ރައީސް މުއިއްޒު: އިއްޔެ ވަނީ މީޑިއާ ރެގިއުލޭޓް ގާނޫނު ތަސްދީގު ކުރައްވައި މީޑިއާ ކޮމިޝަން އުފައްދަވާފައި.
19 ސެޕްޓެމްބަރ 2025 - 01:00
މީޑިއާ ރެގިއުލޭޓް ކުރުމަށް އިއްޔެ ތަސްދީގު ކުރެއްވި ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ހާއްސަ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓް ކުރާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދީ އިއްޔެ އެވެ.
ރައްޔިތުންގެ މަޖިލިހުން މިދިޔަ އަންގާރަ ދުވަހު ފާސްކޮށް، އިއްޔެ ތަސްދީގުކުރި މީޑިއާ ރެގިއުލޭޓް ކުރާ ގާނޫނަށް އަމަލު ކުރަން ފެށުމާ އެކު، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފަ އެވެ. އެ ދެ އިދާރާގެ މަސައްކަތް ދެން ކުރަން ޖެހެނީ މީޑިއާ ރެގިއުލޭޓް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ.
މީޑިއާ ރެގިއުލޭޓް ގާނޫނުގައިވާ ގޮތުން، އާ ކޮމިޝަނަށް ދާއިމީ ބޭފުޅުން ކަނޑައެޅެންދެން ވަގުތީ ގޮތުން އެ ތަން ހިންގަވާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް ބޭފުޅެކެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ ތިން ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން އެ ތިން ބޭފުޅުން ކަނޑައަޅަން މީޑިއާ ރެގިއުލޭޓް ގާނޫނު ލާޒިމްކުރެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ވަގުތީ ކޮމިޝަނަށް ކަނޑައަޅަން ޖެހެނީ ސިވިލް ސާވިސް ހިމެނޭ އިދާރާތަކުގެ ތެރެއިން ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ފަސް ބޭފުޅުން ކަމަށް ގާނޫނުގައި ބުނެ އެވެ. ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅަން ޖެހެނީ އެ ފަސް މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ކޮމިޝަންގެ ދާއިމީ ހަތް މެމްބަރުންގެ ތެރެއިން ތިން މެމްބަރުން އައްޔަން ކުރަން ޖެހެނީ ގާނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލިހުންނެވެ. ބާކީ ހަތަރު މެމްބަރުން އިންތިހާބު ކުރަނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ކޮމިޝަންގެ ހުރިހާ މެމްބަރުން ވެސް ވަކި ކުރުމުގެ ބާރު ގާނޫނުން ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ރެގިއުލޭޓް ބިލްގައި ފުރަތަމަ އޮތީ ވަކިވަކި ނޫސްވެރިން ވެސް ޖޫރިމަނާ ކުރެވޭ ގޮތަށެވެ. އެކަމަކު، ފަހުން ވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކާ އެކު، ވަކިވަކި ނޫސްވެރިންގެ ޖޫރިމަނާ ބައި އުވާލައިފަ އެވެ. އެކަމަކު، ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސްތަކާއި މަޖައްލާތަކުން ހިލާފު ވެއްޖެ ނަމަ 5،000ރ އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
މައްސަލަތައް ބަލާ ދުވަސްވަރު އެ މީޑިއާއެއްގެ ރަޖިސްޓަރީ ހިފެހެއްޓޭ ގޮތަށް އޮތް މާއްދާ ވެސް ވަނީ ފަހުން އުވާލައިފަ އެވެ. އަދި ކުރީގެ މައްސަަލަތައް ބެލޭ ގޮތަށް އޮތް މާއްދާ ވެސް ފަހުން އުވައިލި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ އިސްލާހުތަކާ އެކު ބިލް ފާސްކުރި ނަމަވެސް ނޫސްވެރިން ކަންބޮޑުވާ ކަންތައްތައް ހުރުމުން އެ ބިލް ތަސްދީގު ނުކުރައްވަން އޭރު އޮތް މޯލްޑިވްސް މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ އިން ވެސް ގޮވައިލި އެވެ.
ނޫސްވެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނޫސްވެރިން ވަރަށް ބޮޑަށް ސަރުކާރުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމެވެ. އެއާ އެކު، ކޮމިޝަނަށް ރައްޔިތުންގެ މަޖިލިހުން ތިން ބޭފުޅަކު އައްޔަން ކުރާ ގޮތަށް އޮތުމާއި ކޮމިޝަންގެ ހުރިހާ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަކިކުރެވޭ ގޮތަށް އޮތުމަކީ ބޮޑު މައްސަލައެއް ކަމަށް ނޫސްވެރިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކައްދަގެ އާދަނު
21 September 2025
މިލިޔުމުގައި ކުށް އެބަހުރި. 1. ރައީސް ކޮމިޝަން އުފެއްދި ވާހަކަ ލިޔުމުގައި ބުނެފައި ވިޔަސް ތިޔަ ކޮމިޝަނަށް އައްޔަން ކުރި މީހަކު ނުފެނޭ. 2، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާ ރެގިއުލޭޓް ކުރާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެއްދީ އިއްޔެ އެވެ." މި ބިލު އޮތް ގޮތުން ސަރުކާރުން މީޑިއާ ރެގިއުލޭޓެއް ނުކުރާނެ! އަވަހަށް ރަގަޅުކޮށްލާ. ނޫސްވެރިން ކަންބޮޑުވާން ޖެހޭ ކަމެއް ބިލުގައި ނެތް
1181
19 September 2025
ހުރިހާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ވެސް ރައްޔިތުންގެމަޖިލީހުގެ ވޯޓަކުން ވަކިކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައިވާއިރު ނޫސްތަކުން ތިޔަ މިނިވަން ކޮމިޝަނަށް އިންތިހާބުކުރާ މެންބަރަކު ވަކިކުރުމުގެ ބާރު ނޯންނަންވީ ކީއްވެތޯ؟ ކޮމިޝަނަށް އިންތިހާބު ކުރަނީ މިނިވަންކަމާ ނަޒާހަތްތެރިކަމާއެކު މަސައްކަތްކުރުމަށް. ހަމަ ހުރެފަކާއެއް ކޮމިޝަން މެންބަރަކު ޖަވާބުދާރީނުވެ ވަކިކުރާކަށް ރައްޔިތުންގެ މަޖިލީހަކަށް ހުށަައެއްނާޅާނެ.
ޢަޅި
19 September 2025
އެހެން އެންމެން ރިގުލޭޓް ކުރަން ޖެހޭ އެކަމަކު މީޑިއާ ވީމަ ސެލްފް ރެގިއުލޭޓް ކުރަން ވީ. މިނޫސް ވެރިންމީ މާ ވވ ބައެއް.
ލާމިރު
19 September 2025
ހުރިހާ ސަރުކާރަކުން މީޑިއާ ބިލް ގެންނަން އުޅުނު، ބިލު މުހިއްމު ވަނީ އެހެންވެ
ދީނާ ސިޔާރު
19 September 2025
މިއީ މުޅި ދިވެހި މުޖުތަމަޢަށް، ޚާއްސަކޮށް މީޑިއާގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމުގައި ދެކެމެވެ.މި ބިލު ތަޞްދީޤުކުރެއްވުމަކީ، ރާއްޖޭގެ މީޑިއާގެ މިނިވަންކަމާއި މަސްއޫލިއްޔަތު ދިފާއުކޮށް، މީޑިއާގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ
ރޫޔާ ރިޔާޒް
19 September 2025
ތަފާތު ސިޔާސީ އަދި ޒާތީ ބޭނުންތަކަށް، އެކެއް އަނެކެއްގެ އަބުރު، ދޮގު ޚަބަރުތަކުން، ކަތިލައިލާ، އަނެކާގެ އަގާއި ނަފްސުގެ ހުރުމަތް، ވެއްޔާ މޮޑެލުމަށް ކުރީން އޮތް، ޖާގަތައް، މިޤާނޫނާއިއެކު އެއްކޮށް ބަންދުވެގެން ދާނެ. މިއީ ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭ ދީނީ އަދި އިންސާނީ ހައްގެއް.
ފަރީދާ ގާދިރު
19 September 2025
ތަސްދީޤު ކުރެވިގެން މިދިޔަ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާއިއެކު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 28 ވަނަ މާއްދާއަށް ދޭންޖެހޭ، ހަޤީޤީ ބާރުވެރިކަމާއި މިނިވަންކަން، ލިބިދެވި، ކުރީން، ރައްކާތެރިކަމާއި ބާރުވެރިކަން ނުދެވި އޮތް، 33 ވަނަ މާއްދާއަށް، ފުރިހަމަ ބާރުވެރިކަން ލިބިދެވުނީ
ރައްޔާން
19 September 2025
މީޑިއާ ބިލަކީ ތެދުވެރިކަމާއި ޖަވާބުދާރީ ކުރުވުމާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރާ ބިލެއް. މިނިވަން ނޫސްވެރިކަމަކީ ފިތުނަފަސާދަ އުފައްދަން ލިބޭ ފާހެއްނޫން.
ސަރުމީލު
19 September 2025
އެމްޑީޕީ އިދިކޮޅުގައި އޮންނައިރު އަބަދުވެސް ކާފަރު ގައުމުތަކުން އެމްޑީޕީ އަށް މަދަދުވެރިކަން ވާތަން މާޒީގަވެސް މިއަދުވެސް ފެންނަމުން މިދަނީ. ހަމަ ހުރެފަ ދިމާވާކަމެއް ނޫން މީ. ދިވެހި ރާއްޖޭގަ އެބައިމީހުންނަށް އެޖެންޑާތައް ކުރިއަށް ގެންދަން ޖާގަދޭނެ ޕާޓީ އަކަށް އެބައިމީހުން އެހީވާނެ، އެބައިމީހުންގެ ވެސް އިން ރިޓާން ކޮންމެވެސް އެއްޗެއް ލިބޭގޮތައް. މިހާރު ދިވެހިންނަށް ތިކަންކަން ރަނގަޅަށް އިނގޭ. މީ ރޮކެޓް ސައިންސެއް ނޫން
މަރިޔަމް އަނީސާ
19 September 2025
އެހެން ކަންކަމެކޭ އެއްފަދައިން ނޫސްވެރިކަން ވެސް ރެގިއުލޭޓް ކުރަން އަހަރެން ހަމަ ތާއީދު