ފުލުހުން އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް: ޑްރަގްގެ ވިޔަފާރިއަށް އިންވެސްޓް ކުރުމާއި މުއްސަނދިކަން ހޯދުމުން އުމުރަށް ޖަލަށްލެވޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފައި --- ފޮޓޯ/މިހާރު
15 އޯގަސްޓް 2024 - 13:30
މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ މުއްސަނދިކަން ހޯދާ މީހުން އުމުރަށް ޖަލަށްލުމާ އެކު، ހުރިހާ މުދަލެއް ދައުލަތަށް ނެގުމާއި އަދި ބައި ކިލޯއަށް ވުރެ ވަކި އަދަދަކަށް ވުރެ ގިނަ ޑްރަގް ހިމެނޭ މައްސަލަތަކުގައި މާފު ނުދެވޭ ގޮތަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ދައުލަތަށް ނެގޭނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި މުދަލާއި ފައިސާ އެވެ. އެފަދަ މުދަލެއް ނުވަތަ ފައިސާއެއް އަތުގައި ބެހެއްޓުމުން ގިނަވެގެން ދެވެނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެންނަން ހޯމް މިނިސްޓްރީން ތައްޔާރުކުރި ބިލުގައިވާ ގޮތުން އެ މީހަކު އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތާ ނުބައްދަލު ވަރަށް އާމްދަނީ ލިބިފައިވާ ނަމަ ނުވަތަ މުދަލާއި ފައިސާ ލިބުނު ގޮތް ބުނެ ނުދެވޭ ނަމަ އެއީ ޑްރަގް ވިޔަފާރި ކޮށްގެން ހޯދި މުއްސަނދިކަމެއް ކަމަށް ބެލެވޭނެ އެވެ. އެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު، އެ ހުރިހާ މުދަލާއި ފައިސާއަކާއި އެއިން ހޯދި ފައިދާ ވެސް ހިމެނޭ ގޮތުން މުދާތައް ދައުލަތަށް ނެގުމެވެ.
އެ ބިލުގައިވާ ގޮތުން އެ މީހެއްގެ މާލީ މުއާމަލާތްތަކުން އެފަދަ ކަމެއް ފާހަގަވުން ނުވަތަ ފުލުހުން ތަހުގީގަކުން ނުވަތަ ބައިނަލްއަގްވާމީ އިދާރާއަކުން އެފަދަ ކަމެއް ފާހަގަ ކުރުމަކީ ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ބަލަން ޖެހޭނެ ސަބަބެކެވެ. އެފަދަ ފައިސާއެއް އެކައުންޓްތަކާއި އެ ނޫން ވެސް ގޮތްތަކަށް އެހެން ބަޔަކަށް ފޮނުވުމަކީ ވެސް މުއްސަނދިކަން ލިިބިގަތުން ކަމަށް ބަލަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.
ރައީސް މުއިއްޒާއި ހޯމް މިނިސްޓަރު އިހުސާން ސަލާން ކުރައްވަނީ: ރާއްޖެ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގެ އެންމެ ބޮޑު ޒިންމާ ހަވާލު ކުރެއްވީ މިނިސްޓަރު އިހުސާންއާ.
އެ ބިލުގައިވާ ގޮތުން މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، އެ މައްސަލައަކާ ގުޅިގެން ހިފަހައްޓާ މުދަލެއް ލިބުނު ގޮތެއް އެ މީހަކަށް ސާބިތުކޮށް ނުދެވޭ ނަމަ އެ މުދަލެއް ދައުލަތަށް ނަގަން ޖެހޭނެ އެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގައި މާފު ނުދެވޭ ގޮތަށް އަދި އަދަބު ވެސް ލުއި ނުކުރެވޭނެ ކަމަށް ބިލްގައިވެ އެވެ. އެގޮތުން 500 ގްރާމަށް ވުރެ ގިނަ ޑްރަގް ހިމެނޭ މައްސަލަތަކުގައި މާފު ދިނުމާއި އަދަބު ލުއިކުރުން އަދި ކަފާލާތު ވެސް ނުދެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. އެ އަށް ވުރެ ދަށް އަދަދެއްގެ ޑްރަގް މައްސަލަތަކުގައި ނަމަ އަދަބު ލުއި ކުރެވޭނީ ހުކުމުގެ ތިން ބައި ކުޅަ ދެ ބައި ތަންފީޒު ކުރުމަށް ފަހު ކަމަށް އެ ބިލުގައިވެ އެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ކޯޓުތަކުން ނިންމަންޖެހޭ މުއްދަތުތަކެއް ވެސް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ. އެފަދަ މައްސަލަތައް ގިނަވެގެން ތިން މަސް ތެރޭގައި ދަށު ކޯޓުތަކުން ނިންމަން ޖެހޭއިރު، އިސްތިއުނާފް މަރުހަލާ ވެސް އެއް މަސް ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.
މީގެ އިތުރުން ޑްރަގް މައްސަލަތަކުގައި މީހުން ހައްޔަރު ކުރުމާއި ބަލައި ފާސްކުރުމާއި ބަންދު ކުރުމުގައި ވެސް ކުރިއަށް ވުރެ ހަރުކަށި އުސޫލުތަކެއް އެ ބިލުގައި ހިމަނާފައި ވެ އެވެ. އެފަދަ މައްސަލަތަކުގައި ތަހުގީގީ އިދާރާތަކަށް ގިނަ ބާރުތަކެއް ދޭން ވެސް އެ ބިލުގައި ހުށަހަޅާފައި ވެ އެވެ.
ޑްރަގް މައްސަލަތަކުގައި މަރުގެ އަދަބު ދެވޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހި ސަލާމަތް ނުވުމުގެ މައްސަލަ ބޮޑުވެފައިވައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ އެކަން ހައްލު ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމެވެ. އެ ޒިންމާ އެ މަނިކުފާނު ހަވާލުކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
17 August 2024
ތިއެއްޗެހީގެ ބޮޑުންތިބެނީ ފިނިކޮޓަރީގަ. އެއްޗެހި ގެންގުޅެނީ ލަޓޯފަޓޯ ކުދިން. ފުރަތަމަ އަތުލާ އެތިކޮޅު އަތުލިގޮތް ގޯސްނުވާނެގޮތެއް ނުހެދިގެން އުޅޭއިރު ތީ ނުވާނެކަމެއް.
ހީހީ ސުލީހް
16 August 2024
މިގައުމަކު ތިކަމެއް ނުވާނެ. އެއަށްވުރެ ކަރަޕްޓް ގައުމެއްމީ
އަހްމަދުު
16 August 2024
ޑްރަގްގެ ބޮޑުންގެ ހުރިހާ މުދަލެއް ހިފަހައްޓާ ދައުލަތައް ނަގާ. އަދި ޒުވާނުން ފަސާދަކޮށް، އެއުރެންގެ ހުރިހާ މުދަލެއް ނަގައެވެ. އެމީހުންނަކީ ޤައުމު ހަލާކުކޮށް މީހުންނެވެ އެންމެންގެ ލާރި ނަގަނީ.
އަބްޑޫޅް +
16 August 2024
އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތާ ނުބައްދަލު ވަރަށް އާމްދަނީ ލިބިފައިވާ މީހުން ކުރެ އެންމެ ބޮޑެތި ވަގުން މިހާރު އުޅެނީ ސިންގަޕޫރު، އިގިރޭސިވިލާތް، މެލޭސިޔާ ކަހަލަ ތަންތަނުގަ. އަހުރެންނަށް އެނގޭ އެއީ ކޮން ބައެއްކަން. ބިލުތައް ފާސްވެގެން ދާއިރުވެސް އެ މީހުން ތިބޭނީ ހަމަ ތިބި ތަންނަނުގަ، މުއްސަނދި ކަމާއި އަރާމުގަ. އެންމެ ބޮޑެތިވަގުން ގެ ތިބީ ތިން މީހުން. ހުސް އަނގަ ނުތަޅުވަގަ.
ހަދަނީ ހަދަނީ
16 August 2024
މުޅިންވެސް ހަދަނީ ހަދަނީ. 'ހަދައިފި' އަޑުއިވޭ ގޮތެއް ނުވޭ. މިހެން ތިއްބާ 5 އަހަރުވެ އަނެއްކާ އިތުރު ގޮތްތަކެއް 'ހަދަނީ ހަދަނީ' އަޑުއިވޭނީ. ސަނީ ބުނާހެން ތާރީކް ޕޭ ތާރީކް.
ޑރ ވާންޗޯ
16 August 2024
މޮޅެތި ސްޓޯރީޖައްސާފަ މިވެރިކަންވެސް ދާތަންމިފެންނަނީ އިބޫގެވެރިކަންވެސް ދިޔަމަގުން، ޑްރަގްލޯޑުންނާ ޕާޓޭންނަށް ހުރިހާކަމަކަށް މަގުފަހިކޮށްގެން ވޯޓުލިބޭނެކަމަށް.
އިންސާފ
16 August 2024
ޑްރަގު ޓްރާންސްފަރ ސެންޓަރަކަށް ދިވެހި އެއަރޕޯރޓް ތަކާއި ބަނދަރުތައް ހަދައިގެން ބޭރު ޤައުމުތަކުން ރާއްޖެ އަންނަ މީހުން ހައްޔަރުކޮށް ބޮޑެތި އަދަދު ތަކުން ޖޫރިމާނާ ކޮށް ފައިސާ ދެއްކުމުން އެމީހުން ޑީޕޯރޓް ކުރަންޖެހޭނީ.
އިންސާފުގެދޫ
16 August 2024
ތިޔަ ބިލުގައި އެފަދަ މީހުންނަށް ކުށުން ބަރީއަވުމަށް އަމިއްލަ ނަފުސުން މަސައްކަތް ކުރުމާއި ވަކީލުން ވަކާލަތު ނުކުރެވޭނެ ގޮތަށް އޮތުމާއި މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މައްސަލަ ކޯޓުން ހުކުމަކަށް ގެންނަން ޖެހޭނެ ކަމަށް އޮތުން ވަރަށް ބޭނުން. މައްސަލަތައް ލޫސް ވެގެން ސަލާމަތްވަނީ ޤާނޫނާ ދެކޮޅަށް ދޮގު އިސްކޮށްގެން ވަކާލާތު ކުރާ ވަކީލުން ހިފާ ކުދިކުދި އަކުރުގެ ސަބަބުން. އެންމެ ރަނގަޅީ ވަގުތުން ކޮށިގަނޑުތެރެއިން ތަޙްޤީގު ހިނގަމުން ގެންދިއުން.
ބޮންދުބާއީ
16 August 2024
ދެން އަންނަ ސަރުކާރަކުން ރައްޔިތުންގެ ހައްގު ގެއްލެނީއޭ ކިޔާފައި މުޖުރިމުން ދޫކޮށްނުލައިފިއްޔާ ނަސީބު. ޚާއްޞަކޮށް ސަރުކާރު ރީނދޫވާ ކޮންމެ ފަހަރަކު ކަން ހިނގަނީ މިމަގުން.
މުރުޝިދް
16 August 2024
ބަޔަކު ވާނެ އެއްޗެއް ވާން ދޫކޮށްފައި ހުރި ހުރިހާ މައްސަލަތައް މި ހައްލު ކުރަނީ އަދުގެ ސަރުކާރުން. މީ އިހުލާސްތެރި ވެރިންނަކީ، މި ސަރުކާރަކީ ގޭންގުތަކަށް ބިރުގަންނަށް ސަރުކާރެއްް ނޫންކަން މި އިގެނީ