ފިލްމު ޑައިރެކްޓުކުރުމުގައި މަޝްހޫރު އެމެރިކާގެ ދެބެއިން ކަމަށްވާ އެންތޮނީ ރުސްސޯ އާއި ޖޯ ރުސްސޯ.
19 ޖުލައި 2024 - 07:01
މާވެލް ސްޓޫޑިއޯސްގެ ފިލްމުތައް ކުރިން ވެސް ޑައިރެކްޓުކުރި ރުސްސޯ ބްރަދާސް އަނެއްކާވެސް "އެވެންޖާސް"ގެ ފިލްމުތަކެއް ޑައިރެކްޓުކުރަން ނިންމައިފި އެވެ.
ހޮލީވުޑް ރިޕޯޓާއިން ބުނި ގޮތުގައި، ފިލްމު ޑައިރެކްޓުކުރުމުގައި މަޝްހޫރު އެމެރިކާގެ ދެބެއިން ކަމަށްވާ އެންތޮނީ ރުސްސޯ އާއި ޖޯ ރުސްސޯ "އެވެންޖާސް"ގެ އާ ދެ ފިލްމެއް ޑައިރެކްޓުކުރާނެ އެވެ. އެ ފިލްމުތަކުގެ މަސައްކަތް އެ މީހުން މިހާރު ވަނީ ފަށައިފަ އެވެ.
ރުސްސޯ ބްރަދާސް ވަނީ މާވެލް ސްޓޫޑިއޯސްގެ ހަތަރު ފިލްމެއް ކުރިން ޑައިރެކްޓުކޮށްފަ އެވެ. އެއީ، "ކެޕްޓަން އެމެރިކާ: ދަ ވިންޓާ ސޯލްޖާ" އާއި "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އާއި "އެވެންޖާސް: އިންފިނިޓީ ވޯ" އަދި މިހާތަނަށް ގެނެސްދިން މާވެލްގެ އެންމެ ކާމިޔާބު ފިލްމު "އެވެންޖާސް: އެންޑްގޭމް" އެވެ.
މާވެލްގެ ފިލްމުތަކަށް ފަހު ރުސްސޯ ބްރަދާސް ވަނީ އެހެން ބައެއް މަޝްހޫރު ސްޓޫޑިއޯސްތަކަށް ވެސް ގިނަ ފިލްމުތައް އުފައްދައިފަ އެވެ. އޭގެ ތެރޭގައި، އޮސްކާ އެވޯޑު ހޯދި "އެވްރީތިން އެވްރީވެޔާ އޯލް އެޓް ވަންސް" އާއި ނެޓްފްލިކްސްގެ އެކްޝަން ފިލްމު ސީރީޒް "އެކްސްޓްރެކްޝަން" ހިމެނެ އެވެ. އަދި އެމެޒަންގެ ސީރީޒް "ސިޓަޑެލް" އަކީ ވެސް އެ ދެމީހުންގެ މަސައްކަތެކެވެ.
އެވެންޖާސްގެ ކުރިއަށް އޮތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ފިލްމު ރިލީޒްކުރަން ހަަމަޖައްސާފައި ވަނީ މެއި 1، 2026 ގަ އެވެ. އަދި ދެވަނަ ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ މެއި 7، 2027 ގަ އެވެ. އެ ފިލްމުތަކުގެ ނަންތައް އަދި އިއުލާން ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy