އެމްޕޮކްސް ޖެހިފައިވާ މީހަކު ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ: މި ބަލި ޖެހޭ މީހުން ދަނީ އެކި ގައުމުތަކުން ފެންނަމުން. -- ފޮޓޯ: އޭއެފްޕީ
21 އޯގަސްޓް 2024 - 10:19
ދުނިޔެއަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ އެމްޕޮކްސްގެ ނުރައްކާ ވެރިއެންޓް ޖެހިފައިވާ ކަމަށް ބެލެވޭ މީހަކު ތައިލެންޑުން ވެސް ފެނިއްޖެ އެވެ.
ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލް އިން އޭއެފްޕީ އަށް ބުނި ގޮތުގައި މިއީ އެފްރިކާގެ ގައުމަކުން ތައިލެންޑަށް ދިޔަ ޔޫރަޕް މީހެކެވެ.
އެ ޑިޕާޓްމަންޓުގެ ވެރިޔާ ތޮންޗާއީ ކީރަޓިހައްޓަޔަކޯން ވިދާޅުވީ ބަލި ޖެހިފައިވާ މީހާ މިހާރު ހުރީ ކަރަންޓީނުކޮށްފައި ކަމަށާއި އޭނާ އަށް ޖެހިފައިވަނީ ބަލީގެ ނުރައްކާ ވެރިއެންޓް ކަމަށްވާ ކްލޭޑް 1 ކަމަށް ބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެން ހެދި ޓެސްޓުން ވަނީ މިއީ އެމްޕޮކްސްކަން ކަށަވަރުވެފައި. އަދި މިއީ ކްލޭޑް 2 ނޫންކަން ވެސް ކަށަވަރުކުރެވޭ،" ކީރަޓިހައްޓަޔަކޯން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ކްލޭޑް 1 ގެ ކޭސްއެއް ކަމަށް ޔަގީނާ ގާތަށް ކަށަވަރުވާ ކަމަށާއި އެކަމަކު ޓެސްޓުތަކުގެ ނަތީޖާއަށް އަދި މަޑުކުރަންޖެހޭ ކަމަށެވެ.
މިދިޔަ ޖުލައި މަހުން ފެށިގެން އެފްރިކާގެ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ބުރުންޑީ، ކެންޔާ، ރުވާންޑާ އަދި ޔުގެންޑާގައި ބަލި ފެތުރެމުންދާއިރު ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލްވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރަ އެވެ. އެކަމަކު އެއީ އެކަކު އަނެކަކު ގައިގައި ޖެހި، ވަރަށް ގައިގޯޅިކޮށް އުޅުމުން ނޫނީ އާންމުކޮށް ދިމާވާ ކަމެއް ނޫނެވެ.
އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ.
މެއި 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ. އެފަހަރު މިއީ ދުނިޔެއަށް ސިއްހީ ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ. ޖުލައި 2022 އިން ފެށިގެން މެއި 2023 އަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy