ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ.-- ފޮޓޯ: އޭއެފްޕީ
02 މާޗް 2017 - 12:31
މިލާން (މާޗް 2) - ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން އިންޓަ މިލާންގެ ސީއީއޯ ޒެން ޖިންޑޮން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗާ ވާހަކަ ދައްކަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ އަށް ކޯޗުކޮށްދިނުމަށް ފަހު ކޮންޓޭ ޗެލްސީއާ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި ސީޒަނުގައި ކޮންޓޭގެ ކޯޗުކަމުގައި ޗެލްސީ އަންނަނީ ބޮޑު ކުރިއެރުމަކާ އެކު ތަފާތު ދައްކަމުންނެވެ. ޗެލްސީ މިވަގުތު ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.
ޗެލްސީން ކޮންޓޭ އަށް އިތުރު ތިން އަހަރުގެ އެއްބަސްވުމެއް ދިނުމަށް މަޝްވަރާކުރަމުން އަންނައިރު، އިންޓަ އިން އަންނަނީ އެ ޓީމުގެ ކޯޗުކަމަށް އަންނަ ސީޒަނުގައި ކޮންޓޭ ގެނައުމަށް މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި އިންޓަގެ ސީއީއޯ ޒެން ލަންޑަންގައި ޗެލްސީގެ ވެރިޔާ އަބްރަމޮވިޗާ މަޝްވަރާކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ޗެލްސީން ކޮންޓޭ ދޫކޮށްލާނަމަ ބަދަލެއްގެ ގޮތުގައި 18 މިލިއަން ޔޫރޯ ދެއްކުމަށް ތައްޔާރަށް އިންޓަ އޮތް ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.
އުމުރުން 47 އަހަރުގެ ކޮންޓޭ ވަނީ މީގެ ކުރިން އިޓަލީގެ ފަސް ކްލަބަކަށް ކޯޗުކޮށްދީފަ އެވެ. އަރެއްޒޯ އިން ކޯޗިން ކެރިއަރު ފެށުމަށް ފަހު އޭގެ ފަހުން ކޮންޓޭ ވަނީ ބާރީ، އެޓަލާންޓާ، ސިއޭނާ އަދި ޔުވެންޓަސް އަށެވެ. ކޮންޓޭ އެންމެ ގިނަ ކާމިޔާބީ ހޯދީ ޔުވެންޓަސްގައި ހުރެ އެވެ.
ކޮންޓޭ ޔުވެންޓަސްއާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އޭނާގެ ކޯޗުކަމުގައި އެ ޓީމު ވަނީ ޖެހިޖެހިގެން ތިން އަހަރު އިޓަލީ ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި ދެ ފަހަރު އިޓަލިއަން ކަޕްގެ ތަށި ވެސް ވަނީ އުފުލާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްރަހަމްވިޗްޗެލްސީ
03 March 2017
އޭނާ ނުވިއްކޭނެ... ޓެކްޓިކަލީ މިހާ މޮޅު އަދި ޓީމުގެ މޯޓިވޭޝަންއާ ޑިސިޕްލިން ހިފަހައްޓާ ކޯޗުންނަކީ މަދުބައެއް... އިންޓަތިޔަ ފައިސާއިން ކޮންމެވެސް އެހެން ކަމެއް ކުރަން އުޅޭ ކުޅުންތެރިން ކޮޅެއް ގަނެލާ... އަހަރެމެން މިއުޅެނީ ފައިސާނެތިގެންެއް ނޫން ހަރުމުދާވިއްކާ ހިސާބަކަށް އަދި ނުދޭ
ފާފު
02 March 2017
ފުރުސަތުގެ ބޭނުން މިފަހަރުހިފާ .....................