ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މަސައްކަތްކުރުމަށް ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވެ މީޑިއާ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުޝަތު މިއަދު އިސްތިއުފާދެއްވައިފި އެވެ.
ފަރުޝަތު މަގާމު އިސްތިއުފާދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވެވި ސިޓީގެ ކޮޕީއެއް "މިހާރު"އަށް ވަނީ ލިބިފަ އެވެ.
އެ ސިޓީގައި ފަރުޝަތު ވިދާޅުވީ މީޑިއާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާ އެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކާއި އިންސާފުވެރިކަމާ އެކު ކަންކަން ރާވާއި ހިންގުމަށް ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން މިއަދުން ފެށިގެން އެ ކޮމިޝަނުގެ ރައީސް ކަމާއި މެމްބަރު ކަމުގެ މަގާމުން އިސްތިއުފާދޭން ނިންމާފައިވާ ކަމަށެވެ.
ރާއްޖެ ފުރިހަމަ ޑިމޮކްރަސީގެ ނިޒާމަކަށް ފުރޮޅެމުންދާ ދަނޑިވަޅެއްގައި މީޑިއާތަކަކީ އިލްމީ ގޮތުންނާއި ފައިސާގެ ތަނަވަސްކަމުގެ ގޮތުންނާއި "މެޗުއަރިޓީ"ގެ ގޮތުން މިނިވަން މާހައުލެއްގައި އާންމުންގެ ހައްގުތައް ކަށަވަރުކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަކީ އޭނާގެ އުއްމީދެއް ކަމަށް ފަރުޝަތުގެ ސިޓީގައި ވިދާޅުވި އެވެ.
ފަރުޝަތު ވިދާޅުވި ގޮތުގައި ގާނޫނުން ކޮމިޝަނާއި މެމްބަރުންގެ މައްޗަށް މަގު ދައްކާފައި ވަނީ ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަހްލާގީ ގަވާއިދު ދަމަހައްޓައި، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ވާޖިބުތައް އަދާކުރުމަށެވެ. މީޑިއާ ކޮމިޝަނުގެ އިތުބާރާއި ގާނޫނުގެ ރޫހާއި މަގުސަދު ދެމެހެއްޓުމުގެ ބިންގަލަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަރުޝަތު އިސްތިއުފާ ދެއްވީ ސަރުކާރުން މީޑިއާތަކަށް ކޮންމެ އަހަރު ދޭ މާލީ އެހީގެ އުސޫލަށް ބަދަލު ގެނެސް، މީޑިއާތަކުގެ ހިޔާލު ހޯދުމަށް ހުޅުވާލާފައި ވަނިކޮށެވެ. އެ އުސޫލަށް މިފަހަރު ގެނައި އެންމެ ބޮޑު ބަދަލަކީ ރަޖިސްޓްރީކޮށްގެން މީޑިއާއެއް ހިންގާތާ އެއް އަހަރު ވެފައިވާ ނަމަ، މާލީ އެހީ ލިބޭ ގޮތަށް ހެދުމެވެ. އެ އުސޫލުގައި ކުރިން އޮތް ގޮތުން މާލީ އެހީ ލިބޭނީ ރަޖިސްޓްރީކޮށްގެން މީޑިއާއެއް ހިންގާތާ މަދުވެގެން ތިން އަހަރު ވުމުންނެވެ.
މީޑިއާ ކޮމިޝަންގެ ރައީސަކަށް ފަރުޝަތު އައްޔަންކުރީ މިދިޔަ އަހަރު އޮކްޓޯބަރު 27 ގަ އެވެ.
އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ސަރުކާރުގެ އެކި ވަޒީފާތައް ކުރިން އަދާކުރައްވައިފަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުން ހޮވި ހަތަރު މެމްބަރުންނެވެ. ނަމަވެސް އެ ކޮމިޝަން އުފެއްދިއިރު މީޑިއާތަކުން ހޮވާ މެމްބަރު ކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލަ އެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ. އެ ކޮމިޝަނުގެ ނައިބު ރައީސަކީ ޒަމްއަތެވެ.
އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކޮށްފައިވާ ތިން ބޭފުޅުންނަކީ ފަރުޝަތުގެ އިތުރުން ސޮފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތެވެ.