ފުލުހުންގެ ވެހިކަލްތަކެއް: ފުލުހުންގެ ރިޕޯޓެއް ކަމަށް ބުނެ ސައްހަ ނޫން ރިޕޯޓްތަކެއް އުފައްދާފައިވާ މައްސަލަ ބަލަން ފުލުހުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
03 ސެޕްޓެމްބަރ 2024 - 19:41
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގު ރިޕޯޓެއް ކަމަށް ބުނެ ސައްހަ ނޫން ރިޕޯޓެއް އުފެއްދި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2016 ވަނަ އަހަރު ޔާމީން ހައްޔަރު ކުރަން ފުލުހުން ނެރުނު ތަހުގީގު ރިޕޯޓު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަނީ ސައްހަ ރިޕޯޓެއް ނޫން ކަމަށެވެ.
މި ސަރުކާރުގެ ބައެއް ވެރިންނަށް ތުހުމަތުކޮށް އެ ރިޕޯޓް ސޯޝަލް މީޑިއާގެ އިތުރުން ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގެ ބައެއް ޖަލްސާތަކުގައި ވެސް ދައްކާފައިވެ އެވެ.
ފުލުހުން ނެރުނު ބަޔާނުގައިވަނީ އެ ރިޕޯޓުގައި ބޭނުން ކޮށްފައިވާ ހެޑާ އާއި ފުލުހުންގެ ލިޔެކިޔުންތަކުގައި ބޭނުން ކުރާ ހެޑާ ދިމާނުވާ ކަމަށެވެ.
އޭގެ އިތުރުން އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ނަމުގައި ބޭނުން ކޮށްފައިވަނީ ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ސޮއި ކަމަށާއި އެ ސޮއި ބޭނުންކުރީ ފޯޖް ކޮށްގެން ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުން ކުރާ ފޯމެޓް ކޮޕީ ކޮށްގެންނާއި ބައެއް އިސްވެރިންގެ ސޮއި ފޯޖްކޮށްގެން ސައްހަ ނޫން ރިޕޯޓު ދައުރުކުރާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އޭސީސީގެ ނަމުގައި ސައްހަ ނޫން ތަހުގީގު ރިޕޯޓެއް ދައުރު ކުރާ މައްސަލައެއް ވެސް އެ ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެފަދަ ކަންކަމުން ބައިވެރިނުވާން އެދޭ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޫދާ ސޮބްރީ
04 September 2024
އިތުރަށް ދައްކާނެ ވާހަކައެއް ނެތް. ދެން މިމީހުން ރާއްޖެ އަށް ނެރޭ ރޭޓިން ސައްހަ ވާނީ ކިހިނެއް.
ހަސަން އަޝްމަލް
04 September 2024
ކޮންމެހެންވެސް ބަލަން ޖެހޭ. މިއީ ބެލެން ޖެހޭ ކަންކަން.
އަހްމަދް ސަމީރު
04 September 2024
ޔާމީން ސިމްޕަތީ ހޯދަން ޖައްސާ ސްޓަންޓް މިއީ
އާސިމް ރިޒާ
04 September 2024
ބަލަން ޖެހޭ. ބޮޑު ކުށެއް މިއީ
ކޮސްމުކޮސް
04 September 2024
ޑިޖިޓަލް ސިގްނޭޗަ ބޭނުންކުރާނަމަ ތިކަންކަމާ މޮޔަވެގެން ތެޅޭކަށް ނުޖެހޭނެ. ގާނުންވެސް މިހާރު ހުއްދަކަމެއް، ކަންކުރަން ތިބޭ މީހުންގެ ގަމާރުކަމުންނުވަނީ. ބދވ، އިލެކްޓްރޯނިކް ސިގްނޭޗަރ އަކީ އަދި ޑިޖިޓަލް ސިގްނޭޗަރއެނޫން.
ޛކޖޖޖ
04 September 2024
ގައުމު ފަސާދަކޮށް ހަލާކު ކުރުމަށް މީޑިޔާ ތަކުގައި ހިންގަމުންދާ ޖަރީމާތައްބަލަން ފެށުމަކީ އަމާން ރައްކާތެރި ތެދުވެރި މުޖުތަމައެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެއް. ކޮންމެބއިސާނަކަށްވެސް ލިބިގެންވާހައްގެއް އަބުރުގެ ރައްކާތެރިކަމަކީ. ރައްޔިތުންގެ ވަލިއްޔުލް އަމުރުގެ ވާޖިބެއް އަބުރު ރައްކާތެރިކުރުމަށް ގާނޫނާ ގަވާއިދުތައް ހަދާ ތަންފީޒު ކުރުމަކީ. ވަކި ބަޔަކަށްވީތީ ހިތުހުރިގޮތަކަށް ހައްދުގެ ކުށްތަކަށް އަރައިގަތުމަށް ދޫކުރެވިގެން ނުވާނެ.
ޖަގޭ
04 September 2024
ބިރު ދެއްކުން ނިމުމަކަށް ގެނެސް ފުލުހުން އެބަޖެހޭ ޒިންމާ އަދާ ކުރާ ބަޔަކަށްވެ ތަން ކޮޅެއް ޕޮރޮފެޝިނަލްވާން، ޒާތީ ތަޢައްސުބުން އެއްކިބާވެ ސިޔާސީ ކަންކަމާ ދުރުވެތިބެ ތިމަންނާ މެންނަކީ ރަށްޔިތުންތުންގެ ޚާދިމުންކަން ދަނެތިބެ ގާނޫނުން މަތިކުރި ޒިންމާ ކުރިން ދެންނެވި ނިޔަތްގާނީ ކަންމުން އެއްކިބާވެ ފުރިހަމަ ޚިދުމަތެއް ދޭން، އިހައްދުވަހު ކުންފުނިތަކުގެ ތެރެއިން ދައުލަތައް ދެވަނައަށް އެންމެ ބޮޑު އެއްޗެއްދޭ ކުންފުނި ބޮޑު ބާގީ އަކަށް އެހެދީ ....
ފުލުސްބެ
04 September 2024
ފުރަތަމަ ކަލޭގެ ޒިންމާ އަދާ ކުރެވިއްޖެތަ؟ ދައުލަތުގެ ނަމުގަ ނުވަތަ ކަލޭގެ ނަމުގަ ފޭކު އެއްޗެިހ ހަދާ ދައުރުކުރިއަސް މައްސަލައަކަށް ނުވަންޏާ ޒިންމާ ކިޔައިނުދީ ކޮންމެވެސް އެހެން ކަމަކާ އުޅެންވީނު؟ ސިޔާސީ ނަމުގަ މީހުންގެ ސޮއިފޯޖުކޮށް ލިޔެކިޔުން ހެދީމަ އެއީ ސިޔާސީ ކިޔާ އަޅާނުލުމަށް ވުރެ ޒިންމާދާރު ކުޑަ އަމަލެއް ނެތް. ކަލޭ ބިރު ތިގަންނަނީ އެކަހަލަ ކަންކަން ކުރާތީތަ؟ އަހަރުމެން ބިރެއް ނުގަނޭ މައްސަަލައެއް ބަލާތީ!
ޛހޖހޖ
04 September 2024
އަބުރު ރައްކާތެރި ކުރުމުގެ ހައްގުން ވަކިބަޔަކު މަހުރޫމްކުރުވަންތަ ތި ގޮވަނީ. ބަލަ އެއީ އިންސާނީ ހައްގެކޭ. އަދި އަބުރު ކަތިލުމަކީ ﷲ ތައާލާ ކަނޑައަޅުއްވާފައިވާ ހައްދުން ބޭރުވުމެވެ. ހަމަ އެކަނި މަރަށް މަރު ހިފާކަށްނޫނޭ އަންގަވާފައިވަނީ. އެއީ ބިރުދެއްކުމެއްނޫން. އެއީ ޒިންމާދާރު ވެެރިކަމެއްގެ މައިގަނޑު އުސޫލެއް ކަމުގައިވާ އިންސާފު ހޯދައިދިނުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް. މުޖުރިމަކު މަރުވުމުން މުޖުރިމަށް އިންސާފު ހޯދުމަށް ގޮވާމަންޒަރުފެނޭ.
ރަދީފްއޮފިޝަލް
03 September 2024
ކޮންމެ ބަޔަކުކުރިޔަސް މިއީ ވަރަށް ދެރަވަރުކަމެއް.އެއްވެސް އެއްޗެއް ނަކަލުކުރުން ގޯސް.ހާއްސަަކޮށް މިބާވަތުގެ ސެންސިޓިވް އިޝޫއަކާގުޅޭ ކަމެއްގަ މިފަދަ ފޯޖަރީއެއް ހެދުން އެއީ ހިތާމަހުރިކަމެއް. ސިޔާސީ ކުޅިވަރުގަ ކުޅިފަސް ހޯދުމަށް ވެސް މިފަދަ ކަންކަމާއި ދުރުވެ ތިބުމަށް ހުރިހާ ބޭފުޅުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަން. ވ.ވެދުން
ބާވަށްބެ
04 September 2024
މިބާވަތެއް ނޫން...އެއްވެސް ބާވަތެއްގަ ފޯޖުކުރުމަކީ ބޮޑު ކުށެއް.
މިއީ މަށޭ
03 September 2024
އޭ ރަށުތެރޭގަ އެބަ ކިޔާތަ ތި ރިޕޯޓު އުފެއްދީ މަށޭ؟؟
ސުހާނާ
03 September 2024
ތިޔަ ރިޕޯޓު ޢާންމުކުރި ބައްދަލުވުމުގައި ބައިވެރިވި އިސް މީހުން ހައްޔަރުކޮށްގެން މައްސަލަ ބަލަންވީ.