އެސްޓަން ވިލާގެ ޝޯ، ޗެމްޕިއަންސް ލީގު ޓްރޮފީ ހިފައިގެން.--
17 ސެޕްޓެމްބަރ 2024 - 09:05
ބާމިންހަމް (ސެޕްތެމްބަރު 17) - އިންގްލެންޑްގެ އެސްޓަން ވިލާ އަށް ޔޫރަޕްގެ ކާމިޔާބީތައް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކްލަބްގެ ލެޖެންޑް ގެރީ ޝޯ، 63 އަހަރުގައި މަރުވެއްޖެ އެވެ.
މީގެ ހަފްތާއެއް ކުރިން، ގޭތެރެއަށް ވެއްޓި ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޝޯ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެ އަނިޔާއަށް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ، އިއްޔެގެ ވަގުތެއްގަ އެވެ.
އެސްޓަން ވިލާ އަކީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ވެސް ކުރިން، އިންގްލެންޑުން ހަތަރުވަނައަށް ޔޫރަޕްފެ އެންމެ މަތީ ފަންތީގެ މުބާރާތް ކާމިޔާބު ކުރި ޓީމެވެ. ޝޯ އަކީ އެޓީމުން 1982 ވަނަ އަހަރު، ޔޫރަޕިއަން ކަޕްގެ (މިހާރުގެ ޗެމްޕިއަންސް ލީގު) ކާމިޔާބު ކުރި ޓީމުގެ ފޯވާޑެކެވެ.
ޗެމްޕިއަންސް ލީގު ފައިނަލްގައި ބެޔާޏް މިއުނިކާ ދެކޮޅަށް ޝޯ.--
އޭގެ އަހަރެއް ކުރިން، 1981 ވަނަ އަހަރު އެސްޓަން ވިލާ އިން އެންމެ ފަހުން ފުރަތަމަ ޑިވިޝަންގެ ލީގު ކާމިޔާބު ކުރި ޓީމުގައި ވެސް ޝޯ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
އެ އަހަރުގެ ޕީއެފްއޭ އިން ހޮވި އެންމެ މޮޅު ޒުވާޏް ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން، ޕީއެފްއޭ ޓީމް އޮފް ދަ އިޔާ އިން ވެސް އޭނާ ޖާގަ ހޯދި އެވެ.
ޔޫރަޕިއަން ކަޕްގެ ޗެމްޕިއަންކަމާ އެކު 1982 ގެ ޔޫރަޕިއަން ސުޕަ ކަޕް އެސްޓަން ވިލާ އިން ކާމިޔާބު ކުރީ، ޝޯގެ ގޯލަކާ އެކު ބާސެލޯނާ ބަލިކޮށްފަ އެވެ. އޭނާ ވަނީ އެ އަހަރު، ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށް ދެމުން ދިޔަ ބްރާވޯ އެވޯޑް ވެސް ހޯދައިފަ އެވެ. މި އެވޯޑް ދިނުން ހުއްޓާލީ 2015 ވަނަ އަހަރަށް ފަހު އެވެ.
ޝޯ ވަނީ 1992 ވަނަ އަހަަރު ކުޅުން ހުއްޓާލުމަށް ފަހު ސްޓެޓިސްޓިކަލް އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. މީގެ އިތުރުން ކްލަބްގެ އެމްބެސެޑަރެއްގެ ރޯލްވެސް އޭނާ ދިޔައީ އަދާކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy