އަނަސްގެ މަރު: އޭނާގެ މަރާލި މައްސަލާގައި ދައުވާލިބުނު އެންމެން ސަލާމަތްވި މައްސަލާގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން ވަނީ ފަށާފައި
07 އޯގަސްޓް 2024 - 15:05
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު އެންމެން ދަށު ކޯޓުން ސަލާމަތްވި މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުން މިއަދު ފަށައި، އެ މީހުން ބަންދުކުރަން ދައުލަތުން އެދެފި އެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގުގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުން މިއަދު އިސްތިއުނާފް ޝަރީއަތް ފެށިއިރު، ދައުވާލިބޭ މީހުންގެ ތެރެއިން ބައެއް މީހުން ވަކީލުން ހަމަޖައްސާފައި ނެތުމުން، އެކަމަށް ހަފުތާއެއްގެ މުއްދަތެއް ދިނުމަށް އެ މީހުން އެދުނެވެ. އެހެންވެ، ފަނޑިޔާރުންގެ ބެންޗުން އެކަމަށް ފުރުސަތު ދެއްވި އެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެއީ ވަކީލުން ހަމަޖައްސަން ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި ވަކީލުން ނެތަސް، މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ބެންޗުން ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި ގޮތުގައި ދައުވާލިބޭ މީހުން ބަންދުކުރަން ދައުލަތުން އެދިފައިވެ އެވެ. ނަމަވެސް ވަކީލުން ހަމަޖައްސަން ފުރުސަތު ދީފައިވާތީ އެ ބައި ވަކީލުން ހަމަޖެހުމުން ކުރިއަށް ގެންދަން ބެންޗުން ނިންމެވި އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.
އަނަސްގެ މަރާ ގުޅިގެން ކުޑަކުދިންތަކެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި އެވެ. އެ ކުދިންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް އޭގެ ތެރެއިން އެއް ކުއްޖަކު 18 އަހަރަށް ޖަލަށްލާން ހައި ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދިއަވަސް
08 August 2024
މަ ބުނީ އަދި އަވަހޭ ސަރިއައް ފަށަން އެންމެ 7 އަހަރު ވިއްޔަ އެވީ އަދި
އަކޫ1
08 August 2024
ކޯޓްތަކުގަ ތިބެގެން ، ވަކީލުކަން ކޮއްދީގެން މިމީހުން ސަލާމަތްކުރާމީހުން ހީކުރަނީ މިދުނިޔޭގަ ލާރި ލިބުނީމަ ނިމުނީއީ، ޤިޔާމަތްދުވަހު ކަލޭމެނަކައް ސަލާމަތެއް ނުވެވޭނެ.
އިސްފަސް
07 August 2024
އިންސާފު ލިބޭނަބާ..