ވިޔަފާރި / ރިޕޯޓް

ޑޮލަރަށް ޖެހުން ހައްލު ކުރާނީ ކިހިނެއް؟

ޑޮލަރުތަކެއް މެޝިނުން ގުނަނީ. ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ -- ފޮޓޯ: މިހާރު

ރާއްޖޭގެ ފިސްކަލް ނިޒާމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑޮލަރަށް ޖެހިފައި އޮތުމެވެ. ޑޮލަރުގެ ތާށިކަން އިންތިހާ އަށް ބޮޑުވެފައިވާއިރު، ސުވާލަކީ ބޭރުގެ ދަރަންޏާއި ތެލާއި އެ ނޫން ހަރަދުތައް ކުރުމަށް ބޭނުންވާ އަދަދަށް ޑޮލަރު އިގްތިސާދަށް ނުވަންނަނީ ހެއްޔެވެ؟ ޓޫރިސްޓުން އަންނަ އަދަދު އިތުވިޔަސް ޑޮލަރުގެ ތާށިކަމަށް ލުޔެއް ނުލިބެނީ ކީއްވެ ހެއްޔެވެ؟

ދިވެހިން ޑޮލަރަށް ޖެހިފައިވާ ވަރު އެނގުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓު އުވާލައި ކްރެޑިޓް ކާޑުގެ ޑޮލަރު ލިމިޓު މަހަކަށް 100 ޑޮލަރަށް ކުޑަކުރުމުންނެވެ. އެކަން އެގޮތަށް ކުރަން ޖެހުނީ، ބީއެމްއެލްގައި ނެތް ޑޮލަރު ގަންނަން ޖެހި އެ ބޭންކުގެ މާލީ ހާލަތަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުން ދާތީ ކަމަށް އެ ދުވަހު ބޭންކުން ނެރުނު ސްޓޭޓްމެންޓުގައި ވެ އެވެ.

ބީއެމްއެލް އިން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކުއްލި ގޮތަކަށް ކުރި އިއުލާން އަނބުރާ ގެންދިޔައީ މުޅި ގައުމު "ކެކިއަރައި" ސަރުކާރުން އޭގެ ތެރެއަށް ވަނުމުންނެވެ. ސަރުކާރާއި އެމްއެމްއޭގެ ލަފާގެ މަތިން އެ ނިންމުން ބަދަލު ކުރީ އެވެ.

އެނގިފައިވާ ގޮތުގައި ހަމައެކަނި ކާޑުގެ މުއާމަލާތްތައް ހިންގުމަށް ބީއެމްއެލް އަށް 20 މިލިއަން ޑޮލަރު މަހަކު ބޭނުންވެ އެވެ. އެކަމަކު އެ ބޭންކަށް މަހަކު ވަންނަނީ ނުވަ މިލިއަން ޑޮލަރެވެ. ބާކީ 11 މިލިއަން ޑޮލަރު ހޯދަން ޖެހެނީ އެހެން ގޮތް ގޮތުންނެވެ.

މުދަލުގެ އަގަށް ބޮޑު ބަދަލެއް އަންނަ މައިގަނޑު އެއް ސަބަބަކީ ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމެވެ. ރަސްމީ ރޭޓަކީ 15.42 ކަމަށް ވިޔަސް އެ އަދަދު 17-18ރ. ގައި އުޅޭތާ އެތައް ދުވަހެކެވެ.

ޓޫރިޒަމުން ދައުލަތަށް ވަންނަ ޑޮލަރު އިތުރުވި ނަމަވެސް، ކުރަން ޖެހޭ ހަރަދުތައް ނުވަތަ ޑޮލަރުން ކުރަން ޖެހޭ ހަރަދުތައް އެއާ ނުބައްދަލު ކަމަށް މާލީ ތަޖުރިބާ ކާރުން ފާހަގަކުރެ އެވެ. އަހަރުން އަހަރަށް އެމްއެމްއޭ އިން ބޭންކުތަކާއި އެސްއޯއީތަކަށް ޑޮލަރު ދޫކުރާ އަދަދު އަންނަނީ އިތުރުވަމުންނެވެ. ވޭތުވެދިޔަ 8 އަހަރު ތެރޭ އެމްއެމްއޭ އިން ރާއްޖޭގެ ބާޒާރަށް ދޫކުރާ ޑޮލަރުގެ އަދަދު ވަނީ 61 ޕަސެންޓަށް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން 2016 ވަނަ އަހަރު އިގްތިސާދަށް އިންޖެކްޓް ކުރީ 388 މިލިއަން ޑޮލަރެވެ. އެކަމަކު މިހާރު އެ އަދަދު ހުރީ 994 މިލިއަން ޑޮލަރުގަ އެވެ. އޭގެ ތެރެއިން 70 ޕަސެންޓު ދޫކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. ބޭންކުތަކަށް ދޫކުރީ އޭގެ ތެރެއިން 30 ޕަސެންޓެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ އަދަދުގެ ބޮޑު ބަޔަކީ ތެލުގެ ހަރަދަށް ދޫކުރާ ޑޮލަރެވެ.

ރާއްޖޭގެ އިގްތިސާދުގައި ދައުރުކުރާ ޑޮލަރުގެ ތަފްސީލު

ރާއްޖޭގެ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލު ކުރާ ބަޔަކު އެކަން އެހާ ފުޅާދާއިރާއެއްގައި ހާމަކަން ބޮޑުކޮށް އެ ވިޔަފާރި ކުރަމުންދާ އިރު އެވިޔަފާރި ކުރާ މީހުންގެ ފަހަތުން ދޭތެރެއަކުން ދުވި ނަމަވެސް އެ މައްސަލަ އަށް ދާއިމީ ހައްލެ ލިބޭ ގޮތަކަށް އެކަން ކުރެވޭ މަންޒަރެއް ނުފެނެ އެވެ.

ޑޮލަރު މާރުކުރާ އޭޖެންޓުންގެ ލައިސެންސް ބާތިލް ކުރަންވީ

ރާއްޖޭގައި މިހާރު ވެސް ޑޮލަރުގެ މުއާމަލާތް ކުރުމަށް 220 ފަރާތަކަށް ލައިސަންސް ދީފައި ވެ އެވެ. އެކަމަކު އެފަދަ ފަރާތްތަކުން ވެސް ޑޮލަރު ވިއްކަނީ ކަނޑައަޅާފައިވާ ރޭޓުގައެއް ނޫނެވެ. ރަސްމީކޮށް ލައިސަންސް ނަގައިގެން، ހުއްދަ ބޯޑު ޖަހައިގެން ވެސް ޑޮލަރުގެ މުއާމަލާތް ކުރާ ތަންތަނުން ތަބާވަނީ "ކަޅު ބާޒާރު" ގެ ރޭޓަށެވެ. އެކަން އެފަދަ ފަރާތްތަކުން ކުރަނީ އިތުރު ފީތަކުގެ ނަމުގައި އިތުރަށް ފައިސާ ނަގައިގެންނެވެ. ނޫނީ ހަމަ ބޮޑު ރޭޓުގައި ނޫން ގޮތަށް ޑޮލަރު ނުލިބޭނެ ކަމަށް ބުނެ އެވެ.

މިކަން ހައްލު ކުރުމަށް ބޭންކްތައް މެދުވެރިކޮށް ޑޮލަރު ވިއްކޭނެ ނިޒާމެއް އެކުލަވައިލާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވެސް މިދިޔަ ހަފުތާގައި ވިދާޅުވެފައިވެ އެވެ. އެކަން ކުރުމަށް މާލީ ދާއިރާގެ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހެ އެވެ. އެމްއެމްއޭގެ ބައެއް ގަވާއިދުތަކަށް އެ ބަދަލު ގެނައުމުގެ ކަންކަން މިހާރު ވަނީ ފަށައިފަ އެވެ.

ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަހުމަދު މުހައްމަދު (އަންޑޭ) ވެސް ވިދާޅުވީ، މިވަގުތު އެންމެ މުހިއްމު ކަމަކީ ބޭންކުތައް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތްތައް ހިންގޭނެ ގޮތްތައް ފަހި ކުރުން ކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރުމުން ބޭންކުތަކަށް ޑޮލަރު ވަންނަ ވަރު އިތުރު ކުރެވޭނެ ކަމަށެވެ.

ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ: ގަވައިދާ ހިލާފު ރޭޓުތަކުގައި މިކަން ކުރަނީ ވަރަށް ފުޅާކޮށް. އެކަމަކު މިކަން ހުއްޓުވަން ކަމާ ބެހޭ ފަރާތްތަކުން ވަނީ ނުކުޅެދިފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު

"ރާއްޖޭގެ ލީގަލް ޓެންޑަރު ދިވެހި ރުފިޔާގެ ގޮތުގައި ކަނޑައެޅިފައި އޮންނަ ކަމުގައިވާ ނަމަ ލީގަލް ޓެންޑަރުގެ ގޮތުގައި ދެމެހެއްޓޭނެ ގޮތެއް އެބަ ހޯދަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މުޅި ހާލަތު ބަދަލު ކުރަން އެންމެ މުހިއްމު ކަމަކީ އަޅާ ފިޔަވަޅުތަކަށް ތަންފީޒު ކުރެވޭނެ ގޮތްތަކެއް ހޯދުން ކަމަށް އަންޑޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ބޭންކްތައް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ކުރެވޭނެ ގޮތް ހެދުމުގެ އިތުރުން ރާއްޖޭގެ އެތެރޭގެ މުއާމަލާތްތަކުގައި ދިވެހި ރުފިޔާ ބޭނުން ކުރުން ވަރަށް މުހިއްމު ކަމަށެވެ.

އެކަމަކު، ގާނޫނުތަކަށް ބަދަލު ގެނައި ނަމަވެސް ތަންފީޒު ކުރެވޭނެ ރަނގަޅު އުސޫލެއް ނެތް ނަމަ ކަޅު ބާޒާރު ދުއްވާ ނުވެލޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަގު ބޮޑުކޮށް ޑޮލަރު ވިއްކާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށް އޭނާ ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ މިދިޔަ އަހަރު "މިހާރު" ދެއްވި އިންޓިވިއުގައި ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބޭންކުތައް މެދުވެރިކޮށް އެކަނި ޑޮލަރު މާރު ކުރެވޭނެ ގޮތްތަކެއް އޮތުން ވަރަށް މުހިއްމު ކަމަށެވެ.

ސަރުކާރުން ޕްރޮޖެކްޓްތައް މަދުނުކޮށް ޑޮލަރުގެ މައްސަލައަށް ހައްލެއް ނެތް

"މިހާރު" އާ ވާހަކަ ދެއްކެވި އިކޮނޮމިސްޓަކު ވިދާޅުވީ، ސަރުކާރުން 3،000 ޕްރޮޖެކްޓް ހިންގުމަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް ޕްރެޝަރު ކަމަށެވެ. މިވަގުތަށް ބައެއް ޕްރޮޖެކްޓްތައް ހުއްޓާލާފައި ވިޔަސް ބައެއް ޕްރޮޖެކްޓްތައް މިހާރު ވެސް ކުރިއަށް ގެންދާ ނަމަ ތަކެތި ގަތުމަށް ފައިނޭންސް ބޭނުންވެ އެވެ.

އޭނާ ވިދާޅުވީ، ދުރު ރާސްތާގައި މުޅި ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް، ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށް، ދަރަނި ނެގުމުގައި ގެންގުޅޭ ގޮތްތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ.

މީހަކު ޑޮލަރުތަކެއް ގުނަނީ: ޑޮލަރުގެ އަގު މިވަގުތު ހުރީ 17-18ރ. އާ ދެމެދުގެ ރޭޓެއްގައި --ފޮޓޯ:މިހާރު

"ފަންޑެޑް ޕްރޮޖެކްޓްތަކުން އިތުރު ޝޮކެއް އައުމުގެ ފުރުސަތު އޮންނާނެ. ޕްރޮޖެކްޓް ބާރަށް ހިނގާތީ ޑިސްޕާސްމެންޓު އެބަ އިތުރުވޭ. ޑިސްޕާސްމެންޓަކީ އަނެއްކާ ދަރަނި. ކުރީގެ [ކުރީ ސަރުކާރުގެ] އެޕްރޯޗު ވެސް އެންމެ ރަނގަޅެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އިގުތިސާދީ ތަޖުރިބާކާރު ވިދާޅުވިގޮތުގައި، މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި މި ސަރުކާރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ނުގެނައުން މުހިންމެވެ. ޕްރޮޖެކްޓްތައް ނަމެއްގައި ޖެހުމުގެ ބަދަލުގައި ހިނގާނެ، އަދި ފަންޑު ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ހިންގުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ޑޮލަރަށް އޮތް ބޮޑު ޑިމާންޑު ގުޅެނީ ސަރުކާރަށް ނުތަކާ ވަރަށް ކުރަން ޖެހޭ ހަރަދަށެވެ. އޭނާ ވިދާޅުވީ، ޑޮލަރު އިގްތިސާދުގައި ހިފެހެއްޓުމަށް ބަޖެޓުގެ ޑެފިސިޓު ކުޑަކޮށް، ދަރަނި ކުޑަވާނެ ގޮތަކަށް ސިޔާސަތުތަކެއް އެކުލަވައިލުން ވަރަށް މުހިންމު ކަމަށެވެ.

ފައިނޭންސް ބޭނުން، އެކަން ފަހިވާނީ ރިފޯމު ގެނެސްގެން

ދައުލަތުގެ ޑޮލަރުގެ ރިޒާވް ރަނގަޅު ކުރުމަށް އޮތް އެންމެ އަވަސް ހައްލަކީ ބޭރުން ޑޮލަރުގެ އިންފްލޯއެއް ހޯދުން ނުވަތަ ފައިނޭންސިން ހޯދުމެވެ. ސަރުކާރަށް ދިމާވި، އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓަށް ބޭނުންވާ ފައިނޭންސްގެ ގޮތުގައި ކަނޑައަޅާފައިވާ 550 މިލިއަން ޑޮލަރު ހޯދޭނެ ދޮރުތައް ހަނިވުމެވެ.

އަނެއްކޮޅުން ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިދިޔަ މަހު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ޖުމްލަ ރިޒާވްގައި 395 މިލިއަން ޑޮލަރު ހުރި އިރު ޔޫޒަބަލް ރިޒާވްގައި ހުރީ 45 މިލިއަން ޑޮލަރެވެ. ޑޮލަރުގެ ތާށިކަން އެހާ ބޮޑަށް ބޮޑުވީ، ދަރަނި އަދި ތެލުގެ ހަރަދުތައް ހަމަޖެއްސުމަށް ކުރާ ހޭދަ ބޮޑުވުމުންނެވެ.

ރާއްޖޭގެ ލީގަލް ޓެންޑަރު ދިވެހި ރުފިޔާގެ ގޮތުގައި ކަނޑައެޅިފައި އޮންނަ ކަމުގައިވާ ނަމަ ލީގަލް ޓެންޑަރުގެ ގޮތުގައި ދެމެހެއްޓޭނެ ގޮތެއް އެބަ ހޯދަން ޖެހޭ،"--- އަންޑޭ

މި މަހާއި އަންނަ މަހުގައި އަނެއްކާ ވެސް އިތުރު ދަރަނިތައް އަދާކުރަން ސަރުކާރަށް ބާރު ބޮޑުވާނެ އެވެ. އޭގެ ތެރޭގައި އެސްބީއައި އަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. އެ އަދަދު ދެއްކުން ފަސްކުރުމަށްޓަކައި ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

"މިހާރު" އާ މައުލޫމާތު ހިއްސާކުރި އިގްތިސާދީ މާހިރު ވިދާޅުވީ، އެ މައްސަލަ ވީ އެންމެ އަވަހަށް ހައްލު ކުރަން ޖެހޭ ކަމަށެވެ. ކުރު މުއްދަތުގެ ހައްލަކީ ބައިލެޓްރަލް ލޯނެއް ހޯދުމެވެ. ނުވަތަ ރާއްޖެއާ ގާތް ގައުމަކުން ބަޖެޓު ސަޕޯޓެއް ހޯދުމެވެ.

ބީއެމްއެލް ޑޮލަރު އޭޓީއެމް ކައިރީގައި ހުންނަ އަބަދަށް އުފާ ހިނގުމުގައި ހުރި ބައެއް މަނީ އެކްސްޗޭންޖުތައް: -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޗައިނާއިން ބަޖެޓު ސަޕޯޓު ދިނުމަކީ އެ ގައުމުން އަމަލު ކުރާ އުސޫލުތަކާ ހިލާފު ކަމެކެވެ. އެހެންވެ، އެއީ އެ ގައުމުން ކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ އެހީއެއް ރާއްޖެ އަށް ހަނިގޮތަކަށް ވެސް ލިބެން މިވަގުތު އޮތީ އިންޑިއާއިންނެވެ. ސަރުކާރުން ވެސް އަންނަނީ ހާލަތު ބަދަލު ކުރުމަށް ގްރީން ބޮންޑެއް އިޝޫ ކުރުމަށް ތައްޔާރުވަމުންނެވެ. އަދި ރިޒާވަށް ބޭނުންވާ ވަގުތީ ބޫސްޓަށް ކަރެންސީ ސްވޮޕް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

"މާކެޓުން ފައިނޭންސިން ހޯދަން މިހަރު ދަތިވާނެ. ބައިލެކްޓްރަލް ޕާޓީއަކުން ހޯދުން އޮތީ. ރޭޓިން ރަނގަޅު ނުކޮށް މާކެޓަކަށް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ރޭޓިން އޭޖެންސީ ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ދެ މަސްތެރޭ "ސީސީސީ" އިން "ސީސީ" އަށް ބަދަލުކޮށްފަ އެވެ.

ޑޮލަރު ގަތުމަށް މީހަކު، މަނީ އެކްސްޗޭންޖުން ނުކުންނަނީ -- ފޮޓޯ: މިހާރު

މާލީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވީ، ރާއްޖޭގެ ރޭޓިން އޭޖެންސީތަކުން މިހާރު އަހަރަކު ދެ ފަހަރު ގައުމުތައް ރޭޓު ކުރަމުން ދާއިރު، އެ އޭޖެންސީތަކުގެ ރޭޓިން އަނެއްކާ ވެސް ނޮވެމްބަރު މަހު އާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންވެ އޭގެ ކުރިން ސަރުކާރުން ރިފޯމުގެ ގޮތުގައި އަޅަން ނިންމާފައިވާ ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ހަރަދު ކުޑަކުރުމަށް ސަބްސިޑީ ޓާގެޓު ކުރުމާއި އާސަންދައިގެ ހަރަދު ކުޑަކުރުމާއި ހިންގުމުގެ ހަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ނިންމައިފަ އެވެ. އަދި އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީ/ ޑިޕާޗާ ޓެކްސް ބޮޑުކުރުމާއި ޖީއެސްޓީ ބޭސް ބޮޑު ކުރުމާއި ގްރީން ޓެކްސް ބޮޑު ކުރުމުގެ އިތުރުން އާމްދަނީ ޑޮލަރުން ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް އަދި ޕެންޝަން އާއި ޑިއުޓީ ޑޮލަރުން ނެގުމަށް ވެސް ނިންމައިފަ އެވެ.

މިކަންކަން ކުރަން ނިންމި ނަމަވެސް، އެކަމުން ދައުލަތަށް އެނގުންވެ، ބޮޑު ބަދަލެއް ފެންނަން ދުވަސް ނަގާނެ އެވެ.

އެ ނިންމުންތަކުގެ ނަތީޖާއަކަށް ވާނީ ރާއްޖޭގެ ރޭޓިން ރަނގަޅުވެ، ބޭރުން ފައިނޭންސިން ލިބުމުގެ ފުރުސަތު ފަހިވުމެވެ.

"ކޮންމެ މަހަކު ވެސް މީގެ ކުރިން ވެސް ނެޓް އައުޓްފްލޯއެއް [ޑޮލަރު ބޭރުވުން] އުޅޭނެ. އެންމެ ބޮޑުވާނީ ފިއުލް އާއި ޑެޓަށް. ކޮންމެ މަހަކު ބޭންކްތަކަށް ވެސް ވިއްކާނެ،" އިގުތިސާދީ ތަޖުރިބާކާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތެލުގެ ބިލް އެހާ ބޮޑަށް އިތުރުވުން ކުޑަކުރަން އަގު ހެޖު ކުރެވޭނެ ގޮތްތަކެއް ކަނޑައަޅައި، އެކަން ތަންފީޒު ކުރުން ވަރަށް މުހިއްމު ކަމަށެވެ. އޭރުން ތެލަށް ކުރާ ހޭދަ ކޮންމެވެސް ވަރަކަށް ކުޑަ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވަނީ 2020 ވަނަ އަހަރު ވެސް ޑޮލަރުގެ މައްސަލަ އަށް ހައްލެއް ހޯދަން މުހިއްމު ފިޔަވަޅުތަކެއް އިއުލާނުކޮށްފަ އެވެ. އެ އަމާޒަށް ވާސިލް ވުމަށް އޭރު ކަނޑައެޅި އެއްވެސް ކަމެއް ހާސިލް ނުކުރެވުނެވެ. ނަތީޖާއެއް ނުފެނުނެވެ.

ޑޮލަރުގެ މައްސަލަ އަށް ހައްލެއް ނުލިބި އޮތުމަކީ އިގްތިސާދަށް ކުރިމަތިވެފައިވާ އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. އެކަމަކު ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ބާޒާރުގެ ކަންކަން ރެގިއުލޭޓް ކުރުމަށް ހަރުދަނާ ގާނޫނީ ނިޒާމެއް ނެތްހާ ދުވަހަކު ޑޮލަރުގެ މައްސަލަ ހައްލު ނުވާނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ދައުލަތުން ކުރާ ހަރަދަށް ބަދަލެއް ނުގެނެސް ވެސް މިކަން ވާކަށް ނެތެވެ.

ޑޮލަރުގެ މައްސަލަ އަށް އޮތް ދާއިމީ ހައްލަކީ ރާއްޖެ އަށް ވަންނަ ޑޮލަރުގެ ބޮޑު ބައެއް ރާއްޖޭގެ އިގްތިސާދުގައި ބެހެއްޓުމެވެ. މިވަގުތަކީ މާލީ ބޮޑު ތާށިކަމެއް ކުރިމަތިވެފައިވާ ހާލަތަކަށްވާ އިރު މިއީ އެކަން ނުކޮށް ސަލާމަތް ނުވާނެ ހާލަތެކެވެ. އެކަމަކު ހައްލެއް ލިބޭނީ ފިޔަވަޅުތައް އަވަސްކޮށްގެންނެވެ. އެމްއެމްއޭގެ ކަމާ ގުޅޭ ގަވާއިދުތަކަށް އިސްލާހު ގެންނަން ނިންމާފައި ވުމަކީ ހެޔޮ ފާލެކެވެ. ދެން އޮތީ އަމަލީ ގޮތުން ކަންކަން ދައްކައި، ރާއްޖޭގައި ޑޮލަރު ހިފެހެއްޓޭނެ ގޮތްތަކެއް ހޯދުމެވެ.

45 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެދުރު1

03 September 2024

ރާއްޖޭގައި ޑޮލަރުންދޭ މުސާރަތަކާއި ސާވިސް ޗާޖްވެސް ހަމައެކަނި ރުފިޔާއިން ދޭންޖެހޭ ގޮތަށް ޤއ ބަދަލުކުރަންވީއެވެ. އޭރުން ރިސޯޓް ތަކުން ރުފިޔާ ހޯދަން ޑޮލަރު ހިފައިގެން ބޭންކުތަކަށް ދާންޖެހޭނެ. މިކާއި ނުރުހޭ މީހުންނަށްވުރެ ރުހޭ މީހުން ގިނަވާނީ .

The name is already taken The name is available. Register?

އ.އަލީ

06 September 2024

އޭރުންވެސް އެވިއްކާނީ އިންޑައިރެކްޓްކޮށް ކަޅުބާޒާރުގައި

The name is already taken The name is available. Register?

އައްސަދަ

03 September 2024

މިއަހަރު ނިމޭއިރު 2 މިލިއަން ގެސްޓުން އަންނާނެކަމަށް ބެލެވޭ. 2މިލިއިން ގުނަ 500ޑޮލަރު މަދުވެގެން ކޮމްނެ މީހަރު ރާއްޖެއަށް ހަރަދު ކުރާނެ ކަމަށް ބެލެވޭ. އެއީ 1 ބިލިއަން ޑޮލަރު ހަމައެކަނި އެގޮތުންވެސް. ސުވާލަކީ މިފައިސާ މިރާއްޖޭގެ މާކެޓުގައި ދައުރު ނުވަނީ ކީއްވެހޭ

The name is already taken The name is available. Register?

ބަބްސް

03 September 2024

މަމީ އިކޮނޮމިސްޓެއް ނޫން. އާމްދަނީއަށް ވުރެން ޙަރަދު ބޮޑުވީމަ ވާނީ މިހެން. މީން ދުވަހަކު އަރަނި ބަޖެޓެއް ހުށައެއް ނާޅާ ، ބޮޑު ބިޔަ މަތިބަރު ސަރުކާރުގެ ހަރަދު އިންތިހާއަށް. ދެންވާނީ މިހެން. ރާއްޖެއަށް ޑޮލަރު ވަންނަ ކޮޅުތަކަށް ކުރަން ހުންނަ ޙަރަދާ ބަލާފަ މާކަބޮޑު ކުރިއެރުމެއް ނުލިބޭ.

The name is already taken The name is available. Register?

ރުފިޔާ ޖަގަހަ.

03 September 2024

މިކަން ހައްލުވާނީ ބިޓްކޮއިން މައިން ކޮށްގެން, ދުވަހަކު 15 ބިޓްކޮއިން މާއިން ކުރަންވީ,ސްޓެލްކޯއާއި ހަވާލު ކޮށްގެން, ނޫނީ އެސްޓީއޯ އާއި. އޭރުން ދުވަހަކު 867,00 ޑޮލަރު ލިބޭނޭ, އެއިން ތެލާ ބޭސް ގަނެވޭނެ.

The name is already taken The name is available. Register?

ޖޯޖިޔާ

03 September 2024

ބިޓްކޮއިންގެ ޑިފިކަލްޓީ އެނގޭތަ؟

The name is already taken The name is available. Register?

ށިިސިސ

02 September 2024

ތިކަން ހައްލުވާނެ ކޮމެންޓޭމެންނާ ހަވާލުކޮށްލާ

The name is already taken The name is available. Register?

ޖެހޭ

02 September 2024

ތިކަމަށް ކުރެވޭނެ އެއްކަމެއްވެސް ނުއޮންނާނެ. ސަރުކާރު ނުވަތް ޢާންމުން ދެކޭ، އަދިބޭނުންވާ ގޮތަށް ގަވާއިދުހަދައި އެކޮންޓުރޯލުކުރަންއުޅޭނަމަ، ޓޫރިޒަމް މަރުވާނެ. ހައްލެއްނެތް. ލިބެންވާނީ، އަދިލިބޭނީ ލިބޭމީހުނަށް. ރިސޯޓުތަކަށްވަންނަޑޮލަރު އެމްއެމްއޭއަށް ވިއްކަންޖެހޭނަމަ ޑޮލަރުގެ ކަޅުބާޒާރު ބަންދުވާނެ. ގެއްލުންވާނީ ސަރުކާރަކަށް ނުވަތަ ޢާންމުންނަކަށްނޫން. ހަމައެލިބޭމީހުނަށް. ދެނޯ!!!!

The name is already taken The name is available. Register?

ތަމީމު

02 September 2024

ބޭންކުތަކުން ނޫން ގޮތަކަށް ޑޮލަރު މާރު ނުކުރެވޭ ގޮތް ހެދުން.

The name is already taken The name is available. Register?

ކަކުނިބޯ

02 September 2024

1. ޑޮލަރ އެކައުންޓްތަށް އުވާލާ ބޭރުފައިސާ އަތުގައި ގެންގުޅުމަކީ ޖިނާއީ ކުޝަކަށްހަދާ މަދުވެގެން 3 މަސްދުވަހުގެ ޖަލުހުކުމް 2. ޜެމިޓަންސް އެމް އެމް އޭ އިން ދިވެހިރުފިޔާއިން ދޫކުރުން 3. ޓީޓީ ބޭންކްތަކުން ހަދާދިނުން އަދި އެމްއެމްއޭ އިން ބޜރުފައިސާ ބޭންކްތަކަށް ދިނުން 4. ބޭސްފަރުވާ އަދި އުގުވިޔަފާރިއަށް ފުރާމީހުންނަށް ޑެބިޓްކާޑް އަދި ކްރެޑިޓް ކާޑް 2019 ގެ ކުރިން އޮތްގޮތަށް ބަދަލުކޮށް 10000 ޑޮލަރަ ލިބޭނޭގޮތްހެދުން. ޢަދި ރިސޯޓްތަކުގެ އަގު މީރާއިން

The name is already taken The name is available. Register?

ސުދީރު

02 September 2024

ރާއްޖެކަހަލަ ކޮރަޕްޝަން ބޮޑުގައުމެއްގައި މިކަމެއްނުވާނެ. ގައުމަށްވަންނަ ޑޮލަރުއެންމެން ބޭންކަށްދީގެން ތިއްބައި ސަރުކާރުން ބޭނުންވީމައި އެއްކަލަ ޑޮލަރުކޮޅު ބޭބޭފުޅުންގެ ބޭރުގެދިރިއުޅުން ހަމަޖައްސަންހޭދަކުރާނެ މާސިންގާލޯނުނަގައިގެން އެލޯނުދައްކާނެ ދެންވާނެގޮތަކީ އެއްކަލަ ވިޔަފާރިވެރިޔާ ޓީޓީ ހަދަންދިޔައިމާ ބޭންކުންބުނާނެ މިވަގުތު ޑޮލަރުނެތޭ، ދެން އެކަން ކުރަންވެސް ޖެހޭނީ މަޖިލިސްމެމްބަރަކު ނުވަތަ ވަޒީރެއްގެ ފައިބުޑަށް ވެއްޓެން.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

02 September 2024

ކޮަމެހެން ޑޮލަރ ވިއްކާ މީހުންގެ ގައިގައި ނުހިފައި އެމްއެމް އޭއިން ޑޮލަރ ދިވެހިރައްޔިތުންނަށް 11.42ގެ ރޭޓުން ވިއްކަން ފަށަންވީނު! އެކަން ނުވެގެން ތިޔަ އުޅެނީ ކީއްވެގެންތަ؟

The name is already taken The name is available. Register?

ބަޑިތަކުރު

02 September 2024

ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަކީ ބާވާލެއްވިއެއްޗިއްސެއްނޫނެވެ. އެތަކެތި ބަދަލުކޮށްގެންވެސް ދައުލަތަށް ދައްކަންވާ އެއްޗެއް އެތަނަކަށް އާމްދަނީ ލިބޭ ފައިސާއަކުން ދައްކާގޮތަށް ހެދީމާ ބޮޑުއަގުގައި އެފަރާތްތަކުން ޑޮލަރު ވިއްކުން ހުއްޓޭނެއެވެ. އަދި އެމްއެމްއޭ ނުވަތަ ދައުލަތުގެ ބޭންކް މެދުވެރިކޮށް ރަސްމީ ރޭޓުން ކޮންމެސް ވަރެއް ދޫކުރެވޭނެއެވެ. ރުފިޔާ ބޭނުންކުރާށޭ ކިޔައިގެން މޮޅެތި ވާހަކަދައްކަނީ އޭގެން ވިޔަފާރިކޮށްގެން މަންފާނަގާ ބަޔަކު އުޅޭތީއެވ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454