އިންފޮމޭޝަން ކޮމިޝަނާ އަހުމަދު އާހިދު ރަޝީދު.-- ފޮޓޯ: އަލީ ނިޝާން | މިހާރު
06 އޯގަސްޓް 2024 - 13:52
އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އަށް ހުށަހަޅާ މައްސަލަތަކުގެ 90 ޕަސެންޓަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އާރުޓީއައި ފޯމު ހުށަހަޅައިގެން އިދާރާތަކުން އެއްވެސް ޖަވާބެއް ނުދީގެން ހުށަހަޅާ މައްސަލަތައް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އައިކޮމްގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ވަނީ އެ ކޮމިޝަންގެ އިސްވެރިން ހާޒިރުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެވްރެޖުކޮށް މަހަކު 35 މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ އިދާރާތަކުން އެއްވެސް ޖަވާބެއް ނުލިބިގެން ނުވަތަ މައުލޫމާތަށް އެދިގެން ދޭ ޖަވާބާ މެދުގައި ހިތްހަމަނުޖެހިގެން ހުށަހަޅާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން 90 ޕަސެންޓް މައްސަލައަކީ އިދާރާތަކުން އެއްވެސް ޖަވާބެއް ނުދީގެން ހުށަހެޅޭ މައްސަލަތައް،" އޭނާ ވިދާޅުވި އެވެ.
މީގެ ސަބަބުން ކޮމިޝަންގެ މަސައްކަތްތަކަށް ވެސް ވަރަށް ބުރަ ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާހިދު ވިދާޅުވި ގޮތުގައި، ކޮމިޝަނުގެ މުވައްޒަފުންގެ އަދަދު 2017 ވަނަ އަހަރުން ފެށިގެން އިތުރު ނުވެ އެވެ. މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަމުންދާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވި ނަމަވެސް، އެ މުއްދަތުގައި މުވައްޒަފުންގެ އަދަދު މަތި ނުވާތީ މައްސަލަތައް ބެލުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މަދު މުވައްޒަފުން ކޮޅަކާ އެކު މައްސަލަތައް އަވަހަށް ނިންމަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަރަށް ބޮޑު ގޮންޖެހުމެއްގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ: އާހިދު، އިންފޮމޭޝަން ކޮމިޝަނަރު
"ވަރަށް ބޮޑު ގޮންޖެހުމެއްގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަވާބު ނުދެވޭ އެކިއެކި ސަބަބުތައް އިދާރާތަކުން ވެސް ދައްކާ ކަމަށެވެ.
"ބައެއް އިދާރާތަކުން ބުނަނީ އެ ފަރާތުގެ ވެސް ނެތޭ އެހާ ވަސީލަތްތަކެއް މި ބުނާ މުއްދަތުގެ ތެރޭގައި ޖަވާބު ފޯރުކޮށްދޭން. އާންމުކޮށް އިދާރާތަކުން ފާހަގަކުރާ ސަބަބެއް އެއީ،" އޭނާ ވިދާޅުވި އެވެ.
އާހިދު ވިދާޅުވި ގޮތުގައި، މި އަހަރުގެ މިހާތަނަށް އެ ކޮމިޝަނުން އަންނަނީ 258 މައްސަލައެއް ބަލަމުންނެވެ. އެއީ މި އަހަރު ހުށަހެޅި 214 މައްސަލައަކާއި މިދިޔަ އަހަރު ނުނިމި ހުރި 44 މައްސަަލައެކެވެ. އޭގެ ތެރެއިން އެއްކޮށް ނިމިފައި ވަނީ 115 މައްސަލަ އެވެ.
ކޮމިޓީގައި އައިކޮމް އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުގައި، މި އަހަރުގެ މިހާތަނަށް 3،000 އަށް ވުރެ ގިނަ އާރުޓީއައި ފޯމު ވަނީ ސަރުކާރުގެ އެކި އިދާރާތަކަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައުލޫމާތު24
07 August 2024
އަބަދުވެސް މީހުންގެ ޒާތީ މަޢުލޫމާތު ހޯދަން އުޅެނީ.. މީހުންގެ މުސާރައާއި އޯޓީއާ އެމްސީއާ.. ހުށަހަޅާ މީހާއާ ގުޅުމެއްނެތް ފައިދާއެއް ވެސް ނެތް ތަކެތި... އާރުޓީއައިގެ އަސްލު މަޤްސަދާ މާދުރުން މަޢުލޫމާތަށް އެދެނީ... ޤާނޫނުގެ މަޤްސަދަކީ ދަޢުލަތުގެ އިދާރާތަކުގަ ހުންނަ ތިމާއާ ގުޅުންހުރި މަޢުލޫމާތު ލިބިގަތުން.. އައިކޮމް ވެސް މާ ބޮޑަށް ވާނުވާގަ ތިބެނީ
ކިމްޖޮންގްއުން
06 August 2024
އަހަރުމެން އުޅޭގޮތައް އުޅެބަލަ.
ޖަގޭ
06 August 2024
މިނިސްޓްރީ ތަކުގައި ތިބި މީހުން އަދިވެސް މަދުވާހަކަ ދައްކަވައިރު އެއީ ކިހާމުވައްޒިފުންނެއް ވައްދައިގެންތޯ ސްޕީޑުގައި މަސައްކަތް ކުރެވޭނީ؟ ކޮންމެ ދިވެހި ރަށްޔިތެއްގެ ރޭޓުން މުވައްޒަފުން ވެއްދީމަތޯ؟
މިވެސްކަމެއްތާ
06 August 2024
ޤާނޫނުގައިބވާގޮތަށް މައުލޫމާތު ނުދޭ ތަންތަނުގެބވެރިން އެތަންތަނުން ބޭރުކޮށްބަލަ. ތަންްފީޛު ނުކުރެވޭ ޤާނޫނެއްނަމަ އުބާލަ ދީބަލަ.
ހަޤީޤަތޭ
06 August 2024
ތިޔަ ޤާނޫނަކީ ޕްރެކްޓިސް ކުރެވޭ ގޮތަށް ހަދާފައި އޮތް ޤާނޫނެއް ނޫން. ބޭރުގެ އެއްޗެއްގެނެސް އޭގައި އޮތްގޮތަށް ލިޔުނީ މިރާއްޖޭ އޮފީސްތަކުގައި ހުރި ވަސީލަތްތަކާއި ލިޔެކިޔުންތައް ރައްކާތެރި ކުރެވޭ ގޮތަށް ބެލުމެއް ނެތި. އޮފީސްތައް މިހިންގަނީ ދެފައިދެގޯޅިވަރުގެ ތަންތަނުގައި. ބައެއް ތަންތަން މީސްމީހުންގެ ގޭގައި. ކިހިނެތް އެއްޗެއް ގެންގުޅޭނީ.