ ތައްޔާރަށް.

The name is already taken The name is available. Register?

ޖަލީލީޯ

16 July 2024

އެވެރިން އެވެރިންގެ ނަގޫ މިހާރު އެ ގޮއްޖެހެނީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 July 2024

މަތީގައިދެންނެވި ބިންތަކުގެއިތުރުން "ދައުލަތުގެ އެހީތެރިކަމާއިނުލާވެސް ބޯހިޔާވަހިކަން ހޯދޭނެމީހުނާއި، އަމިއްލަގޯތި ނުވަތަ ފުލެޓް ހުރި މީހުނާއި، ތަރިކައިގެ ގޮތުގައި ބޮޑެތި ބިމާއި އުސްއިމާރާތްތައް ލިބިފައިވާ ނުވަތަ ލިބޭނެ މީހުންނަށް" ސޯޝަލް ހައުސިންގ ފުލެޓްތައް ދީފައިއެބަހުރި. މިކަންތައްވެސް ކުރަނީ ވަރަށް ބޭއިންސާފުން "ފެނިވަޑައިގެންނެވި" ގޮތަކަށް. ކީއްވެ މިކަމަށް ބޭނުންވާ ޤާނޫނުތައް ނަހަދަނީ!؟ ކީއްވެ މިފަދަ ކަންކަމަކީ ޖިނާޢީ ކުއްތަކަށް ނަހަދަނީ!؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 July 2024

ދައުލަތުގެ ސޮވަރިންގ ގެރަންޓީގައި 4 ވަރަކަށް ބިލިޔަން ޑޮލަރުގެ ލޯނުނަގައިގެން ކަނޑުހިއްކައި ތަރައްޤީކުރި ކ.ހުޅުމާލެ ބިންތައް އިބްރާހިމްގެ ސަރުކާރުން މާލޭގެ ޤަބީލާތަކަށް ބަހާލިއިރު އެބޭޅާގެ ކެބިނެޓް ވަޒީރުންނާއި ސަރުކާރު އޮފިޝަލުން އަދި މަޖިލީހުގައިތިއްބެވި އެބޭޅާއަށްވަފާތެރި މެންބަރުން "އެންމެނަށް ކަހަލަގޮތަކަށް" ބިންލިބިފައިވޭ. އަދި ނަސީބުރަނގަޅުކަމުން "ގުރުލައިގެންވެސް" އެމީހުންގެ އާއިލީމީހުންށް ބިންތައްލިބުނީ ޖެހިޖެހިގެން އެއް އިންވާގޮތަށް.

The name is already taken The name is available. Register?

ފައުޒިއްޔާ

16 July 2024

ތިޔަ ވާހަކަތައް ކޮންމެދުވަހަކު ދިހަ ބާރަ ފަހަރު މިތަނުގައި ބޮޑެތި ލިސްޓް ހަދާފައި ކެނޑިނޭޅި ރިޕީޓް ކުރުމުގެ މާ ބޮޑު ބޭނުމެއް ނުފެނޭ! ކަމާއި ބެހޭ މީހަކު އަޅައެއް ލަނީ ކީ ނޫން. އާ ވާހަކައެއް ޖަހާލާ ނަމަވެސް ރަނގަޅު. ދެން އޮނަރޭ އަމިއްލައަށް ހިތް ހަމަޖެހެންޏާ އޯކޭތާ ދޯ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 July 2024

ދައުލަތުގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ކަޑައެޅިގެން ޙިލާފަށް "ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން" ކ.މާލޭގެ ޤާނޫނީ ރަށްވެހިންގެ ތެރެއިން (ޤާނޫނާއި އެއްގޮތަށް ކ.މާލޭގެ ދަފުތަރުގައި ރެޖިސްޓްރީވެ އެރަށު ރަށްވެހިންނަށް ވެފައިވާ މީހުން) އެތައް ހާސް މާލޭ މީހުންނަށް ބައިވެރިވުމުގެ ފުރުސަތުވެސް ނުދީ ތުބުން ކިރު ނުނެއްޓޭ ވަރު ކުޑަކުދިންގެ ބޯތައްވެސް ގުނައިގެން ބޭނުންވި ބަޔަކަށް ކޮންމެ މީހަކަށް 25މ ރުފިޔާގެ ބިން ދިން މައްސަލަވެސް ބަލާންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

16 July 2024

ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމާއި ބެހޭ ޤާނޫނެއް ވުޖޫދުކޮށް އަދި ދަފުތަރެއް އެކުލަވާލާ، ގޯތިގެދެރާއި ބިމާއި ބެހޭ ޤާނޫނު އިސްލާޙްކުރުމަށްފަހު ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފްރީކޮށް އޭނާހޯދާ 2 ވަނަ ބިމާއި ފުލެޓުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެފުލެޓަކާއި ބިމުން %100 ޓެކްސް ނަގާން ކަޑައަޅާ ސޯޝަލް ހައުސިންގް ސްކީމަށް ދޮގު މައުލޫމާތުދިނުމާއި، އެފަދަކަމަކަށް އެހީތެރިވެދިނުމަކީވެސް ޖިނާޢީ ކުށެއްކަމަށް ސާފުބަހުން ޤާނޫނުގައި ކަޑައަޅާންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454