އެސްޓީއޯ ހޮޓެލް: އެ ތަން ސަރުކާރަށް ނަގައި، އެއް ބައި މީޑިއާތަކަށް ދޭން ރައީސް ވަނީ ނިންމަވައިފައި - ފޮޓޯ: މިހާރު
27 ޖުލައި 2024 - 21:17
އެސްޓީއޯ އިން ހުޅުމާލޭގައި ހަދަން ފެށުމަށްފަހު ހުއްޓިފައި އޮތް ހޮޓެލްގެ ބައެއް މީޑިއާތަކަށް ހާއްސަކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
މީޑިއާތަކަށް ހާއްސަ އޮފީސް އިމާރާތެއް ހިމެނޭހެން މީޑިއާ ވިލެޖެއް ގާއިމް ކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީޑިއާ ވިލެޖް ގާއިމް ކުރާނެ ގޮތް ކެބިނެޓުން ނިންމާފައިވާ ކަމަށާއި އެކަން ކުރަން ނިންމާފައިވަނީ އެސްޓީއޯ އިން ހަދަން ފަށައި، ނުނިމި ހުރި ހޮޓެލްގައި ކަމަށެވެ.
"އެ ތަން މިހާރު އެ ވަނީ ސަރުކާރަށް ނަގާފައި. އެ ތަނުގެ ބައެއް ފްލޯތައް ހާއްސަ ކުރެވެނީ މީޑިއާ ވިލެޖް ގާއިމް ކުރަން. ކޮންމެ މީޑިއާއަކަށް ހަމަޖެހޭ އުސޫލަކުން ވަރަށް ކުޑަ އަގެއްގައި އެމީހުންގެ އޮފީސް ހިންގަން އެތަނުން ޖާގަ ދޫކުރާނަން،" ރައީސް ވިދާޅުވި އެވެ.
"ފެންވަރު ރަނގަޅު އެކި ފެންވަރުގެ ސްޓޫޑިއޯތައް އެ ތަނުގައި ހަދާނަން. ޓީވީ ސްޓޭޝަންތަކަށް ބޭނުންވާ ޕްރޮޑަކްޝަން ޖާގަ އާއި ވަސީލަތްތައް ފޯރުކޮށްދޭނަން. މީޑިއާތަކަށް ދުވަހަކު ވެސް ނުލިބޭހާ ރަނުގެ ފުރުސަތުތައް އެ ތަނުން ހަމަޖައްސައިދޭނަން."
ރައީސް ވިދާޅުވި ގޮތުގައި މީޑިއާ ވިލެޖްގެ މަސައްކަތް ކުރިއަށް އޮތް އެއް އަހަރު ތެރޭ ނިންމައިލެވޭނެ އެވެ.
އެސްޓީއޯ އިން ހުޅުމާލޭގައި އަޅަން ފެށި ބޮޑު ހޮޓެލްގެ މަޝްރޫއުއަކީ އެ ކުންފުނިން ވަރަށް އުއްމީދާ އެކު ފެށި މަޝްރޫއުއެއް ނަމަވެސް، ފައިސާގެ އެކި މައްސަލަތައް ކުރިމަތިވެ، އެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. ހުޅުމާލޭގެ އެ ބޮޑު ބިން އޮތީ ބޭނުމެއް ނުކުރެވި އެވެ.
މީޑިއާ ވިލެޖު ގާއިމްކޮށް ދެއްވާނެ ކަމަށް ރައީސް ވައުދުވެ ވަޑައިގަތީ، އިންތިހާބުވުމަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ގުންޒަރުގަ އެވެ.
މީޑިއާ ވިލެޖެއް ތަރައްގީކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފައިގެން އޮފީސް ހިންގަން ޖެހުމުން މީޑިއާތަކަށް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމުގެ ކަންބޮޑުވުން މީޑިއާތަކުން ފާޅުކޮށްފައި ވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖްފާންް
28 July 2024
މީޑިއާ އިންފްރާސްޓްރަކްޗަރަށް ސަރުކާރުން އިންވެސްޓް ކުރުމަކީ ރާއްޖޭގެ ރައްޔިތުންނަށް ހަބަރު ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގެ ކުރިއެރުން ލިބޭނެ ބޮޑޫ ކަމެއް.
ނިއުޝާދްް
28 July 2024
ހޮޓަލުގައި މީޑިއާއަށް ޖާގަ ރިޒާވް ކުރުމަކީ ސްމާޓް ފިޔަވަޅެއް އަދި އެކަމުގެ ސަބަބުން ނޫސްވެރިންނަށް ވަރަށް ބޭނުންވާ ވަސީލަތްތައް ލިބިގެންދާނެ
ފުންއަސަރު
28 July 2024
މީޑިއާތަކަށްވެސް ތަންތަން ޚާއްސަކުރަންވީ. އެމީހުންގެ ކަންކަން ރނގަޅުކުރުމަށް ވެވެންއޮތް އެހީއެއްވެސް ވާންވީ. އަދި ދައުލަތުގެ އޮފީސް އިމާރާތްތައް ދައުލަތުގެ އިމާރާތްތަކުގާ ގެންގުޅެވޭވަރަށް ތަންތަން އިމާރާތްކުރަންވީ. މިހާރުވެސް އަމިއްލަ މީހުންގެ ގޯތިތަކުގާ ސަރުކާރުން ކުއްޔަށް ނަގާފާވާ އެތައް އެތައް ތަންތަން އެބަހުރި. ފައިސާ ސަރުކާރު ތެރޭގާ އެނބުރުވޭނީ އެއިރެއްގެ ސަރުކާރަކުން ވަރަށް ހިތްމަތާއެކު ބުރަ މަސައްކަތްތަކެއް ކޮށްގެން. މަމެންތައްޔާރު.
ނިލިސް
28 July 2024
އީޤތިޞާދީ ޙަރަކާތްތައް އިތުރުކުރުމަށްޓަކައި ޕްރައިވެޓް ބަޔަކަށް ބިޑް އުޞޫލުން ދިނުމަށް ފެނޭ.
އެޑްވައިޒަރ
28 July 2024
ޑިމޮކުރަސީއެއްގެ ހަތަރު ވަނަ ބާރަކީ، މީޑިއާ! އަނެއްކާ ރާއްޖޭގެ ގިނަ ނޫސްވެރިންނަކީ އިންސާފަށް ލޯބިކުރާ، އެމީހުންގެ ގަލަންތަކުން، މިއަދު އިނގިލިތަކާއި ވީޑިއޯ އޯޑިއޯ އާލާތްތަކުން ގައުމުގެ ކަންކަން ފާލުން ނައްޓައިގެން ދާ ވަގުތުތަކުގައި އަދި ދުވަސްވަރު ހަމައަށް އަޅުވާ، އަދި އަޅުވާފައި ވެސް ތިބި ބައެއް! ވީމާ، ތިޔަ ޢިމާރާތުން ޖާގަ ދިނުމަކީ، އެއްގޮތަށް ވުރެ ގިނަ ގޮތްގޮތު ތީ ހަމަ "ބްރައިބެއް"! ވީމާ، ހިތްވަރުގަދަ، ކެރޭ، މުރާލި، މި ނޫނަސް މިކަހަލަ ހުރިހާ ސިނަނީމެއް ހިމެނޭގޮތުން، ޓު ސަމް އަޕް، ހިފަހައްޓަމުން އައި ގޮތް ދޫކޮށް ނުލުމަށް އިލްތިމާސް ކޮށް ދަންނަވަމެވެ!
ހޭޅި
28 July 2024
ތި އިމާރާތް ބޭނުން ކުރަންވީ ޖުޑީޝަލް އިމާރާތެއްގެ ގޮތުގައެވެ. ކޯޓުތަކުން އެއުޅެނީ ތަނެއް ނެތިގެން ޝަރީއަތްތައް ނުބޭއްވިގެން. ތިތަނުގަ އެކަށީގެންވާ ކޯޓް ރޫމްތަކާއި ތަންތަން ހެދޭނެއެވެ. ސްޕްރީމް ކޯޓް ފިޔަވާ ހުރިހާ ކޯޓެއް ތިތަނަށް ބަދަލު ކުރަން ފެނެއެވެ. ތި އިމާރާތް ހުރި ތަނަކީވެސް އެކަހަލަ ތަނަކަށް ބޭނުން ކުރަން ރަގަޅު ހިސާބެކެވެ.
އަލީބެ
28 July 2024
ޓުރައަރިޒަމުން ޕްރައިވެޓް ސެކްޓަރ ފައިދާ ނަގަމުންދާއިރު ތިހާ ޕްރައިމް ލޮކޭޝަނެއްގައި ހޮޓަލެއް ނުހިންގޭނޭ ބުނުމަކީ ލަދުވެތިކަމެއް. އަދި ސަރުކާރު އަޅުވެތިވެފައިއޮތީތޯ. މާލޭ ސަރަހައްދުގައި ބޮޑު ސިޓީހޮޓަލެއް ހިންގާނަމަ މާލޭ އާއިލާތަކާއެކު އުޅޭ ކިތައްމީހުނަށް ވަޒީފާ ލިބޭނެބާ. އަދި މިއާގުޅިގެން އިތުރު ކިތައް ވިޔަފާރި ފުޅާވެގެންދާނެ ބާ. ހޮޓަލެއް ހަދަން ދެފައިދޭތެރޭންވެސް ބިންކޮޅެއް ހޯދާތާކު މިފަދަ ބީޗް ފްރޮންޓް އިމާރާތެއް ހުއްޓެންވީ ސަބަބު. ހޭލާށޭ.
މާދަން މާޝިލް
28 July 2024
ތިތާނގައި ޖާގަ އޮތް ވަރަކުން ދައުލަތުގެ އޮފީސްތައް ބަދަލުކުރަންޖެހޭ، އޭސީސީ ފަދަ މުއައްސަސާތައް އަމިއްލަ މީހުންގެ ގޭގެ ކުއްޔަށް ހިފައިގެން އުޅުމަކީ ބަލައިގަނެވޭކަމެއް ނޫން
ފޫހި
28 July 2024
ދެވަނަ ނޯތު ކޮރެއާއަށްވާން މިސްރާބު ޖަހަނީ. ކޮބާތަ އެހެން މަސައްކަތްކުރާ މީހުންނަށް ދައުލަތުން ދޭ އެއްޗެއް. މީޑިއާތައް ހަދައިގެން ހިންގަނީ އެމީހުން އަމިއްލަ ވިޔަފާރިއެއްގެ ގޮތުގައި. ތިޔަކަމާ ސަރުކާރާ ބެހޭނެކަމެއްނެތް. ކިހާދެރަކަމެއް. ދައުލަތް ދަރާފަ އޮވެ ތިޔަ ޖަހަނީ ކޮންކަހަލަ ސަކަރާތެއް. މީޑިއާގެ ދޫ ތަޅުލެވޭނެކަމަށް ހީކުރީތަ. މިއަދި ތިޔަހެން ތިޔަކަމެއްނުވާނެ. ސޯޝަލް މީޑިއާ އެބައޮތް ބޭނުން އެއްޗެސް ކިޔޭނެ. މޮޔަ ސިކުޑިތަކެއް
ކޮރަލް
28 July 2024
ސަރުކާރުން އަމިއްލަ މީސް މީހުންގެ އިމާރާތް ތައް ބޮޑު އަގުގަ ކުއްޔަށް ވަނީ ނަގާފަ އެވެ. އަހަރަކު އެތައް ސަތޭކަ މިލިއަން އެބަ ހަރަދު ކުރެ އެވެ. މިއީ ސީރިއަސް ކޮށް ބަލަން ޖެހޭ މައްސަލަ އެކެވެ.