ރައީސް މުއިއްޒު ޓާސްކްފޯހުގެ ފުރަތަމަ ބައްދަލުވުން މިރޭ ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
13 އޯގަސްޓް 2024 - 23:10
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރައްޔިތުންނަށް ކުރިމަތިވަމުންދާ ގެއްލުންތައް މޮނިޓާކޮށް، އަވަސް ހައްލެއް ހޯދައިދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޓާސްކް ފޯހެއް މިރޭ އުފައްދަވައިފި އެވެ.
ރައީސް ޗެއާ ކުރައްވައި ޓާސްކް ފޯހުގެ ފުރަތަމަ ބައްދަލުވުން މިރޭ ވަނީ ބާއްވައިފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ޓާސްކް ފޯސްއެއް… pic.twitter.com/mfuKpgTrqz
— Heena Waleed (@MvSpokesperson) August 13, 2024
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ވިދާޅުވި ގޮތުގައި އެ ޓާސްކް ފޯސް އުފެއްދެވީ، ވިއްސާރައިގައި އާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް ބުރޫއަރާފައިވާތީ، ވިއްސާރައާ ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓާކޮށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.
ޓާސްކް ފޯސް އެކުލަވާލެއްވީ ވަޒީރުން ހިމެނިވަޑައިގަންނަވާ ގޮތަށް ނުވަ ބޭފުޅުންނާ އެކުގަ އެވެ.
- ޑިފެންސް މިނިސްޓަރު، މުހައްމަދު ޣައްސާން މައުމޫން
- ހޯމް މިނިސްޓަރު، އަލީ އިހްސާން
- އެޑިއުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީއު
- ހެލްތު މިނިސްޓަރު، ޑރ. އަބްދުﷲ ޚަލީލް
- އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް
- ސިޓީސް، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
- ޗީފް އޮފް ސްޓާފް، އަބްދުﷲ ފަޔާޒް
- ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ
- ޕޮލިސް ކޮމިޝަނަރު އަބްދުﷲ ޝުޖާއު
މާލެ އާއި ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މާލޭގައި 180 އަށް ވުރެން ގިނަ ގޭގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާ އިރު ދިރިނޫޅެވޭވަރަށް ފެން ބޮޑުވި ގެތަކުން މީހުން ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރަށްރަށުގައި ވެސް ގެއްލުން ލިބުނު ގެތަކަށް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން އަންނަނީ އެހީވަމުންނެވެ.
ވިއްސާރައިގައި ފެންބޮޑުވެ ސްކޫލްތަކާއި އޮފީސްތަކަށް ދިއުމަށް ދަތިވެ ކުރިމަތިވެފައިވާ އުނދަގޫތަކާ ހެދި މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވެސް ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅުއްވައި ނެރުނު ބަޔާނުގައި، މި ވިއްސާރައިގައި ގޯތިގެދޮރަށާ އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުން ގެންދާނެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސް މުއިއްޒު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފަ އެވެ. މިހާރު މޫސުން އެންމެ ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. އެ ހިސާބުގެ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެންޑީއެމްއޭ އަށް ރިޕޯޓު ވެސް ކޮށްފައިވެ އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާކޮށް، ވަރަށް ވައިގަދަވާނެ އެވެ. އުތުރާއި މެދު ރާއްޖެ ތެރޭގެ ރަށްތަކަށް ވައިޖެހެނީ 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ދެކުނުގެ ރަށްތަކަށް ވައިޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރޭސް
14 August 2024
15 ވާ ބުރާސްފަތި ދުވަސް ވެސް ސަރުކާރު ބަންދު ކޮށްލަން ފެނޭ. 18:30 ހާއިރު ވާރޭ ވެހެން ފެށިގޮތަށް 23:26 ވީ އިރުވެސް ހަމަ ބޯކޮށް ވެހެނީ. އަނެއްކާ އިތުރު ބަޔަކަށް ގެއްލުންތަކެއ ކުރިމަތިވެފައި މިއޮތީ...
ޕިސް
14 August 2024
އަބްދުލާ ޝުޖާ އެއްނުން އަލީ ޝުޖާއު
މިޝާލް ޖުނައިދް
14 August 2024
ރާއްޖެތެރޭ ރަށްރަށުގެ ރައްޔިތުންވެސް އެމްއެންޑީއެފް އާ ގުޅިގެން މި ދިމާވެފައިވާ ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުން ރަނގަޅު. މީ އެއްބައިވަންތަކަން ދައްކަން ޖެހޭ ވަގުތެއް.
ޒާހިދް
14 August 2024
މި ޓާސްކް ފޯސްގެ ހުރި ފެންވަރު ރަނގަޅަށް ވެސް ދައްކާލައިފި. މާލެ ސަރަހައްދުގެ ފެންބޮޑުވެފަ ހުރި ގިނަ ތަންތަނަށް ވަނީ ގޮސް އެތާގެ ފެން ހިނދައިފައި.
ޑެބީ
14 August 2024
"ދެން މަޖީދީމަގުގަ ފެންބޮޑުވާ ހަނދާނެެއް ދިވެހިންގެ ނުހުންނާނެ" މުއިއްޒު ބުނި ވާހަކައެއް
ނާހިޒް
14 August 2024
ވިއްސާރަވެ ފެންބޮޑުވިތާ 24 ގަޑިއިރު ތެރޭ މާލޭގެ ގިނަ ހިސާބެއްގަ ފެންބޮޑުވެފައި ހުރި ތަންތަން ވަނީ ފެން ހިންދާފަ. މީ އެ ޓާސްކް ފޯސް ގެ މަސައްކަތުގެ ފުރިހަމަ ކަން.
ކީއްކުރާ ފޯސްއެއް
14 August 2024
ތީ ކީއްކުރާ ފޯސްއެއް. ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ނުވެސްނެތް. މީހުން ގުޅަނީ އެތަނަށް. ކާކުތަ ރައީސްއަށް ލަފާ އެރުވީ.
ހިތަދޫ ހުސެން
14 August 2024
ކޮބާ ބޭނުމަކީ؟ ޑިޒާސްޓާ ގަ މުސާރަ ދީފަ ތިބެނީ ކީއްކުރާ ބައެއް؟
އިހަވ
14 August 2024
އަލީ ސުޖާއު ރަނގަލު ގޮތަކީ
ރައްޔިތުސޮރު
14 August 2024
ރައީސް ރިޔާސަތުބަލަހައްޓަވައިގެން ވިއްސަރާވެހި ފެންބޮޑުވި މައްސަލާގަ ދެން އުއްމީދުކުރަނީ މާލޭގަ އަދި އެހެން ރަށްރަށުގަ ފެންބޮޑުނުވާނެގޮތަކަށް ޑީވޯޓާރ ކުރެވޭނެ ނިޒާމުތަކެއް (ޕަންޕު ސިސްޓަމުތަކެއް) ބަހައްޓަވާނެކަމަށް! އެހެންނޫނީ ކޮންމެ ވިއްސާރަވެހޭދުވަހަކު ތި ޓާސްފޯހެއް ހަދާ މީޑިޔާގަ ޑުރާމާ ކުޅުން ނޫންކަމަކަށްނުވާނެ!