މެންބަރު އަހުމަދު ތޯރިގު: ކުރީ ސަރުކާރުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ ދައުލަތަށް އެތައް ގެއްލުމެއް ލިބޭ ގޮތަށް، ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމެއް ވެސް ނެތި ކަމަށް ވިދާޅުވި
12 އޯގަސްޓް 2024 - 12:19
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ ދައުލަތަށް އެތައް ގެއްލުމެއް ލިބޭ ގޮތަށް އަދި ރައްޔިތުންގެ މެދުގައި އިންސާފުވެރިކަމެއް ވެސް ނެތި ކަމަށް މަހިބަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ގޯތިތައް ދޫކޮށްފައިވަނީ ކަނޑުން ކަމަށާއި މިއަދު އެ ގޯތިތައް ނުދެވިގެން ލަސްވެގެން އެކަމާ ކަންބޮޑުވެގެން އެ ޕާޓީގެ މެމްބަރުން އުޅެން ލަދުގަންނަން ޖެހޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ހޯދަން މާލެ ސަރަހައްދުން އެތައް ގޯއްޗެއް ދޫކުރި ނަމަވެސް އެ ސަރުކާރަށް ލިބުނު މަދު ވޯޓުން އެނގުނީ ގޯތިތައް ދޫކުރީ އިންސާފުން ކަން މާލޭގެ ރައްޔިތުން ވެސް ގަބޫލު ނުކުރާ ކަން ކަމަށް ތޯރިގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ނިކަމެތިވެ، ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންގެ ބަޔަކަށް ދޫކުރި ގޯތިތަކުގައި މިހާރު ހުރީ ޖިފުޑިގަނޑެއްހެން ކެފޭތައް ހަދައިފަ އެވެ. ހުޅުމާލޭގެ މުޅި މާސްޓަ ޕްލޭން ބަދަލުކޮށް، އަގު ބޮޑު އެތައް ބިމެއް އެގޮތަށް ހިލޭ ދޫކޮށްލުމުން އެތައް ގެއްލުމެއް ލިބިފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
ކޮބާތޯ އިންސާފު؟ އެއް ބަޔަކު ބިން ގަންނަންވީ 14 މިލިއަން ރުފިޔާ އަށް. ޖެހިގެން އޮންނަ ބިން އެ މަގު އަނެއް ފަޅިން ހިލޭ.--- ތޯރިގު
އަދި އޭގެ އިތުރަށް ވެސް ގޯތިތައް ދޭން ހުޅުމާލެ 3ގެ ނަމުގައި ހުޅުމާލޭގެ މުޅި ބަނދަރު ހިއްކައިލުމުން އޮޑިދޯނިފަހަރު ލަފާނެ ތަނެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ހުޅުމާލޭގެ މާސްޓަ ޕްލޭން ހަދަމުން ދިޔަ ނުވަތަ އޭގެ ތެރޭގައި ތިބި ރަނގަޅަށް ވިސްނުން ހުރި މީހުން ހިނގައްޖެ އިސްތިއުފާ ދީފައި. ދެން މި ބުނަނީ ކޮން އިރަކުންހޭ ގުޅިފަޅުން ގޯތި ދެނީ؟ އަޅެ އެ ތަން ހިއްކާ ނިމުނީމަ ނޫންތަ ގޯތި ދެވޭނީ،" ތޯރިގު ވިދާޅުވި އެވެ.
"ކޮބާތޯ އިންސާފު؟ އެއް ބަޔަކު ބިން ގަންނަންވީ 14 މިލިއަން ރުފިޔާ އަށް. ޖެހިގެން އޮންނަ ބިން އެ މަގު އަނެއް ފަޅިން ހިލޭ. ރާއްޖޭގައި ފަސް ލައްކައެއްހާ މީހުން އެބައުޅޭ. މާލެ ސަރަހައްދުގައި ދެ ލައްކައެއްހާ މީހުން އެބައުޅޭ. އޭގެ ތެރޭގައި އެބައުޅޭ ރަށްރަށު މީހުން ވެސް. އެ މީހުންނަށް ފުރުސަތެއް ނުދޭ."
ތޯރިގު ވިދާޅުވީ ގޯތި ދިނުމުގެ ނަމުގައި 8 ބިލިއަން ރުފިޔާގެ ބިން ވަނީ ހިލޭ ދޫކޮށްލާފައި ކަމަށާއި އެއީ ދައުލަތަށް ދިން ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
ގޯތީގެ މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލިހުގައި މިއަދު އަނެއްކާވެސް ހޫނުވީ ކުރީގެ ސަރުކާރުން މާލެ ރައްޔިތުންނަށް ދޫކުރި ފްލެޓާއި ގޯތިތައް ދޫކުރުމާ މެދު މަޖިލީހުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް އަމާޒުކުރި ސުވާލުތަކަށް އެކަށީގެންވާ ސާފު ޖަވާބުތައް ނުދެއްވުމުން ކަމަށް ވިދާޅުވެ، އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރުމުންނެވެ.
މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން ކުރި އިޖުތިޖާޖާ ގުޅިގެން ހަތަރު މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނުކުންނަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެންގެވި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ހިމެނެ އެވެ.
މަޖިލީހުގެ ތަޅުމުގައި މިނިސްޓަރު ހައިދަރު މިއަދު ވިދާޅުވީ، ހުޅުމާލެ 2 އިން ދޫކޮށްފައިވާ 1،407 ބިމުގެ ތެރެއިން 623 ބިމެއް މިހާރު ހަވާލު ކޮށްފައިވާ ކަމަށެވެ. ލަފާކުރެވޭ ގޮތުގައި ހުޅުމާލޭގެ ފޭސް ދެއަކުން ދޫކުރި ހުރިހާ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގުޅިފަޅުން ކަނޑައަޅާފައި ހުރި ބިންތައް ލިބުނު މީހުންނަށް ދޫކުރެވޭނެ ތާރީހެއް އަދިވެސް އެނގިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަންޖީ
13 August 2024
އިންސާފަކީ ކަލޭމެންގެ މީހުންނަށް ބައިއެޅޭގޮތަށް ބަހާލުން ދޯ؟ ޔާމީނުގެ ފަސް އަހަރުން އެމްއެމްޕީއާރސީ ދިޔައީ އިންސާފުންހެން ހީވަނީ
ނަށީދު
13 August 2024
ހުރިހާ ރަށަކުން މިއަދާ ހަމަޔަށް ދޫކުރި ހުރިހާ ގޯއްޗެއް އޮޑިކުރަން ކެރޭނެތަ؟ ކީއްވެ ހުސް މާލެ މީހުންގެ ގޯތީގަ އަޅައިގަނެގެން ނެއްޓެއް ނޭގިގެން ތިއުޅެނީ؟
އަދުނާ
12 August 2024
ދެން އެހެންތާ ވާނީ. ޔަގީންވާ ކަމަކީ މި 5 އަހަރު ހައުސިންއެއް ނާންނާނެކަން. ދެން އެ ހުރި އެއްޗަކާތާ ހިފާނީ. މިކަން އެނގޭނެ ޕާޓީ ހުރިހާ ކުދިންނަށްވެސް.
މަނީމަނީ
12 August 2024
ހުޅުމާލެއަކީ މާލޭރައްޔިތުންނަށް ބިންދޭން ސަރުކާރުން ހަމަޖެއްސި ރަށެއްނޫން. އެރަށް ހިއްކީ ވަކިކުންފުއްނަކުން ސަރުކާރުން ވިޔަފާރީގެ އުސޫލުން ބިންގަނަ މީހާއަށް ލިބޭގޮތަށް. އެގޮތަށްއޮތް އޮތުން ބަދަލުކުރީ އައްނިސަރުކާރުން. ހުރިހާއޮޅުވާލުން ތަށް ހެދީ އެބައިގަޑު. މިހާރު ސިޓީކައުންސިލްއިން މާލެ އާއި ހުޅުމާލެ ވިލިގިލި ކިޔައިގެން އޮޅުވާލަނީ. ހައްގުވެރިންނަށް ލިބޭނީ ވިޔަފާރީގެ އުސޫލުން ބިން ވިއްކައިގެން.
މލރއޔތއ
12 August 2024
ތެދެއް! މާލޭގެ އެއްވެސް ސަރަޙައްދަކުން މާލޭގެ ރައްޔިތަކަށް ނުވަތަ ރައްޔިތެއްގެ ދަރިއަކަށް ގޯތިލިބިގެނެއްނުވާނެ. ގޯތިލިބެންޖެހޭނީ ރާއްޖެތެރޭގެ ރަށްތަކުގައި އެކިހާސް އަކަފޫޓުން ގޯތިތައްލިބިފައިވާ ވޯޓުވަޅުތަކުގެ މެންބަރުންނަށް. އެވަރިހަމަ އެކަކަށް 4ގޯތި ލިބިފައޮތްނަމަވެސް.
އެމްސް
12 August 2024
ދިވެހިންނާއި އިނދެގެން އުޅޭ އިންޑިއާ/ލަންކާ މީހުނަށްވެސް ހުރީ ދީފައެވެ!
މާލޭ
12 August 2024
ތި 14 މިލިއަނަށް ބިން ގަތް މީހުނަކީ އެނޫން އެއްވެސް ގޮތަކަށް ތި ބިން ލިބެން ހައްގު ވާނެ ބައެއް ނޫން. ބިން ނުވިއްކި ނަމަ ބިން ނުލިބޭނެ މީހުން އެއީ. ހިލޭ ބިން ދީފަ އެބަހުރި ހައްގުވެރިންނަށްވެސް
އަދި ކުޑަތަންކޮޅެއް އަވަސް
12 August 2024
ކައުންސިލް އިންތިޚާބްވެސް ވިން ކޮށްފަ ދޯ ތި ވާހަކަ ދައްކާނީ؟
ޝަރަފް
12 August 2024
ރާއްޖެތެރެއަށް އުފަންވީމާ ޝަރުތު ހަމަނުވޭ އެކަމަކު ރާއްޖެއިން ބޭރުގައި މާލޭ ގޭގައި ރަޖިސްޓްރީގައި އޮވެ ރާއްޖޭންބޭރުގައި މުޅިދިރިއުޅުން ހޭދަކުރާ މީހުން ޝަރތު ހަމަވެގެން ފްލެޓް ގޯތި ލިބޭ ސިސްޓަމް.
މިއުރޭ
12 August 2024
ބޮޑުންގެ އަޢިލާތަށް އޮތީ އަސްދަނޑިން ބޭރުގަ.
ޖެރީ ކަޒިން
12 August 2024
ވެރިކަން ނުވެއްޓިގެންތަ ތިތެޅެނީ؟؟