ބަޖެޓް ކޮމެޓީގައި އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވާހަކަ ދައްކަވަނީ: އެއްފަހަރާ މުސާރަތައް ބޮޑުކުރުމުން އިންފްލޭޝަނަށް އަސަރު ކުރާނެ ކަމަށް ވިދާޅުވި --- މިހާރު ފޮޓޯ/ނިޝާން އަލީ
15 ނޮވެމްބަރ 2025 - 15:58
އަންނަ އަހަރު ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަ އެއް ފަހަރާ ބޮޑު ކުރުމުގެ ބަދަލުގައި، އެކަން ކުރަން ވާނީ އެކިފަހަރު މަތިން ބަހާލައިގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ،
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، އަންނަ އަހަރު އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ. އެކަމަށްޓަކައި ސަރުކާރަށް ދޭ ލަފައަކީ މުސާރަ ބޮޑުކުރުމުގެ ކަންކަން ބަހާލައިގެން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ކުރީއްސުރެ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މަސައްކަތްތައް ކުރެވިގެން މި އަންނަނީ މިއަންނަ އަހަރު އެ މަސައްކަތް ނިންމުމަށްޓަކައި. އެހެން ނަމަވެސް، ބަޖެޓުގައި އެހާ ބޮޑު އިންސައްތައެއް، ގާތްގަނޑަކަށް ތިން ވަރަކަށް ބިލިއަން އިތުރު ވެގެންދާއިރު އަޅުގަނޑުމެންގެ އެންމެ މުހިންމު ލަފައަކަށް ދީފައި އިންނާނީ އެ ބަހާލައިގެން ކުރިއަށް ގެންދިއުން. އެއްފަހަރާ ހުރިހާ މުސާރައެއް ބޮޑުކުރެވިގެން ދިއުމުން އޭގެ ޕްރެޝަރު އައުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މުނައްވަރު ބައިވެރިވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ގަވަރުނަރު ވިދާޅުވީ އެ ބަދަލާއެކު، ފޮރިން އެކްސްޗޭންޖް މާކެޓުގައި މިހާރު އޮތް ޕްރެޝަރަށް އިތުރު ޕްރެޝަރެއް އައިސްދާނެ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް، ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތު ބޭރު ފައިސާ ލިބެނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ތެރެއިން ލިބޭ ޑޮލަރާއި ޓެކްހާއި އެ ނޫން އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުން ކަމަށާއި މިދިޔަ އަހަރުތަކުގައި ވެސް ރާއްޖެއިން ބޭރުން ލޯނު ހޯދުމަށް ދަތިތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސަބަބުތަކާ ހެދި އެމްއެމްއޭއިން ބޭނުންވާ މިންވަރަށް ބޭރު ފައިސާގެ ކަންކަން ހަމައަކަށް އަޅުވަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭރު ފައިސާގެ ކަންކަން ރަނގަޅު ކުރެވޭނީ ރިޒާވް އިތުރުކުރެވިގެން ކަމަށާއި އަދި އެއީ އަންނަ އަހަރު ކުރިމަތިވާނެ ރިސްކެއް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރު ސަލީމް --- މިހާރު ފޮޓޯ/ނިޝާން އަލީ
މުނައްވަރު ވިދާޅުވީ އޯޕަން މާކެޓް އޮޕަރޭޝަން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށާއި މޮނިޓަރީ ސިޔާސަތުގެ ތެރެއިން އެ ޕްރެޝަރުތައް ކުޑަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެމްއެމްއޭ އިން ދިން ލަފާގައި ބުނެފައިވަނީ އަންނަ އަހަރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައި އޮތުމުން އެންމެ ބޮޑަށް އިތުރުވާނީ މުވައްޒަފުންގެ މުސާރައިގެ ހޭދަ ކަމަށެވެ. އަދި މުސާރައާ ހެދި ރިކަރަންޓް ހަރަދު އިތުރުވާތީ، ބަޖެޓް ފައިނޭންސިން ހޯދަންޖެހޭ މިންވަރު އިތުރުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އަންނަ އަހަރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި ބަޖެޓްގައި 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ ސިވިލް ސާވިސް އާއި މިނިވަން މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރުމަށް ހިމަނާފައިވާ އަދަދެކެވެ.
"..ބަޖެޓުގައި އެހާ ބޮޑު އިންސައްތައެއް ގާތްގަނޑަކަށް ތިން ވަރަކަށް ބިލިއަން އިތުރު ވެގެންދާ އިރު އަޅުގަނޑުމެންގެ އެންމެ މުހިއްމު ލަފައަކަށް ދީފައި އިންނާނީ އެ ބަހާލައިގެން ކުރިއަށް ގެންދިއުން. އެއްފަހަރާ ހުރިހާ މުސާރައެއް ބޮޑުކުރެވިގެން ދިއުމުން އޭގެ ޕްރެޝަރު އައުން އެކަށީގެންވޭ،" މުނައްވަރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގެ 30 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންގެ މުސާރައަށެވެ. އެއީ 17.1 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ދައުލަތުގެ މުވައްޒަފުންގެ އަދަދު 54،000 އަށް އިތުރު ވާއިރު އެއީ މިއަހަރަށް ވުރެ 7،000 މުވައްޒަފުން އިތުރު އަދަދެކެވެ.
"މުސާރަ އެއްފަހަރާ ބޮޑުކޮށްފި ކަމުގައިވާނަމަ މިހާރު އަންދާޒާ ކުރާ ވަރަށް ވުރެ އިތުރަށް އިންފްލޭޝަން އިތުރުވުމާއި ބާޒާރުގައި ބޭރު ފައިސާ އިތުރުވެ، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު އިތުރުވުން އެކަށީގެންވޭ،" އެ ކޮމެޓީގައި އެމްއެމްއޭގެ ރިސާޗް އެގްޒެކެޓިވް މަރިޔަމް ރަޝްފާ ވިދާޅުވި އެވެ.
ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައެއް މެމްބަރުން --- މިހާރު ފޮޓޯ/ނިޝާން އަލީ
އެމްއެމްއޭ އިން ވަނީ ރިކަރަންޓް ހަރަދަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، އާމްދަނީއަށް ބަލައިގެން ޓާގެޓް ސަބްސިޑީތަކަށް ބަދަލު ކުރަން ލަފާ ދީފަ އެވެ. އަދި އާސަންދަ އާއި މެޑިކަލް ވެލްފެއާ ރިފޯމް ކުރަން ވެސް ލަފާ ދީފައިވެ އެވެ. އެއީ ވޭތުވެދިޔަ ފަސް އަހަރު ވެސް ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ދީފައިވާ ލަފާތަކެވެ.
އެމްއެމްއޭ އިން ބުނީ އެފަދަ ރިފޯމްތައް ވީހާ ވެސް އަވަސް ކުރަންޖެހޭ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެފިޝަންސީ ރަނގަޅު ނުކޮށްފިނަމަ، އެފަދަ ކަންކަމަށް ސަބްސިޑީގެ ތެރެއިން ކުރާ ހޭދަ އިތުރުވާނެ ކަމަށާއި އަދި ވޭތުވެދިޔަ އަހަރުތަކުގައި ވެސް އެ ހަރަދުތައް ކުޑަކުރުމަށް ބޮޑު ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އެމްއެމްއޭގެ ލަފާގައިވެ އެވެ.
އެމްއެމްއޭއިން ބުނީ ދައުލަތަށް ލިބޭ އާމްދަނީގެ 99 ޕަސެންޓް ރިކަރަންޓް ހަރަދަށް ހޭދަ ކުރާއިރު، ކެޕިޓަލް ހަރަދުތައް ކުރަން ޖެހޭނީ އިތުރަށް ލޯނު ނަގައިގެން ކަމަށްވާތީ، އަންނަ އަހަރު ބައެއް މަޝްރޫއުތައް ހިންގުމުގައި ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިތާ
15 November 2025
ވަރަށް ނާއިންސާފް އަދި ނާގާބިލް ނިންމުމެއް. ވަރައްވެސް ދެރަ.
ސަންޑޭ
15 November 2025
އާސަންދައަށް ކުރެވޭ ބޭކާރު ޚަރަދު އަދިވެސް ކުޑަ ކުރެވޭނެ. ޑަކްޓަރުން އާދަޔާ ޚިލާފަަށް ގިނައިން ބޭސް ދޭ ކަން ވަރަަށް ބޮޑަށް ފާހަގަކުރެވޭ. . މިކަން ހައްލުކުރަން ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ވަރަށް ބޮޑު ތަނުން ޚަރަދު ކުޑަކުރެވޭނެ.
ޕަކަޗޭ
15 November 2025
މީދެން ކިހާދެރަކަމެއް މަގޭ މުސާރައިން ބޮޑުވިވަރު އެއީ 2000 ވިއްޔާ އެވެސް ދޭންތިއުޅެނީ 30 ދުވަހަށް ބަހާލައިގެން ކޮންމެދުވަހަކު 66 ރުފިޔާ ޖަމާކުރަމުންގޮސް މަސްހަމަވާއިރު 2000 ހަމަވާގޮތަށްތޯ؟.
މަދީނާ
15 November 2025
ޗާޕުކޮށްފައި ޕެންޝަން ފަންޑަށް ފައިސާ ދީގެން ސަރުކާރަށް ފައިސާ ދޭއިރު އިންފްލޭޝަން ނާންނަނީތަ؟
ޖުގަރު
15 November 2025
ގަވަރުނަރަކަށް ނޭނގުނު ދެއްތޮ ބަހާލައިގެން ކަން މި ބޮޑު ކުރަނީ
ޙަމަ
15 November 2025
މުއްޒަފުންގެ ނުސާރަ ބޮޑު ކުރަންވީނު ރޯދަ މަހު އެކަނި ބޮޑު މުސާރަ ދޭގޮތައް އޭރުން ވަރަަށް އުފާވާނެ ހުރިހާ ރައްޔިތުން ވެސް
ދެފުއްކެހެރި2
15 November 2025
އެކަން ކުރަން ފުރުޞަތުދޭން އިކޮނޮމީ ތެރެއަށް ފައިސާތަކެއްް ބޭރުކޮށްފަ ދެން ކޮން ވާހަކައެއް؟
ފުރޯ
15 November 2025
ރަގަޅު ޓެކްނިކަލް.ލަފައެއް.ދެވޭ ކަހަލަ މީހަކު އެމްއެމްއޭ މަތީ ފަޑީގަ މިހާރަކު ނެތެއްނު. މިހާރު ދެވޭނީ ސިޔާސީ ލަފައެވެ.
ގިނައޭދޯ
15 November 2025
ސަރުކާރުގެ ބޮޑުންނާއި މަޖްލީސް ރައީސް އާއި މިހެންވެއްޖެ ބައިތަކެއްގެ މޯޓިވް އަކަށްވެފައި އޮންނަނީ ރާއްޖޭން ބޭރުގައުމު ތަކަށް ގިނަ އަދަދެއްގެ ދަތުރު ސަރުކާރުގެ ޚަރަދުގައި ކުރެވޭތޯ ބެލުން އެކަންވެސް ހުއްޓާލަންވީއޭ ރައީސް މީހާާ ވެސް ރާއްޖޭން ބޭރަށް ދަތުރުކުރަން ޖެހޭނީ ވާރޗުއަލް މީޓިންގްސް ތައް ބާއްވާ އެމީޓިންގް ތަކުން ނުނިމޭ ވަރުގެ ކަންކަމަށް ދާން ޖެހޭނީ ރާއްޖޭން ބޭރަށް އެކަަމަކު އެހެން އެކަން ނުހިނގައޭ ރައީސް މީހާ ބޭރުދަތުރު އިންތިހާ އަށް
ފޮނިފޮނިޓައްޕު ކުމަަރު
15 November 2025
ލޯނުހޯދުމަށް ދަތިހުންޓޭ ގަވަރުނަރު ވިދާޅުވަނީ. އެކަމަކު ލޯނުދައްކާކަށް ހާސްކަމެއްނެތޭ ރައީސް ވިދާޅުވަނީ. ލޯނު ބަރާބަރަށް ދައްކާބަޔަކަށް ލޯނުހޯދަން އުނދަގޫވުމަކީ އަރަތެއް. ރިބާލައިގެން ލޯނުދޭން އެއްވެސް ބޭރުގެ ބޭންކަކުން ޖެހިލުމެއްނުވާނެ އެލިބޭނެކަމުގެ ކުޑަ ކަނިކޮޅެއްހާ އުންމީދެއް އޮތަސް.