ފެމިލީ ކޯޓަށް ބަޔަކު ވަންނަނީ: މިދިޔަ ހަ މަސް ދުވަހަށް ބަލާއިރު އެ ކޯޓުން ހާހަކަށް ވުރެ ގިނަ މައްސަލަ ބަލައި ނިންމި.
23 އޯގަސްޓް 2024 - 11:58
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފެމިލީ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ 99 ޕަސެންޓު މައްސަލަ ނިންމި ކަމަށް އެ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން އާންމުކޮށްފައިވާ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ކޯޓަށް 1،073 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން 1،065 މައްސަލައެއް ބަލައި ނިންމި އެވެ.
އެ މުއްދަތުގައި އެ ކޯޓުން ކޮށްދިން ކައިވެނީގެ އަދަދަކީ 1،121 އެވެ، ރާއްޖެ އިން ބޭރުގައި ކުރި 89 ކައިވެންޏެއް ކޯޓުގައި ރަޖިސްޓަރީ ކޮށްދިނެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ވަރީގެ 594 މައްސަލައެެއް ވެސް ނިންމި އެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު، ފެމިލީ ކޯޓުން ވަނީ އަނބިދަރީންގެ ހަރަދާއި އިއްދައިގެ ގޮތުގައި 38.4 މިލިއަން ރުފިޔާ ސާބިތުކޮށްފަ އެވެ. އެހެނިހެން ގަޒިއްޔާތަކާ ގުޅިގެން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކޯޓަށް ބަލައިގަނެ، އެ ލިބެން ޖެހޭ މީހުންނަށް ރައްދު ކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.
އާއިލީ މައްސަލަތަކާ ބެހޭ ބަޔަށް މިދިޔަ ހަ މަސް ތެރޭގައި 107 މައްސަލައެއް ހުށަހެޅިއިރު 60 މައްސަލައަކަށް ސުލްހަވެރި ހައްލެއް ހޯދައިދިން ކަމަށާއި ގެވެށި އަނިޔާ އާއި ކުޑަކުދިން ރައްކާތެރިކުރުމުގެ 47 އަމުރެއް މި މުއްދަތުގައި ނެރެފައިވާ ކަމަށް ކޯޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަވްލީނާ
25 August 2024
ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއް އައުޓްސޯސް ކޮށްގެން ފޮޅާ ސާފެއް ނުކުރޭ ތިކޯޓު ނޫނީ. ޑީ ޖޭ އޭ އިން މިކަން ބަލާދީބާ
މަޑުކޮށްލާ
24 August 2024
ކޯޓްތަކުގެ މަސައްކަތް އަވަސްކުރުން ރަގަޅު ކަމަކަށްވިއަސް ކައިވެނި/ވަރި ކޮށްދިނުމުގެ މަސައްކަތް އެހާ ފުރިހަމަކޮށް ގެންގޮސް ނިންމާނުލިއްޔާ ގައުމުގެ ވަރީގެ ރިކޯޑް ރަގަޅުވާނީ.
ބަކުރުބޭ
24 August 2024
ވަރަށް ރަނގަޅު ކާމިޔާބީއެއް. އެކަމަކު ވަރީގެ މައްސަލަތަކުގައި ބައެއް ފަހަރު އަވަސްއަރުވާލައިގެން މައްސަލަ ނިންމަން ހަދައިފިނަމަ ސުލްހަކޮށްގެން ކުރިއަށް ގެންދެވިދާނެ ކައިވެނިތައް ރޫޅިދާނެ. މައްސަލަ ނިންމުމުގައި ވަގުތާއި ހާލަތަށް ރިއާޔަތް ކުރުން ވަރަށް މުހިންމު.
ސަދޫމް ޖަސްޓިސް
24 August 2024
ރާއްޖޭގެ ކޯޓުތައް ތަގައްތަރު ވެފައި ވަނީ. ގާޒިން ކޮރަޕްޓް ލަޮޔަރުން ކޮރަޕްޓް
ޢަލީސައީދު
24 August 2024
ކާމިޔާބީ ފާހަގަ ކުރިޔަސް މިތަނުގައި ގިނަ ކޮމެންޓް ކޮށްފަ މިހުރީ ކޯޓުގެ މުވައްޒަފުންނާއި އެމުވައްޒަފުންގެ ރަހުމަތްތެރިންކަމަށް ހީވޭ. މުވައްޒަފުންގެ މުސާރަ ބޮޑުކޮށްނުދިނީ ހިސާނުހުސޭނާއި މަސްތޫރާ ރިއްފަތާ އަޑީގަ ތިބެގެން ރިޒުނާ ކިޔާ އަންހެނަކު. ގާޒީންނާ ދިމާލަށް ކިތަންމެ ބެވިޔަސް މުސާރަ ބޮޑެއްނުވާނެ.
ތިތަނުގެހާލު
23 August 2024
އީމެއިލް ކުރަން ބުނީ، އެކަމު ޖަވާބު ނުދޭތަ 6 މަސްވެއްޖެ. 99 ޕަސެންޓުގަ މިބައި ހިމެނޭބާ
ޝިމާހު
23 August 2024
މުވައްޒަފުންގެ ހައްގުތައް ކޮބާ!
ވޯލް
23 August 2024
ކޯޓު މުވައްޒަފުންނަށް ބޯނަސްދޭން ޖެހޭ. ކުރިން ފެމިލީ ކޯޓުން ބެލު ވާރިސުން ސާބިތުކުރުންގެ މައްސަލަތައް 3-6 މަސްދުވަސް ތެރޭ ނިންމާލާ. ސިވިލް ކޯޓުން މި މައްސަލަ ބަލަން ފެށިފަހުން މީހާ މަރުވެގެން 1-2 ދެއަޔަރުވާއިރުވާްިރު މައްސަލަ ނުނިމޭ.
.....
24 August 2024
ވިސްނާލަން ރަނގަޅު ކަންނޭގެ ކިތައް މައްސަލަތޯ ސިވިލް ކޯޓަށް އަދި ފެމިލީ ކޯޓަށް ހުށަހެޅެމުންދަނީ ކޮންމެ މަހެއްގެ ތެރޭގައި. އޭގެ ފަރަގު ބެލުމަށްފަހު މިގޮތަށް ލިޔުން ކަންނޭގެ އެންމެ ރަނަގަޅީ؟
އެކްސްސްޓާފް
23 August 2024
މުވައްޒަފުން ގޭނި ހުސްވެގެން ބޭނުންވަނީ ރެކޯޑް ރީތި ކުރަން...ވަރަށް މުވައްޒަފުންނާ މެދު ނުވިސްނާ ވެރިން އުޅޭތަނެއް..ވަރަށް ތަފާތު ކުރާ..ބަސް ބުނަންޖެހޭ ތަނު ބަސް ނުބުނާނެ
ަަހަމްޒާވިލީ
23 August 2024
ޝުކުރިއްޔާ އެފް އާރު ސީގެ ރައީސް