ރިޕޯޓް

އެކްސިޑެންޓްތައް ގިނަވެ ބިރުވެރިކަން، އަދިވެސް ހަމަ ގާނޫނު މަދީތަ؟!

އެކްސިޑެންޓްތައް ގިނަވިޔަސް، ގާނޫނުތައް ނެތްކަމުގެ ބަހަނާއާ އެކު ފިޔަވަޅު ނޭޅޭކަމުގެ ޝަކުވާ ބޮޑު.

ޓްރެފިކް ފުލުހަކު މަގުމަތި ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ: އެކްސިޑެންޓްގެ މައްސަލަތަކުގައި އަބަދުވެސް އޮންނަނީ ގާނޫނު މަދުކަމުގެ ބަހަނާއެއް --- ފޮޓޯ/މިހާރު

ލައިސަންސް ނެތި ސައިކަލު ދުއްވުން ފަދަ ޓްރެފިކް ގަވާއިދާ ހިލާފު ކަންކަމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބަލައިގެން ދައުވާކުރި ޒަމާނެއް ރާއްޖޭގައި އޮތެވެ. ނަމަވެސް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ވައްދާ މީހުންގެ އަދަދު މަދުކުރުން ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅި ހިސާބުން ފެށިގެން ޓްރެފިކް ގަވާއިދުތަކާ ހިލާފްވުމާއި ހަމައެއް ލަމައެއް ނެތި ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތަކުގެ މައްސަލަތައް މިހާރު އޮތީ ހައްދުން ނެއްޓިފަ އެވެ.

ރާއްޖޭގައި އަހަރެއްގެ މައްޗަށް އެތައް ހާސް އެކްސިޑެންޓެއް ހިނގާއިރު، އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އަދި މަރުގެ އެތިފަހަރަކުން ސަލާމަތްވި ނަމަވެސް ދާއިމީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައި ތިބި އެތައް ސަތޭކަ ބަޔަކު އެބަތިއްބެވެ. މިފަދަ ހާދިސާއެއް ދިމާވާ ކޮންމެ ފަހަރަކު ގައުމީ ބޮޑު މައްސަލައަކަށް އެކަން ވަނީ މަދު ދުވަސްކޮޅަކަށެވެ. ދާދި ފަހުން ވެސް ފެނުނީ އެ މަންޒަރެވެ.

ރާއްޖޭގައި ގާނޫނުތައް ބައިވަރު، ނަތީޖާއެއް ނުފެނޭ!

ކޮންމެ ފަހަރަކު އެކްސިޑެންޓެއްގައި މީހަކު މަރުވުމުން ނުވަތަ ބޮޑު އަނިޔާއެއް ލިބުމުން އޮންނަނީ ގާނޫނުތައް ނެތުމުގެ ބަހަނާ އާއި އާއި ގާނޫނުތަކަށް ބަދަލު ގެންނާނެ ކަމުގެ ވައުދެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުތަކުގައި މިހާރު ވެސް އެއީ ފިޔަވަޅު އެޅެން ހުރި ކަންކަމެވެ. މިސާލަކަށް ގާނޫނުލްއުގޫބާތުގެ ދަށުން ވެސް، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެއީ ފަރުވާ ކުޑަ އަމަލެއްގެ ސަބަބުން ނުވަތަ އިހުމާލުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ދައުވާ ކުރެވިދާނެ ކަމެކެވެ.

ހަމަ އެހެންމެ، އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާގޮތުން އެގޮތުން ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނަ އަށް ގެއްލުމެއް ލިބިއްޖެ ނަމަ ޖިނާއީ ދައުވާ ކުރުމުގެ އިތުރުން އެ މީހެއްގެ ލައިސަންސް 10 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ހިފެހެއްޓިދާނެ އެވެ. މީހެއްގެ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެ ނަމަ ހަ މަހާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމުގެ ބާރު އެ ގާނޫނުގެ ދަށުން އޮވެ އެވެ.

"ލައިސަންސް ނެތި ދުއްވާ ކޮންމެ މީހަކަށް ޖިނާއީ ދައުވާކުރަން ވެއްޖެނަމަ އެކަމަށް ހާއްސަ ކޯޓެއް އުފައްދަން ޖެހޭ ވަރަށް މައްސަލަތައް އޮންނާނެ."

ނަމަވެސް މިހާތަނަށް ގިނަ މައްސަލަތަކުގައި ކަން ހިނގާފައި ހުރީ އެގޮތަކަށް ނޫނެވެ. ގިނަ މައްސަލަތަކުގައި ޖޫރިމަނާއަކުން ނުވަތަ ވަގުތީ ގޮތުން ކުޑަ ދުވަސްކޮޅަކަށް ލައިސަންސް ހިފެހެއްޓުމުން މައްސަލަ ނިމުނީ އެވެ. އަނިޔާ ލިބުނު މީހާ ދާއިމަށް ފަރުވާ ހޯދަން ޖެހި، އެތައް ތަކުލީފެއް އުފުލަން ޖެހޭއިރު ފަރުވާ ކުޑަކޮށް ދުއްވި މީހުން ގިނަ ފަހަރު ތިބެނީ މުޖްތަމައުގެ ތެރެއަށް ދޫވެފަ އެވެ. މިފަދަ މައްސަލަތަކުގައި އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ އެއީ އެވެ.

އެކްސިޑެންޓެއްގައި ކާރަކަށް ގެއްލުންވެފައި --- ފޮޓޯ/އެމްއެންޑީއެފް

އަނެއްކޮޅުން ގާނޫނުގެ ދަށުން ކަނޑައަޅާފައި ހުރި ޓްރެފިކް ގަވާއިދުތަކާއި އުސޫލުތަކަކަކީ އިންތިހާބުތަކުގައި ވޯޓު ހޯދުމަށް ސިޔާސީ ގޮތުން ބަދަލުވާ އެއްޗެކެވެ. ފަސޭހައިން ލައިސަންސް ހޯދައިދޭން ކަމަށް ބުނެ "އެއްލަކިން" އެތައް ހާސް ބަޔަކަށް ލައިސަންސް ދިނީ މަގުމަތީގެ ރައްކާތެރި ކަމަށް ބެލުމެއް ނެތި އެވެ. ޕާކް ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ބުނެ ވާން ފެށި ވައުދަކީ ހަމައެއް ލަމައެއް ނެތި ޕާކްކުރުމަށް ލިބުނު ހިތްވަރަކަށް ވި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފު ވެގެން ކޮށްފައި ހުންނަ ޖޫރިމަނާ މައާފުކޮށް ދިނުމަކީ ވެސް އިންތިހާބުތަކުގެ މައިގަނޑު ވައުދެކެވެ. ނަތީޖާއަކަށް ވަނީ ނުރައްކާތެރިކޮށް ނުވަތަ ލައިސަންސް ނެތި ދުއްވުމާއި ހަމައެއް ލަމައެއް ނެތި ޕާކްކުރުމަށް ދެވޭ ހިތްވަރަކަށް އެކަން ވުމެވެ. އެހެންވެ، ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު މިގޮތަށް ޖޫރިމަނާ މައާފު ކުރާނެ ކަމުގެ އުއްމީދުގައި އެތައް ސަތޭކަ ބަޔަކު ޖޫރިމަނާ ނުދައްކާ ވެސް އެބަތިއްބެވެ.

ޖަލަށްލައި، ބަންދު ކޮށްގެން ހައްލެއް ފެންނާނެތަ؟

ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްގެ މައްސަލަތަކުގެ ތެރެއިން ޖިނާއީ ދައުވާއެއް އުފުލުމާ ހަމައަށް ގެންދެވެނީ ނިސްބަތުން މަދު މައްސަލަތަކެކެވެ. އަހަރެއްގެ ތެރޭގައި އެކްސިޑެންޓް އެތައް ހާސް އެކްސިޑެންޓެއްގެ މައްސަލަ ރިޕޯޓް ކުރެވޭއިރު، ޖިނާއީ ދައުވާކުރި މައްސަލަތައް 100 އަށް ވުރެ މަދެވެ. ގިނަ މައްސަލަތަކުގައި މީހަކު ހައްޔަރު ކުރެވޭ ހިސާބަށް ވެސް ގެންދެވެނީ އާންމުންގެ ފާޑުކިޔުންތައް އަމާޒުވާން ފެށުމުންނެވެ.

ހަމަ އެހެންމެ، އެފަދަ މައްސަލަތައް ކޯޓުތަކަށް ހުށަހެޅިޔަސް، ކުށަށް އިއުތިރާފު ނުވާ ނަމަ އެފަދަ މައްސަލަތައް ކޯޓުތަކުން ނިމެން އެތައް އަހަރެއް ނަގަ އެވެ. މިސާލަކަށް 2012 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލަ ކޯޓުން ނިމުނީ އޭގެ 10 އަހަރު ފަހުންނެވެ. އަދި 2016 ވަނަ އަހަރު ހިނގި އެކްސިޑެންޓެއްގައި މީހަކު ލޮލުގެ ފެނުން ގެއްލުނު މައްސަލަ އޭގެ ހަ އަހަރު ފަހުން 2022 ވަނަ އަހަރު ނިމުނީ ނުވަ ދުވަހުގެ ޖަލު ހުކުމަކާއި ޖޫރިމަނާގެ އަދަބަކުންނެވެ.

"ކޮންމެ އެކްސިޑެންޓެއްގައި ދުއްވި މީހާއަށް ޖަލު ހުކުމެއް ނައިސްދާނެ."

މިފަދަ މައްސަލަތަކުގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވީ ނުރައްކާތެރި އެކްސިޑެންޓްތަކުގެ މައްސަލަތަކުގައި އަވަހަށް ދައުވާ ކުރިޔަސް، ކުށަށް އިއުތިރާފު ނުވާ ނަމަ ނިޒާމު އޮތް ގޮތުން އެފަދަ މައްސަލަތައް ނިމެން ގިނަ ދުވަސްތަކެއް ނަގަ އެވެ. މައްސަލަ ހިނގާ މުއްދަތުގައި އެ މީހުން ދޫވެފައި ތިބޭތީ އާންމުންގެ ފާޑުކިޔުން އޮންނަ ނަމަވެސް އެތައް އަހަރެއް ވަންދެން މީހުން ބަންދުގައި ބައިތިއްބަން ދަތިތަކެއް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް ބޮޑު އަނިޔާއެއް ވެއްޖެ ނަމަ މި އަންނަނީ ގިނަވެގެން ދެ ތިން އަހަރުގެ ޖަލު ހުކުމެއް. އެހެންވީމަ ފަސް އަހަރު ފަހުން މައްސަލަ ނިމެންދެން އޭނާ ބަންދުގައި ނުބެހެއްޓޭނެ. އެކަމަކު ދޫކޮށްލާއިރު ވެސް ވެހިކަލް ނުދުއްވަން ޝަރުތުކުރުން ފަދަ ކަމެއް ކުރުން މުހިންމު،" އޭނާ ވިދާޅުވި އެވެ.

އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް މީހަކު އެހީވަނީ --- ފޮޓޯ/އެކްސިޑެންޓް އެމްވީ

އޭނާ ވިދާޅުވީ އެކްސިޑެންޓެއް ހިނގާ ކޮންމެ ފަހަރަކު ޖިނާއީ ދައުވާ ކުރުމަކީ ހައްލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ މީހުންނާ މެދު އުސޫލެއްގެ ގޮތުން އިދާރީ ނިޒާމެއްގެ ތެރެއިން ދިގު މުއްދަތަކަށް ލައިސަންސް ހިފެހެއްޓުން ނުވަތަ ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ޖޫރިމަނާ ހޯދުމަކީ ކުރެވެން އޮތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާރު ގާނޫނު އޮތްގޮތުން ލައިސަންސް ހިފެހެއްޓެނީ ވަރަށް ކުރު މުއްދަތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލައިސަންސް ނެތި ދުއްވާ ކޮންމެ މީހަކަށް ޖިނާއީ ދައުވާކުރަން ވެއްޖެ ނަމަ އެކަމަށް ހާއްސަ ކޯޓެއް އުފައްދަން ޖެހޭ ވަރަށް މައްސަލަތައް އޮންނާނެ. އެހެންވީމާ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއަށް ނުވައްދާ އެހެން ފިޔަވަޅުތަކެއް އެ މީހުންނަށް އަޅަންވީ. އެކަން ކުރުމުގެ މައްސަލަތަކެއް މި އޮތީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖޫރިމަނާތައް އަދަދުތައް ގާނޫނުގައި އޮތީ އެކަށީގެންވާ މިންވަރަކަށް ނޫނެވެ.

"މިހާރު ގިނަވެގެން ޖޫރިމަނާއަކީ ދެ ތިން ހާސް ރުފިޔާ. އެވަރުގެ ޖޫރިމަނާއެއް ދައްކާފައި އަގު ބޮޑު ކާރެއް ނުވަތަ ސައިކަލެއް ދުއްވެންޏާ އެއީ މި ޒަމާނުގައި ފިޔަވަޅެއް ނޫން. ޖޫރިމަނާ އާއި ލައިސަންސް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ހަރުކަށިކޮށްގެން ވާނީ،" އޭނާ ވިދާޅުވި އެވެ.

އަނިޔާލިބޭ މީހުން ހައްގު ހޯދަން ނުކުންނަންވީ!

އެންމެ ގިނަ ބައެއްގެ ކަންބޮޑުވުން އޮންނަނީ އެކްސިޑެންޓްތަކުގައި ލިބޭ ބޮޑެތި އަނިޔާތަކުގެ ވޭނުގައި އެތައް އަހަރެއް ހޭދަކުރަން ޖެހޭ މީހުންނަށް އެއްވެސް ބަދަލެއް ނުލިބޭތީ އެވެ. ސަބަބަކީ ކިތަންމެ ނުރައްކާތެރި އެކްސިޑެންޓެއް ވިޔަސް، ނަގާ ޖޫރިމަނާ ވެސް ލިބޭނީ ދައުލަތަށް ކަމަށްވާތީ އެވެ.

"ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކަށް ބަދަލު ހޯދުމުގެ ފުރުސަތު އެބައޮތް."

ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި ގޮތުގައި އެކްސިޑެންޓްގެ މައްސަލަތަކުގައި ކުށް ސާބިތު ނުވިޔަސް، އަނިޔާ ލިބުނު މީހާއަށް ލިބުނު ގެއްލުންތަކަށް ބަދަލު ހޯދުމުގެ ފުރުސަތު މިހާރު ވެސް އެބައޮތެވެ. ނަމަވެސް އެކަމަކީ އަމިއްލައަށް ކުރަންޖެހޭ ކަމަކަށް ވާތީ ގިނަ މީހުން އޭގެ ބޭނުން ނުހިފާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ އެކްސިޑެންޓެއްގައި ދުއްވި މީހާއަށް ޖަލު ހުކުމެއް ނައިސްދާނެ. އެއީ ޖިނާއީ ކުށެއް ސާބިތުވާން މި އޮންނަ މިންގަނޑުން ހެކި ނެތިއްޔާ ޖިނާއީ އަދަބެއް ނުދެވޭނެ. ނަމަވެސް އަނިޔާ ލިބުނު މީހާއަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކަށް ބަދަލު ހޯދުމުގެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަދު ބައެއް މައްސަލަތަކުގައި އެގޮތަށް ބަދަލު ނަގައިދީފައި ވެސް އެބަހުއްޓެވެ.

"އެގޮތަށް އެކަން ކުރަން ގިނަ މީހުން ބޭނުން ނުވަނީ. ނަމަވެސް ދެ ތިން މައްސަލައެއްގައި އެބަހުރި މަދަނީ ދައުވާ ކޮށްގެން ބަދަލު ނަގައިދީފައި. އަދި އެފަދަ އިތުރު މައްސަލަތަކެއް ކޯޓުތަކުގައި އެބަ ހިނގާ މިހާރު ވެސް،" އޭނާ ވިދާޅުވި އެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގައި ނިޒާމު ފެއިލްވެގެން ދިޔައީ ގާނޫނުތައް މަދުވެގެން ކަމަށް ބުނެވޭކަށް ނެތެވެ. ތަހުގީގީ އިދާރާތަކުން ފެށިގެން ގާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި ސިޔާސަތު ކަނޑައަޅާ މުއައްސަސާތަކުގެ އިހުމާލު ވެސް އެހާމެ ބޮޑެވެ.

30 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުއްތޯންބެ

19 September 2024

ރާއްޖޭގައި ގާނޫނުތައް ބައިވަރު، ނަތީޖާއެއް ނުފެންނަނީ ކީއްވެ ؟

The name is already taken The name is available. Register?

ނޫސަންގު

18 September 2024

މަގުމަތީގެ ރައްކާތެރިކަން ގުޅިފައިވަނީ =ޑްރައިވަރ ޓްރެއިނިންގ، މަގުގެ ޑިޒައިން އަދި ގަވައިދު ތަންފީޒު ކުރެވޭ ވަރެއްގެ މައްޗަށް. މިތިން ކަންތަކާ ނުލާ ދޭތެރެއަކުން ފުލުހުން ނިކުމެ އަޅާ ބޭސްމަލަން ގަނޑަކުން ތިކަމެއް ރަނގަޅެއް ނުކުރެވޭނެ. ކަންކަން ރަނގަޅަށް ހިނގާ ގައުމުތަކުން ފިލާވަޅު ހޯދަން ދަސްކުރަން ޖެހޭނެ.

The name is already taken The name is available. Register?

ބައިބޯދިވެހި

18 September 2024

ދިވެހީން ވެއްޖެ ގަބޫލުކުރަން އެކްސިޑެންޓު ވާނެކަން. ވަކިވަރަކަށް ވުރެ ގިނައިން މީހުން އެއްތަނެއްގައި އުޅެން ވެއްޖެ ނަމަ މިހެން ވާނެ. އަދި ދިވެހީންނަށް އަލީ މިކަހަލަ ކަންކަމަށް. މިސާލަކަށް ބަލަމާ ކުރިން ރާއްޖެއިން މީހެއް މަރުވެއްޖެ ނަމަ ނޫހުގަ ޖަހާނެ. މިހާރު ހޮސްޕިޓަލް ތަކުން މަރުވާ އެއްމެންގެ ވާހަކައެއް ނުޖަހާނެ. ހަމަ އެގޮތަށް ކުރިޔަށް އޮތްތަނުގައި އެކްސިޑެންޓުވެގެން މީހަކު މަރުވީމަ އެވާހަކަ ނޫހުގަ ނުޖެހުން އެދެން. މައްސަލަ ހައްލުވީ އޭރުން

The name is already taken The name is available. Register?

ދުވެލިބާރު

18 September 2024

މީހުން ގިނަ ވީމަ އެކަން އިނގެން ވާނެ ތިމާ މީހާ ނޫންކަން ދިރި އުޅެނީ އެކުސިޑެންޓް ވަނީ ހިފި ނުހުރެގެން ބާރަށް ދުއްވާތީ އަދި ފަހަތުން އަރަން މަސައްކަތް ކުރާތީ ހޭބަލި ނުވޭ ވެެހިކަލް އަކަށް އެރޭއިރަށް

The name is already taken The name is available. Register?

ހިސާބުކިތާބު

18 September 2024

ދުއްވާ އެއްޗެހި ގިނަކުރަމުން ދިއުމަށް ހައްލެއް ނެތް. އެއްދިމާލަށް އާބާދީ ޖަމާކުރަމުން ދިއުމަށް ހައްލެއް ނެތް. އެކަމު އެކްސިޑެންޓްތައް އެބަޖެހޭ މަދުވާން. އެއީ ކިހިނެތްޖަހާ ހިސާބެއް؟

The name is already taken The name is available. Register?

ސަލީމު އިދުރީސް

18 September 2024

މި ރައީސް ވައުދުވި ކުޅުދުއްފުށީ މަގުތައް ރޭސް ޖަހާގޮތައް ޑިޒައިން ކުރައް މިފަދަ ވެރިން 20 އަހަރު ގައުމުގެ މާސްޓަޕުލޭނު ހެދީމަ ކޮންކަމެއް ރަނގަޅުވާނީ؟

The name is already taken The name is available. Register?

ސައިނީސް

18 September 2024

ނޫސްވެރިންވެސް އަމަ އެއްޗެއް ލިއެލާގެން ކަމަކު ނުދާނެ ތިޔައްވުރެ ޒިންމާ ދާރުވާންޖެހޭނެ ދޯ!

The name is already taken The name is available. Register?

ބުންޔާމީން

18 September 2024

ރައީސް ހަމަ އަންގަވާލަ އަންގަވާލަ އެއިންނެވީ. ކީކޭ ދޯ ބުނާނީ. ބަހެއް ނުވިކެޔޭ. ހަދާނެ އެއްޗެއް ހަދާފަ މައްޗަށް ފަސް އަޅަނީ.

The name is already taken The name is available. Register?

ކަތުބެ

18 September 2024

ތަންފީޒު ކުރަން ފެށިތާ 2 ހަފްތާ.. ތަންފީޒުކުރުން ލަސްވެގެން ގޮސް މީހުން ނުގަވާއިދުން ދުއްވަން ފަރިތަވެ ނޯމަލައިޒް ވީމާ ވާނީ ތިހެން

The name is already taken The name is available. Register?

މަޖިލިސް1

18 September 2024

ޢާޓިކަލެއް ލިޔެ ނިންމާލާއިރު މުވައްސަސާތަކުގެ އިހްމާލް ގިނައޭ ބުނެލާއިރު މުވައްސަސާތަކުން ވާ އިހްމާލެއް ބުދޭން ޖެހޭ. ނޫސްވެރިންވެސް ޒިންމާދާރުވާން އެބަޖެހޭ.

The name is already taken The name is available. Register?

ލަތީފާ

18 September 2024

ނޫން!! ނޫން! މިއީ ވޭތުވެދިޔަ 2 ރައީސުން އަދި މިހާރުގެ ރައީސް ހިމެނޭގޮތަށް ޒުވާނުންގެ ވޯޓު ހޯދުމުގެ ނަމުގައި ޓެރިފިކް އާއި ހިލާފުވާ ފަރާތްތަކުގެ ޖޫރިމަނާ އަދި ފީ އިލެކްޝަންއާއި ގުޅުވާ މައާފް ކުރުމާއި، މުޅި އުމުރު އަތުން ފައިން މަސައްކަތް ނުކުރާ ކުދީންތަކެއް އަގުބޮޑު ރޭސިން ކާރު ދުއްވަން ހިއްވަރުދީ، ގޭންގުތަކާއި ދައުލަތުން ވައްކަންކުރި (ކޯޓުން ހުކުމްކޮށްފައިވާ) ނައިބު ރައީސްއަކު ހިމާޔަތް ކުރުމުގެ ހިތިނަތީޖާ. ސަަފުތޯ؟

The name is already taken The name is available. Register?

ނަށީދު

18 September 2024

ގާނޫނު ހެދިޔަސް އެންފޯސް ކުރަން ބޭނުންވާ އެޖެންސީތަކަކު މީހުންނެއް ނެތް. މީހުން ހޯދާނެ ފައިސާއެއް ނެތް. ސިވިލް ސަރވިސް އޮތީ ބޮޑުތަނުން ފެއިލްވެފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454