ޕާކިސްތާނުގެ ޕެޝާވަރުގައި ހުރި އެމްޕޮކްސް އަށް ސްކްރީންކުރާ އަދި އެ ބަލީގެ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް: ޑަބްލިޔުއެޗްއޯ އިން ބުނަނީ އެމްޕޮކްސް ފެތުރޭ މައިގަނޑު ސަބަބީ ސީދާ ގައިގައި ބީހުން ކަމަށް. -- ފޮޓޯ: އޭއެފްޕީ
28 އޯގަސްޓް 2024 - 06:23
އެމްޕޮކްސް ޖެހިފައިވާ މީހެއްގެ ހަށިގަނޑުގައި އަތްލައި ގައިގޯޅިކޮށް އުުޅުމާ އަޅާބަލާއިރު، ވާހަކަ ދައްކާއިރު ބުރައިގެންދާ ކުދި ކުޅުތިކިތަކަކީ އެ ބަލި ފެތުރޭ ބޮޑު ސަބަބެއްގެ ގޮތުގައި ނުބެލެވޭ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.
މުޅި ދުނިޔެއަށް ނުރައްކާވާ ހާލަތުގައި އޮތް ކަމަށް މި މަހުގެ 14 ވަނަ ދުވަހު ކަނޑައެޅި އެމްޕޮކްސް ބައްޔާ ބެހޭ ގޮތުން ޑަބްލިޔުއެޗްއޯގެ ވެބްސައިޓުގައި ބުނަނީ އެމްޕޮކްސް މައިގަނޑު ގޮތެއްގައި ފެތުރެނީ ވައިރަސް ހުރި މީހަކާ "ކްލޯޒް ފިޒިކަލް ކޮންޓެކްޓް" ވުމުން ކަމަށެވެ.
"ކްލޯޒް ކޮންޓެކްޓް" ތަފްސީލްކޮށްދެމުން ވެބްސައިޓްގައި ބުނެފައިވަނީ އެއީ ދެ މީހަކު ހުރަހަކާނުލައި ބީހުން ކަމަށެވެ. އެއީ ގައިގައި އަތްލުމާއި ތުންފަތުން ތުންފަތަށް ނުވަތަ ގައިގެ ހަމުގައި ބޮސްދިނުމާއި ޖިންސީ ގުޅުން ފަދަ އަމަލުތައް ކަމަށް ބުނެފައިވެ އެވެ.
މިފަދަ ކަންކަމުގެ އިތުރުން ދެން ބުނެފައިވަނީ ބަލި ޖެހިފައިވާ މީހަކާ "ފޭސް ޓު ފޭސް" ކޮށް ބައްދަލުވެ ވާހަކަ ދައްކައި އަދި ކައިރީގައި ތިބެ ނޭވާލުމުން ވެސް ބަލީގެ ވައިރަސް ފެތުރޭ ކަމަށެވެ.
އެކަމަކު ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު މާގްރެޓް ހެރިސް ވިދާޅުވީ އެމްޕޮކްސް ޖެހި ގައިގައި ފޮޅުލުން ފަދަ ކަންކަން ވެފައި ހުރި މީހަކާ ސީދާ ދިމާވެ އަދި ކައިރީ ހުރެ ނޭވާލުން ފަދަ ކަންކަމުން ވައިރަސް ޖެހުމުގެ ފުރުސަތު އޮންނަ ކަމަށާއި އެކަމަކު އެއީ މި ބަލި ފެތުރޭ މައިގަނޑު ސަބަބެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި މި ބަލި ފެތުރޭ އެންމެ ބޮޑު ސަބަބެއް ގޮތުގައި ފެންނަނީ "ގައިގޯޅިވެ، ހުރަހަކާ ނުލައި ބީހުން" ކަމަށް އޭނާ ވިދާޅުވި އެވެ.
"މީހަކާ ވާހަކަ ދައްކާއިރު ކުޅުތިކިތައް ބުރައިގެންދާނެ،" އެކަމަކު "މިއީ ޓްރާންސްމިޝަންގެ މާ ބޮޑު ސަބަބެއް ނޫން -- އަދި އެއީ... ވައިގެ ތެރެއިން، ދުރަށް ވައިރަސް ފެތުރޭ ގޮތެއް ވެސް ނޫން".
އޭނާ ވިދާޅުވީ މިހާރު އެކި ގައުމުތަކުން މި ބަލި ފެތުރެމުންދާ ސަބަބު ދެނެގަތުމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށެވެ.
ބަލި ޖެހިފައިވާ މީހުންނާއި އެ މީހުންނާ ކައިރީގައި އުޅޭ މީހުން މާސްކް އެޅުމަށް ޑަބްލިޔުއެޗްއޯ އިން ލަފާދެ އެވެ.
ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލްވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރަ އެވެ.
އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މި ބަލި ޖެހުމުން ހުން އައިސް ގައިގައި ރިއްސައި ދޮސް ލާފައި ހުންނަ މުލިހިތަކެއް ފާޑު ބިހިތަކެއް ގައިގައި ނަގަ އެވެ.
އެފްރިކާގެ ބައެއް ގައުމުތަކުގައި މިހާރު މި ބަލި ވަރަށް ބޮޑަށް ފެތުރިފައި ވާއިރު މެއި 2022 ގައި ވެސް ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެފަހަރު މިއީ ދުނިޔެއަށް ސިއްހީ ނުރައްކަލެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ. ޖުލައި 2022 އިން ފެށިގެން މެއި 2023 އަށް އެ ހާލަތު ދެމެހެއްޓުމަށް ފަހު އުވާލީ ބަލީގެ ކޭސްތައް މަދުވުމުންނެވެ. އެކަމަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން އެތައް ހާސް ބަޔަކަށް ވަނީ މި ބަލި ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy