ދުނިޔެ / ފެންބޮޑުވުން

ގަދަ ވިއްސާރާގައި ކެރެލާއިން 93 މަރު

އިންޑިއާގެ ކެރެލާގެ ވަޔަނަދު ޑިސްޓްރިކްޓުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހަކު ނަގައިގެން ގެންދަނީ. -- ފޮޓޯ: އޭއެފްޕީ

30 ޖުލައި 2024 - 16:37

އިންޑިއާގެ ކެރެލާއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވަޔަނަދު ޑިސްޓްރިކްޓުގައި ބިންގަނޑު ކަނޑައިގެންގޮސް މަދުވެގެން 93 މީހަކު މިއަދު މަރުވެއްޖެ އެވެ.

ސައިފަތް ހައްދާ މި ސަރަހައްދުގައި ހިނގި މި ހާދިސާއަށް ފަހު، ކިސަޑާއި ކުނިބުނީގެ ތެރޭގައި ތާށިވެފައި ވަނިކޮށް 250 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އިންޑިއާގެ ދެކުނުގެ އައްސޭރި ފަށުގެ ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާގައި އެކި ތަންތަނުގައި ފެން ބޮޑުވެފައި ވާއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ހިނގި ޑިސްޓްރިކްޓަށް ދާން އޮންނަ ގިނަ މަގުތައް ވެސް ވަނީ ފެނުގެ ސަބަބުން ބަންދުވެފަ އެވެ. އެހެންވެ އެހީގެ މަސައްކަތަށް ވެސް ހުރަސް އެޅިފައިވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

ކެރެލާގެ ސްޓޭޓް މިނިސްޓަރު ޕިނަރަޔީ ވިޖަޔަން ވިދާޅުވި ގޮތުގައި 93 މީހަކު މަރުވި އިރު މި ހާދިސާގައި ޒަހަމްވި 128 މީހަކަށް ހޮސްޕިޓަލްތަކުގައި ގެންދަނީ ފަރުވާ ދެމުންނެވެ.

"މިހާތަނަށް ވަނީ 93 މީހެއްގެ ހަށިގަނޑު ފެނިފައި ... 128 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން. މިއީ މި ސިޓީއަށް ކުރިމަތިވި އެންމެ ބޮޑު އެއް ގުދުރަތީ ކާރިސާ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ކެރެލާގެ ވަޔަނަދު ޑިސްޓްރިކްޓުގައި ފެން ބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ

ހާދިސާ ހިނގި، ބިންގަނޑު އުސްކޮށް އޮންނަ ވަޔަނަދު މަޝްހޫރުވެފައިވަނީ ސައިފަތާއި އެ ނޫނަސް އެކި ބާވަތުގެ ދަނޑުވެރިކަންކުރާ ގިނަ ބަޔަކު އުޅޭ އަދި ރީތި ތަނެއްގެ ގޮތުގަ އެވެ.

އެ ޑިސްޓްރިކްޓުގެ އޮފިޝަލަކު އޭއެފްޕީ އަށް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި ވަރަށް ގިނަ ދަނޑުތަކަށް ގެއްލުންވަމުންދާ ކަމަށެވެ.

އިންޑިއާގެ ޑިޒާސްޓާ ރެސްޕޯންސް ފޯސް އިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ބިންގަނޑު ކަނޑައިގެން ގޮސް ވަޅުލެވިފައިވާ މީހުން ހޯދުމުގައި އެހީގެ ޓީމުތައް ވެސް މަސައްކަތްކުރަން ޖެހިފައިވަނީ ނުރައްކާ ހާލަތެއްގަ އެވެ. ގެތަކާއި ވެހިކަލްތައް ވެސް ކިސަޑުން ފުރި ބޭނުން ނުކުރެވޭ ވަރު ވަނީ ވެފަ އެވެ.

އިންޑިއާގެ ކެރެލާގެ ވަޔަނަދު ޑިސްޓްރިކްޓުގައި ފެން ބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ

އިންޑިއާ ސިފައިން ބުނި ގޮތުގައި އެ ސަރަހައްދުގައި އެހީގެ މަސައްކަތުގައި ސިފައިންގެ 200 މީހަކު ވެސް މިހާރު ދަނީ ބައިވެރިވަމުންނެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އޮފީހުން ވަނީ ގެއްލުންވި ކޮންމެ އާއިލާއަކަށް 2،400 ޑޮލަރު (200،000 ރުޕީސް) ދޭނެ ކަމަށް ބުނެފަ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ވަރަށް ފަހަކާ ޖެހެންދަން ވަޔަނަދު ޑިސްޓްރިކްޓު ތަމްސީލްކުރެއްވި އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި އަދި މުޅި ގައުމުގައި ވެސް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އިތުރުވަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކެރެލާގެ އެކި ހިސާބަށް މިހާރު ވެސް ވަނީ މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ އިންޒާރުތައް ނެރެފަ އެވެ. -- އޭއެފްޕީ

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454