ރިޕޯޓް

މިއީ ސާފު ބަދިގެއަކުން ކާން ހެދުމަށް އިގުރާރެއް!

ހިޔާ ފްލެޓްތައް ކައިރީ އަންހެނަކު ހެދިކާ ވިއްކަނީ: މިތަކެތި ގޭގައި ތައްޔާރުކުރާއިރު އަމަލުކުރަން ޖެހޭ ވަކި މިންގަނޑެއް ވަނީ އާންމުކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ދަރިން ބަލަމުން ގޭތެރޭގެ ދެން ހުރި ހުރިހާ ކަމެއް ވެސް ކުރަން ޖެހުމަކީ ވަޒީފާއަކަށް ގޮސްގެން އާމްދަނީ ހޯދެން ނެތް ސަބަބެވެ. އެހެން އުޅެން ޖެހި އެކަމަކު އާމްދަނީއެއް ކޮންމެހެން ވެސް މުހިންމުވާ މީހުން އެންމެ ގިނައިން ކުރާ އެއް ކަމަކީ ކާބޯތަކެތި ހަދައިގެން ވިއްކުމެވެ. އެ މީހުންނަށް މި މަސައްކަތަށް ވަކި ވަގުތެއް ކަނޑައެއް ނޭޅެ އެވެ. ވަގުތެއް ވީމާ ބަދިގެއަށް ވަދެ އެ ވަގުތަކު ކުރެވެން ހުރި ކަމެއް ކޮށްލަނީ އެވެ.

އެކަމަކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހެދި "އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި އަމަލުކުރަންވީ ގޮތުގެ މިންގަނޑު" ގައި މީހުން ސުވާލު އުފެއްދި ކަންކަމުގެ ތެރެއިން އެއް ކަމަކީ ވިއްކަން ހަދާ ކާބޯތަކެތި ތައްޔާރުކުރުމަށް ވަކި ވަގުތެއް ކަނޑައަޅާފައި އޮންނަން ޖެހުމެވެ.

"ކޮންމެ މީހަކު ވެސް ބަލާނީ އެ މީހަކަށް ފަސޭހަ ގަޑިއެއްގައި އެ ކަމެއް ވޭތޯ. މިއީ ބޮޑު ވިޔަފާރިއެއް ނޫން ވަކި ގަޑިއެއްގައި މަސައްކަތް ކުރަން،" އިތުރު އާމްދަނީއެއް ހޯދަން ކޮންމެ ދުވަހަކު ރޮށި ފިހެ، ހެދިކާ ހަދައިގެން ވިއްކާ މީހެއް ކަމަށްވާ އައިޝަތު މޫސާ ބުންޏެވެ.

އެމްއެފްޑީއޭގެ މިންގަނޑުގައި ދެން ސުވާލު އުފެއްދި އެހެން ބައެއް ކަންކަމުގެ ތެރޭގައި، ވިޔަފާރީގެ ބޭނުމަށް ކާނާ ހަދާއިރު ކަމާ ނުބެހޭ މީހުން އެ މަސައްކަތްކުރާ ތަނަށް ނުވަނުމާއި އެ މަސައްކަތަށް، ގޭގައި އާންމުކޮށް ކައްކައި ކާބޯން ބޭނުންކުރާ ތެލިތަށި ފަދަ ތަކެތި ބޭނުން ނުކުރުމެވެ.

އައިޝަތު ޝަކުވާ ކުރަމުން ބުނީ އޭނާ ކުރާ މަސައްކަތުގައި ގޭގައި އުޅޭ މީހުންނާއި އެ ދުވަހަކު އަތްގާތްކޮށްދެވެން އޮތް މީހަކު ބަދިގެއަށް ވަދެ އެހީތެރިވާ ކަމަށެވެ.

އެމްއެފްޑީއޭގެ މިންގަނޑުގައި އެ ބުނާ ކަންކަން ބަލައި ތަންފީޒުކުރާނީ ކިހިނެއްތޯ އާއި އެ މިންގަނޑުގައި އެ ބުނާ ހަރުކަށި އުސޫލު ހިފަހައްޓާނީ ކިހިނެއްތޯ، މި މަސައްކަތުގައި އުޅޭ އެތައް ބަޔަކު އެބަ ސުވާލު އުފައްދަ އެވެ.

"އަޅުގަނޑަކީ ވަކި ގަޑިއެއްގައި ބަދިގެއަށް ވަންނަ މީހެއް ނޫން. ދުވާލަކު 400 އެއްހާ ރޮށި ފިހަން އަޅުގަނޑު، ފިހާރައަކަށް ލާން. އެކަމަކު ބައެއް ދުވަސްދުވަހު ފިހާރަ އިން ބުނެފާނެ އިތުރަށް ފިހެދޭން ވެސް. އެހެންވެ އަނެއްކާ ވެސް ފިހަން ޖެހޭނެ. އެހެންވީމާ ވަކި ގަޑިއެއް ނޯންނާނެ މިކަން ކުރާކަށް،" އައިޝަތު ބުންޏެވެ.

ގޭގައި ހެދިކާ ތައްޔާރުކޮށް ވިއްކަނީ--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި ކަންބޮޑުވުން އޮތް މީހުން ބުނަނީ ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނަށް ވަކި ވަގުތެއް ކަނޑައަޅައިގެން މަސައްކަތްކުރުން އުނދަގޫވާނެ ކަމަށާއި އެހެންވެ ގޭގައި ވިޔަފާރި ކުރަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ ވަރަށް ފަސޭހައިން ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"ހަމަ ޔަގީނާ ގާތަށް އެބަ އެނގޭ މަދު މީހަކަށް ނޫނީ ވަކި ވަގުތެއް ކަނޑައަޅައިގެން މިހެން މަސައްކަތެއް ނުކުރެވޭނެކަން. އެހެންވެ މީހަކު ޝަކުވާ ކޮށްލުމުން އައިސް ބަލާއިރު ފެންނާނީ ހުއްދަ ނޫން ވަގުތެއްގައި ހެދިކާ ހަދައި ރޮށި ފިހާތަން. ދެން އެ ވީ ފިޔަވަޅު އަޅަން،" އޭނާ ބުންޏެވެ.

އަނެއް ބައެއްގެ ކަންބޮޑުވުމަކީ ކާބޯތަކެތި އުފެއްދުމަށް ވަކި ހާއްސަ ތަކެތި ގޭގައި ގެންގުޅެން ޖެހުމެވެ. ކުދިކުދި ތަންތަންކޮޅުގައި އެހާ ތާށިކޮށް އުޅެން ޖެހިފައިވާ މީހުން ގިނައިރު ގެޔަށް ކައްކަން ވަކި ސެޓެއް، ވިޔަފާރީގެ ބޭނުމަށް ކައްކަން ވަކި ސެޓެއް ގެންގުޅުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. އަދި މިއީ ކުދިކުދި ވިޔަފާރިކުރާ މީހުންނަށް ކުޑަ ހަރަދެއް ވެސް ނޫނެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި އަންހެނަކު ހެދިކާ ވިއްކަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މައްސަލައަކަށް ވެގެންއުޅެނީ ސާފުތާހިރުކަން ކުޑަވުން. މައްސަލައެއް ފެންމަތިވާއިރަށް ގޮތް ބޮޑުކޮށް އުސޫލުތަކެއް ހެދުމުންވާނެ ގޮތަކީ އެކަމެއް ކުރާ ބަޔަކު އިނދަޖެހި އެކަމެއް ހުއްޓޭނީ. ވިއްކާލަން ގޭގައި ކުޑަކުޑަ އެއްޗެއް ހަދާ މީހާ އެކަމަށް ވަކިން އެއްޗެހި ނުހޯދިޔަސް ސާފުތާހިރުކޮށް މަސައްކަތް ކުރެވޭނެ،" އެހެން މީހަކު ބުންޏެވެ.

އެމްއެފްޑީއޭގެ މި އުސޫލު އައީ ބިދޭސީން އެ މީހުން ދިރިއުޅޭ ތަނުގެ ތެރޭގައި ވަރަށް ނުތާހިރުކޮށް ކާބޯތަކެތި ހަދަނިކޮށް އިމިގްރޭޝަނުން އެ ތަންތަނަށް ވަދެ އާންމުންނަށް އެ މަންޒަރުތައް ދައްކާފައި ވަނިކޮށެވެ. އެއާ އެކު، ދިވެހިން ގޭގައި ހަދައިގެން ވިއްކާ ތަކެތީގެ ސާފުތާހިރުކަމާ މެދު ވެސް މީހުންނަށް ސުވާލު އުފެދުނެވެ. އެހެންވެ މި މިންގަނޑަކީ ޖުމްލަކޮށް އެންމެންގެ ކަންބޮޑުވުންތައް ކުޑަވާނެ ކަންކަން ހިމަނައިގެން ހަދާފައިވާ އެއްޗެކެވެ.

އެކަމަކު އޭގައި އެ ބުނާ ގޮތަށް އަމަލުކުރެވޭނެތޯ އާއި އަމަލު ނުކުރާ ނަމަ އެކަން ބެލޭނީ ކިހިނެއްތޯ އެއީ އޮތް ސުވާލެކެވެ. މި އުސޫލު ތަންފީޒުކޮށް ނަތީޖާއެއް ނެރެވޭނެ ހެއްޔެވެ؟

ޒިންމާކުރުވުން، ފަރުދީ ޒިންމާ!

ކާބޯތަކެތީގެ ސަލާމަތާ ބެހޭ ގާނޫނު މިހާރު އޮތް ގޮތުން ވިޔަފާރީގެ ބޭނުމަށް ގޭގައި ކާބޯތަކެތި ހަދާ ނަމަ ލައިސެންސެއް އޮންނަން ޖެހެ އެވެ. އެމްއެފްޑީއޭ އިން ދޫކުރާ އެ ލައިސެންސް ނަމްބަރު، ގޭގައި އުފައްދާ ޕެކޭޖުތަކުގައި ހުރުން ލާޒިމެވެ. އެހެން ހެދުމުން، މިތަކެތި އުފައްދަނީ ކާކު، ކޮންތަނެއްގައިކަން ފަސޭހަކަމާ އެކު އެނގޭނެ އެވެ.

މިއީ ޖެހުނު ކޮންމެ މީހަކު ފިހާރަތަކުގައި އެއްޗެހި ބަހައްޓައިގެން ވިއްކުމާއި އެހެން ވިއްކާ އެއްޗެއްގައި މައްސަލައެއް އުޅޭ ނަމަ އެކަމާ މެދު ފިޔަވަޅު އެޅުމަށް ތަނަވަސްކުރި މަގެކެވެ.

"ހޯމްބޭސްޑްކޮށް މި ހަދާ ތަކެއްޗަށް ލައިސަންސް ދޫކުރަން ފެށޭ ހިސާބުން އެ މިންގަނޑުތަކަށް އެކަން ކުރެވޭ ކަމަށް ވަންޏާ އެ އޮތީ ރަނގަޅަށް. އެކަމަކު ހިލާފުވެއްޖެ ނަމަ އެ އުފައްދާ މީހާ އެބަ އެނގޭ. އެ ލޭބަލުން އެނގޭނެ އުފައްދަނީ ކޮންތާކުކަން. ކާކުގެ ބެލެނިވެރިކަމުގެ ދަށުންކަން،" މިދިޔަ އޮގަސްޓް މަހުގެ 23 ގައި އެ އެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވި އެވެ.

ގޭގޭގައި ތައްޔާރުކުރާ ކާބޯތަކެތި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ތަކެތި ތައްޔާރުކުރާނެ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ވަނީ އަންމުކޮށްފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެފްޑީއޭ އިން ވަނީ އަމިއްލަ ދިރިއުޅުމަށް ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތް ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް އާއުސޫލުގެ ދަށުން ފަށައިފަ އެވެ. އޭރުން މައްސަލައެއް އުޅޭ ކާނާގެ ބާވަތެއް ފެނިއްޖެ ނަމަ އެ ހެދި މީހާ ސީދާ އެނގި އަޅަންޖެހޭ ފިޔަވަޅެއް އަޅައި ޒިންމާކުރުވޭނެ އެވެ.

އެމްއެފްޑީއޭގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ މިފަދަ މިންގަނޑެއްގެ ބޭނުމަކީ ކާބޯތަކެތި ހަީދަނ ސާފުތާހިރު މިންގަނޑެއްގައިކަން އަމިއްލަ އަށް ކަށަވަރުކުރުން ކަމަށެވެ.

"މިއީ ސެލްފް ރެގިއުލޭޓިން އެއްޗެއް،" އޭނާ ވިދާޅުވި އެެވެ.

"މީހަކު ބަލަހައްޓައިގެން ނެތީމާ ގޯސްކޮށް ކުރާ ކަންކަން ގޯސްކޮށް ކުރަނީ. އެކަމަކު އަމިއްލަ އަށް އެބަ މަސައްކަތް ކުރަންޖެހޭ މި ކުރެވެނީ ސާފުތާހިރުކޮށްކަން ޔަގީން ކުރަން. އެއީ އަދި ސެޓްފިކެޓެއް އޮތަސް އެކަން ކުރާއިރު އެބަ ބަލަން ޖެހޭ ރަނގަޅަށް."

ފިހާރައަކަށް ވިއްކަން ލާފައި ހުރި އެކި ބާވަތުގެ ހެދިކާ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްއެފްޑީއޭގެ އޮފިޝަލް ވިދާޅުވީ އެކަކު އެކަނި ކުރާ ވިޔަފާރި ރަޖިސްޓަރީ ކުރަން ނުޖެހުނަސް އެ މީހާ ބަލަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ހުއްދަ ދޭއިރު އަމިއްލަ އަށް އިގްރާރު ފޯމެއް ފުރަން ޖެހެ އެވެ. އެއީ މަސައްކަތް ކުރަންޖެހޭ ގޮތުގެ މިންގަނޑުތައް ފުރިހަމަ ކުރުމަށް އެއްބަސްވުމެވެ.

"މިހާރު ލޭބަލްއަކާ އެއްޗެހި ޖަހާފައި އާންމު މީހާ އެއްޗެއް ގަންނަން ދާއިރު އޭނާ އަށް ޔަގީންކަން އޮންނާނެތާ މިއީ މިވެނި މީހަކު ހަދާފައި ހުރި އެއްޗެއްކަން،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، ކާބޯތަކެއްޗާ ގުޅިގެން ޝަކުވާ ކޮށްފި ނަމަ މިހާރު ބަލައި ފިޔަވަޅު އެޅޭނެ އެވެ.

"މިހާރު މީތި ބެލޭނެ ގޮތަކީ ޝަކުވާއެއް އައީމާ ބެލުން. އެކަމަކު އޭގެ ކުރިން އެ މީހެއްގެ ކަމެކޭ އަމިއްލަ ޑިކްލަރޭޝަނަކަށް އެބަދަން. މިސާލަކަށް ސައްހަ މައުލޫމާތު ދޭ ކަމާއި އަމަލުކުރަނީ ސާފުތާހިރުކަމުގެ މި މިންގަނޑާ އެއްގޮތަށް ކަމަށް،" އެމްއެފްޑީއޭ އިން ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

ޝަކުވާ އޮތަސް ބޭނުމީ ރައްކާތެރިކަން!

އޮފިޝަލް ވިދާޅުވި ގޮތުގައި އެމްއެފްޑީއޭ އިން މިވަގުތު މަސައްކަތް ކުރަނީ، ޝަކުވާތަކެއް ހުއްޓަސް ކާއެއްޗެހީގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށެވެ.

"މިހާރު ތައްޔާރު ކުރާ ގޮތަށް ވުރެ އަޅުގަނޑުމެންގެ ބޭނުމަކީ އެ ވިއްކާ ތަކެއްޗަކީ ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރުން. އަދި ގަވައިދެއް ނެތް. މިއީ މިންގަނޑެއް،" އޭނާ ވިދާޅުވި އެވެ.

ފިހާރައަކަށް ވިއްކަން ލާފައި ހުރި ސޭންޑްވިޗްތަކެއް ޓްރޭއެއްގައި އަތުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި މިންގަނޑުގެ ދަށުން، ކާބޯތަކެތި އުފައްދާ މީހުން ދެ ޗެކްލިސްޓެއް ހުށަހަޅަން ޖެހެ އެވެ. އެއީ ކާބޯތަކެތި އުފައްދާ ތަނުގެ ސާފުތާހިރުކަމާ ގުޅޭ ޗެކްލިސްޓަކާއި ލޭބަލްއާ ގުޅޭ ގޮތުން ވާ އިއުތިރާފެވެ.

"އަމިއްލަ އަށް އިއުތިރާފު މި ވަނީ ސާފުތާހިރުކަމާ ގުޅިގެން އެކަންކަން ހުންނާނެއޭ. ދެން އިންނަނީ ލޭބަލެއް. މި ލޭބަލްގައި މި އިންނަނީ އުފެއްދި ތާރީހާއި އެކްސްޕަޔާވާ ތާރީހާ ހުރިހާ މައުލޫމާތެއް،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މި އިގުރާރާ އެކު، ކާބޯތަކެތި އުފައްދާ ބަދިގެ އަށް ވަނުމުގެ ހުއްދަ ވެސް އެމްއެފްޑީއޭއަށް ދިނުމަށް އެއްބަސްވާން ޖެހެ އެވެ. ބޭނުމަކީ މައްސަލައެއް ދިމާވެއްޖެ ނަމަ، އެތަން ބެލުމާއި އެ އޮތޯރިޓީން ކުރިއަށް ގެންދާ ރެންޑަމް އިންސްޕެކްޝަންތަކުގައި ވެސް ބަދިގެއަށް ވަނުމުގެ ހުއްދަ ހޯދުމެވެ. ކުރިން އޮންނަ ގޮތުން ނަމަ ގިނަ ހާލަތްތަކުގައި ޖެހެނީ ކޯޓު އަމުރެއް ހޯދައިގެން ގޮސް ވަންނާށެވެ.

އެ އިދާރާ އިން ބޭނުންވަނީ މި ވަގުތު ވެސް، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ވާނެ ގޮތެއް ހޯދުމެވެ. ޝަކުވާތަކެއް އަދި ހުއްޓަސް، ކާންބޯން ވިއްކާ ތަކެއްޗަކީ ސިއްހަތަށް ގެއްލުމެއް ނެތް ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރުމެވެ.

29 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދިވެސްއެހުރީ

11 September 2024

އަދިވެސް ހުޅުމާލެ އާއްމުން އެންމެ ގިނައިން ވަންނަ ބޮޑު އެއް ފިހާރައިގަ އެ ހުރީ ލޭބަލް ނުޖަހާ ހުރި އެކި ކާ ތަކެތީގެ ޕެކެޓްތައް ވިއްކަން. ބަލާލަން ވަރަށް ރީތި އެކަމު ތައްޔާރުކުރި ތަނެއް ފޯން ނަންބަރެއް އެއަށް އަޅާފަ ހުރި އެއްޗެއްސެއްވެސް ނެތް ޖަހާލާފައެއް. ހަމަ ވިއްކަން އެހެރީ ބަހައްޓާފަ ހޮސްޕިޓަލް ކައިރީ ބޮޑު މަގެއްގަ ހުރި ބޮޑު ފިހާރައެއްގަ. ކޮބާ ބެލިފަ؟

The name is already taken The name is available. Register?

ޫއުސޫލް

11 September 2024

ފުރަތަމަ ކަމަކީ އުސޫލަށް ފެތެން ބޭނުން ނެތިއްޔާ ބިދޭސީން ކައްކާ ރިހަގަނޑު ކައިގެން ތިބުން ، ސަރުކާރުން އެކަމެއް ނުކުރިއްޔޭ ނުކިޔާނީ ، އަޅުގަނޑުވެސް ބޭނުން 24 ގަޑިއިރުތެރޭ ވަރަށް ގިނަ ކަންކަން ކުރަން ވަރަށްގިނަ ރުފިޔާ އެކަމަކު މަސައްކަތް ކުރެވޭނީ އެމީހަކަށް އެކަން ވަންޔާ ، ނުވަންޔާ ނުކުރާނީ ، އެންމެނަށް ފަސޭހަވާގޮތަކަށް ކަންކަމެއް ނުވާނެ

The name is already taken The name is available. Register?

ދަލޭކަ ދައިތަ

11 September 2024

ކަންމަތީ ފިހާރައިގެ ބޮޑު ސޭޓަކީ ގިނަފަހަރަށް ބޮންދެއް، ރޮއްޓާ ހެދިކާ ގެންނަނީ ބޮންދެއް ތިޔަބުނާ އިގުރާރެއްވެފަ ނެތަސް ބަހައްޓާނެ، ބަހައްޓާއިރަށް ދިވެހިންގޮސް ގަނެ ހުސްކުރާނެ ލޭބަލެއްނެތަސް. ފިހާރައިގެ ވެރިޔާ ޒިންމާކުރުވާނެ ވިސްނުމެއް ނުގެންގުޅެގެން މިއުޅެނީ ކިހިނެއްވެގެންބާ؟ މާލޭގެ ގިނަ ކެފޭ ރެސްޓޯރެންޓްތަކަށް ރޮށި ފިހެ ޑެލިވަރީ ކުރަނީ ބޮންދުން. ކިހިނެއްބާ ބޮންދުން ހުއްޓުވާނީ ތި ލޭބަލަކާ އިގުރާރަކުން،

The name is already taken The name is available. Register?

ދަލޭކަ ދައިތަ

11 September 2024

މަ ބުނީ ދެން ބޮންދުން ކަންމަތީ ފިހާރަތަކަށްލާ ބަނަސް ބުރި ބުރިއާ ހެދިކާތަށް ހުންނާނީ މި މިންގަޑަށް ފެތިފަހޭ، އެމީހުންގެ ނުސާފުކަމުން ފެށުމުކަމެއްމީ. ބޮންދުންނަކީ އަމިއްލަ މަސައްކަތްކުރުމުގެ ހުއްދަ އޮންނަ ބަޔަކަށް ނުވާއިރުވެސް އެ ބަންދުކޮށްލަނީ ދިރިއުޅޭ ނުތާހިރު ތަނުގައިތިބެ މޯލްޑިވްސް ސުޕަރ ފޫޑް.

The name is already taken The name is available. Register?

ކޮރަލް

11 September 2024

ހެދިކާ ހަދާ ދިވެހީން ސާފު ތާހިރުކަން ކުޑަވެގެން ރަހަ ނުބައިވެގެން ނޫޅެ އެވެ. ބިދޭސީންގެ މައްސަލަ އެކެވެ . ގަވާއިދު ރަނގަޅެވެ. ހެދިކާ ހަދާ މީހުންނަށް ވެސް އެކަން ފުޅާ ކުރަން ފަސޭހައިން ފައިސާ ލިބޭނެ ގޮތެއް އޮންނަން ވާނެ އެވެ. ގަވާއިދެއް ހަދާ އިރު އިތުރު ހަރަދު ތަކެއް އެބަ ދެ އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރި ނާރައިގެން މިއުޅެނީ ދިވެހީންނަށް ފައިސާ ލިބޭ ނެ ފަސޭހަ ގޮތެއް ނެތީމަ އެވެ. ނޫނީ މަސައްކަތް ނުކުރާ މީހަކަށް ފައިސާ ދެނީ އެވެ.

The name is already taken The name is available. Register?

އިހްސާސް

11 September 2024

މިގޮތް ގޯހެއްނޫން. އަނެއް ކޮޅުމް އަމިއްލައަށް ކުރިޔަސް ވިޔަފާރި ވެއްޖެޔާ ރަޖިސްޓްރީ ކުރަން ލާޒިމުކުރަންއެބަޖެހޭ. ޖީއެސްޓީ އަށް ރަޖިސްޓަރ ކުރުމުގެ ޝަރުތެއްއެއީ އަހަރަކު 1 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުން. ހެދިކާއިން ދުވާލަކަށް 3 ހާސްވަރު ލިބޭ މީހުން އެބައުޅޭ. އެކަމަކު ވިޔަފާރިއެއްގޮތުގައި ރިޖިސްޓްރީ ނުކޮށް ކުރާތީ ޖީއެސްޓީ އަށް ރަޖިސްޓަރ ނުވެ. ނޫނީ ޖީއެސްޓީ ގާނޫނު އިސްލާހު ކުރަންވީ.

The name is already taken The name is available. Register?

އުސޫލު ހަމަ ބަރާބަރު

11 September 2024

މިގައުމުގައި ކަންކަން ހަމައިން ނެއްޓޭ އެންމެ މައިގަނޑު އެއް ސަބަބަކީ އާއްމު މަސްލަހަތަށް ބަލައިގެން އުސޫލު ހަދާތަނުން، ސަރވިސް ދޭން ތިބޭ މީހުން ބޮޑާހާކައިގަންނަ އިރަށް އާއްމުންނަށްވުރެ ސަރވިސް ދޭ މީހުންގެ މަސްލަހަތު އިސްވެ، އުސޫލުތައް ލުއިކުރާ ކުރުން. ބަދަލަކީ އަބަދުވެސް ކޮންމެވެސްް އެއްބަޔަކު ހިތްހަމަ ނުޖެހޭނެ ކަމެއް. އެކަމަކު ތިޔަރީތަކުގައިވެސް ބުނާހެން ބަދަލަށް ހޭނެން ނަގާ ދުވަސްކޮޅުގައި ޝަކުވާ ބޮޑުވިއަސް ފަހުން ހަމައަކަށް އެޅޭނެ.

The name is already taken The name is available. Register?

ވަގުތު

11 September 2024

ވަގުތު ކަނޑައަޅަންޖެހޭނީ ކޮންމެ ކަމެއެްގެ ފައިދާ ދިވެހިން ނަގާތީ. 05 ދުވަސް ކުރިން ފްރިޖްގަ ބަހައްޓާފަ ހެދިކާ އެބަ ވިއްކާ . އިރުކޮޅަކުން ފުޑް ޕޮއިޒަންވެފަ މި އޮންނަނީ

The name is already taken The name is available. Register?

ދިވެހިމީހާގެ ދަރި

11 September 2024

ދައްތައަށް އެނގޭތަ މިގައުމުގެ ބައެއް ގޭބިސީތަކަކީ ސާފުތާހިރުކޮށް އުޅެންދަސްވެފަ ހުރި މީހަކަށް ނޯށް ދަމާލަން ނުކެރޭފަދަ ހަޑިމުޑުދާރު ގޭބިސީ. ސިޓިން ރޫމަށް ވަންނައިރު ދުވަނީ ނުބައިވަސް ބަދިގޭގައި ފައިއަޅާނަލް ނުކެރޭ، ތަތްލަވާވަރުން، ކުނިއެއްކައިރިކޮށް ބިންމަތީގައި ނުނަގާ ހުންނަތާ ހައެއްކަދުވަސްވެދާނެ. ސޯފާ ތަތްމުޑުވެފަ. މިފަދަތަންތާގައިވެސް ހެދިކާ ހަދާފާނެ.

The name is already taken The name is available. Register?

ރަގަޅަށްވެސް

11 September 2024

ސާފުތާހިރުކަމުގެ މިންގަނޑު އެކި މީހުން ބަލަނީ އެކި ގޮތަށް. އެއް ބަޔަކު މާބޮޑަށް ތެލިތަށި ނުދޮވެ އުޅެދާނެ. އަނެއް ބަޔަކު މާބޮޑަށް ތަންތަނަށް ސްޕްރޭކޮށް ސާފުކޮށްގެން ނުބަލަހައްޓަފާނެ. ބައެއް މީހުން ލާ ހެދުމުންވެސް ކުރަފިވަސް ދުވާ. އެއީ ފުދޭވަރަށް ދިރިއުޅޭ ގެ ސާފުނުކުރެވޭކަން އަންގައިދޭ ހެއްކެއް. ޒަމާނީ ބަދިގެތައް ލިބުނަސް ބައެއް ދުވަސްވީ ދޮށީ އުމުރުގެ މީހުންނަށް ސާފުތާހިރުކޮށް ތަންތަން ބަލަހައްޓާކަށް ނޭނގޭ. ސާފުކުރާ ސާމާނަށްވެސް ވ ޚަރަދު ހިނގާނެ.

The name is already taken The name is available. Register?

ކެވިން

11 September 2024

ކާތަކެތި ވިއްކަން ބަހައްޓާއިރު ތި ޖަހާ ނަމްބަރ އާއި ލޭބަލް ބަލައިގެން އެހެން ބަޔަކު ހަމަ އެ ނަންބަރާއި ލޭބަލް ޖަހާފަ ގެންގޮސް އެހެން ފިހާރަ އަކަށް ލައިގެން ވިޔަފާރި ކުރަނީ ނަމަ ބެލޭނެ ގޮތެއް އޮންނާނެ ބާ؟

The name is already taken The name is available. Register?

އަލިފް ހ

11 September 2024

ނޯންނާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454