21 އޯގަސްޓް 2024 - 14:02
މެޑްރިޑް (އޯގަސްޓް 21) – ރެއާލް މެޑްރިޑްގެ ޒުވާން ޓީމުގެ ކުރީގެ ކީޕަރު މޮހޯ ރާމޯސް ޖަލުން މިނިވަންކޮށްފި އެވެ.
މިދިޔަ މަހު އޭނާ ހައްޔަރު ކުރީ، ހަ އަހަރު ކުރިން ހިނގި ކާރު އެކްސިޑެންޓަކާ ގުޅިގެންނެވެ.
ސްޕެއިންގެ ދަށް ޑިވިޝަނުގައި ކުޅޭ ޑިޕޯޓިވޯ ޓެނެރީފްގެ ބީ ޓީމުގެ ކޮންޓްރެކްޓްގައި ހުރި މޮހޯ ރާމޯސް ޖަލަށް ލީ ކުރިން އޭނާ ދުއްވި ކާރު އެކްސިޑެންޓްވެ ދެ މީހަކު ޒަހަމް ވުމުންނެވެ. އޭނާ ކާރު ދުއްވަން އިނީ ބަނގުރާ ބޮއގެން ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.
އެ މައްސަލާގައި އޭނާ ޖަލަށް ލީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އޭނާ ޖަލުން މިނިވަން ކުރުމަށް ޓެނެރީފްގެ ގާނޫނީ ޓީމުން މަސައްކަތް ކުރި އެވެ. އޭނާ ޖަލުން މިނިވަން ކުރުމުން މިހާރު ވަނީ ޓީމުގެ ޓްރޭނިންއާ އަލުން ގުޅިފަ އެވެ.
ރެއާލްގެ އެކަޑަމީން ތަމްރީނުވި ކީޕަރު ވަނީ ރެއާލްގެ އުމުރުފުރާތަކުގެ ޓީމުތަކަށް ކުރިން ކުޅެފަ އެވެ. ރެއާލްގެ ސީނިއާ ޓީމުގެ ބަދަލު ކީޕަރެއްގެ ގޮތުގައި 2019 ގައި އޭނާ ހިމެނި އެވެ. ނަމަވެސް އެންމެ މެޗެއް ވެސް ނުކުޅެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy