އެ މީހަކަށް ނޭނގި ނުވަތަ ހުއްދަ ނެތި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތައް ބްރޯޑްކާސްޓުކުރުމުގައި ގާނޫނާއި ނޫސްވެރިން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ނުވާން މޯލްޑިވްސް މީޑިއާ އެންޑު ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު އެދިއްޖެ އެވެ. 

ރާއްޖެ ޓީވީން މިދިޔަ ބުރާސްފަތި ދުވަހު ދެއްކި "ފަށާއިރު" ޕްރޮގްރާމްގައި ސްޓެލްކޯގެ އެޗްއާރު ޑިޕާޓްމަންޓަށް އޮންއެއާގައި ގުޅައި އެ ތަނުގެ މުވައްޒަފަކާ ވާހަކަދެއްކި މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރާއި އަނެކުންނާ ކުރާ ޒާތީ މުއާމަލާތަކީ ހުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. 

އޭގެ އިތުރުން، ވަކިވަކި ފަރުދުންގެ ކަރާމަތާއި އަބުރު އަދި ނަފްސުގެ ހުރުމަތް ރައްކާތެރިކުރުން ލާޒިމުކޮށްފައިވާއިރު އިންސާނީ ހައްގުތަކަށް ފުރިހަމައަށް އިހުތިރާމުކުރުމަކީ ވެސް އެމްއެމްބީސީގެ ގާނޫނުގައި ބާރުއަޅާފައިވާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. 

އެކަންކަމަށް ބަލައި ފޯނު ކޯލަކަށް ޖަވާބުދޭ ކޮންމެ މީހަކީ، އެ މުއާމަލާތެއް އާއްމުންނަށް ބްރޯޑްކާސްޓްކުރަން އިއުތިރާޒެއް ނެތް މީހެއްކަން ކަށަވަރުކުރުމަށާއި ފޯނު ކޯލެއް ވަގުތުން ދައްކަން ގަސްދުކުރާނަމަ އެކަން އެ މީހަކަށް ސާފުކޮށް އަންގަންޖެހޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ. 

ނަމަވެސް، ރާއްޖެ ޓީވީގެ އެ މުވައްޒަފު ސްޓެލްކޯއަށް ގުޅި ފުރަތަމަ ފަހަރު އެ ފަދަ އެއްވެސް ކަމެއް ނާންގަ އެވެ. ޕީއެންސީގެ ފޯމާ ގުޅޭ މައުލޫމާތު ސާފުކުރުމަށްފަހު ފޯނު ބާއްވަނީ އެވެ. އެކަމަކު، އެ ނަމްބަރަށް ދެ ވަނަ ފަހަރަށް ގުޅައި އެއީ ރާއްޖެ ޓީވީން ކަމަށް ބުނެ އެވެ. ވަކި ހިސާބަކުން ފޯނު ކެނޑެ އެވެ. 

އެ މައްސަލައާ ގުޅިގެން، ސްޓެލްކޯއިން ވަނީ އެޗްއާރު ޑިޕާޓްމަންޓުގެ އެ މުވައްޒަފު ސަސްޕެންޑުކޮށް، މައްސަލަ ބަލަން ފަށައިފަ އެވެ. 

މީޑިއާ ކޮމިޝަނުން ބުނީ އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި ހޯދި މަގުސަދަށް އެކަނި ބޭނުންކުރުމާއި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން އަދި ޒާތީ މައުލޫމާތާއި މަސްދަރުތައް ރައްކާތެރިކޮށް ސިއްރު ދެމެހެއްޓުމަކީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކަމަށެވެ. 

"ރުހުން ހޯދުމާއި އަމިއްލަ ދިރިއުޅުމުގެ ސިއްރު ހިފެހެއްޓުމާއި ކަރާމާތް ރައްކާތެރިކުރުމާއި އަދި އިންސާފުވެރިކަމާއެކު މުއާމަލާތްކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންވާނެ އެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ މީހަކަށް ނޭނގި ނުވަތަ ހުއްދައަކާ ނުލައި ހޯދާފައިވާ ރެކޯޑިންތަކާއި މައުލޫމާތުތަކާ މެދު ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ. އަދި އެ ތަކެތި ބޭނުންކުރަންވާނީ ގާނޫނުތަކާއި ގަވާއިދުތަކާއި ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތް ކުރާ މީހުންނާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ އެއްގޮތަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.