ބޮލީވުޑްގެ ތަރިން ކަމަށްވާ ޔަމީ ގޯތަމް އާއި އިމްރާން ހާޝްމީގެ ފިލްމު "ހައްގު" އަންނަ މަހު ދޭކުން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
ބޮކްސް އޮފީހުގައި ނާކާމިޔާބުވި "ހައްގު"ގެ ސްޓްރީމިން ޕާޓްނަރަކީ ނެޓްފްލިކްސް އެވެ.
މިދިޔަ ނޮވެމްބަރު މަހު ހަތެއްގައި ޕްރިމިއާކުރި "ހައްގު"އަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ ޖުމްލަ 28.68 ކްރޯޑް ރުޕީސް އެވެ. އެއީ އެ ފިލްމުގެ ބަޖެޓަށް ވުރެ ގާތްގަނޑަކަށް ދެގުނަ ކުޑަ އަދަދެކެވެ. އެ ފިލްމަކީ 40-45 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
"ހައްގު" ޕްރިމިއާކުރީ އެ ފިލްމުގައި އިސްލާމީ ޝަރީއަތަށް ފުރައްސާކުރާ ކަމުގެ ތުހުމަތުކޮށް، އެ ފިލްމު ރިލީޒްކުރުން ހުއްޓުވައި ދޭން މަދުޔަ ޕްރަދޭޝްގެ ހައި ކޯޓުގައި އެދިފައިވާ މައްސަލައެއް ބޭރުކޮށްލި ތަނާ އެވެ.
"ހައްގު" އަކީ އިންޑިއާގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ފިލްމު ހާއްސަ ކޮށްފައި ވަނީ 1985 ވަނަ އަހަރު އިންޑިއާގެ މުސްލިމު ދެމަފިރިއެއްގެ ވަރިއާ ގުޅިގެން އޭރު ކޯޓުގައި ހިނގި "ޝާހް ބަނޫ މައްސަލަ" އަށެވެ.
އެ ފިލްމު ރިލީޒްކުރުން ހުއްޓުވައިދޭން ކޯޓުގައި އެދުނީ "ޝާހް ބަނޫ މައްސަލަ"ގައި ހިމެނޭ އަންހެން މީހާ، ޝާހް ބަނޫ ބޭގަމްގެ ވާރިސުންނެވެ. އޭނާގެ ފަސް ކުދިން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނީ އެ ފިލްމު ގެނެސްދެނީ އިސްލާމީ މުޖުތަމައުގެ އަގު ވެއްޓޭ ގޮތަށް ކަމަށެވެ. އަދި އެ ފިލްމުގައި އިސްލާމީ ޝަރީއަތަށް ފުރައްސާރަ ކުރާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.
ވާރިސުން ހުށަހެޅި މައްސަލާގައި ބުނި ގޮތުގައި، އެ ފިލްމުގައި ޝާހް ބަނޫ ބޭގަމްގެ ރޯލެއް ދައްކާއިރު، އާއިލާގެ ހުއްދަ އެ ކަމަށް ހޯދާފައެއް ވެސް ނުވެ އެވެ. އަދި ޝާހް ބަނޫ ބޭގަމްގެ ދިރިއުޅުމާއި ހަޔާތުގެ ވާހަކަ ގެނެސްދިނުމުގެ ހުއްދައެއް ވެސް ނެތެވެ. އޭގެ ސަބަބުން އޭނާގެ އަބުރު ގެއްލި އަދި އޭނާގެ ހައްގަށް އުނިކަން ލިބޭތީ އެ މައްސަލަ ބަލައިދޭން ވާރިސުން ހައި ކޯޓުގައި އޭރު އެދުނެވެ.
ނަމަވެސް، ކޯޓުން ނިންމި މައްސަލާގައި ބުނީ "ހައްގު" ގެނެސްދޭ ޖަންގްލީ ޕިކްޗާސް ޕްރޮޑަކްޝަނުން އެއީ އަސްލު ހާދިސާއެއްގެ މައްޗަށް ބިނާކޮށް، ފިލްމީ ބަދަލުތަކާ އެކު ހިޔާލީ ވާހަކައެއްގެ މައްޗަށް ގެނެސްދޭ ފިލްމެއް ކަމަށް ބަޔާންކޮށްފައި ވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
މި ފިލްމުގެ ލީޑު އެކްޓްރެސް ޔަމީއަކީ މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑްގެ ކާމިޔާބު ފިލްމު "ދުރަންދަރު"ގެ ޑައިރެކްޓަރު އަދިތުޔަ ދަރުގެ އަންހެނުންނެވެ. "ދުރަންދަރު"އަކީ ޕާކިސްތާނާ ދެކޮޅަށް ނަފުރަތު އުފައްދާ ފިލްމެއް ކަމަށް ބުނެ، އެ ފިލްމަށް ވެސް ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ.