ޕާކިސްތާނުގައި އެމްޕޮކްސް ފެތުރިދާނެ ކަމުގެ ބިރަށް ފުލުހުންގެ މެޑިކަލް ސެންޓަރެއް ތައްޔާރުކުރަނީ. -- ފޮޓޯ: އޭއެފްޕީ
08 ސެޕްޓެމްބަރ 2024 - 23:55
އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހަކު އިންޑިއާއިން ފެނިގެން އެ މީހާ ހޮސްޕިޓަލެއްގައި އެކަހެރިކޮށް، ބައްޔާ މެދު ހަރުދަނާ ފިޔަވަޅުތައް އަޅާފައިވާ ކަމުގެ ޔަގީންކަން އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އާބާދީ 1.4 ބިލިއަނުގައި އޮތް، އާބާދީގެ އެންމެ ބޮޑު ގައުމުގައި އެމްޕޮކްސްގެ ކަށަވަރު ކޭސްއެއް އަދި ނެތެވެ.
"އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވަނީ މިހާރު އެމްޕޮކްސް ފެތުރެމުންދާ ގައުމުތަކުގެ ތެރެއިން ގައުމަކަށް ދިޔަ އިންޑިއާގެ ޒުވާނެއް،" ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ ބައްޔަށް ޝައްކުކުރެވޭ މީހާގެ ހާލު އާދައިގެ ގޮތެއްގައި ރަނގަޅު ކަމަށެވެ. އަދި އެ މީހާއަށް ޖެހިފައިވަނީ އެމްޕޮކްސްތޯ ކަށަވަރުކުރުމަށް ޓެސްޓުތައް ހަދަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މި ކޭސްއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހެލްތު މިނިސްޓްރީއަކުން ނުދެ އެވެ. އެކަމަކު ބުނީ ހާސްވާންޖެހޭ ކަމެއް ނެތް ކަމަށާއި އިންޑިއާ އޮތީ އެމްޕޮކްސްގެ މައްސަލައިގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ.
"މިހެން މީހަކު ކުރާ ދަތުރެއްގައި އެމްޕޮކްސް ޖެހިދާނެ ކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތަކަށް މުޅި އިންޑިއާ އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ކުރިމަތިލާން ގައުމު ފުރިހަމައަށް ތައްޔާރަށް އޮތްއިރު، ކުރިމަތިވެދާނެ ނުރައްކަލެއް މެނޭޖްކޮށް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެބަހުރި."
އެމްޕޮކްސް އަލުން ފެނި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މި ބަލީގެ ކްލޭޑް 1ބީގެ އާ ސްޓްރެއިން އެއް ފެނުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެންމެ މަތީ ބައިނަލްއަގްވާމީ އެލާޓް ލެވެލް އިއުލާންކޮށްފަ އެވެ.
އެމްޕޮކްސްގެ ކޭސްތައް އޭޝިއާ އާއި ޔޫރަޕުން ވެސް ފެނިފައިވެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy