ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ސްކޭމް މައްސަލަތަކުގައި އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ހުށަހަޅާފައިވާ އިސްލާހާ މެދު މެމްބަރުންގެ ހިޔާލު ތަފާތު --- ފޮޓޯ/މަޖިލިސް
20 އޯގަސްޓް 2024 - 13:03
މަކަރާއި ހީލަތުން ނުވަތަ ސްކޭމްކޮށްގެން ފައިސާ ހޯދާ މައްސަލަތަކުގައި ކޯޓު އަމުރަކާ ނުލައި ވަގުތީ ގޮތުން ބޭންކް އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދޭން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހާ މެދު، ސަރުކާރު ހިންގާ ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެއްޖެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 73 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ބޭންކް އެކައުންޓެއް މޮނިޓާ ކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުގައި ޖިނާއީ ބޮޑު ކުށެއް ފާހަގަވާ ކަމަށްވާނަމަ، އެ އެކައުންޓްގައިވާ ފައިސާ ވަކި މުއްދަތަކަށް ހިފެހެއްޓޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުންނެވެ.
މެންބަރު މުހައްމަދު އިބްރާހިމް އިސްލާހު ހުށަހެޅުއްވީ އެ މާއްދާ އިސްލާހު ކުރުމާއެކު، ވަގުތީ ގޮތުން އެކައުންޓްތައް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށެވެ.
އެ އިސްލާހުގައިވަނީ ޖިނާއީ ބޮޑު ކުށްތަކުގެ އިތުރުން މަކަރާއި ހީލަތުން ނުވަތަ ސްކޭމްއަކުން ފައިސާ ނަގާކަން ނުވަތަ އެކަމަށް ބާރުދޭ ސަބަބުތަކެއް ހުރި ނަމަ އެކަމާ ގުޅުންހުރި އެކައުންޓްތައް ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ. އަދި ކޯޓުން ގޮތެއް ނިންމަން ހޭދަވާ މުއްދަތުގައި އެކައުންޓްގައިވާ ފައިސާ ނުވަތަ އެ އެކައުންޓަކުން އެހެން އެކައުންޓްތަކަށް ޓްރާންސްފާ ކުރި ފައިސާ ހިފަހައްޓަން އަމުރެއް ފުލުހުންނަށް ނެރެވިދާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އަމުރު ނެރެންވާނީ އިސްލާހުގައިވާ ގޮތުން، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެކެވެ. އަދި އެކައުންޓް ހިފެހެއްޓުމުގެ އަމުރު ލަސްނުކޮށް ބޭންކާއި އެމްއެމްއޭއަށް އަންގަން ވާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
މި އިސްލާހަށް ތާއީދު ކުރައްވާ ތިނަދޫ ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ މިފަދަ ކަންކަމުން ސަލާމަތްވުމަށް މިފަދަ ގާނޫނެއް މުހިންމު ކަމަށާއި ފުލުހުންގެ ފަރާތުން މިފަދަ ވާހަކައެއް ދެކެވެނީ އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވާ މައްސަލަ ތަހުގީގު ކުރަން ދަތިތަކެއް ހުރުމުން ކަމަށެވެ.
"އެ ލާރި ނަގައިގެން އެ ބޭނުން ކުރުމުގެ ކުރިން އެ ފައިސާ ހޯލްޑް ކުރެވިގެން އެ ފައިސާ އަނބުރާ ލިބޭނެ ގޮތެއް ވޭތޯ ބެލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ވަރަށް މުހިންމު ކަމެއް،" ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ސައުދުﷲ ވިދާޅުވި އެވެ.
ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް: އޭނާ ވަނީ މި ބިލުގައިވާ މާއްދާއަށް ރިއާޔަތް ކުރަން އެދޭ ކަމަށް ވިދާޅުވެފައި - ފޮޓޯ: މަޖިލިސް
ފުލުހުންނަށް މިފަދަ ބާރުތަކެއް ދެވިއްޖެނަމަ، ގިނަ ބައެއްގެ ފައިސާ ރައްކާތެރިކުރެވި، މުޖުތަމައުގެ ތެރޭގައި ހަމަޖެހުން ގާއިމް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޖިނާއީ އިޖްރައާތުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން މަސައްކަތް ކުރާއިރު، ކޮމިޓީ މަރުހަލާގައި ވެސް މިކަމަށް ރިއާޔަތް ކުރަން އެދޭ ކަމަށެވެ.
އޭނާ ވިދާޅުވީ ވެސް ސްކޭމްގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާއިރު ހައްލެއް ބޭނުންވާ ކަމަށެވެ. ފުލުހުންނަށް ދޭ ބާރުތަކާއެކު ތެދުވެރިކަމާއެކު ޒިންމާ އަދާކުރާ ނަމަ، ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އަނާރާ ވިދާޅުވި އެވެ.
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ސްކޭމްގެ މައްސަލަތައް ތަހުގީގުކޮށް ނިމެންދެން އެކައުންޓުގައިވާ ފައިސާ ހިފެހެއްްޓުމުގެ ބާރު ފުލުހުންނަށް ދިނުމަށް މީގެ ކުރިން ވެސް އެދިފައިވާ ކަމަށާއި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ގާނޫނަށް އެފަދަ އިސްލާހެއް ގެނައުމަށް އެދޭ ކަމަށެވެ.
ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ--ފޮޓޯ: މަޖިލިސް
ޕީއެންސީ އެހެން ބައެއް މެންބަރުން ވެސް ވަނީ ވަގުތީ ގޮތުން ފައިސާ ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ދެވިއްޖެނަމަ، ސްކޭމްގެ މައްސަލަތައް މަދުވެ، މިފަދަ މައްސަލަތަކުގައި ފައިސާ ގެއްލުން ހުއްޓުވިގެން ދާނެ ކަމަށެވެ.
ނަމަވެސް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ މިއީ ގާނޫނީ ގޮތުން ބޭނުންވާ ހައްލެއް ނަމަވެސް ބިލުގެ ބައެއް މާއްދާތައް ހުރީ ވަކި ބަޔަކަށް ޓާގެޓުކޮށް ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ފުލުހުންނަށް ލިބޭ ގޮތަކަށް ކަމަށެވެ.
"އެ އަދަދު ބްލޮކް ކުރެވޭނެ ކޮންމެވެސް ކަހަލަ މެކޭނިޒަމަކަށް ލާން ޖެހޭ. މުޅި އެކައުންޓު އެއްކޮށް ފްރީޒް ވެއްޖެ ކަމަށް ވެއްޖެއްޔާ ވިޔަފާރި ހުއްޓިގެން ގޮސްދާނެ. މީގެ ނާޖާއިޒް ފައިދާއެއް ނެެގުމުގެ ފުރުސަތު އެބައޮތް. މި އިސްލާހު މި ގޮތަށް އޮވެއްޖެއްޔާ،" ރިފާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އިސްލާހަށް މައިގަނޑު ގޮތެއްގައި ތާއީދު ކުރެއްވި ނަމަވެސް، މި ބިލަށް އިތުރު އިސްލާހު ގެނެސް އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.
މެމްބަރު ހުސްނީ މުބާރަކް: އޭނާ ވެސް ވަނީ މި ބިލުން ސްކޭމްގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ/މަޖިލިސް
އިސްލާހާ ދެކޮޅު ހެއްދެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ ބިލް ހުށަހަޅާފައިވަނީ ރަނގަޅު މަގްސަދެއްގައި ކަމުގައި ވިޔަސް، މި ބިލުން ސްކޭމުގެ މައްސަލަތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސްކޭމްގެ ގިނަ މައްސަލަތަކުގައި އެކައުންޓަށް ފައިސާ ފޮނުވުމަށްފަހު، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެތައް އެކައުންޓެއްގައި އެ ފައިސާ ރޯލްކުރާ ކަމަށާއި ހުށަހަޅާފައި އޮތް އިސްލާހުން އެކަމަށް ހައްލު ނާންނާނެ ކަމަށެވެ.
އެހެންކަމުން ފުލުހުން އެކައުންޓު ފްރީޒް ކުރަން އެދޭއިރުވެސް ފައިސާ އޮންނާނީ ގެއްލިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން: އޭނާ ވިދާޅުވީ ސްކޭމްގެ މައްސަލައަށް ހައްލު އަންނާނީ ބޭންކިން ނިޒާމަށް ހައްލު ގެނެވިގެން ކަމަށް --
މި ގާނޫނުން ސްކޭމްތައް ހުއްޓުވުމަށް އެއްވެސް ހައްލެއް ނާންނާނެ ކަމަށާއި އެކަމަށް ހައްލު އަންނާނީ ބޭންކިން ނިޒާމަށް ހައްލު ގެނެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ އިސްލާހުން ހާސިލް ކުރަން ބޭނުންވާ މަގްސަދު ހާސިލް ނުކުރެވޭނެ ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ އިސްލާހު ނުކޮށް އެ ގާނޫނުގެ 73 ވަނަ މާއްދާއަށް ގެންނަ އިސްލާހަކުން މި ކަން ހާސިލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވެސް ވިދާޅުވީ މި މައްސަލަ ހައްލުކުރަން ބޭންކިން ސިސްޓަމަށް މުހިންމު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޔބޔެެ
21 August 2024
އެކަން ކަމަށް ހިތްވަރުދޭ މީހުންގެ ހިޔާލު ތަފާތުވާނެ
ކޮރަލް
20 August 2024
އެކައުންޓް ފްރީޒް ކުރާ ގޮތަށް ހަދަން ވީއެވެ. ސްކޭމް ކުރާ މީހާ އެކައުންޓް ފްރީޒް ކުރަން ވީ އެވެ. އޭނަ އެހެން އެކައުންޓް ތަކަށް ފައިސާ ފޮނުވާނަމަ އެ އެކައުންޓް ތަކުން ފައިސާ ހަވާލު ކުރީމަ އެކައުން އަން ފްރީޒް ކުރަން ވީ އެވެ. ދެން ތަހުގީގު ކުރިއަށް ގެންދަން ވީ އެވެ. ނޫނީ ސްކޭމް ކުރާ މީހާ ގާސިމްގެ އަކައުންޓް އަށް ގަސްތުގަ ފައިސާ ފޮނުވަ ފާނެ އެވެ. އޭރުން ވިޔަފާރި އަށް އަސަރު ކޮށްފާނެ އެވެ.
5210
20 August 2024
އިންޓެގްރެޓީީ އެއް ނެތް ބަޔަކަށް، ނިކަމެތި ރައްޔިތުން އުމުރު ހުސްކޮށްގެން ލިބޭ ފައިސާކޮޅު ތަހުގީގަށޭ ކިޔާ، ފްރީޒްކުރާކަށް ފުރުސަތެއް ނުދެވޭނެ. މުއްސަދި ނުވަތަ ސިޔާސީ މީހަކަށް ނޫނީ ފުލުހުންނަށް ފުލުހުންގެ ބާރުބޭނުންކޮށްގެން އެހީއެއް ނުވެވޭ ބަޔަކަށް އެކައުންޓްތައް ދޫކޮށް ނުލެވޭނެ.
4646
20 August 2024
ދިވެހި ފުލުހުންނަށް ބާރު ދިނުމަށްވުރެ ރަގަޅުވާނީ، ތިޔަ މުޢައްސަސާއަށް ބިލިއަނުން ކުރާ ޙަރަދު ހުއްޓާލައި ކޮންޓްރެކްޓް އުސޫލަށް ތިތަން ހިންގިއްޔާ! ކުށްތަކުގެ ހިސާބު ބަލަހައްޓާ ބައެއް ފުލުހުންނަކީ! މި މީހުންނަށް، ކުށުގެ ވެހި ރައްކާނުކުރެވޭ ބަޔަކަށް ކިހިނެއް ބައެއްގެ އެކައުންޓްތަކަށް ޒިންމާދާރުކަމާއެކީ މޮނިޓަރ ކުރެވޭނީ!
ހުސެން ހިތަދޫ
20 August 2024
މިޔަކީ ވިޔަފާރިއަކަށް ޓާގެޓްކޮށް ނަޖާއިޒް ފައިދާ ނެގިދާނެ ގޮތަކަށް ހެދިފަ އޮތް ގާނޫނެއް، ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރާ ކަމެއް. މެމްބަރުންނަށް މި ދައުރުގަ ހޮވިފަ މިތިބީ ޅަ ކުދިން، އަމިއްލަ ވިސްނުމުން ބަރިއްޔަވެފަ ތިބި ޕަޕެޓުންތަކެއް.
ޙަސީނު
20 August 2024
ފެނިފެނި ހުންނަ ބޮޑެތި ކުށްތައް ހުއްޓުވަން އުނދަގޫވާ މަގު އަލިކުރަން ކުރާ މަސައްކަތަށްވެސް ހުރަސް އެޅުން މިފެންނަނީ. ކުށްކުރުމް މަދުކުރެވޭނީ ކުށްކުރުމަށް ފެންނަންހުންނަ މަގުތަށް ހުރަސް ކުރެވޭނެ މަގުތަށް ހެދިގެން. މިޤާނޫމަކީ މިފަދަ ކަމަކަށްވާއިރު ފުލުހުންނަށް މަގު ފަހިކޮށްދޭންޖެހޭނެ.
އައްބެ
20 August 2024
އެކައުންޓް ފްރީޒްކުރުމުން ލަނޑުލިބިދާނެ ސްކޭމްގައި ބައިވެރިނުވާ މީހަކަށްވެސް. މިސާލަކަށް މަށަށް ބޮޑިއެއްދޭން ބޭނުންވާ މީހާ މަގޭ އެކައުންޓަށް ފައިސާތަކެއް ޓްރާސްފާކުރުމަށް ފަހު ނުވަތަ ކުރާ މަސައްކަތަކަށް ފައިސާ ލިބޭދުވަހު ރިޕޯޓްކޮށްފާނެ ތިމަންނައަތުން މީނާ ފޭރިގަނެފިއޭ. ދެން ފުލުހުން މަގޭ އެކައުންޓް ވަގުތީގޮތުން ވިޔަސް ބަންދުކޮށް ދެތިން ހަތަރު ހަފްތާ ވާއިރު މަށަށް ކިހާބޮޑު ގެއްލުމެއްތޯ އެލިބުނީ. މިވެދާނެ މީހުން ފްރޭމްކުރަންލިބޭ ފުރުސަތަކަށް.
އަފްރާސިޔާބު
20 August 2024
އެކައުންޓް ފްރީޒްކުރާނީ ހިތަށް އެރި މީހެއްގެ އެއްނޫން. ޝައްކުކުރެވޭ ގޮތަށް ޓްރާންސްސެކްޝަން ތައް ހިންގާ ފަރާތް ބޭންކުން ބުނީމާ އެމީހުން ބަލާނެ އެމީހަކީ އެވަރުގެ ފައިސާ އެއް ވަންނަ މަސައްކަތެއް ކުރާ މީހެއްތޯ. ބަލާފައި އެކަންކުރާނީ. ހަމަ ޖެހުނު ކޮންމެ މީހެއްގެ އެކައުންޓް ފްރީޒްކުރާނީކީ ނޫން. މޭކަރަނީތަ؟