އަސްވާން މުހައްމަދު.
21 ސެޕްޓެމްބަރ 2024 - 23:04
މިދިޔަ އަހަރު ހިންގި މާރާމާރީއަކާ ގުޅިގެން އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ފުލުހުން ހޯދަމުން އައި އަސްވާން މުހައްމަދު ރާއްޖެ އައުމާ އެކު، ހައްޔަރުކުރި ނަމަވެސް ތަހުގީގުގެ ބޭނުމަށް އޭނާ ބަންދުގައި ބަހައްޓަން ފުލުހުން އެދުނީ ގޯސްކޮށް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ޗީބޯ ރެސްޓޯރަންޓް ގޯޅިގަނޑުގެ ތެރޭގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހިންގި މާރާމާރީއަކާ ގުޅިގެން ލ. ގަމު، މުކުރިމަގު، މޫރިތި، އަސްވާން، 28 ގެ އިތުރު ދެ މީހަކު ހޯދަމުން އައީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގަ އެވެ.
އެ މައްސަލާގައި އަސްވާނާ އެކު، ދެން ހައްޔަރުކުރީ މ. މަސްކޮތަންގޭ މުހައްމަދު ސިބްޠު އަބްދުﷲ، 19 އާއި ހ. ދޮންތުނޑި، މުހައްމަދު އަހުސަމް، 26 އެވެ.
އެ މީހުން ރާއްޖެ އައީ ފިލައިގެން އުޅެނިކޮށް ތައިލެންޑުން ޑީޕޯޓް ކޮށްލުމުންނެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިއުމުން އަސްވާން ބަންދުން ދޫކޮށް، ސިބްޠު އަބްދުﷲ އާއި އަހުސަން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ.
އެ އަމުރުގައި ބުނީ، އެ މައްސަލާގައި އެންމެ ފުރަތަމަ އަސްވާން ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ކަނޑައަޅައިދޭން މިދިޔަ އަހަރު ހުށަހެޅިއިރު، ތުހުމަތުވާ މައްސަލާގައި އޭނާގެ މައްޗަށް ހެކި ނެތިގެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމައި އޭނާ ދޫކޮށްލީ ކަމަށެވެ.
އެކަމަކު، އެ އަމުރު އިސްތިއުނާފު ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އެ ނިންމުން ބާތިލުކޮށް، އަސްވާންގެ ބަންދާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅައިފި ނަމަ ބަންދާ މެދު ގޮތެއް ކަނޑައަޅައިދޭން އަންގައިފަ އެވެ.
ނަމަވެސް. އެ އަމުރާ ގުޅިގެން، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހުށަހެޅުމަށް ބެލިއިރު އަސްވާން ހުރީ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައި ކަމަށާއި އެހެންވެ، ބަންދުކުރަން ހުށަހަޅާފައި ނުވާ ކަމަށް އަމުރުގައި ވެ އެވެ. އަސްވާން ފުރައިގެން ދިއުމުން އޭރު ވަނީ އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.
ކްރިމިނަލް ކޯޓުގެ އިއްޔެގެ އަމުރުގައި ބުނީ، އަސްވާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ކޮށްދޭން މި އަހަރުގެ ޖެނުއަރީ 30 ގައި ޕްރޮސެކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅި ކަމަށެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދަން ބެލިއިރު އޭނާގެ އެޑްރެސް ސާފުވެފައި ނުވާ ކަމަށާއި އެޑްރެސް ސާފުކުރުމަށް ފަހު، އަލުން ހުށަހެޅުމަށް ޕީޖީ އޮފީހަށް މިދިޔަ މަހުގެ 20 ގައި އަންގާފައިވާ ކަމަށް އެ އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައި ބުނިގޮތުގައި މި ފަހަރު ވެސް އަސްވާން ބަންދުކޮށްދޭން ފުލުހުން އެދިފައި ވަނީ އެ މަރާމާރީއާ ގުޅިގެން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ފިލާފާނެތީ އެވެ.
އެ މައުލޫމާތު ޕީޖީ އޮފީހާ ހިއްސާ ކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏަސް ދިފާއު އިން ފާހަގަކުރަނީ އެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތް ކަނޑައަޅާ ނަމަ އެފަދަ ހުށަހެޅުމެއް ހުށަހަޅަން ވާނީ ޕީޖީން ކަމަށެވެ. ފިލައިގެން އުޅޭ ކަމުގެ ތުހުމަތުކުރާ ނަމަ ފުލުހުންނަށް ހުށަހެޅިދާނެ ކަމަށާއި ނަމަވެސް ބަންދާ މެދު ގޮތެއް ކަނޑައަޅާ ފޯމުގައި ހަވާލާދީފައިވާ ކުށްތަކަށް ބަލާއިރު ފިލުމުގެ ތުހުމަތު ނެތް ކަމަށް އަސްވާންގެ ދިފާއުގެ ގޮތުގައި ކޯޓުގައި ބުންޏެވެ.
ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 8 ވަނަ މާއްދާއާ ހަވާލާދީ ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނީ. ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ލިޔުންތައް ބަލައިގަނެފައިވާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނާއި ދައުވާ އުފުލާފައިވާ މައްސަލަތަކުގައި ހިމެނޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުށަހަޅަން ޖެހޭނީ ޕީޖީން ކަމަށެވެ. އަސްވާންގެ މައްސަަލައަކީ ވެސް ޕީޖީ އޮފީހުން ބަލައިގަނެ، ކޯޓުން ދައުވާ އުފުލާފައިވާ މައްސަލަކަށް ވާއިރު، އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން ފުލުހުން ހުށަހަޅާފައި ވަނީ އެ މާއްދާއާ ހިލާފަށް ކަމަށް އަމުރުގައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންސު
22 September 2024
ކަލޭމެން އެންމެން ފުރަތަމަ ދާންވީ ނާސަރީއަށް ފިލިކިޔަވަން. ދެން އެހެންޏާ މިހިރީ ކަންކަން ހިނގާގޮތް. މީހަކު ހައިރާންވެ އަންތަރީސްނުވާނެ؟؟؟
މެޖިސް
22 September 2024
ކޯޓުގެ ދައުރަކީ މުއްތަހަމުގެ ކޮޅަށްވެސް ނާރާ ދައުލަތުގެ ކޮޅަށްވެސް ނާރާ އިންސާފުން ކަންކުރުން. ފުލުހުންނަާ ޕީޖީން ހަދާ ގޯސްތައް ނުފެންނަކަމަށް ހަދައިގެން ކޯޓުތަކުން އުޅޭނަމަ އެއްކަލަ ބޮޑުކުށްވެރިޔާ ގޮޅިއަށް ލާން ހިފާ ގޮތަށް ބަޔަކު ފްރޭމްކޮށްގެން ގެންދާ ނިކަމެތިމީހާވެސް ގޮޅިއަށް ވަންނާނީ. އެކަމު މިއަދު އެންމެން ބޭނުންވަނީ ކުށްވެރިޔެކޭ ކިޔާފަ ފުލުހުން ގެންދާ އެންމެންގެ މައްޗަށް ހުކުމްކޮށްލަން. އަދުލުވެރިކަމާއި ހަމައާއި އުސޫލު އެއްފަރާތްކޮށްފަ
ވޮޕް
22 September 2024
މެންބަރެއްގެ ނުފޫޒުން ބާ މީނާ މި ދޫ ވަނީ؟
ތަމީމު
21 September 2024
ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއްގައި ވަނީ، “އިޖުރާއީ ގޮތުން ހެދޭ ގޯހެއްގެ ސަބަބުން، ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ ފަރާތް ނުވަތަ އެ ފަދަ ތުހުމަތެއް އޮތް ފަރާތެއް ބަންދުން ދޫކޮށްފައި ނުބެހެއްޓޭނެ” ކަމަށް. ވީއިރު، ކްރިމިނަލް ކޯޓުގެ ތިޔަ ނިންމުމަކީ ސުޕްރީމް ކޯޓުގެ ހުކުމަކާ ކަނޑައެޅިގެން ޙިލާފަށް ނިންމާފައިވާ ނިންމުމެއް!
އެނާ
21 September 2024
ބަލަ ބަންދުކުރަންޖެހޭ ބޮޑު ކުށްވެރިއެއް، ކުރިމިނަލް ކޯޓުން ދޫކޮށްލައިގެން ނުވާނެދޯ. ޕުލުހުން އަދި ޕީޖީ ގޯސް ހެދިޔަސް ކުރިމިނަލް ކޯޓަށް ކޮން ބާރެއް އޮތީ މާރާމާރީ ހިންގާ ކުށްވެރިޔަކު މުޖުތަމުއަށް ދޫކޮށްލަން. ޕުލުހުން އަދި ޕީޖީއިން ގޯސް ހެދީމަ އެކަން ރަނގަޅުކުރަން އަމުރުކޮށް ކުށްވެރިޔާ ހިފަހައްޓަންޖެހޭނެދޯ. މިހާރު ދެން ކުރިމިނަލް ކޯޓުން ގާނޫނޭ، އުސޫލޭ ކިޔާ ތިހެދީ މާބޮޑު ގޯހެއް، ކަޓަރުއަޅާ މީހަކު މަގުމައްޗަށް ދޫކޮށްލީ. މިވެސް ހަމަ އިންސާފު.
އަބަދު ވާގޮތް
21 September 2024
މިހެން ކަން ތަށްތަށް ވީމަ ގާޒީން ގެ ނިޔަތް އޮތްގޮތާމެދު ސުވާލު އުފެދޭ . ހީވާ ކަހަލަ ނުބައި ބަޔަކީ ފުލުހުންނޭ. ކުށްކުރާ މީހުން އެއީ މައުސޫމު ބަޔެކޭ އަދި ކޮށްގެން އުޅެނީ ކުށާ ނުބައްދަލު ދައުވާ އެކޭ. ތަކުރާރު ކޮށް ކުށްވެރިން ދޫވެގެން މިދާ ދިއުމާ އަމަން ގާއިމުކޮށް ކުށްވެރިން ނަށް ހައްގު އަދަބު ނުލިބި މިދަނީ ކޮންބަޔެއްގެ ރޭވުމަކުން ތޯބަލާ މިކަން އަވަހަށް ހުއްޓުވަން ޖެހޭ.
ޒަޚަމް
21 September 2024
ތިކަންތައްތަކުގައި އުޅޭ ފުލުހުންނާއި ޕީޖީގައި ތިކަންތައްތަކުގައި އުޅޭ ކުދިންނަށް ޤާނޫނުގައި އޮންނަގޮތް ނޭނގެނީތޯ؟ ނުވަތަ މާ ބާރުގަދަ މީހަކާ ޖެހުނީމާ ގޭސްގަނޑެއް އަނބުރަނީތޯ؟
އިހްސާސް
21 September 2024
އެޒާތުގެ ބޭފުޅުންނާ ޖެހުނީމާ އެކުދިން ހަނދާންނެތެނީ.