02 ސެޕްޓެމްބަރ 2024 - 06:49
މެންޗެސްޓާ (ސެޕްޓެމްބަރު 2) - ލިވަޕޫލް އަތުން މެންޗެސްޓާ ޔުނައިޓެޑް 3-0 ން ބަލިވުމުގެ ހުރިހާ ގޯހެއް މިޑްފީލްޑަރު ކާލޯސް ކަސެމީރޯ ބޮލަށް، އެ ޓީމުގެ ސަޕޯޓަރުން ޖަހައިފި އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު، ލުއިސް ޑިއާޒަށް ޖަހަން މަގުފަހިވީ، ކަސެމީރޯ އަށް ހެދުނު ގޯހަކުންނެވެ. ޑިއާޒް ދެ ލަނޑު ޖެހި އެވެ. އަނެއް ލަނޑު ޖެހީ މި ސީޒަނަށް ފަހު ލިވޕުޅް ދޫކޮށްލާނެކަމުގެ އިޝާރާތެއް ރޭ ދިން މުހައްމަދު ސަލާހެވެ.
ލިވަޕޫލްގެ ދެ ލަނޑު ޖެހުމުގައި ކަސެމީރޯ ވަނީ ގޯސް ހަދާފަ އެވެ. ރެއާލް މެޑްރިޑަށް 60 މިލިއަން ޑޮލަރު ދިނުމަށް ފަހު މިދިޔަ ސީޒަނުގައި ގެންދިޔަ ކަސެމީރޯ އަށް އަށް ޔުނައިޓެޑްގައި ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. ރޭ ގެ މެޗުގެ ފުރަތަމަ ހާފުގައި އެކަނި ވެސް 10 ޕާސް އޭނާ މިސްކޮށްލި އެވެ.
ސްކައި ސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައި ބައިވެރިވާ ގެރީ ނެވީލް ބުނީ ކަސެމީރޯގެ ފަރާތުން ރޭ ގެ މެޗުގައި ފެނުނީ ހީނުކުރާވަރުގެ ގޯސްތަކެއް ކަމަށެވެ. ދުނިޔޭގެ އެންމެ މޮޅު ޑީޕް ޑިފެންސިވް މިޑްފީލްޑަރުގެ ގޮތުގައި އެއް ދުވަސްވަރެއްގައި ބެލެވުނު ކަސެމީރޯ ރޭ ދެއްކި ކުޅުމާ އެކު ޔުނައިޓެޑްގެ ސަޕޯޓަރުން އޭނާ ސިފަ ކުރީ ޓީމަށް ޖެހިފައިވާ ބުރައެއްގެ ގޮތުގަ އެވެ،
ބައެއް ސަޕޯޓަރުން ވަނީ އޭނަ ރިޓަޔާ ކުރުމަށް ވެސް ގޮވާލާފަ އެވެ. ޔުނައިޓެޑް އެލިސްގެ ނަމުގައި އެކްސްގައި މީހަކު ލިޔެފައި ވަނީ މެޗުގައި ފެނުނު އެންމެ ދަށް ކުޅުންތެރިޔަކީ ކަސެމީރޯ ކަމަށެެވެ. ޔުނައިޓެޑް ބަލިކޮށްލުމުގައި ހުރިހާ ކަމެއް ކުރީ ކަސެމީރޯ އެކަނިމާއެކަނި ކަމަށް އޭނާ ބުނެފައި ވެއެވެ.
"މިއަދަށް ފަހު ކަސެމީރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހޭ،" ޔުނައިޓެޑް ޓްރޮއީގެ ނަމުގައި އެކްސްގައި ކޮމެންޓް ކުރި މީހާ ބުނެފައި ވެއެވެ.
ޓީއެމްޔޫއެފްސީގެ ނަމުގައި އެކްސްގައި ޕޯސްޓް ކުރި މީހާ ބުނީ ކަސެމީރޯ ދަނޑުގައި ހުއްޓަސް ޔުނައިޓެޑުން ކުޅެނީ 10 ކުޅުންތެރިންނާ އެކު ކަމަށެވެ.
ބްރެޒިލްގެ މިޑްފީލްޑަރަށް ކުރިމަތިވި މި ފާޑުކިޔުންތަކުގެ ދިފާއުގައި ނުކުތީ އޭނާގެ އަންހެނުން އަނާ މާރިއާނާ އެވެ. ފާޑުކިޔުންތެރިންނަށް ނުސީދާ ރައްދެއް ދިނުމުގެގެ ގޮތުން އޭނާ ހިއްސާ ކުރީ ކަސެމީރޯގެ ހިއްސާއާ އެކު ރެއާލް މެޑްރިޑުން ހޯދި ތަށިތަކުގެ ފޮޓޯއެކެވެ. އޭގެ ތެރޭގައި ރެއާލާ އެކު ހޯދި ޗެމްޕިއަންސް ލީގުގެ ފަސް ތަށި ވެސް ހިމެނެ އެވެ.
📸🇧🇷 Casemiro’s wife to you haturrrsss pic.twitter.com/wYiNzKsmYZ
— SmilingSailor (@SmirkingSaylor) September 2, 2024
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް ވެސް ވަނީ މެޗަށް ފަހު ކަސެމީރޯގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ބަލިވުމުގެ ޒިންމާ ކަސެމީރޯ އެކަނި ނަގަން ނުޖެހޭނެ ކަމަށެވެ.
"ފުޓްބޯޅައިގައި އެންމެން ޖެހޭނެ ޒިންމާ ނަގަން. އަހަންނަށް ޔަގީން ކަސެމީރޯއާ މެދު ވެސް. އޭނާއަކީ ރަނގަޅު ސިފަތަކެއް ހުރި މޮޅު ކުޅުންތެރިޔެއް. އޭނާގެ ކެރިއާގައި ކަލޭމެން ހިޔާލަށް އަންނާނެ ހުރިހާ ކާމިޔާބެއް އޭނާ ހޯދައިފި. އަހަންނަށް ޔަގީން މި ޓީމަށް ހިދުމަތްކޮށްކޮށްދިނުމުގައި އޭނާ ހުންނާނެ،" ޓެން ހަގް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy