"ސެކްޓާ ތާޓީސިކްސް"ގެ ޕޯސްޓަރެއް.
21 ސެޕްޓެމްބަރ 2024 - 08:17
ނެޓްފްލިކްސްގައި މިހާރު އެންމެ މަގުބޫލު ހިންދީ ފިލްމަކަށް ވިކްރާންތު މަސީ ލީޑު ރޯލު ކުޅޭ "ސެކްޓާ ތާޓީސިކްސް" ވެއްޖެ އެވެ.
ނެޓްފްލިކްސްގައި "ސެކްޓާ ތާޓީސިކްސް" ސްޓްރީމްކުރަން ފެށީ މި މަހު 13 ގަ އެވެ.
މި ފިލްމަށް ވަރަށް ގިނަ ޕޮޒިޓިވް ރިވިއުތައް ލިބިފައިވާއިރު، އައިއެމްބީޑީގައި ވަނީ 7.4/10 ގެ ރޭޓިއެއް ލިބިފަ އެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ސައިކޮލޮޖިކަލް ތުރިލާގައި ވިކްރާންތު ކުޅެނީ ސީރިއަލް ކިލާއެއްގެ ރޯލެވެ. މި ފިލްމުގައި ދައްކާ ގޮތުގައި، އޭނާއަކީ މިނިމަސް ވެސް ކާ މީހެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ނެޓްފްލިކްސްގައި މި ފިލްމު ސްޓްރީމްކުރަން ފެށި ހަފުތާގައި ވަނީ 3.6 މިލިއަން ވިއުސް ލިބިފަ އެވެ. އެ ހަފުތާގައި ވަނީ ގްލޯބަލް ޓޮޕް ޓެންގެ ތިންވަނައަށް ވެސް މި ފިލްމު އަރައިފަ އެވެ.
މި ކާމިޔާބީއާ އެކު "ސެކްޓާ ތާޓީސިކްސް" ވަނީ ނެޓްފްލިކްސްގައި އެންމެ ކާމިޔާބު ހިންދީ ފިލްމުތަކުގެ ލިސްޓުގެ ފަސްވަނަ ހޯދައިފަ އެވެ. އެ ލިސްޓުގެ އެއްވަނައިގައި އޮތީ ރަންބީރް ކަޕޫރް އުޅޭ "އެނިމަލް އެވެ. އެއަށް ފަހު ރިތިކް ރޯޝަން އާއި ދީޕިކާ ޕަޑުކޯންގެ "ފައިޓާ" އާއި ކަރީނާ ކަޕޫރް ހާން އާއި ކްރިތީ ޝެނޮން އާއި ތާބޫގެ "ކްރޫ" އަދި ޝާހްރުކް ހާންގެ "ޑަންކީ" އެވެ.
މީގެ ކުރިން ފަސްވަނައިގައި އޮތިީ އަޖޭ ދޭވްގަންގެ "ޝައިތާން" އެވެ. "ސެކްޓާ ތާޓީސިކްސް" ޓޮޕް ޓެންއަށް އެރުމާ އެކު 10 ވަނައިގައި އޮތް "ލާޕަތާ ލޭޑީސް" ވެސް ވަނީ އެ ލިސްޓުން ބޭރުވެފަ އެވެ.
ވިކްރާންތު، ދީޕަކް ޑޮބްރިއަލް، އާކާޝް ކުރާނާ، ދަރްޝަން ޖަރިވާލާ، ބަހާރުލް އިސްލާމް މުހިންމު ރޯލުތައް ކުޅެފައިވާ މި ފިލްމު ޑައިރެކްޓުކުރީ އަދިތުޔަ ނިމްބަލްކަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy