ބާސެލޯނާގެ ރަފީނިއާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
23 ސެޕްޓެމްބަރ 2024 - 08:39
ސްޕެނިޝް ލީގުގެ ލީޑަރު ބާސެލޯނާ އިން ރޭ ރަށުން ބޭރުގައި ވިޔަރެއާލް އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑު ދެމެހެއްޓިއިރު އެ ޓީމުގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގާންގެ ކަކުލަށް ސީރިއަސް އަނިޔާއެއް ވެއްޖެ އެވެ.
ވާދަވެރި ރެއާލް މެޑްރިޑުން މި ހަފުތާގައި ކުޅުނު މެޗުން އެސްޕަންޔޯލް އަތުން 4-1 އިން މޮޅުވުމުން، އެއް ވަނައިގައި ބާސެލޯނާގެ ލީޑު އޮތީ އެއް ޕޮއިންޓަށް ހަނިވެފަ އެވެ. އެކަމަކު ރޭގެ މޮޅާ އެކު ބާސެލޯނާ ވަނީ 18 ޕޮއިންޓް ހަމަކޮށް ކުރީގެ ލީޑު ހޯދައިފަ އެވެ. ރެއާލް ދެ ވަނައިގައި އޮތީ 14 ޕޮއިންޓާ އެކު އެވެ.
ބާސެލޯނާގެ މި މޮޅަށް ހިޔަނި އެޅުނީ ކީޕަރު ޓާ ސްޓެގާން ބޯޅަ ހިފަން ފުންމައިގެން އަރައި ތިރިވި ވަގުތު ނުބައިކޮށް ފައި އެޅި ކަކުލަށް ހާނިއްކަވުމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ލިގަމެންޓް ވަނީ އެއްކޮށް އިރައިގެން ގޮސްފަ އެވެ. އެހެންވެއްޖެ ނަމަ މި ސީޒަނުގައި ދެން ނުކުޅެވޭނެ އެވެ.
"އަހަންނަށް ފެންނަ ގޮތުގައި ވަރަށް ސީރިއަސް އަނިޔާއެއް އޭނާ އަށް ލިބުނީ،" ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުންޏެވެ.
ޓާ ސްޓެގާން އަށް ނުކުޅެވޭ ނަމަ ބާސެލޯނާގެ ގޯލު ބަލަހައްޓަން ދެން ހުންނާނީ ސްޕެއިނުގެ އިނާކީ ޕީނާ އެވެ. އޭނާ ވަނީ ސީނިއާ ޓީމަށް މިހާތަނަށް 22 މެޗު ކުޅެދީފަ އެވެ.
ރޭގެ މެޗުގައި ބާސެލޯނާގެ ފުރަތަމަ ދެ ގޯލު ޖެހީ ރޮބަޓް ލެވޮންޑޮސްކީ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވިޔަރެއާލްގެ އަޔޯޒޭ ޕެރޭޒް ވަނީ އެ ޓީމަށް ތަފާތު ކުޑަކޮށްދީފަ އެވެ. ބާސެލޯނާ މި މެޗުން ތަފާތު ބޮޑުކޮށް މޮޅުވީ ދެ ވަނަ ހާފުގައި ރަފީނިއާ ޖެހި ދެ ލަނޑާއި، ޕަބްލޯ ޓޮރޭ ޖެހި ގޯލުންނެވެ.
ޗެމްޕިއަންސް ލީގުގައި މޮނާކޯ އަތުން ބަލިވި ބަލިވުމުގެ ހިތްދަތިކަން ބާސެލޯނާ އިން ފިލުވާލި މި މި މޮޅާ މެޗު ފޯވާޑް ލެވަންޑޮސްކީ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އޭނާ ބުނީ ރަށުން ބޭރުގައި ބޮޑު ތަފާތަކުން މޮޅުވުމަކީ މި ދަނޑިވަޅުގައި ޓީމުގެ އިތުބާރު ބޮޑުވާނެ ސަބަބެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy