އެއާޕޯޓުގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް ތައްޔާރުވުމަށް ފަޔާ ފައިޓަރުން ތަމްރީނުކުރުމަށް އެމްއޭސީއެލުން ކުރިއަށް ގެންދާ ކޯހުގެ 29 ވަނަ ބެޗުގެ ކިޔެވުން ވަނީ ފަށާފައި.
21 ޖުލައި 2024 - 18:55
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބޭސިކް ފަޔާ ފައިޓާ ކޯހެއް މިއަދު ފަށައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި، ފަޔާ ފައިޓަރުން ތަމްރީނު ކުރުމުގެ 29 ބެޗުގެ ކޯހުގައި އޭވިއޭޝަން ސޭފްޓީ އާއި އިމަޖެންސީ ހާލަތްތަކުގައި ފުރިހަމައަށް އަމަލުކުރާނެ ގޮތްތައް ވެސް ކިޔައިދޭނެ އެވެ.
އެމްއޭސީއެލުން ބުނީ 43 ދުވަހުގެ އެ ކޯހަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ ކޯހެއް ކަމަށެވެ. ކޯހުގައި 12 ފަޔާ ފައިޓަރުންގެ ގްރޫޕެއް ތަމްރީނު ކުރަމުން އަންނައިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މަތިންދާބޯޓުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތް ކިޔައިދޭނެ ކަމަށް އެއާޕޯޓު ހިންގާ އެ ކުންފުނިން ބުންޏެވެ.
އެއާޕޯޓު ފަޔާ ފައިޓަރުންގެ 29 ބެޗުގެ ތަމްރީނު ކުރުމުގެ ރަސްމިއްޔާތު ފެށުން.-
އެމްއޭސީއެލުން ފަޔާ ފައިޓަރުން ތަމްރީނުކުރަމުން އަންނައިރު، މިފަހުން އެ ކުންފުނިން ވަނީ ފަހުގެ ޓެކްނޮލޮޖީތައް ހިމެނޭ ފަޔާ ސްޓޭޝަނެއް ވެސް އެއާޕޯޓުގައި ހުޅުވައިފަ އެވެ. މިއީ އިމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑް ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރުވި ކަމެއްގެ ގޮތުގައި އެ ކުންފުނިން ސިފަ ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy