މަހްމޫދުގެ ގާތިލް: އޭނާގެ މަރުގެ ހުކުމް ވަނީ ދަމަހައްޓާާފައި --- ފޮޓޯ/މިހާރު
25 ޖުލައި 2024 - 18:23
އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި އޭނާގެ ގާތިލު ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކުރި ހުކުމް ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
އޮކްޓޫބަރު 2021 ގައި ދަނގެތީ ފަޅުގެއެއްގެ ތެރޭގައި ތޫނު އެއްޗިއްސާއި ދަގަނޑު ބުރިން ހަމަލާދީގެން މަހްމޫދު މަރާލުމަށް ފަހު ވަޅެއްގެ ތެރެއަށް ވައްޓާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އެ ރަށުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމްގެ މައްޗަށެވެ.
އެ މައްސަލާގައި އޭނާ މެރުމަށް ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ހުކުމްކުރި އެވެ.
އެ ހުކުމް އިސްތިއުނާފްކުރަން ސާލިމްގެ ފަރާތުން ހުށަނޭޅުމުން އެ މައްސަލަ ހައި ކޯޓަށް ދައުލަތުން ހުށަހެޅީ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސާލިމް ދަށު ކޯޓުގައި ވެފައިވާ އިއުތިރާފާއި ދެން ހުރި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި މަހްމޫދުގެ ވާރިސުން ބޭނުންވަނީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ސާލިމްގެ ކިބައިން މަރަށް މަރު ހިފުމަށް ކަމަށްވާތީ، އޭނާ މެރުމަށް ދަށު ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
ސާލިމްގެ މަރު ހުކުމް ހައި ކޯޓުން ދެމެހެއްޓިއިރު، ސާލިމް ތަހުގީގާއި ދަށު ކޯޓުގައި ކުށަށް އިއުތިރާފްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް އޭގެފަހުން ހައި ކޯޓުގައި އޭނާ އަނެއްކާވެސް އެދުނީ އޭނާގެ މަރުގެ ހުކުމް ދެމެހެއްޓުމަށެވެ.
ހައި ކޯޓުން މަރުގެ ހުކުމް ދެމެހެއްޓިޔަސް، އެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ނިމުމުންނެވެ. ރާއްޖޭގައި ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައި ތިބި ހަތަރު މީހަކު މިހާރު އެބަތިއްބެވެ. ނަމަވެސް 1954 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި މަރުގެ ހުކުމެއް ތަންފީޒެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
26 July 2024
1954 ވަނަ އަހަރުގެ ކުރިން ވެސް، ރާއްޖޭގައި، ދުވަހަކުވެސް، މަރުގެ ހުކުމެއް ތަންފީޒެއް ނުކުރެ އެވެ.
އިހްސާސް
26 July 2024
މަރަށް މަރުހިފަން ޝަރީއަތުން ޙުކުމް ކޮށްފަތިބި މީހުންގެ ޙުކުމް ތަންފީޒު ނުކޮށް ތިއްބަ ވެރިކަން ނިމުން ނޫނީ ވަލިއްޔުލްއަމްރު ނިޔާވެއްޖެޔާ މިކަމުގެ ސަބަބުން ފާފައެއް ބޮލުގައި ނޭޅޭނެބާ؟ ބައެއްމީހުން މިކަމަށް އިންކާރުކުރަނީ ޝަރުއީކޯޓުގެ ފަނޑިޔާރުންގެ މައްސަލަތަކާ ފާޑެއްގެ ހިއުމަންރައިޓްސް އެއްގެވާހަކަ ނަގައިގެން.
ދައިގަންނަގުރާ
26 July 2024
މަރަން ޙުކުމްކޮށްފަ ނުމަރާ ބަހައްޓަންޏާ އެއްޗަކަށްވޭ؟ ނުމެރެނީ އެއީ ހުޅަނގުގެ ބާރުތަކާ ހެދި ރާއްޖެ ސޮއިކޮށްފަ ހުރި މުއާޙަދާތަކުގެ ސަބަބުން އަތް ބަނދެވިގެން ތޯ، ނޫނީ މަރާނެ ގޮތެއް ކަނޑަނޭޅިގެންތޯ؟ ޙުކުމެއް ކޮށްފަ ތަންފީޒުނުވާހާ ހިނދަކު އިންސާފުގެ ވަށްބުރު ފުރިހަމަ ނުވޭ، އިނގޭތޯ!
އޮނަރަބްލް އަފީފު ދީދީ
25 July 2024
ދިވެހިމީހާ އޭނާގެ އަމިއްލަ ޤައުމުގައި ވަޒީފާ ހޯދަން ޕޮލިސް ރިޕޯޓާއި މެޑިކަލް ސެޓިފިކޭޓާއި ކައިވެނީގެ ލިޔެކިއުމަށް ދާންދެން ހުށަހަޅާންޖެހޭއިރު މިޤައުމަށް އަންނަ ބަންގާޅު މީހާ އަކީ މިއިން އެއްވެސް އެއްޗެއް އަތުގައި އޮންނަ ޕާސްޕޯޓް ފިޔަވާ އެހެން ލިޔެކިއުމެއް ގެންނާން ޖެހޭ މީހެއްނޫން. # މުފަދަ ބައެއްމީހުން ރާއްޖޭގައި އުޅޭތާ އެތައް އަހަރެއްވާފަހުން އެގިފައި އެބަހުރި އެމީހުންނަކީ ބޮޑެތި ޖަރީމާ ހިންގައިގެން އެޤައުމުތަކުގެ ފުލުހުން ހޯދަމުންދާ މީހުންކަން.