ރައްޔިތުންގެ މަޖިލީހުގެ ހިތަދޫމެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރްޒޫގް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
16 ނޮވެމްބަރ 2025 - 15:21
ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުުކުރާ އިރު އޭގެ ސަބަބުން އިންފްލޭޝަން މައްޗަށް ދާނެ ކަމަށާއި އިންގްފްލޭޝަން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ބޮޑު މުސާރައިގެ ފައިދާއެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫމެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރްޒޫގު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ރައްުޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އަޒާން ވިދާޅުވީ މުސާރަ ބޮޑުކުރުމާ އެކު، އިންފްލޭޝަން މައްޗަށް ދާނެތީ ސަރުކާރުން މިހާރުން ފެށިގެން ތައްޔާރުވާން ޖެހޭ ކަމަށެވެ.
ދައުލަތުގެ މުވައްޒަފުން އިތުރުވެ، މުސާރަ އަށް ކުރަން ޖެހޭ ހަރަދު ބޮޑުވާ މިންވަރު ދަށްކުރަން އާޓިފިޝަލް އިންޓެލިޖެންސް ފަދަ އީޖާދީ ގޮތްތައް ބޭނުންކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރުން ގިނަ އަދަދަކަށް މުވައްޒަފުން ނުނަގާ އަަޅުގަނޑުމެންނަށް ފަރުޖެއްސިދާނެ. އަންނަ އަހަރަކީ ހަމަ އަޅުގަނޑު މި ދެންނެވި ގޮތަށް މުސާރަ ބޮޑުވާ އަހަރު ކަމުން، މުސާރަ ބޮޑުކުރީމާ ހަމަ އެެއީ ވާކަމެއް އިންފްލޭޝަން މަތިވުން. އިންފްލޭޝަން މަތިވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ،" އަޒާން ވިދާޅުވި އެވެ.
"އެހެންވީމާ މިހާރުއްސުރެ، އިންފްލޭޝަން ބޮޑުވުމާ ދެކޮޅަށް ސަރުކާރުން ކޮންމެވެސް ކަހަލަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ދުރާލައި."
ދައުލަތުގެ ހަރަދުބޮޑުވާ އެހެން ކަންތައްތަކުގެ ތެރޭގައި "ބްލޭންކެޓްކޮށް" ހުރިހާ އެންމެނަށް ދޭ ސަބްސިޑީތައް ހިމެނޭކަން ފާހަގަކުރައްވައި އަޒާން ވިދާޅުވި ގޮތުގައި، މިހާރު އޮތް ސަބްސިޑީ ނިޒާމު ބަދަލުކޮށް، ޓާގެޓެޑް ސަބްސިޑީއަށް ބަދަލުކުރަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަބަދުވެސް ލަފާދެ އެވެ.
"އަަޅުގަނޑަށް އެނގޭ މިއީ ސިޔާސީ ގޮތުން ކުރަން އެހާ ފަސޭހަކަމަކަށް ނުވާނެކަން. ބަޔަކަށް ދީދީ ހުރި އެއްޗެއް ހުއްޓާލުމަކީ ފަސޭހަކަމެއް ނޫން. އެހެން ނަމަވެސް މިހާރު މިދާ ގޮތަށް ކުރިއަށް ދިއުމަކީ ސަސްޓެއިނަބުލް ކަމެއް ނޫން،" އަޒާން ވިދާޅުވި އެވެ.
ސަރުކާރުގެ ގިނަ މުވައްޒަފުންތަކެއްގެ މުސާރަ އަންނަ އަހަރު އެއްފަހަރާ ބޮޑު ކުރުމުގެ ބަދަލުގައި، އެކަން ކުރަން ވާނީ އެކި ފަހަރު މަތިން ބަހާލައިގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައުލަތުގެ ބަޖެޓަށް ދިން ލަފާގައި ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، އަންނަ އަހަރު އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ. އެކަމަށްޓަކައި ސަރުކާރަށް ދޭ ލަފައަކީ މުސާރަ ބޮޑުކުރުމުގެ ކަންކަން ބަހާލައިގެން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ކުރީއްސުރެ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މަސައްކަތްތައް ކުރެވިގެން މި އަންނަނީ މި އަންނަ އަހަރު އެ މަސައްކަތް ނިންމުމަށްޓަކައި. އެހެން ނަމަވެސް، ބަޖެޓުގައި އެހާ ބޮޑު އިންސައްތައެއް، ގާތްގަނޑަކަށް ތިން ވަރަކަށް ބިލިއަން އިތުރު ވެގެންދާއިރު އަޅުގަނޑުމެންގެ އެންމެ މުހިންމު ލަފައަކަށް ދީފައި އޮންނާނީ އެ ބަހާލައިގެން ކުރިއަށް ގެންދިއުން،" ގަވަރުނަރު ވިދާޅުވި އެވެ.
"އެއްފަހަރާ ހުރިހާ މުސާރައެއް ބޮޑުކުރެވިގެން ދިއުމުން އޭގެ ޕްރެޝަރު އައުން އެކަށީގެންވޭ."
ގަވަރުނަރު ވިދާޅުވީ އެ ބަދަލާ އެކު، ފޮރިން އެކްސްޗޭންޖް މާކެޓުގައި މިހާރު އޮތް ޕްރެޝަރަށް އިތުރު ޕްރެޝަރެއް އަތުވެދާނެ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް، ކަންކަން ކުރަން ޖެހޭ ކަމަށް ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޚާރުވާ
17 November 2025
ބަލަ އަޒާން. މިހާރު ބޮޑުކުރާ މުސާރައަކުން މާބޮޑު އެނގުންތަކެއް ނުވާނެ. ސަބަބަކީ ބޮޑު މުސާރަތައް ލިބޭ ހުރިހާ ސެކްޓަރތަކާ މީހުން މިހާރުވަނީ ބޮޑުކޮށްފަ. މިހާރު މުސާރަ ބޮޑުވި ހުރިހާ މީހުންނާ ހަމައެކަނި ސިފައިންނާ ޕޮލިހުންނާވެސް އަޅާނުކިޔޭނެ. އެންމެ ދަށް ފަންތީގެ 2 ސެކްޓަރ އަކު ނުހުންނާނެ އިންފްލޭޝަން ހިއްލާލާނެ ބާރެއް
ޗެން
17 November 2025
ވަރަށް ބޭއިންސާފު. ދުނިޔޭގެ އެންމެ ވަރިގިނަ ގައުމުގައި ދެމަފިރިންގެ ތެރެއިން އެކަކަށް ފްލެޓެއް ލިބިފައިވާތީ އަނެކާ ފްލެޓަށް ޝަރުތު ހަމަނުވުމަކީ ވަރަށް ބޭއިންސާފުކަމެއް. ހިޔާ ފްލެޓް ދެމަފިރިންގެ ނަމުގައި ދިނީމަ އެތައް މައްސަލައެއް އުފެދި އެތައް ވަރިއެއް ހިގި. ވަރިވެގެން ދެމަފިރިން ދެމީހުންނާ އިދެގެން އެއް ފްލެޓެއްގައިވެސް އެބައުޅޭ. އަނެއް ބަޔަކު އުދަގޫ ޖެއްސުންކޮށްގެން އަނެކާ ފްލެޓުން ނެރެފައިވެސް އެބަހުރި. ރ މުއިއްޒު ގެ މިސިޔާސަތު ކަމަކު ނުދޭ
ސަލީމާ މޫސާ
17 November 2025
ރައީސް މުޢިއްޒެވެ. މިރާއްޖޭގައި މުސާރަތައް ހަމަޖެހިފައި އޮންނަގޮތުން އަބަދުވެދުވެސް މޮޅުމީހުންނަށް މޮޅުގޮތެވެ. މީގެ 35 އަހަރުކުރިން 600ރ އަށް ސަރުކާރަށް ވަތް އިދާރީ މީހަކަށް އޭރު އީ އެންމެ ދަށް މުސާރައެވެ. މިހާރުވެސް ހަމަ އެމީހުންނަށް އެންމެ ދަށް މުސާރައެވެ. ބައެއް މީހުންނަށް 35000، 40000ރ ގެ މުސާރަ ދޭއިރު 30، 40 އަހަރު ވަޒީފާގަ ހުރި އިދާރީ މީހަކަށް އެޓެންޑެންސޭ އެކިޔާ ލާރިކޮޅު ނުލާ ވީ ކުޑައެވެ. މީ ކޮންބައެއް ރާވާ ރޭވުމެއްތޯއެވެ.
އަކްމެޑް
17 November 2025
މުސާރަ ބޮޑުކޮށްފަ އެލަވަންސް ކަނޑާލަނީ. ޖުމްލަ ލިބޭވަރު މިހާރަށްވުރެ ކުޑަ.
ޑުބްލިކޭޓް
17 November 2025
އަބަދުވެސް މުސާރަ ބޮޑުނުވެގެން... ކުރާ މަސަތްކަތުގެ ފެންވަރެއް ނެތް، މަސައްކަތައް ދޭންޖެހޭ ސަމާލުކަމާއި ވަގުތު ނުދެވޭ.
ކަރުސަތޭ
17 November 2025
މިސޮރު ދެއްކިޔަސް މިއީ ރަނގަޅު ވާހަކަ.
ރޯހިތު
19 November 2025
އެ ސޮރު ކޮން އިރަކު ނުރަނގަޅު ހޮޅި ވާހަކައެއް ދެއްކީ؟ އެސޮރު ދައްކާ ވާހަކަ ކަލޭމެނަށް ފަހުމު ނުވަނީއެއްނު
ޢޭންޖަލް
16 November 2025
މުސާރަ ބޮޑެއްނުވޭ. އެޓެންޑަންސް އެލަވަންސް ކިޔާ އެއްޗެއް ދީފަ، އެ ފުލްކޮށް ލިބޭނެ އެއީ ނެތްގޮތެއް. ނިމޭއިރު ގިނަ މީހުނަށް ކުރިން ގެޔަށް ގެންދަން ލިބުނު މުސާރަވެސް ނުލިބޭ
ތޯހިރު
16 November 2025
ވަޓް އިޒް ދިސް ރޯހިތު...
ހައްޖަ.
16 November 2025
މި މިީހުން ގެ މުސާރަ ކުޑަ ކޮއްބަލަ.ހުރިހާއެއްޗެއް ޖިީބަށް ކަހައިލައަގެން އަރާ މަތި ފަޑީ ގަ.
ސަޕެޓު
16 November 2025
އަޒާނު މިއީ ޕީއެންސީ މެމްބަރުންގެ ތެރޭގަ ހުރި ހަމައެކަނި ހަމަޖެހޭ ވާހަކަ ދައްކާ މީހާ