ފެލިވަރުގައި ހުންނަ މިފްކޯގެ މަސް ފެކްޓަރީ: ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރަށް ބަދަލުކޮށް އަންނަ މަހު އޮޕަރޭޝަނަށް ގެންނަން އަންނަނީ މަސައްކަތްކުރަމުން.-- ފޮޓޯ: މިހާރު
11 ސެޕްޓެމްބަރ 2024 - 15:27
ކ. ކަނޑުއޮތްގިރީގައި ހުރި، މަސް ބަންދުކުރާ ކާރުހާނާ ޅ. ފެލިވަރަށް ބަދަލުކޮށް، އަންނަ މަހު އެތަން އޮޕަރޭޝަނަށް ގެންނާނެ ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.
މިފްކޯ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކާރުހާނާ ފެލިވަރަށް ބަދަލުކުރުމުގެ މަސައްކަތް ފަސްވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި މި މަހު ފަހުކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅުގައި އެތަން ބޭނުންކުރަން ފަށާނެ ކަމަށެވެ.
ކާރުހާނާ ރީލޮކޭޓްކުރުމުގެ މަސައްކަތުގެ 90 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
"މިހާރު މި ކުރަނީ ބާކީ ހުރި ޕްރޮޑަކްޝަނަށް ބޭނުންވާ ސާމާނު އެ ރަށުން ބޭލުމުގެ މަސައްކަތް. އޭގެ ތެރޭގައި ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭތީ ލޭންޑިން ކްރާފްޓާއި ކްރޭން ބޭނުންކޮށްގެން ކުރިއަށް ގެންދަން ޖެހޭ މަސައްކަތަކަށް ވުމުން ލަސްކަމެއް އައިސްދާނެ. އަދި މި މަހުގެ 15 ގެ ކުރިން އެތަން ހުސްކުރަން ޖެހޭތީ އިތުރު ކުޑަ މުއްދަތެއް ހޯދުމަށް އެމްއެންޑީއެފްއާ އަންނަނީ މަޝްވަރާ ކުރެވެމުން،" މިފްކޯ އިން ބުންޏެވެ.
އެމްއެންޑީއެފްގެ ބޭނުމަށް ކަނޑުއޮތްގިރި އެ އިދާރާއާ ހަވާލުކުރީ މިދިޔަ މަހު ހަތަރެއްގަ އެވެ.
މަސްވެރިންނަށް ބޭނުންވާ ޖާގަ ހުޅުމާލެ ބަނދަރު ސަރަހައްދުން ހޯދުމަށް އެޗްޑީސީއާ އެކު ސަރުކާރުން އަންނަނީ މަޝްވަރާކުރަމުންނެވެ.
ނަމަވެސް، މިފްކޯ އިން މިއަދު ބުނި ގޮތުގައި، އަދިވެސް ހުޅުމާލެއިން ވަކި ބިމެއް ހަމައެއް ނުޖެހެ އެވެ.
"އެކަމުގައި ރަނގަޅު މަޝްވަރާތަކެއް ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް އެޗްޑީސީއާ އަންނަނީ ކުރެވެމުން. އުންމީދު އެބައޮތް ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން ރަނގަޅު ގޮތެއް ހޯދޭނެ ކަމަށް. އެކަން ހަމަޖެހެނުހާ އަވަހަކަށް މީޑިއާތަކަށް ހާމަކުރާނަން،" މިފްކޯ އިން ބުންޏެވެ.
ކަނޑުއޮތްގިރިއަކީ ކަންނެލި މަސްވެރިކަމަށް ހާއްސަކޮށްގެން މިފްކޯއިން ކާރުހާނާއެއް ހިންގި ރަށެކެވެ. ދިގު މުއްދަތަކަށް އެ މަސައްކަތްތައް ކުރެވުނު ނަމަވެސް، އެ ރަށުން އެދެވޭ ހައްލެއް ނުލިބުމުން އެ ރަށް ދޫކޮށްލަން މިފްކޯ އިން ނިންމީ އެވެ. އެ ކާރުހާނާ ބަދަލުކުރަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސްދޯނިތަކަށް ކަނޑުއޮތްގިރިއަށް ލަފާފުރުމުގައި ހުރި ދަތިތައް ހިމެނެ އެވެ.
ކަނޑުއޮތްގިރީގައި ކުރި މަސައްކަތްތަކަށް ބޭރުގެ މާލީ އެހީ ވެސް ލިބިފައި އެބަހުރި ކަމަށާއި ހުޅުމާލެއަށް ކާރުހާނާ ބަދަލުކޮށް އެ އެހީގެ ބޭނުންކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ މިދިޔަ މަހު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥިސްނ
11 September 2024
ކުރިން މަސައްކަތް ކުރި ތަނަށް ކުލި ދޭކަށް ނުޖެހޭ. ހުޅުމާލެ ވީމާބބިމުކުލި ދޭންޖެހޭނެ. މިވެސް ލިބުނު ކުރިއެރުން.؟
ސަސި.
11 September 2024
މިނިސްޓަރ ބުނާ އެއްޗަކާ މިފްކޯއިން ކުރާ ކަމަކާ މުޅިން ތަފާތު