"މިހާރު" ނޫހުގެ 10 ވަނަ އަހަރީ ދުވަސް ރޭ ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
މީރުމާ ހޯލުގައި ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ކުރީގެ "ހަވީރު" ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ. އެ ހަފުލާގައި "މިހާރު"ގެ އެގްޒެކެޓިވް ޑައިރެކްޓަރު ވާއިލް ޒާހިރު ހުސައިން ވެސް ބައިވެރިވެވަޑައިގަތެވެ.
އެ ހަފުލާގައި ވަނީ "މިހާރު" ގައި 10 އަހަރު މަސައްކަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑު ދީފަ އެވެ. އަދި މުވައްޒަފުންގެ މެދުގައި ހަތަރު އުމްރާ ދަތުރުގެ ގުރު ނަގާފައިވާއިރު އެ ދަތުރުތައް ލިބުނީ މިހާރުގެ ދެ އެޑިޓަރުން ކަމަށްވާ އިސްމާއިލް ނަސީރާއި އަހުމަދު ހަމްދޫން އަދި ނޫސްވެރިޔާ އާސިމާ ނިޒާރުގެ އިތުރުން އެހެން މުވައްޒަފެއް ކަމަށްވާ މުހައްމަދު ނިޔާޒު އަށެވެ.
އޭގެ އިތުރުން ވެސް ގުރުއަތުން ހޮވުނު މުވައްޒަފުންނަށް ވަނީ ބައެއް ސްޕޮންސަރުންގެ އެހީތެރިކަމާ އެކު އިނާމުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ކޮލަމްބޯ ދަތުރުތަކާއި ރިސޯޓު ދަތުރުތައް ވެސް ހިމެނެ އެވެ.
ބޮޑުބެރާއި މުނިފޫހިލުވުމުގެ އެހެން އައިޓަމްތަކާ އެކު ބޭއްވި ހަފުލާގައި "މިހާރު" ގެ 10 އަހަރުގެ ދަތުރު ކުރުކޮށް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ދެއްކި އެވެ.
މެއި 24، 2016 ގައި "މިހާރު" އުފަންވީ އެންމެ ޒަމާންވީ އެއް ނޫސް ކަމަށްވާ "ހަވީރު" މާޗް 31، 2016 ގައި ބަންދުކުރަން މަޖުބޫރުވުމުންނެވެ.
ރާއްޖޭގައި ޗާޕްކޮށްގެން ނެރޭ ހަމައެކަނި ދުވަހު ނޫހުގެ ޝަރަފު އޮތީ "މިހާރު" އަށެވެ.
ބޮޑެތި ގޮންޖެހުންތަކުގެ ތެރެއިން މީގެ 10 އަހަރު ކުރިން އުފެއްދި "މިހާރު" ގެ މެނޭޖުމަންޓުގެ ދަށުން ލައިފްސްޓައިލް ޚަބަރުތައް ގެނެސްދޭ "ދޯ" އާއި އިނގިރޭސި ޚަބަރުތަކަށް ހާއްސަ "ދަ އެޑިޝަން" ވެސް އަންނަނީ ހިންގަމުންނެވެ.
ރާއްޖޭގައި އަދިވެސް އެންމެ ގިނަ ބަޔަކު ވަންނަ ނިއުސް ވެބްސައިޓުތަކުގެ ތެރޭގައި "މިހާރު" ހިމެނެ އެވެ.