އެމްޕޮކްސް ޖެހިގެން ޕެރޫގެ ހޮސްޕިޓަލެއްގައި 2022 ވަނަ އަހަރު އެޑްމިޓްކޮށްފައި އޮތް މީހަކު، އޭނާގެ އަތުގައި ފާރުވެފައިވާ ފޮޅެއް ދައްކާލަނީ. -- ފައިލް ފޮޓޯ: އޭއެފްޕީ
16 އޯގަސްޓް 2024 - 15:20
މުޅި ދުނިޔެއަށް ނުރައްކަލެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ އެމްޕޮކްސްގެ ސްވިޑެން އިން ފުރަތަމަ ފަހަރަށް ފެނުނު ކަމަށް ރިޕޯޓްކުރިތާ އެއް ދުވަސް ފަހުން މިއަދު ޕާކިސްތާނުން ވެސް މި ބަލީގެ ފުރަތަމަ ކޭސް ފެނި އެކަން ހާމަކޮށްފި އެވެ.
ދުނިޔެއަށް ނުރައްކާވާ ހާލަތަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާ ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގައި އެމްޕޮކްސް (މަންކީ ޕޮކްސް) ފެތުރެމުންދާ ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައެޅީ މިދިޔަ ބުދަ ދުވަހު އެވެ. ސްވިޑެން އިން ބުނެފައިވާ ގޮތުގައި އެ ގައުމުން ފެނުނީ ކޮންގޯގައި ފެތުރެމުންދާ އެމްޕޮކްސް ވައިރަސްގެ ނުރައްކާ ބާވަތެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުން ދަނީ ކްލޭޑް 1ބީ ސަބްކްލޭޑް އެވެ. މި ސްޓްރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. އަދި މިހާތަނަށް އެ ބަލީގައި 548 މީހަކު ވަނީ މަރުވެފަ އެވެ.
ކޮންގޯގެ އިތުރުން ބުރުންޑީ، ކެންޔާ، ރުވާންޑާ އަދި ރުވާންޑާއިން ވެސް ދަނީ އެމްޕޮކްސްގެ ކޭސްތައް ފެންނަމުންނެވެ.
ސްވިޑެން އިން ބުނީ ބަލިޖެހިފައިވަނީ އެފްރިކާގައި އެމްޕޮކްސްގެ ނުރައްކާ ބޮޑު ސަރަހައްދަށް ދިޔަ މީހަކަށް ކަމަށެވެ.
ޕާކިސްތާނުން ފެނިފައިވަނީ އެމްޕޮކްސްގެ ކޮން ވައްތަރެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.
"ބަލިޖެހިފައިވަނީ ގަލްފުގެ ގައުމަކުން އައި މީހަކަށް،" ޕާކިސްތާނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
މިއީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށާއި އެއީ މި އަހަރު ޕާކިސްތާނުން ފެނުނު އެމްޕޮކްސްގެ ފުރަތަމަ ކޭސް ކަމަށް ވެސް އެ ގައުމުން ބުންޏެވެ.
އެމްޕޮކްސްގެ ނުރައްކާ ދުނިޔެއަށް އާންމުވެއްޖެ ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައެޅުމާ އެކު ގައުމުތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
މެއި 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ. އެފަހަރު މިއީ ދުނިޔެއަށް ސިއްހީ ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ.
ޖުލައި 2022 އިން ފެށިގެން މެއި 2023 އަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ. އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން 11،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވެ އެވެ.
ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލްވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރަ އެވެ. އެކަމަކު އެއީ އެކަކު އަނެކަކު ގައިގައި ޖެހި، ވަރަށް ގައިގޯޅިކޮށް އުޅުމުން ނޫނީ އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ.
އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ.
މި ބަލި ޖެހުމުން ހުން އައިސް ގައިގައި ރިއްސައި ދޮސް ލާފައި ހުންނަ މުލިހިތަކެއް ފާޑު ބިހިތަކެއް ގައިގައި ނަގަ އެވެ.
މި ވައިރަހުގެ ދެ ބާވަތެއް ފާހަގަވެފައިވެ އެވެ. އެއީ މެދުތެރޭ އެފްރިކާގެ ކޮންގޯ ސަރަހައްދުގައި އާންމުވެފައިވާ ކްލޭޑް 1 އާއި ހުޅަނގު އެފްރިކާ ސަރަހައްދުގައި އާންމު ކްލޭޑް 2 އެވެ. މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑީ ކްލޭޑް 1 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
17 August 2024
އަސްލުތިޔަށް މަކުނުވިދުރި ކިޔަނީ ރަނގަޅަށް، އިންސާނުންތެރޭގަ ތިބަލި ފެތުރެންފެށީވެސް މަކުނުކުޅީގެ ސަބަބުން.
މުބާރިކް އަސާސް
17 August 2024
މަންކީ ޕޮކްސް އައް މަކުނުވިދުރި ކިޔާފަ، ފާނަބަސަންދު އައް ކުކުޅުވިދުރި (ޗިކަންޕޮކްސް) ނުކިޔަނީ ކީއްވެ؟އެއީ ކުކުޅު ކުޅިބާ؟ ތަފާސް ހިސާބުން ދައްކާ ގޮތުގައި، ސިއްހީ މިންގަޑުން މިހާތަނައް މުޅިދުނިޔޭގެ ތާރީހަވެސް، ނިސްބަތުން އިންސާނުންނައް އެންމެ އަމާން އަދި އަނިޔާވެރިކަން މަދު ދުވަސްވަރު މިއީ! އުމުރު ދިގުވެފަ، ޅަފަތު ކުދިންގެ މަރު މަދުވެފަ، ބޭސް ފަރުވާ ރަގަޅު ދުވަސްވަރު! މީގެ 50 ނޫނީ 500 އަހަރު ކުރި، މާ ބޮޑައް ގޯސް!
އަސްލުު
17 August 2024
އިންސާނުންގެ އަމަލުތައް ހުއްދަނޫން ފާހިޝް ކަންކަމާ ދިމާލަށް ފުރޮޅާލީމާ މިޒާތު ކިތަންމެ ބަލިތަކެއް އިންސާނުންގެ ތެރޭގަ އުފެދި، ފެތުރޭނެކަން އޮތީ ޤުުރްއާނާއި ހަދީސުން ސާބިތުވާން. މާކުރިން އޮތީ އަންގަވާފަ. ދެން އެއްބަޔަކު ބުުނާނެ އެއީ ކޯފާއެއް ނޫނޭ، ސައިންސްގެ އެވެނިމިވެނި އެއްޗެކޭ. ބައްލަވާ! ސައިންސް އެމަގުން ހިނގަން މެދުވެރިކުރައްވަނީވެސް ކުޅަދުންވަންތަ ފަރާތުންނޭ! އިއްތިފާގެއް ނޫނޭ އެއީ! މެއްސެއްގެ މިންވަރުވެސް ނެތޭ އަހަރެމެންގެ އިލުމުގަ!
ބިސްބުރު ވަހީދު
17 August 2024
ރޯނު އެދުރު ހެދިފަ ސައިންސްއޭ ކިޔަގެން ވާހަކަ ނުދައްކާ! ކަލޭއައް އެނގޭ ކުޑަމިންވަރުގެ ގޮޅިން ބޭރައް ނުނިކުމޭ!
މެއްސެއް
17 August 2024
ބިސްބިރު ވަހީދުގެ ރޯނު އެދުރުކަން ފުރަތަމަ ކަނޑުވަ! ބިސްބުރުގެ ތިޔަ ސައިންސް ތިހާ މޮޅިއްޔާ އަޅެ އަމިއްލައަށް އުފައްދަބަލަ ކުޑަކުޑަ މެއްސެއް.
ހަލީމާދިޔެ
17 August 2024
އެންޕޮކުހޭ ނުކިޔާ މަކުނުވިދުރި އޭ ކިޔާބަލަ. ތިހެން އެމްޕޮއްކޭ މީނަ އަހަރެމެން މުސްކުޅިން މިތިބެނީ ކަނޑެއް ފަޅެއް ނޭނގިފަ ވިއްޔަ
އަބްޑޫޅް +
17 August 2024
ހޫނ. މަކުނުވިދުރި ދޯ؟
ވަރަށްފަސޭހަ
16 August 2024
ދުނިޔެ ތަރައްގީވެފަ އޮތްވަރުން ދަތުރުފަތުރުކުރަން ފަސޭހަކަމުން ކޮންމެ ބައްޔެއްވެސް އެހާ ފަސޭހަވާނެ ދެން މުޅި ދުނިޔެއަށް ފެތުރެން.