ބޫލް ބުލައްޔާގެ ލީޑު ރޯލުތަކުން ފެންނާނެ ކާތިކް އަރްޔަން އާއި ތުރިޕްތީ ދިމްރީ.
04 އޯގަސްޓް 2024 - 11:08
ބޮލީވުޑްގެ ހޮރޯ ކޮމެޑީ ފިލްމު ސީރީޒް "ބޫލް ބުލައްޔާ"ގެ ތިންވަނަ ފިލްމުގެ މަންޒަރުތައް ނަގާ ނިމިއްޖެ އެވެ.
އެ ފިލްމުގެ ލީޑު އެކްޓަރު ކާތިކް އަރްޔަން އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ ފިލްމުގެ ޝޫޓިން ނިމުނުކަން އިއުލާންކޮށްފަ އެވެ. އެ ފޯސްޓުގައި އޭނާ ވަނީ ބެކްސްޓޭޖުގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.
ޝޫޓިން ނިންމާލުމުގެ އުފަލުގައި ފިލްމުގެ ކާސްޓާއި ކްރޫއިން ވަނީ ކޭކު ފެޅުމުގެ ހަފުލާއެއް ވެސް ބާއްވައިފަ އެވެ.
"ބޫލް ބުލައްޔާ"ގެ ތިންވަނަ ފިލްމުގެ މަސައްކަތް މި ފިލްމުގެ އުފެއްދުންތެރިން ކަމަށްވާ އަނީސް ބަޒްމީ އާއި ބުޝަން ކުމާރް ފެށީ ފުރަތަމަ ދެ ފިލްމަށް ލިބުނު ތަރުހީބު ބޮޑުވުމާ އެކުގަ އެވެ.
ދެވަނަ ފިލްމުގައި ލީޑު އެކްޓަރުގެ ރޯލު ކުޅުނު ކާތިކް އަރްޔަން ތިންވަނަ ފިލްމުގައި ވެސް އުޅޭނެއިރު، ހާއްސަ ރޯލަކުން މަދޫރީ ވެސް ފެންނާނެ އެވެ. މުހިންމު ރޯލަކުން ތުރިޕްތީ ދިމްރީ ވެސް ފެންނާނެ އެވެ. އަދި ފުރަތަމަ ފިލްމުގައި ލީޑު ރޯލު ކުޅުނު ވިދްޔާ ބާލަން ލަވައަކުން ވެސް ފެންނާނެ އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަނީ އަންނަ ނޮވެމްބަރު މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy