ލައިފްސްޓައިލް / ދީން

ރަނގަޅު އާއިލާއަކަށްޓަކައި އަބުރުވެރިކަމާއި ދީންވެރިކަން އިސްކުރުން!

އީދު ނަމާދަށް ފަހު އާއިލާއެއްގެ ބަޔަކު ގެއަށް ދަނީ.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

23 އޯގަސްޓް 2024 - 11:43

އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނީގެ ނުވަތަ އާއިލާގެ ވަރަށް މުހިންމު މަގުސަދުތަކެއް ވެ އެވެ. އޭގެ ތެރޭގައި އިންސާނީ ނަސްލު ރައްކާތެރިކުރުމާއި އާއިލާގައި ހަމަހިމޭންކަމާއި ލޯތްބާއި އޯގާތެރިކަން ދެމެހެއްޓުމާއި ނަސަބާއި އަބުރު ރައްކާތެރިކުރުމާއި އާއިލާގައި ދީންވެރިކަން ދެމެހެއްޓުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ ތެރެއިން މި ލިޔުމުގައި ބަލައިލާނީ ނަސަބާއި އިއްފަތްތެރިކަން (އަބުރު) ރައްކާތެރިކުރުމާއި ދީންވެރިކަން ދެމެހެއްޓުމުގެ މަގުސަދުތަކަށެވެ.

ނަސަބު ރައްކާތެރިކުރުން

އިންސާނާ އޭނާގެ އަސްލު މައިންބަފައިންނަށް ނިސްބަތްވުމާއި ނަސަބުގައި އޮޅުންބޮޅުން ނެތުން އެއީ އިސްލާމް ދީނުގައި އާއިލާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ނަސްލު ރައްކާތެރި ކުރުމުގެ މަގުސަދުގެ އިތުރުން އަބުރު ރައްކާތެރި ކުރުމަށްޓަކައި ވަކިން އޮންނަ މުސްތަގިއްލު މަގުސަދެކެވެ. މި މަގުސަދު ހާސިލު ކުރުމަށްޓަކައި އިސްލާމްދީނުގައި ވަރަށް މުހިންމު ހުކުމްތަކެއް އައިސްފައި ވެ އެވެ.

ނަސަބު ރައްކާތެރި ކުރުމުގައި އާންމު އުސޫލަކީ ކޮންމެ ކުއްޖަކު ވެސް އޭނާގެ ބައްޕަ އަށް ނިސްބަތް ކުރުމެވެ. ނަމަވެސް ޒިނޭ ސާބިތުވުމުގެ ސަބަބުން ނުވަތަ ލިޢާނުގެ ސަބަބުން ބައްޕަގެ ކިބައިން ނަސަބު ވަކި ކުރެވިއްޖެ ނަމަ ދެން ނަސަބު އަރާނީ މަންމަ އަށެވެ. މީގައި އެހެން މީހަކަށް ބައިވެރިއެއް ނުވެވޭނެ އެވެ.

އެއީ ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވާފައި ވަނީ "ދަރިފުޅު ނިސްބަތް ވާނީ ތަންމައްޗަށެވެ. ޒިނޭކުރި ފިރިހެނާ އަށް އޮތީ ޙަޖަރު ކުރުމެވެ." (ހަދީސް ގެ މަޝްހޫރު ހަ ފޮތް). ޙަޖަރު ކުރުމަކީ ހައްދު ޖެހުމާއި ދަރިފުޅުގެ ނިސްބަތް ކަނޑާލުމެވެ. ބުޚާރީ އާއި މުސްލިމް އާއި އަޙުމަދު ރިވާ ކުރައްވާފައިވާ ހަދީސެއްގައި، މީހެއްގެ އަނބިމީހާއާ ޒިނޭކުރި ފިރިހެނަކާ މެދު ކަންކުރާނެ ގޮތަކާ ބެހޭގޮތުން ކުރި ސުވާލަކާ ގުޅިގެން ކީރިތި ޤުރްއާނުގައި ލިޢާނުގެ ހުކުމްތައް ބަޔާން ކުރެވިގެން ދިއުމުން އެއާ އެއްގޮތަށް ޢަމަލު ކުރުމަށް ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވުމެވެ. ހަމަ މިއާ އެކު ނަސަބު ރައްކާތެރި ކުރުމުގެ ގޮތުން އެޑޮޕްޓު (ތަބައްނީ) ކުރުން ހަރާން ކުރެވިގެން ވެ އެވެ.

ކީރިތި ޤުރްއާނުގެ އަލްއަޙްޒާބު ސޫރަތުގެ 4 ވަނަ އާޔަތުގައި ﷲ އަންގަވަނީ މީސްތަކުން އެ މީހުންގެ ދަރިން ކަމުގައި ހަދައިގެން އުޅޭ ދަރިން އެއީ އެމީހުންގެ ދަރިން ކަމުގައި ﷲ ނުލައްވާ ކަމަށެވެ. އެއީ ހަމައެކަނި އެ މީހުންގެ އަނގަތަކުން (ހަގީގަތާ ޚިލާފަށް) ބުނެ އުޅޭ ބުނުންތަކެއް ކަމަށެވެ. އެ އަށް ފަހު ފަސް ވަނަ އާޔަތުގައި އަންގަވަނީ "އެ ދަރިން އެ އުރެންގެ ބަފައިންނަށް ނިސްބަތް ކުރާށެވެ! އެގޮތް ﷲ ގެ ހަޒުރަތުގައި އަދުލުވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭ ނަމަ ފަހެ އެއީ ދީނުގެ ފަރާތުން ތިޔަބައިމީހުންގެ އަޚުންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރިންނެވެ..." އަދި ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ، އެނގި ހުރެ މީހަކު އޭނާގެ (ހަގީގީ) ބަފާ ނޫން މީހަކަށް ނިސްބަތްކޮށްފި މީހަކަށް ސުވަރުގެ ހަރާމް ވެގެން ވާނެ ކަމަށެވެ. (ބުޚާރީ އާއި މުސްލިމް އާއި އެހެން ބައެއް ބޭކަލުން). އެހެން ހަދީސެއްގައިވާ ގޮތުން އެފަދަ މީހަކަށް ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލައުނަތް ލިބޭނެ އެވެ.

ނަސަބު ރައްކާތެރި ކުރުމަށްޓަކައި ދެން އިސްލާމް ދީނުގައި އޮންނަ އަނެއް ހުކުމަކީ ޒިނޭ ހަރާމް ވުމެވެ. މީގެ އިތުރުން ދެންހުރި ހުކުމްތަކުގެ ތެރޭގައި ދަރިއެއްގެ ނަސަބު އެހެން މީހަކަށް އޮޅުމަކުން ނަމަވެސް ހިނގައިދާނެތީ އިއްދައިގެ ގޮތުގައި ވަކި މުއްދަތެއް ހޭދަ ކުރަން ލާޒިމު ވުމާއި ބަނޑުގައި ދަރިއެއް ވާ ނަމަ އެކަން ސިއްރު ނުކުރުމާއި ނަސަބު ސާބިތު ކުރަންޖެހޭ ތަންތަނުގައި ނަސަބު ސާބިތު ކުރުމާއި އަދި ނަސަބު އިންކާރު ކުރަން ޖެހޭ ތަންތަނުގައި ނަސަބު އިންކާރު ކުރުން ހިމެނެ އެވެ. މި ހުކްމަތަކުގެ ތަފުސީލު ފިގުހު ފޮތްތަކުގައި ބަޔާންވެގެން ވެ އެވެ. ކޮންމެއަކަސް މި ހުރިހާ ކަމަކުން އެނގެނީ އިންސާނާގެ ނަސަބު ރައްކާތެރި ކުރަން އިސްލާމް ދީނުގައި ބާރު އަޅާފައިވާ މިންވަރެވެ.

އިއްފަތްތެރިވެ އަބުރު ރައްކާތެރި ކުރުން

އިސްލާމީ ޝަރުއީ ހަމަތަކުގެ މަތިން ކުރާ ކައިވެންޏަކީ އިންސާނާގެ މުޙުޞަނުކަން (އިއްފަތްތެރިކަމާއި އަބުރު ކިއްލާ ކުރެވި ރައްކާތެރި ކުރެވުން) ކަށަވަރު ކުރަން ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފައި ކޮންމެ މީހަކު ވެސް އެ މީހެއްގެ އިއްފަތްތެރިކަމާއި އަބުރު ރައްކާތެރި ކުރުމަށްޓަކައި މުޙުޞަނުކަމުގެ ކިއްލާއިން ބޭރަށް ނުނިކުމެ ހުރުން ލާޒިމުވާނެ އެވެ. ފާޙިޝް ޢަމަލުތަކުގެ ތެރެއަށް ވަދެގެން ނުވާނެ އެވެ. ސަބަބަކީ ތިމާގެ ޖިންސީ ޝަހުވަތު ހުއްދަ ގޮތުގައި ރައްކާތެރި ކުރުމުގެ ފުރުސަތު ލިބިފައިވާތީ އެވެ.

ޖިންސީ ޝަހުވަތަށް ލޯބި ކުރުމަކީ މީސްތަކުންނަށްޓަކައި ﷲ ޒީނަތް ކުރައްވާފައިވާ ކަމެކެވެ. (އައްނިސާއު 14). އެހެންވީމާ އެކަމުން ލައްޒަތު ހޯދުމަކީ އިސްލާމް ދީން އެކަމަށް ބާރުއަޅާ، އެދެވިގެންވާ ކަމެކެވެ. ނަމަވެސް އިސްލާމް ދީނުގައި މި ފުރުސަތު ދެނީ ތަހުޒީބީ ގޮތެއްގައި އެކަނި އެކަން ކުރާށެވެ. ހައިވާނުންގެ އުސޫލުން އެކަން ކުރާކަށް ނޫނެވެ. މިސަބަބަށްޓަކައި މާއްދީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކައިވެނީގެ ކުޅަދާނަކަން ނުވަތަ އޭގެ "ބާއަތު" ލިބިއްޖެ ކޮންމެ ޒުވާނަކު ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވަ އެވެ. މިގޮތަށް ކައިވެނި ކުރުމަކީ މީހާގެ ބެލުންތައް ތިރި ކުރެވި ލަދުވެތި ގުނަވަން ރައްކާތެރި ކުރެވިގެންދާނެ ކަމެއްކަން އެކަލޭގެފާނު ބަޔާން ކުރެއްވި އެވެ. ހަމަ މި ހަދީސް ގައި ކައިވެނީގެ "ބާއަތު" ނުލިބޭ ޒުވާނަކު ނަމަ ރޯދަ ހިފަން އިރުޝާދު ދެއްވާފައި ވެ އެވެ.

އެކަލޭގެފާނު ބަޔާން ކުރައްވާ ގޮތުގައި އެއީ ޖިންސީ ޝަހުވަތު މަތަކުރަން އޮތް އައްޑަނައެއް ފަދަ ކަމެކެވެ. (މަޝްހޫރު ހަ ފޮތް). އެހެންވީމާ ކައިވެނީގެ ވަރަށް މުހިންމު މަގުސަދެއް ކަމުގައި މީހާގެ އިއްފަތްތެރިކަން ދަމަހައްޓައި އަބުރު ރައްކާތެރި ކުރުން ހިމެނިގެންދާ ކަން މި ކަންކަމުން ހާމަވެ އެވެ.

އާއިލާގައި ދީންވެރިކަން ދެމެހެއްޓުން

ކޮންމެ އާއިލާ އަކީ ވެސް އެ އާއިލާއެއްގެ ހުރިހާ ފަރުދުންގެ ޙަޟާނާ (ރައްކާތެރިކަންދީ ބަލައި ބަލަހައްޓާ ތަން) އެކެވެ. ނަމަވެސް އިސްލާމީ ނަޒަރުން ބަލާއިރު، މި ޙަޟާނާގެ ދަށުން ބަލަހައްޓަން ޖެހެނީ ހަމައެކަނި ފަރުދުންގެ ޖިސްމާނީ ތަރައްގީއާ ގުޅޭ ކަންކަން އެކަންޏެއް ނޫނެވެ. އަދި ކިއެއްތަ، އެއާ އެކު އެ އަށް ވުރެ މާ މުހިންމު ކަންކަމުގެ ގޮތުގައި ފަރުދުންގެ ރޫހާނީ އަދި އަޚުލާގީ ތަރައްގީ ގެ މަސްއޫލިއްޔަތު އާއިލާ އިން އުފުލަން ޖެހެ އެވެ. މިކަން ކުރެވޭނީ އާއިލާގެ ތެރޭގައި ދީންވެރިކަން ދެމެހެއްޓިގެންނެވެ.

މާނައަކީ ފަރުދުންގެ އީމާންތެރިކަން ހަރުދަނާ ކުރުމާއި އިސްލާމްކަމުގެ ރުކުންތައް ފުރިހަމަ ކުރުމާއި ރިވެތި އަޚުލާގީ ސިފަތައް ދެމެހެއްޓުމެވެ. މި އަޚުލާގުގެ ތެރޭގައި ފަރުދީ ކަންކަމާއި އިޖުތިމާއީ ކަންކަން ހިމެނެ އެވެ. އެންމެ ފުރަތަމަ އާއިލާ އެއް އުފެދުމުގެ ކުރިން ކައިވެންޏަކަށް ދެމަފިރިންކުރެ ކޮންމެ މީހަކު ބައިވެރިޔަކު އިޚުތިޔާރު ކުރުމުގައި އެންމެ ފުރަތަމަ ޝަރުތަކަށް ދީންވެރިވުން ހިމަނަން ޖެހެ އެވެ.

ކުދިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމަށްޓަކައި އަގީދާ އާއި އަޅުކަމާއި އަޚުލާގުގެ އަސާސްތަކާއި އުސޫލުތައް ދަރިންނަށް ދަސްކޮށްދީ އަމަލީ ގޮތުން މިކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރަން ޖެހެ އެވެ. މިކަންކަން ކުރިއަށްދާ ގޮތް ބަލައި މޮނީޓަރ ކުރަން ޖެހެއެވެ. ނުބައިކޮށް ދާ ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރަން ޖެހެ އެވެ. މިގޮތުން ކުދިން ބޮޑުވެ ދީނީ ގޮތުންނާއި ގާނޫނީ ގޮތުން އެ މީހުން އަމިއްލަ އަށް ޒިންމާވާން ޖެހޭ އުމުރާ ހަމައަށް މިކަންކަން އާއިލާގައި ދަމަހައްޓަން ޖެހެ އެވެ. އާއިލާގައި ދީންވެރިކަން ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ތަފުސީލަށް ވަކިން އެހެން ލިޔުންތަކުގައި އިރާދަ ކުރެއްވިޔާ އަލިއަޅުވާލާނަމެވެ.

ވީމާ އިސްލާމީ ނަޒަރުން ބަލާއިރު ކައިވެނީގެ މަގުސަދުތައް ހާސިލު ކުރުމަށް މުސްލިމުން ކުރަން ޖެހޭ މަސައްކަތުގެ ގޮތުގައި މި އިޝާރާތް ކުރެވުނު ތިން މަގުސަދު ވެސް ހާސިލު ކުރަން މަސައްކަތް ކުރަން ޖެހޭނެ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454