15 އޯގަސްޓް 2024 - 11:31
ޓިއުރިން (އޯގަސްޓް 15) – ޔުވެންޓަސް އިން ގޯލްކީޕަރު ވޮޒިއެޗް ޝެޒްނީގެ ކޮންޓްރެކްޓް އުވާލައިފި އެވެ.
ޕޮލެންޑްގެ ގައުމީ ޓީމުގެ ކީޕަރާ އެކު ޔުވެންޓަސްއިން އެންމެ ފަހުން ހެދި އެއްބަސްވުން ހަމަވާން ބާކީ އެއް އަހަރު އޮތެވެ. އެ ކްލަބުން ބުނީ އޭނާގެ ކޮންޓްރެކްޓް އުވާލީ ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ. ކުރިން އޮތް ގޮތުންނަމަ އަންނަ އަހަރު ޖޫން މަހު 30 ގެ ނިޔަލަށް ޔުވެންޓަސްގައި އޭނާ މަޑުކުރާނެ އެވެ.
ނަމަވެސް، ކޮންޓްރެކްޓް އުވާލަން އޭނާ ވެސް އެދުނީ ޓީމުގެ އާ ކޯޗު ތިއާގޯ މޮޓާގެ ޕްލޭންގައި ނުހިމެނޭނެކަން އޭނާ އަށް އަންގާފައިވުމުން ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެ އެވެ.
އުމުރުން 34 އަހަރުގެ ކީޕަރު ވަނީ މީގެ ކުރިން ސައުދީ އަރަބިއާގެ އައް ނަސްރަށް ބަދަލުވާން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އޭނާ ވިއްކާލަން ޔުވެންޓަސްއިން ހުށަހެޅި އަގުބޮޑުވުމުން، އެ ބިޑް ނަސްރުން އަނބުރާ ގެންދިޔައީ އެވެ.
މި ސީޒަނުގައި ޔުވެންޓަސްގެ ގޯލް ބަލަހައްޓާނީ މޮންޒާގެ ކީޕަރު މިކޭލެ ޑި ގްރޭގޯރިއޯ އެވެ. ލޯނު އެއްބަސްވުމުގެ ދަށުން ޔުވެންޓަސްއިން ވަނީ އޭނާގެ ސޮއި ކުރުވާފަ އެވެ. ލޯނު އެއްބަސްވުމުން، މި ސީޒަނަށް ފަހު ހަމަވާނެ އެވެ. އެކަމަކު ޔުވެންޓަސްއިން ބޭނުންނަމަ އޭނާ ލައްވައި ދާއިމީ އެއްބަސްވުމުގައި ސޮއި ކުރުމުގެ އިހްތިޔާރު އެ ކްލަބަށް މޮންޒާއިން ދީފައިވާކަމަށް މީޑިއާތަކުން ބުނެ އެވެ. ބަދަލުގައި ޔުވެންޓަސްއިން ޖެހޭނީ ޓްރާންސްފާ ފީއެއް މޮންޒާ އަށް ދޭށެވެ.
ހިލޭ ޓްރާންސްފާގައި، ޝެޒްނީ މޮންޒާ އަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް އިޓަލީގެ ނޫސްތަކުން ބުނީ އެއްކޮށް ކުޅުން ހުއްޓާލުމަށް އޭނާ ވިސްނަމުންދާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy