ރިޕޯޓް

މި ފެންނަނީ އަމިއްލަ މަސްލަހަތާ ޖެހުމުން މެމްބަރުންނަށް "ހިތި ބޭސް" ނުދިރޭ މަންޒަރު!

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ

ރާއްޖޭގެ އިގުތިސާދީ ހާލަތު މިގާރު އޮތް ގޮތުން ސަރުކާރުން އިސްލާހީ އަވަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ ރައްޔިތުން ތަހަންމަލު ކުރަން ޖެހޭނެ ބިރުވެރި ހާލަތު ހަނދާން ކޮށްދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ؛

"ރައްޔިތުންގެ މަޖިލީހުގެ މި ތިއްބެވި މެންބަރުން ތިއްބެވީ ވާން ޖެހުނު ކޮންމެ ސެކްރިފައިޒެއް ވާން. އަޅުގަނޑު ހަމަ ގައިމުވެސް ދަންނަވަން އަޅުގަނޑު މި ހުރީ އެކަން ކުރަން. އަޅުގަނޑަށް ކަށަވަރު މަޖިލިސް މެންބަރުން މި ގައުމު ސަލާމަތް ކުރުމަށްޓަކައި ކޮންމެ ހިތި ބޭހެއް ބޯން މިތިބީ ތައްޔާރަށް." ރާއްޖޭގެ ބޮޑެތި ހުރިހާ އިންޑަސްޓްރީއެއްގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ގާސިމް ވިދާޅުވި އެވެ.

ގާސިމް އެ ވާހަކަ ވިދާޅުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ސަރުކާރުން ވަނީ އިގްތިސާދާއި ދައުލަތުގެ މާލިއްޔަތު ހަމަ މަގަށް އަޅުވައި އާމްދަނީ އިތުރު ކުރަން މުހިންމު އަދި ބޮޑެތި އިސްލާހުތަކެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.

އޭގެ ތެރޭގައި ވަކިން ހާއްސަކޮށް ބޮޑެތި ވިޔަފާރިވެރިންނަށް "ހަޖަމް ކުރަން" އުނދަގޫ ވެދާނެ އިސްލަހުތަކެއް ވެސް ސަރުކާރުން ފޮނުވި އެވެ.

ބިދޭސީން ރާއްޖެ ގެނައުމުގައި ދައްކަން ޖެހޭ ކޯޓާ ފީ އިން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމާއި ބިދޭސީންގެ މައްސަލާގައި އިހުމާލުވާ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން އަދި ޓޫރިސްޓު ރިސޯޓުތައް ހަދާ ރަށްތައް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރަން ބޭނުންވާ ފަރާތްތަކުން ހަ މަސް ތެރޭގައި ފީ ދައްކަން ޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ސަރުކާރުން ހުށަހެޅި އެވެ.

މިދިޔަ ދެ ހަފުތާއެއްހާ ދުވަހު އެ ބިލުތަކާ ގުޅޭ ބަހުސްތައް މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގައި ކުރިޔަށް ގެންދިޔައިރު ފެނުނީ ބޮޑެތި ވިޔަފާރިތައް ކުރައްވާ ބައެއް މެންބަރުން އެ ބިލްތަކާ ގުޅޭ ގޮތުން ވަރަށް ބޮޑަށް ކޯފާވި މަންޒަރެވެ.

އެ ބިލުތަކުގެ ބަހުސް ތެރޭގައި ހިޔާލު ދެބައިވީ ދެ ޕާޓީއެއްގެ ދެމެދަކު ނޫނެވެ. ސަރުކާރަށް ތާއީދު ކޮށްގެން ތިއްބެވި މެމްބަރުންގެ ތެރެއިން ވެސް ވިޔަފާރީގެ މަސްލަހަތު އޮންނަ ބޭފުޅުންނާއި މަސްލަހަތު ނެތް ބޭފުޅުންގެ މެދުގަ އެވެ.

އެ މައްސަލާގައި ހިތްހަމަ ނުޖެހުން ފާޅުކުރައްވައި، މަޖިލީހުގައި ރައްޔިތުންނާ ގުޅޭ އެހެން މައްސަލަތަކުގައި ނުކުރާ ވަރަށް ބައެއް މެމްބަރުން ޒުވާބު ކުރި އެވެ. ކުރިން ވިދާޅުވި ގޮތަށް "ރައްޔިތުން ތަހައްމަލު ކުރަން ޖެހިދާނެ ހާލަތެއް" އެ މެމްބަރުންނެއް ހަނދާނެއް ނެތެވެ.

މަޖިލީހުގައި މަސައްކަތްތައް ތަރުތީބު ކޮށްފައި އޮތީ ވެސް ރައްޔިތުންގެ މަސްލަހަތަށް ވުރެ ބޮޑަށް މަސްލަހަތު ހުރި ފަރާތްތަކަށް އެ ނުފޫޒާއި ބާރު ފޯރުވިދާނެ ފަދަ ގޮތަކަށެވެ. މީގެ ކުޑަ މިސާލެއް މަޖިލީހުގައި އެންމެ މުހިންމު ކޮމިޓީ ކަމަށްވާ ދައުލަތުގެ މާލިއްޔަތާ ބެހޭ ކޮމިޓީގެ ކޮމްޕޮޒިޝަނަށް ބަލައިލުމުން އެނގެ އެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު ޣަފޫރު ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ.

ދައުލަތުގެ ބަޖެޓާއި އިދާރާތަކުގެ ހަރަދާއި ދައުލަތް ހިއްސާވާ ކުންފުނިތަކުން ކުރާ ވިޔަފާރިތަކާއި މާލީ ހިސާބުތައް ދިރާސާ ކުރުމުގެ އިތުރުން މާލީ ކަންކަމާ ގުޅޭ ގޮތުން ދައުލަތުން ހުށަހަޅާ ހުރިހާ ބިލެއް ދިރާސާ ކުރުމުގެ މަސްއޫލިއްޔަތު އޮތް މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުންނެވީ ވިލާ ކުންފުނީގެ ޗެއާމަން ގާސިމެވެ.

ސަރުކާރޭ ބުނީމާ އަހަރެން ތުރުތުރު އަޅާނެތަ؟ ސަރުކާރުގައި ތިބީ ކޮން ބައެއްތަ؟ ކޯނޗެއް އެނގޭ ބައެއްތަ ތިބީ؟ ސަރުކާރުގައި ވަކި ތިބީ އަހަރެންނަށް ނޭނގޭ ވަކި ކޯނޗެއް އެނގޭ ބައެއްތަ؟" --- ގާސިމް

ގާސިމަކީ ރާއްޖޭގައި އެތައް ރިސޯޓެއް ހިންގުމާއި ސަރުކާރުގެ ކުންފުންޏާ ވާދައަށް ތެލުގެ ވިޔަފާރި އާއި ވައިގެ ދަތުރުފަތުރުގެ ހިދުމަތާއި އޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ހުރިހާ އިންޑަސްޓްރީއެއް ޑޮމިނޭޓު ކުރާ އެއް ވިޔަފާރިވެރިޔާ އެވެ.

ގާސިމްގެ އަމިއްލަ ސަޕޯޓަރުން ވެސް ބުނާ ގޮތުން ނަމަ އޭނާގެ މަސްލަހަތާ "ގުޅުވައި ނުލެވޭ އެއްވެސް ވިޔަފާރިއެއް" ރާއްޖޭގައި ނޯންނާނެ އެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމާއި އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ކޮމިޓީގެ ބައްދަލުވުމެއްގައި.

މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުގައި ހުންނެވީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރި ކުރާ ރެޑް ވޭވް ކުންފުނީގެ ވެރިޔާ އެވެ. މާލޭގެ އެތައް ބިމެއް ދައުލަތާއި އަމިއްލަ ފަރާތްތަކުން ކުއްޔަށް ނެގުމުގެ އިތުރުން ދައުލަތުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓީއޯއާ އެންމެ ވާދަވެރި އެއް ކުންފުނީގެ ވެރިޔަކީ ސަލީމެވެ.

މި ދެ ބޭފުޅުންގެ އިތުރުން ވެސް މާލިއްޔަތު ކޮމިޓީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ އެހެން މެންބަރުން ވެސް އެބަ ތިއްބެވި އެވެ. އެ ކޮމިޓީގައި ނޫނަސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބައެއް ކުންފުނިތަކުގެ ވެރިން މި 20 ވަނަ މަޖިލީހުގައި ހިމެނެ އެވެ.

މައްސަލައަކީ އެ ފަރާތްތަކުން މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރައްވަން ތިއްބެވުމެއް ނޫނެވެ. އަދި މާލިއްޔަތާ ގުޅޭ ކޮމިޓީތައް ޗެއާ ކުރުމެއް ވެސް ނޫނެވެ. ގޯސްވާ ހިސާބަކީ އެ މެމްބަރުންގެ އަމިއްލަ ކުންފުނިތަކާއި އަމިއްލަ ޖީބަށް އަސަރު ކޮށްފާނެ ކަންކަމުގައި "ރައްޔިތުންގެ އަޑަށް" ވުރެ ބޮޑަށް ކުންފުނީގެ ކަންބޮޑުވުންތައް ނަގާ މައްސަލަ އެވެ.

ކަނޑައެޅިގެން ދައުލަތަށް ފައިދާއެއް ވެ، އާމްދަނީ އިތުރު ކުރެވެން އޮތް ކަންކަމުގައި ވެސް ދެކޮޅު ހަދައި މަޖިލީހުގައި އަރައިރުންވާ ހިސާބަށް ކަންކަން ގެންދިޔުމެވެ.

މިއީ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް؟

އެއް މިސާލަކީ ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކެވެ. އެ އިސްލާހުތަކުގައި ރާއްޖެ އަށް ބިދޭސީން ގެންނަ އިރު ދައްކަން ޖެހޭ ވިސާ ފީ އާއި ކޯޓާ ފީ ބޮޑު ކުރުމުގެ އިހުތިޔާރު ސަރުކާރަށް ލިބޭ ގޮތް ހަދަން ވަނީ ހުށަހަޅާފައި އެވެ.

ނަމަވެސް އެ ބިލް ދިރާސާ ކުރަމުން ދިޔަ 241 ކޮމިޓީގައި ތިއްބެވި ބޮޑެތި ވިޔަފާރިވެރިންނަށް އެކަން ކަމަކު ނުދިޔަ އެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ބިދޭސީންނާ ގުޅޭ ފީތައް ތިން އަހަރުން ވިޔަސް އެއްވެސް ވަރަކަށް ބޮޑު ކުރުމުގެ އިހުތިޔާރު ސަރުކާރަށް ދޫކޮށްލައިފި ނަމަ ސަރުކާރުން އެކަން ކުރާނެ އެވެ. އެކަން ނުކުރާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ސަރުކާރުން އެއްވެސް ފީއެއް މިހާރު އޮތް ވަރަށް ވުރެ ވަކި ލާރިއެއް ވެސް އިތުރު ކުރަން ގާސިމް ބޭނުމެއް ނުވި އެވެ.

"މީގެ 30 ޕަސެންޓަކީ 750 އެއްހާ ރުފިޔާ އިތުރު ކޮށްލަންވީ ކޯޓާ ފީއަށް ޓަސްލާފައި. އިތުރު ކޮށްލީމާ 2700ރ. އަށް އަނެއްކާ އަރާނެ. އަޅުގަނޑަށް ފެންނަނީ [ބިލުގެ] ރ. އާއި ބ. އުނިކޮށްލަން،" ގާސިމް ވިދާޅުވި އެވެ.

"އިތުރު ކޮށްގެން ނުވާނެ. 2000 ރުފިޔާ ރަނގަޅު. އިތުރު ކުރާނެ އެއްވެސް ފުރުސަތެއް މި މީހުންނަށް ދީގެން ނުވާނެ."

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ.

އޭގެ އިތުރުން 241 ކޮމިޓީގައި އިންނަވާ އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވެސް ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ. ނާޒިމް ހުށަހެޅުއްވީ ފީތައް ބޮޑު ކުރެވޭ އަދަދު 30 ޕަސެންޓުން 10 ޕަސެންޓަށް ދަށް ކުރުމަށެވެ.

"މާމިގިލީ ދާއިރާގެ މެމްބަރު ފާހަގަ ކުރެއްވީ ވަރަށް މުހިންމު ނުކުތާއެއް. އަޅުގަނޑުމެންގެ އިގްތިސާދު މި ހާލަތުގައި އޮއްވާ މި އަދަދުތައް ބޮޑުކުރުމަށް ދިމާކުރުމަކީ ރަނގަޅު ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. މިއީ ހިރާއްޖޭގައި އޮތް ނާޒުކު އިންޑަސްޓްރީތައް އެކީގައި ހަލާކުވެގެން ދާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ނާޒިމް ހުށަހެޅުއްވީ އެ މާއްދާއާ މެދު އިތުރަށް ވިސްނުމަށެވެ. ސަރުކާރާ އިތުރަށް ވާހަކަ ދައްކައިގެން ގެނެވޭނެ ބަދަލަކީ ކޮބައިތޯ ބެލުމަށެވެ.

ސަރުކާރަށް އާމްދަނީ އިތުރު ކުރެވޭ ގޮތަށް އޮތް އެ މާއްދާ އުވާލުމުގެ މަޝްވަރާތައް ކުރަނިކޮށް އެކަމުގެ ތެރެއަށް ވަދެވަޑައިގަތީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަހުމަދު އަޒާން އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިފަދަ ބިލެއް ޑްރާފްޓް ކޮށްފައި ފޮނުވާނީ ވަރަށް ބޮޑަށް ދިރާސާ ކޮށްފަ އެވެ. އަދި މި ބިލު މިހާރު އޮތް ގޮތް ބަދަލު ކޮށްފި ނަމަ ދައުލަތަށް ލިބެން އޮތް އާމްދަނީއެއް ނުލިބި ދިޔުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އަށް ބަދަލުތައް ގެންނަން ވެއްޖިއްޔާ ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ އަށް ވެސް އަސަރު ކޮށްފާނެ،" އަޒާން ވިދާޅުވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު އަޒާން ވާހަކަ ދައްކަވަނީ.

އަޒާންގެ ވާހަކަތަކަށް ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ގާސިމް ވަނީ އޭނާ އަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވައިފަ އެވެ. ގާސިމް ވިދާޅުވި ގޮތުގައި ސަރުކާރު މެމްބަރެއް ކަމަށް ވިޔަސް ސަރުކާރުން ބޭނުންވާހާ ގޮތެއް ހަދާކަށް ނުޖެހެ އެވެ. ސަރުކާރު ދެކެ އޭނާ ބިރު ނުގަންނަ ކަމަށާއި މިފަދަ އިސްލާހުތައް ގެނެސްފި ނަމަ ބަޔަކު ނުކުމެ ސަރުކާރު ވައްޓާލާފާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ސަރުކާރޭ ބުނީމާ އަހަރެން ތުރުތުރު އަޅާނެތަ؟ ސަރުކާރުގައި ތިބީ ކޮން ބައެއްތަ؟ ކޯނޗެއް އެނގޭ ބައެއްތަ ތިބީ؟ ސަރުކާރުގައި ވަކި ތިބީ އަހަރެންނަށް ނޭނގޭ ވަކި ކޯނޗެއް އެނގޭ ބައެއްތަ؟" ގާސިމް ވަރަށް ބޮޑަށް ކޯފާވެވަޑައިގެން ވިދާޅުވި އެވެ.

އެ ދުވަހު ބިލުގެ މަސައްކަތް މާ ބޮޑަށް ކުރިއަކަށް ނުގެންދެ އެވެ. ގާސިމް ވަކި ހިސާބަކުން ކޮމިޓީ ދޫ ކުރައްވައި ވަޑައިގަތެވެ.

ޖެހިގެން އައި ދުވަހު އެ ކޮމިޓީގައި އޮތް ބަހުސަކީ ބިދޭސީންނަށް އިހުމާލުވުމުން ކުރާ ޖޫރިމަނާގެ އަދަދެވެ. ސަރުކާރުން ހުށަހަޅާފައި އޮތީ ބިދޭސީންނާ މެދު އިހުމާލު ވާ ނަމަ 50,000ރ. އިން ޖޫރިމަނާ ކުރުމަށެވެ.

އެކަމާ ދެކޮޅަށް އަނެއްކާވެސް ގާސިމާއި ނާޒިމާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަދި ކޮމީޓީގެ ބައެއް އެހެން މެންބަރުން ވެސް ވަކާލާތު ކުރެއްވި އެވެ. އެ މައްސަލާގައި ކޮމިޓީ ދެފަޅި އަށް ބެހިގެން ދިޔަ އެވެ.

ކަން ދިމާވި ގޮތުން ރެޑްވޭވްގެ ވެރިޔާ ސަލީމް ހުންނެވީ އެ ވަގުތު ރިޔާސަތުގަ އެވެ. ކޮމިޓީގައި އެ މައްސަލާގައި ނެގި ވޯޓުގައި ދެ ފަރާތް އެއްވަރުވުމުން ސަރުކާރުގެ ސްޓޭންޑް ދަމަހައްޓަން އެ އޮތް ގޮތަށް ފާސްކުރަން ވޯޓެއް ދިނުން ނޫން އިތުރު އެއްވެސް އޮޕްޝަނެއް ސަލީމަކަށް ނުލިބުނެވެ. އެހެންވެ އެ ބިލު ފާސްވީ ކިރިޔަ ކިރިޔާ އެވެ.

ބިދޭސީންނަށް މުސާރަ ނުދިނުމާއި އެ ފަރާތްތަކަށް އިހުމާލުވުމުން ބައި ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތަށް ހެދުމަކީ އަމިއްލަ ވިޔަފާރީގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅުއްވާ މެންބަރުން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި މައްސަލައެކެވެ.

އޭގެ އެއް މެމްބަރަކީ ތިނަދޫ އުތުރު ދާއިރާގެ މެންބަރެވެ. ރާއްޖޭގެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ސުވިފްޓް އިންޖީނިއަރިން ކުންފުނީގެ ވެރިޔާ ސައުދުﷲ ވިދާޅުވި ގޮތުގައި ބިދޭސީ މަސައްކަތްތެރިން ގެންނަ މީހުން އިހުމާލުވާ ނަމަ ކޮންމެ މީހަކު 50،000ރ. ގެ މަގުން ޖޫރިމަނާ ކުރާ ގޮތަށް އެ ބިލްގައި ހިމަނާފައިވާ މާއްދާއާ މެދު ކޮމިޓީ މަރުހަލާގައި އަލުން ވިސްނާލަން ޖެހެ އެވެ.

"ފަންސާސް ހާސް ރުފިޔާ އަކީ ކުޑަ އަދަދެއް ނޫން، ފަސް މީހުން ވެއްޖިއްޔާ އެއީ 250،000 ރުފިޔާ ދައްކަން ޖެހުން ފަދަ ކަމެއް،" ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެމްބަރު ސައުދުﷲ ވިދާޅުވި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ވެރިން ބޮޑު ކަންބޮޑުވުމަކާއެކު މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވެ ވާހަކަ ދެއްކެވި ދުވަހު ވެސް ފެނުނީ މިފަދަ މަންޒަރެކެވެ.

އޭޑިކޭގެ ހޮސްޕިޓަލުގެ ވެރިޔާ އަހުމަދު ނާޝިދު ދެއްކެވީ ދައުލަތުން އެ ކުންފުންޏަށް ނުދެވި ހުރި ފައިސާތަކެއްގެ ވާހަކަ އެވެ. ނަމަވެސް އޭނާ ފުރަތަމަ ވެސް ވިދާޅުވި ގޮތުގައި ފައިސާތަކެއް ނުލިބުމަށް ވުރެ ބޮޑަށް އެ ހޮސްޕިޓަލްގެ ކަންބޮޑުވުމަކީ އޮޕަރޭޝަންތައް ހުއްޓާލައި، މާލެ ސަރަހައްދުގެ ސިއްހީ ނިޒާމަށް ދިމާވެ ބޮޑު ނުރައްކަލެއްގެ ވާހަކަ އެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ގެއްލުމެއް ދިމާވެދާނެ ވާހަކަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން ދައްކަން ޖެހޭ ފައިސާ ނުލިބި އަދި ކޮންމެ މަހަކު އެ އަދަދު އިތުރުވަމުން ދިޔުމުގެ ސަބަބުން ސަޕްލަޔަރުންނަށް ފައިސާ ނުދެއްކި ބައެއް ފުރާނަ ސަލާމަތް ކުރަން މުހިންމު ބޭސްތައް ވެސް ލިބުން ދަތިވެއްޖެ އެވެ.

އެ މައްސަލަ އަށް އިތުރަށް ހައްލު ނުލިބިއްޖެ ނަމަ ބައެއް ހިދުމަތްތައް ކަނޑާލަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޑީކޭގެ ވެރިޔާ ނާޝިދު ކޮމިޓގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.

"މާލެ ސަރަހައްދުގަ ނުހުންނާނެ ބެޑް ކެޕޭސިޓީއެއް އެ ވަރަކަށް ހިފަހައްޓާލަން. މީގެ ސަބަބުން ރައްޔިތުންނަށް ބޮޑު ގެއްލުމެއް ވެދާނެތީ މި ވާހަކަ ކޮމިޓީގެ ސަމާލު ކަމަށް ގެންނަން ބޭނުންވީ،" ނާޝިދު ވިދާޅުވި އެވެ.

ނާޝިދު ވާހަކަ ނިންމާލި ހިސާބުން ވާހަކަ ފެއްޓެވީ ކޮމިޓީގެ ނައިބު މުގައްރިރު ސަލީމެވެ. އޭނަ ފުރަތަމަ ވެސް ވަނީ އޭޑީކޭ އިން ބިމު ކުއްޔަށް ދައްކާ އަދަދުތަކާއި ރެޑްވޭވްގެ ފިހާރަތަކުން ބިމު ކުއްޔަށް ދައްކާ އަދަދު އަޅާ ކިޔުއްވައިފަ އެވެ. އަދި އޭޑީކޭ ހޮސްޕިޓަލުން ދައްކާ އަދަދު މާ ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު ސުވާލެއް ނުވަތަ އެހެން ވާހަކައެއް ނުދައްކަވައި ސަލީމް ފާޅުކުރެއްވީ އަމިއްލަ މަސްލަހަތު ހުރި ވާހަކަ އެވެ. ރައްޔިތުންގެ ކަންބޮޑުވުމާއި އެހެން އެއްވެސް އެއްޗަކަށް ވިސްނައެއް ނުލަ އެވެ.

ނަމަވެސް އާންމު ރައްޔިތެއްގެ ފައިވާނުން ހިނގާ ނަމަ ފުރަތަމަ ވެސް ވިސްނާލަން ޖެހޭނީ އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލް އޮންނަ އިރު ވެސް އައިޖީއެމްއެޗްގެ ހާލަތެވެ. ހާއްސަ ޑޮކްޓަރަކަށް ދައްކަން ނުވަތަ ސްކޭނެއް ހައްދަން އެޕޮއިންޓްމަންޓެއް ނަގައިގެން ހައެއްކަ މަސް ވާ އިރު ވެސް އެޕޮއިންޓްމަންޓެއް ނުލިބެ އެވެ.

އެ ހޮސްޕިޓަލަށް މިހާރު ވެސް މީހުންނަށް ކޭޓާ ނުކުރެވިގެން އުޅޭ އިރު ދެން އެންމެ ގިނަ މީހުން ހިދުމަތް ހޯދާ އޭޑީކޭ ހޮސްޕިޓަލުން އާސަންދި ހިދުމަތް އެކީ ހުއްޓާލައިފި ނަމަ ނުވަތަ އެ ހޮސްޕިޓަލްގެ ހިދުމަތްތަކަށް ބުރޫ އަރައިފި ނަމަ ސިއްހީ ނިޒާމަށް އަރާނެ ލޮޅުމާ މެދު ވިސްނާލައި އެ ވާހަކަ ދައްކަވާނެ މެމްބަރަކު ނުވި އެވެ.

ކުރުކޮށް ބުނާ ނަމަ ދައުލަތަށް އޮތީ 2025-2026 ގެ ބޮޑު ދަރަންޏަށް ތައްޔާރުވާން އާމްދަނީ އިތުރު ކުރަން މަޖުބޫރުވެ ބައެއް ހިދުމަތްތައް ކުޑަކުރަން ޖެހިފަ އެވެ. މަސްވެރިންގެ އަތުން މަސް ގަންނަ އަގު ކުޑަކުރުމާއި ބައެއް ސަރުކާރު އޮފީސްތަކުން "ބޭކާރު މީހުން" މަދު ކުރުމާއި ކުރިޔަށް އޮތް ތަނުގައި އާސަންދަ ހިދުމަތާއި ތެލުަށް ދެމުން އަންނަ ސަބްސިޑީ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ސަރުކާރުން ވަނީ ނިންމާފައި އެވެ.

ގައުމަށް ގެންނަ އެ ބަދަލުތަކުގެ "ހިތި ބޭސް" ރައްޔިތުން ބޯން ޖެހިފައިވީ ނަމަވެސް ރައްޔިތުންނަށް ވުރެ ބޮޑަށް މި ހާލަތު އެނގިވަޑައިގަންނަވާ ބައެއް މެންބަރުންނަށް އެކަންކަން އަދިވެސް ހަޖަމެއް ނުވެ އެވެ. މަޖިލީހުގައި އަމިއްލަ މަސްލަހަތަށް ނޫނީ އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކަވަ އެވެ.

47 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 15%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަވަހޭދޯ

20 August 2024

އަދި ވެރިކަމަށް އަހަރު ނުވަނީސް އެ ދެއްކީ ސަރުކާރު ވައްޓާލާނެކަމުގެ ބިރު. އޭނައާ ދެކޮޅަށް މި ރައީސަށް ކިހާ ހިތްވަރެއް ދެއްކޭނެބާ؟ ދެން އެބުނީ ހަމަ ރަގަޅު ވާހަކައެއް. އެއީ ސަރުކާރުގަ ތިބީ ކޯނޗެއް އެނގޭ ބައެއްތަ؟ ސަރުކާރުތަކުގެ ފައިދާ ނަގައިގެން އޭނަގެ ވިޔަފާރި ހިންގާ ގޮތަށް ގައުމުގެ ދަރަނި ހިންދަން އެނގޭނެ މީހަކު ސަރުކާރުގަ ނެތް ވާހަކަ އަސްލު އެ ބުނަނީ.

The name is already taken The name is available. Register?

ސަލީމް އަދްނާން

20 August 2024

ބޭރުމީހުން އަތުން ނަގާ ފައިސާ އާ ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް މިހާރު ނުދައްކާތާ ވީހާ ދުވަހެއްވެސް ނޭނގެ. މިކަހަލަ ކަންތައް ތަކަށް އިހުމާލުބާތީ މިކަހަލަ ފިޔަވަޅުތައް އަޅަން މި ޖެހެނީ. މީ ވަކި ބަޔަކަށް ގެއްލުމެެއް ދޭން ކުރެވިގެންދާ ކަމެއް ނޫން. ގައުމުގެ ހާލަތު ރަނގަޅު ކުރެވުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރައްވަމުން މި ސަރުކާރުން ގެންދަވަނީ. އެކަމަށް ފުރިހަމަ އެއްބާރުލުން ބޭނުންވޭ.

The name is already taken The name is available. Register?

މާއިލް ނަޖީބް

20 August 2024

މިކަހަލަ ފިޔަވަޅުތައް އަޅަން މި ޖެހޭ ސަބަބަކީ މި ގައުމު މިހާރު މިއޮތީ ވަރަށް ފުން އަނދަވަޅެއްގެ ތެރޭގައި. ހުރިހާ މެމްބަރުންނާ ޕާޓީތައް އެކުވެގެން މި ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަންވީ. ދެބަސްވެގެން އެއްބަޔަކު އަނެއް ބަޔަކާ ޖެހިގަނެގެން ގެއްލުން ވާނީ ހަމަ ރައްޔިތުންނަށް.

The name is already taken The name is available. Register?

ނައިސަމް ޖަލީލް

20 August 2024

ތި ހިތި ބޭސް ބޮއެގެން. ގުރުބާނީތަކެއް ވެގެން މިއަދު މިގައުމު މިއޮތް ހާލަތުން އަރައިގަނެވެން އޮތީ. ދެބަސްވެ ޒުވާބު ކޮށްގެން ވާނެ އެއްވެސް ފައިދާއެއް ނެތް.

The name is already taken The name is available. Register?

މާއިޒް ހަސަން

20 August 2024

ގައުމުގެ ތަރައްގީއާ ރައްޔިތުންގެ ހާލަތައް ވިސްނައިފައި މިކަހަލަ ދެބަސްވުންތައް ދޫކޮއްލަން ޖެހޭ. ސަރުކާރުން ނިންމަވާ ނިންމެވުންތަކަކީ ރައްޔިތުންގެ ލާބައަށް ކުރެވިގެންދާ މަސައްކަތްތަކެއް.

The name is already taken The name is available. Register?

މިޝާލް ޖުނައިދް

20 August 2024

ގައުމުގެ މަސްލަހަތައް ކުރާ ކޮންމެ ކަމަކަށް މެމްބަރުންގެ އެއްބާރުލުން ބޭނުންންވޭ. އަމިއްލަ ނަފްސާ ވިޔަފާރިއަށް ވިސްނައިގެން ކަންކުތަން ހަދައިފިއްޔާ އޭގެ އަސަރު ކުރާނީ ގައުމުގެ ރައްޔިތުންނަށް.

The name is already taken The name is available. Register?

ޚިރާމް

20 August 2024

މިއަށްވުރެ ކުރުކޮށް ލިޔެވިދާނެނޫންތަ. ފޫހި

The name is already taken The name is available. Register?

ހަޖާމުބޭ

19 August 2024

ސިޔާސީ މަގާމުތަކަށް އަސްލު އަންނަނީ ރައްޔިތުންނަށް ގައުމަށް ހެޔޮއެދިގެނެއްނޫން އެކަކުވެސް....އަމިއްލަ މަންފާއަށް އަމިއްލަ އެދުމަށް ވަޒީފާގެ ބޭނުމަށް.....އެކަން އެންމެ ރަނގަޅަަށް ފެންނާނީ ނާޗަރަންގީ މަޖިލީހުން....އާންމު ސިވިލްސާވިސް މީހާގެ މުސާރަ 7000ރ ގަ ހުންނައިރު މިއިން މީހަކަށް ލައްކައަކާއި ކައިރިކުރޭ އާމްދަނީ މަހަކު....

The name is already taken The name is available. Register?

ކަމާލް

19 August 2024

“އަޅުގަނޑު ހަމަ ގައިމުވެސް ދަންނަވަން އަޅުގަނޑު މި ހުރީ އެކަން ކުރަން.” ނާ ހަމަ ތެދުފުޅެއް ތޯ؟އިޙުލަސްތެރި ކަމެއް ހުރިއްޔާ މަނިކުފާނުގެ ވިޔަފާރި ތަކުން ސަރުކާރައް ދައްކަން ޖެހޭ ހުރިހާ ޓެކްހަކާ ޖޫރިމަނާ އެއް ދައްކާ ނިންމާ ނިކަން ރައްޔިތުންގެ ހައްޤުގަ މެމްބަރު ކަމުގެ އިނާޔަށް ނުނަންގަވާ ހިލޭ ސާބަހަށް މަޖުލީސް ގޮނޑި ފުރުއްވާ ދެއްވާ.

The name is already taken The name is available. Register?

ގުޑް

19 August 2024

ގާސިމްގެ ވާހަކަ ރަނގަޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454