ކުރިއަށް އޮތް ރޯދަމަހަށް، ފިހާރަތަކާއި މާރުކޭޓުތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެލްތު މިނިސްޓްރީން ބޮޑު އިންސްޕެކްޝަނެއް މިއަދު ފަށައިފި އެވެ.
އެ މިނިސްޓްރީން ބުނީ އެމްއެފްޑީއޭ އަދި އެޗްޕީއޭއާ ގުޅިގެން ފެށި އިންސްޕެކްޝަން މާލެ އާއި އެކި ރަށްރަށުގައި ހެނދުނު 9 އިން ހަވީރު 4 އަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ފިހާރަތަކާއި މާރުކޭޓުތަކަށް ބުޅަލާއި މީދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭ ގޮތަށް ޕެސްޓު ކޮންޓްރޯލް ކޮށްފައިވޭތޯ އަދި ރެކް/ޝެލްފް ނުވަތަ ފްރިޖުގައި ކާބޯތަކެތި ބަހައްޓާފައި ހުންނަ ގޮތާއި ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ލޭބަލްގައި އިރުޝާދު ދީފައިވާ ތަކެތި އެ އިރުޝާދާ އެއްގޮތަށް ބަހައްޓާތޯ ވެސް އެ އިންސްޕެކްޝަންގައި ބަލާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމާއި ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް ގުދަން ކޮށްފައިވަނީ ރައްކާތެރި ގޮތެއްގައިތޯ ވެސް ބަލާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ، ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ގުދަން ކުރުމާއި ވިއްކުން އަދި އެ ތަންތަނުގައި ހުންނަނީ ސިއްހީ ގޮތުން އެކަށީގެންވާ، ރައްކާތެރި ކާބޯތަކެތިކަން ކަށަވަރު ކުރާނެ ކަމަށެވެ.
އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އޮގަސްޓް 23، 2024 ގަ އެވެ.
އޭގެ ދަށުން، ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަނެއް އެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށް، ވަކި އުސޫލެއްގެ ތެރެއިން ހިދުމަތް ދިނުމަށް އަންނަނީ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ހެލްތު މިނިސްޓްރީން ވަނީ ކާބޯތަކެތި ރައްކާތެރިކުރުމުގައި އެއްވެސް ކަންބޮޑުވުމެއް އޮތް ނަމަ އެމްއެފްޑީއޭގެ 7603204 އަދި އެޗްޕީއޭގެ ނަމްބަރު 7960121 އަށް ގުޅުމަށް އެދިފަ އެވެ.